17 Jan 2023

ދަރިފުޅުގެ ހެދިބޮޑުވުން ލަސްވާހެން ހީވާ ނަމަ ހަދާނީ ކިހިނެއް؟

By: Aminath Ibrahim

އުމުރާ އެއްވަރަށް ކުއްޖާގެ ހެދިބޮޑުވުމުގެ ކަންކަން ހާސިލުވަމުން ނުދާހެން ހީވާ ނަމަ، ނުވަތަ ކުޅުމާއި މުއާމަލާތުކުރުމާއި ކަންކަން ދަސްކުރުމުގައި އާދަޔާ ހިލާފު ގޮތްތަކެއް ދަރިފުޅު ގެންގުޅޭކަމަށް ފާހަގަވާ ނަމަ ފުރަތަމަ ފިޔަވަޅަކީ ކުޑަކުދިންގެ ޑޮކްޓަރަކާ މަޝްވަރާ ކުރުމެވެ. ލަސް ނުކުރާށެވެ. އަވަހަށް އެޅޭ ފިޔަވަޅަކީ އަވަހަށް ކަންކަން ރަނގަޅުކުރުމަށް ލިބޭ ފުރުސަތެކެވެ.

އެއްކަމެއް އެނގުން މުހިންމެވެ. ހެދިބޮޑުވުމުގެ މަރުހަލާގައި ހިމެނޭ ކަމެއް ލަސްވުމަކީ އަބަދު ޑިސްއޯޑާއަކަށް ނުވާނެ އެވެ. ނުވަތަ ދަރިފުޅުގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުން ކަމަކަށް ވެސް ނުވާނެ އެވެ. އޭގެ މާނައަކީ، އެއް އުމުރެއްގެ ދެކުއްޖަކު، އެއްކަމެއް ނުވަތަ އެއް ހުނަރެއް ދަސްކުރާ ގޮތާއި އަވަސް، ލަސް މިން ތަފާތުވެދާނެ ކަމެވެ.

ހެދިބޮޑުވުމުގެ މައިލްސްޓޯންތައް ދަސްކުރުމާއި ޓްރެކްކުރަން އެނގުން މުހިއްމު!

"ބޭބީގެ އެއްވެސް ކަމެއްގައި މައްސަލައެއް އުޅޭ ހެން ހީވާނަމަ ހެދިބޮޑުވުމުގެ އެކި މަރުހަލާތަކުގައި ހާސިލްވާންޖެހޭ ކަންތައްތައް ހާސިލުވެފައި ހުރި މިންވަރަށް ބަލަންވާނެ. މިސާލަކަށް، ވަކި އުމުރެއްގައި ކުދިން ބަސް ކިޔަން ފަށާނެ. ކަނދުރާ ހަރުލާނީ ވަކި އުމުރެއްގައި، އިށީނދެވެން ފަށާނީ ވަކި އުމުރެއްގައި. މިކަންކަން ޓްރެކް ކުރަން މައިލްސްޓޯން ރިކޯޑް ކުރުމަކީ ކުރެވިދާނެ ކަމެއް،" ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސާސްގެ ސައިކޮލޮޖިސްޓް މަރިޔަމް ޝަހުނާ ކިޔައިދެއްވި އެވެ.

މީގެ ފައިދާ އަކީ، އޭނާ ވިދާޅުވި ގޮތުގައި، ކުއްޖާއަށް ހާއްސަ ތެރަޕީއެއް ނުވަތަ ފަރުވާއަކަށް ބޭނުންވާ ނަމަ އެކަން އެނގިފައި ހުރުމެވެ. ނުވަތަ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ފަދަ، ހެދިބޮޑުވުން ނުވަތަ ބިހޭވިއާއާ ގުޅުންހުރި މައްސަލަތަކާއި، ދަސްކުރުމާއި ތޫނުފިލިކަމާ ގުޅުންހުންނަ، އޭޑީއެޗްޑީ ނުވަތަ އޭޑީޑީ ފަދަ މައްސަލަތަކަށް ވެސް ހޭލުންތެރިވެފައި ހުރުމެވެ. އަދި މިފަދަ މައްސަލައެއް ދަރިފުޅުގެ ކިބައިގައި ހުރި ނަމަ ވީހާވެސް އަވަހަށް ޑައިގްނޯސްކުރެވި، ދޭންވާ އެހީތެރިކަމާއި ފަރުވާ އަވަހަށް ދެވުމެވެ.

