"ފޮތްތަކުގައި ކަރުދާހާއި ސެލޯފިން ލުމަށް ކުދިން ބޭނުން ނުވުމުން އަހަރެން ނެގީ ސިލްވަ މާކަރެއް، ކުރީ ޑޫޑުލް،" ތިންކުދިންގެ މަންމަ އާއިޝަތު ނިފާ ކުރި ޓްވީޓެއްގައި ލިޔެފައިވެ އެވެ.
"ފޮތްތަކުގައި ކަރުދާހާއި ސެލޯފިން ލުމަށް ކުދިން ބޭނުން ނުވުމުން އަހަރެން ނެގީ ސިލްވަ މާކަރެއް، ކުރީ ޑޫޑުލް،" ތިންކުދިންގެ މަންމަ އާއިޝަތު ނިފާ ކުރި ޓްވީޓެއްގައި ލިޔެފައިވެ އެވެ.
ފޮތްތަކުގައި، އެކި ވައްތަރުތަކުގެ ގަނޑުލައި ނަލަހެއްދުމަކީ މިފަހުން އަހަރެމެންނަށް މާ ކަމުގޮސްގެން އުޅޭ ކަމަކަށް ވާއިރު، ސެލޯފިން ލުމަލީ މީގެ ވިހި ތިރީސް އަހަރު ކުރިންވެސް ކުރަމުން އައި ކަމެކެވެ. އިންސްޓަގްރާމްގައި "އެފިންއާޓްއެމްވީ"ގެ ނަމުގައި އާޓްޕޭޖެއް ވެސް ހިންގައި ކުރެހުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ނިފާ ބުނާ ގޮތުން މިއީ ފަސޭހަ ނޫނަސް، ލައްކަ ހިތްހަމަޖެހުމާއި އުފަލެއް ލިބުނު މަސައްކަތެކެވެ.
މަޑު ނޫކުލައިގެ މޮނިޓަރު ފޮތްތަކުގައި ނިފާ ޑޫޑުލްކޮށްފައިވަނީ އެ މާއްދާއަކާ އެންމެ ގުޅޭގޮތަށެވެ. ގްރޭޑް 10 ގައި އުޅުނު ދަރިފުޅުގެ ބައޮލޮޖީ ފޮތުގައި ޑީއެންއޭ އާއި އެކި ވައްތަރުތަކުގެ ސެލްތަކާއި އިރާއި ފޮޓޯސިންތެސިސް ފަދަ ގުދުރަތީ ނިޒާމުތައް ރަމްޒުވާނޭހެން ކުރަހާފައިވެ އެވެ. އަދި ހިސާބުފޮތުގައި އެކި ވައްތަރުތަކުގެ ބައްޓަމާއި ގަޑި އާއި ޕައިޗާޓު ކުރަހާފައިވެ އެވެ. އަދި ކަޅު ކަރުދާހުގައި ހުދު ކުލައިން މާއްދާގެ ނަމާއި ކުއްޖާގެ ނަމާއި ކްލާސް ހިމެނޭ ނަންކާޑު ވެސް އަތުން ލިޔެ ތަތްކޮށްފައި ހުއްޓެވެ.
ނިފާ ބުނިގޮތުގައި ޓްވިޓާގައި އޭނާ ޕޯސްޓްކުރި ފޮޓޯގައި އެވަނީ މީގެ ދެއަހަރު ކުރިން ތައްޔާރުކުރި ފޮތްތަކެވެ. މި ފޮތްތަކުގައި ގިނަ ގަނޑުތަކެއް ބޭނުން ނުކޮށް ހުރުމުން ދޮއްޓަށްހުރި ދަރިފުޅުގެ ޖެހިގެން އައި ގްރޭޑްގައި ވެސް ބޭނުންކުރީ ހަމަ އެ ފޮތްތަކެވެ.
