By: Aishath Mihna Nasih
ހަފްތާ އަކު ހަތަރު ދުވަހު އޮފީހަށް ގޮސް، ދެ ދުވަސް އާއިލާ އާއި ރައްޓެހިންނާ އެކުގައި ހޭދަކޮށްލައި ތިންވަނަ ދުވަހު އެނބުރި، އޮފީހަށްދާން ތައްޔާރުވެލުމުގައި އުޅޭކަހަލަ ދިރިއުޅުމެއްގެ ވާހަކަ ނިކަން އަހާލަން އަރާމެއް ނޫންހެއްޔެވެ. މިވާހަކައެއް ދެކެވޭތާ ލައްކަ ދުވަސް ވެއްޖެ އެވެ. ސާވޭތަކާއި ދިރާސާތައް ވެސް މިހާރު ކުރެވި ނަތީޖާތައް އާންމުކޮށްފި އެވެ. ވަޒީފާދޭ މީހުންނާއި ވަޒީފާއަށް ދިޔަ މީހުން ވެސް ބުނަނީ "މިވަރެއް ނެތް" ކަމަށެވެ.
"ފޯ ޑޭ ވޯކް ވީކް" ގެ ނަމުގައި މިހާތަނަށް ދުނިޔޭގައި ހެދި އެންމެ ބޮޑު ދިރާސާކޮށްފައި މިވަނީ އިނގިރޭސިވިލާތުގަ އެވެ. ގިނަ އަދަދެއްގެ ކުންފުނިތަކާއި ތިންހާހަށްވުރެ ގިނަ މުވައްޒަފުންނާ އެކު ފޯ ވީކް ގްލޯބަލް އާއި ބޮސްޓަން ކޮލެޖް އަދި ޔުނިވާސިޓީ އޮފް ކެމްބްރިޖް އިން ކުރިއަށްގެންދިޔަ މި ދިރާސާ ކުރިއަށްދިޔައީ ހަ މަސްދުވަހަށެވެ.
ދިރާސާގައި ބައިވެރިވި 61 ކުންފުނީގެ ތެރެއިން 56 ކުންފުނިން ބުނެފަައިވަނީ ޕައިލެޓްކުރި މުއްދަތުގެ ފަހުން ވެސް އެ ކުންފުނިތަކުގައި މިކަން ކުރިއަށްގެންދާނެ ކަމަށެވެ. އަދި މީގެ ތެރެއިން 18 ކުންފުންޏަކުން ވަނީ މި ނިންމުން ދާއިމީކޮށްފަ އެވެ. ދިރާސާގައި ބައިވެރިވި މުވައްޒަފުންގެ 15 ޕަސެންޓް މީހުން ބުނެފައިވަނީ ކިތަންމެ ބޮޑު މުސާރައަކަށް ވިޔަސް ކުރިން މަސައްކަތްކުރަމުން އައިގޮތަށް އެނބުރިދާން ބޭނުންނުވާކަމަށެވެ.
އެކި ކުންފުނިތަކަކީ އެކި ކަހަލަަ މަސައްކަތްކުރާ ކުންފުނިތަކަށް ވާތީ މި އުސޫލަށް އަމަލުކުރުމުގައި ތަފާތުތަކެއް ގެންގުޅެފައިވެ އެވެ. މިގޮތުން އެއްބަޔަކު ހަފްތާގެ ހަތަރު ދުވަހު އެކަނި މަސައްކަތްކުރިއިރު، އަނެއްބަޔަކުވަނީ މި އަދަދު މުޅި އަހަރު ދުވަހު މަސައްކަތަށް ނުކުންނަންޖެހޭ ދުވަހުގެ އަދަދުން ކަނޑާފައެވެ. ކޮންމެ ކުންފުންޏަކުން ވެސް މުވައްޒަފުން ނެރެންޖެހުނީ ހަފްތާއަކު 32 ގަޑިއިރަށްވާގޮތަށެވެ.
މުވައްޒަފުންގެ ނިދުން ރަގަޅުވެ ސްޓްރެސް ކުޑަވެ އަދި އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދިނުން އިތުރުވެ، ނަފްސާނީ ދުޅަހެޔޮކަން ބޮޑުތަނުން އިތުރުވިކަމަށް ރިކޯޑުތައް ބުނާއިރު، ކުންފުނިތަކަށް އެވްރެޖް ގޮތެއްގައި ލިބެމުން އައީ އެއްވަރެއްގެ ފައިދާއެކެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ފައިދާ 35 ޕަސެންޓް އިތުރުވެފައިވާކަމަށް ދިރާސާގެ ނަތީޖާތައް ދައްކަ އެވެ. އަދި ވަޒީފާއިން ކެނޑިގެންދާން ބޭނުންވި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވި އެވެ.
މީގެކުރިން ދުނިޔޭގެ އެކި ހިސާބުތަކުގެ 30 ކުންފުންޏަކާއި 1،000 މުވައްޒަފުން ބޭނުންކޮށްގެން ހެދި ދިރާސާގެ ނަތީޖާތަޖުން ވެސް ދެއްކީ ހަފްތާގެ ފަސް ދުވަހު ނުވަތަ ހަ ދުވަހު މަސައްކަތްކުރުމަށް ވުރެ، ހަތަރު ދުވަހު މަސައްކަތްކުރުމުން އެ ކުންފުނިތަކުގެ ފައިދާ އިތުރުވެ، މުވައްޒަފުންގެ ދުޅަހެޔޮކަން ވެސް އިތުރުވެގެންދިޔަ ކަމަށެެވެ. އަދި މި ދިރާސާގައި ބައިވެރިވި ހުރިހާ ކުންފުނިތަކުން ވެސް ވަނީ ފަހުން ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ދާއިމީކޮށް ބަދަލުވެފަ އެވެ.
ކޮވިޑް-19 އައިސް އަހަރެމެން އެންމެން ގެތަކުގައި ބަންދުކުރުމުން، ގޭގައި ތިބެގެންވެސް މަސައްކަތްކުރެވޭނެކަން ދަސްވިތާ އެވެ. އެހެންވެ މިހާރު ހަފްތާއަކު ފަސް ދުވަހު ނޫނީ ހަ ދުވަހު 8 ގަޑިއިރު ވަޒީފާއި މި އުޅެންޖެހޭ ބުރަ ދިރިއުޅުން ދޫކޮށް ހަތަރު ދުވަހު މަސައްކަތްކުރަން ދާންޖެހުމަކީ ވެސް މާ ދުރުގައި އޮތްކަމެއް ހެނެއް މިހާރު ހިއެއް ނުވެ އެވެ.