ފާހަގަކުރެވޭ ބިހޭވިއަރަލް ކަމެއްގައި ޑޮކްޓަރަށް ދާންވީ ވަގުތު ކަނޑައެޅުން

ކުޑަކުދިންގެ ކަންކަމުގައި ޑޮކްޓަރަށް ދައްކާއިރު، ހިއްސާކުރާ ކަމަކީ ކޮންމެހެން މައްސަލައަކަށް ވާކަށް ނުޖެހެ އެވެ. ބެލެނިވެރިޔާއަށް ކުއްޖާގެ ކަމެއްގައި އުނދަގުލެއް ނުވަތަ ކަންބޮޑުވުމެއް އުޅޭނަމަ އަބަދުވެސް ރަނގަޅު ގޮތަކީ ޑޮކްޓަރާ މަޝްވަރާކޮށްލުމަށްފަހު ޖަވާބެއް ހޯދުމެވެ.

"މިސާލަކަށް، ސްޕީޗް ޑިލޭ އެއް ހުރި ކުއްޖަކު ދެ އަހަރުގައި ޑޮކްޓަރަށް ދައްކައިގެން ތެރަޕީ ހޯދުމާއި ހަތަރު އަހަރުގައި ޑޮކްޓަރަށް ދައްކައިގެން ތެރަޕީ ނެގުމުގައި ފަރަގު އެބަ ހުރޭ. ކުދިންގެ ކިބައިން ފާހަގަކުރެވޭ ކަންތައްތަކުންވެސް ކޮންމެހެން ސީރިއަސްކޮށް ނަގަންވީ އެ ހުރި ކަމެއްގެ ސަބަބުން އެކުއްޖެއްގެ ދުވަހީ ދިރިއުޅުމުގެ ކަންކަން ނުވަތަ ޑޭ-ޓު-ޑޭ އެކްޓިވިޓީތަކަށް ހުރަސްއެޅި އުނދަގޫވާ ކަންކަން ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ލަފާ ހޯދުމަށް،" ޝަހުނާ ލަފާދެއްވި އެވެ.

މިސާލަކަށް، ސިއްހީ މައްސަލައެއް ނެތަސް، އިރުއިރުކޮޅާ ހޭލައި ރޮއެ ހަދާ ކުދިން "ރެސްޓްލެސް ސްލީޕާސް" އުޅެއެވެ. އެކަމަކު އެކަމުގެ ސަބަބުން ކުއްޖާއަށް ލިބެންވާ ނިދިނުލިބި، ދުވާލުގެ ވަގުތުތަކުގައި މާ ބޮޑަށް ވަރުބަލިވެ، ރުޅިގަދަވެފައި އަބަދު ހުންނަ ނަމަ އެފަދަ ކަންކަން ޑޮކްޓަރަކާ ހިއްސާކޮށްލުމަކީ ބުއްދިވެރިކަމެކެވެ.

ދަރިންގެ ކަންކަން އެންމެ ބޮޑަށް އެނގެންޖެހޭ ބަޔަކީ މައިންބަފައިނެވެ. ކުދިންގެ ކިބައިން އުނދަގޫވެ، ކިރިޔާވެސް ކަންބޮޑުވާކަމެއް ފާހަގަވާނަމަ ލަދުނުގަނެ، ގިނަ ދުވަސް ނުކޮށް ޑޮކްޓަރުންނާ ހިއްސާކުރުމަށް ވެސް ޝަހުނާ ނަސޭހަތްދެއްވި އެވެ.

ދަރިން ތަރުބިއްޔަތުކުރުން

Popular