14 Mar 2023

By: Aishath Mihna Nasih

ރޯދަ މަހޭ ބުނެފި ނަމަ މިހާރުވެސް ހިތަށްއަރަނީ އިތުުރުވާން އުޅޭ ކިލޯތަކެވެ. ކިތަންމެ ބަލައިގެން އުޅުނެއްކަމަކު ފިނި ފޮނި ފަނިތަކާއި، ތެލުލި ހެދިކާގެ ބާވަތްތަކާއި، ހާރުދަމުގެ ބޮޑު ބަތްތަށިން ސަލާމަތްވެވޭގޮތް އޮންނަނީ ނުވެފަ އެވެ.

ރޯދަމަސް ފެށުމުގެ ކުރިން ޑައިޓީޝަން އާސިޔާ އަބްދުލްރަހީމް މިވަނީ އަހަރެމެންނަށް ކުޑަ ޓިޕްސްކޮޅެއް ދީފަ އެވެ.

ހޮނިހިރުުދުވަހުގެ ހަވީރު ސަޔަށް އާސިޔާ ތައްޔާރުކުރީ އަހަރެމެން އެންމެންގެ ވެސް "ފެވަރިޓް" މަސްރޮށްޓެވެ. ފިޔާ، މިރުސް، މަސް އަދި ހުނި ބޭނުންކޮށްގެން އާންމުކޮށް މި މޮޑެއުޅޭ މަސްގަނޑު މޮޑުމަށްފަހު މިދުވަހުގެ މަސްރޮށީގެ ފުށްގަނޑު އާސިޔާ ތައްޔާރުކުރީ އެއްލާހި އާދައިގެ ފުށުގެ ތެރެއަށް ރޯލްޑް އޯޓްސް އަޅައިގެނެވެ.

މަސްރޮށީގެ ފޮޓޯއާ އެކު އާސިޔާ ބުނެފައިވަނީ މި މަސްރޮށި ހީވެސްނުކުރާހާ މީރު ކަމަށެވެ.

މަސްރޮށީގެ ފުށްގަނޑު އާންމުކޮށް ހަދައިއުޅެނީ ފުށާއި ހުނިއަޅައިގެންނެވެ. ނަމަވެސް މި މަސްރޮށީގައި ވީހާވެސް ހުނި މަދުން ބޭނުންކުރުމަށް އާސިޔާ މަސައްކަތްކޮށްފައިވެ އެވެ.

މީގެކުރިން އާސިޔާ ބުނެފައިވާގޮތުން އޯޓްސް އަކީ ހަކުރު ވަކި ވަރެއްގައި ބެހެއްޓުމަށާއި ބަރުދަން ލުއި ކުރުމަށާއި ހާއްސަކޮށް ކޮލެސްޓްރޯލު ދަށްކުރުމަށް ވަރަށް ބޮޑު އެހީއެއް ވެދޭ އެއްޗެކެވެ. ހަމައެޔާއެކު، ކެންސަރުގެ އެކި ބަލިތަކުން ދިފާއުވުމަށާއި ގޮހޮރުގެ ބަލިތަކުން ދިފާއު ވުމަށްވެސް އޯޓްްސްއަކީ ފައިދާހުރި އަދި އެކިގޮތްގޮތަށް ބޭނުންކޮށްލެވޭ ގޮވާމުގެ ބާވަތެކެވެ.

" އެއްލާހި ފުށުގެ ތެރެއަށް އަޅަނީ ރޯލްޑް އޯޓްސް. އެއަށްފަހު ކުޑަ ލޮނުކޮޅެއް އެޅިޔަސް ނޭޅިއަސް ރަނގަޅުވާނެ. ދެން މި އަޅަނީ އެގެތެރެއަށް 1 ސައިސަމްސާ އޮލިވް އޮއިލްކޮޅެއް. އެއަށްފަހު ހޫނުފެން އަޅާ މޮޑެލަނީ" އާސިޔާ ކިޔައިދިނެވެ.

އާދައިގެ ފުށަކީ އާންމުކޮށް މި ކައިއުޅޭ އެކި ބާވަތްތަކުގެ ބިސްކޯދާއި ފާރޮށްޓަށްވުރެ ރަނގަޅު އެއްޗަކަށްވިޔަސް، ހުދު ފުށަށްވުރެ ހަށިގަނޑަށް ފައިދާހުރި ބާވަތަކީ އާޓާފުށެވެ.

ފައިދާހުރި ކާނާ

Popular