"ސްކޫލުން ވަރަށް ބޮޑަށް މިކަހަލަ ކަންކަމަށް ތަރުހީބުދޭ. ޕްލާސްޓިކް ވީހާ ވެސް މަދުން ބޭނުންކުރަން ކުދިންނަށާއި ޕޭރެންޓްސްއަށް ވެސް ބާރުއަޅާނެ. އަދި ދުޅަހެޔޮ، ތިމާވެއްޓާއި ރައްޓެހި ކަންކަމަށް ވަރަށްބޮޑަށް ހިތްވަރުދޭނެ، އެހެންވެގެންހެން ހީވަނީ އަސްލު ކުދިން އެހާބޮޑަށް މިގޮތެއް ބޭނުންވީ،" ފޮތުގައި ސެލޯފިން ނުލާން ކުދިން ނިންމި ސަބަބާ ބެހޭގޮތުން ނިފާ ބުންޏެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ނިފާގެ ދެ ކުދިން ވެސް އޭރު ކިޔެވިއިރު، އެއްވެސް ބާވަތެއްގެ ޕްލާސްޓިކެއް ސްކޫލްގެ އެއްވެސް ހަރަކާތެއްގައި ބޭނުންކުރުމަކީ މަނާ ކަމެކެވެ. ހަމައެޔާ އެކު، ކޮމިއުނިޓީ ސާވިސްއެއްގެ ގޮތުގައި، ގޭގައި ބޭނުންކުރާ ޕްލާސްޓިކް ޕާލޭ މޯލްޑިވްސް މެދުވެރިކޮށް އެއްކުރެއެވެ.
ކޮންމެ އަހަރަކު 75،000 ކުދިން 15 ފޮތުގައި ގާތްގަނޑަކަށް 1 އަކަފޫޓުގެ ސެލޯފިންލާ ނަމަ ކުނީގެ ގޮތުގައި އުކާލަންޖެހެނީ 1،125،000 އަކަފޫޓުގެ އެއްފަހަރު ބޭނުންކޮށް އުކާލާ ބާވަތުގެ ޕްލާސްޓިކް. އެއީ ކައިރީ މިއޮތް ވިލިގިލީގެ ހަތަރު ގުނަ: ޕާލޭ މޯލްޑިވްސް
ސެލޯފިން އަކީ ބައޯޑީގްރޭޑަބަލް އެއްޗަކަށް ނުވާތީ، އެއްކޮށް ނެތިގެން ދިއުމުގެ ބަދަލުގައި ބްރޭކްޑައުން ވެގެންދާނީ މައިކްރޯ ޕްލާސްޓިކަށެވެ.
ކޮންމެއަކަސް، ނިފާގެ މި ޓްވީޓް ތިރީސްހާހަށްވުރެ ގިނަ މީހުންނާ ހިސާބަށް ފޯރައިފި އެވެ. އެތައް ބަޔަކަށް ކަމުގޮސް އިންސްޕަޔާވެއްޖެ އެވެ. ގިނަބައެއްގެ ތައުރީފު މި މަސައްކަތަށް ލިބުނުއިރު ސުވާލަކަށްވީ މިއީ ކިހާ ދުވަހުންކުރި މަސައްކަތެއްތޯއެވެ. ނިފާ ބުނީ އެހެން އަހަރުތަކުގައި ވެސް އޭނާ ފޮތްތައް ތައްޔާރުކުރަނީ ސްކޫލް ފެށެން ހަފްތާއަކަށްވުމުން ކަމަށާއި މި މަސައްކަތަށް ނެގީ ގާތްގަނޑަކަށް 3-4 ދުވަސް ކަމަށެވެ.
"މިހާރު އެންމެންވެސް މިއުޅެނީ ވަރަށް ބިޒީކޮށް. އެހެންވީމަ މިހެން ކުރެހުމަކީ އެންމެނަށް އެންމެ ފަސޭހަކަމަކަށް ނުވެދާނެ، މިހާރު ކުދިންނަށްވެސް ބޮޑަށް ކަމުދަނީ ހަމައެކަނި އަތުން ލިޔެފައި އިންނަ ނަންކޮޅެއް އެކަނި" ނިފާ ބުންޏެވެ.
ސެލޯފިންއާ ނުލައި ފޮތްތަކަށް ސްކޫލްގެ ޓިޗަރުން ވެސް ވަރަށް މަރުހަބާކީ ކަމަށް ނިފާބުންޏެވެ. ހާއްސަކޮށް ބައެއް ކްލާސް ކުދިންނަށް މިފޮތްތައް ވަރަށް "ކޫލް" ވެގެން އެކުދިންގެ ފޮތުގައި ޑޫޑުލްކުރަން އަހާކަމަށް ވެސް ނިފާ ބުންޏެވެ.