އެންމެ ކުޑައިރު ކުޅެން ގެންގުޅުނު އެއްޗެއް މިހާރު ފެންނާނީ ހާލަކުން ފަހަރަކު އެވެ. އެކަމަކު ފެންނަ ފަހަރެއްގައި އުފާވެ އެވެ. މަޖާ އެތައް ކަމެއް، ހަނދާންވެ އެވެ.

އެންމެ ކުޑައިރު ކުޅެން ގެންގުޅުނު އެއްޗެއް މިހާރު ފެންނާނީ ހާލަކުން ފަހަރަކު އެވެ. އެކަމަކު ފެންނަ ފަހަރެއްގައި އުފާވެ އެވެ. މަޖާ އެތައް ކަމެއް، ހަނދާންވެ އެވެ.
އިހަކަށް ދުވަހު މާލޭގެ ފިހާރައަކުން "ބެސްޓްމޭން ބެލޫން" ބޮކި އަރުވާ ފުޅިތަކެއް ފެނުނެވެ. ނުވަދިހައިގެ ކުދިންގެ ތެރޭގައި، މި ފުޅިތަކަށް ފިއްތައިގެން، ފުޅިއާ އެކު ލިބޭ ހިމަ ހޮޅީގެ ކޮޅުގައި ފުޅީގައި ހުންނަ ތެރަސްކޮޅު އޮޅާލައިގެން އެއަށް ފުމެގެން ބޮތްކެއް އަރުވައިނުލާ ކުއްޖަކު މަދުވާނެ އެވެ. ހުންނާނެހެން ވެސް ހީނުވެ އެވެ.
ގާތްގަނޑަކަށް ދެތިން އިންޗީގެ ކުޑަ ފުޅީގައި ހުންނަނީ ދިޔާ ތެރަހެއް ނުވަތަ ޖެލް ކަހަލަ މާއްދާއެކެވެ. ފާޑެއްގެ ވަހެއް ވެސް ހުރެ އެވެ. ބޮކި އަރުވާނީ، ހޮޅީގެ ކޮޅުގައި ތެރަސްކޮޅު އޮޅާލުމަށް ފަހު އެއަށް ފުމެގެންނެވެ. ތެރަސް ގިނައިން އޮޅައިގެން ހަދާ ބަބްލްސް ބޮޑުވާނެ އެވެ. ބޭނުންވާ ވަރަށް ބޮކި ބޮޑުވުމުން ހޮޅީގެ ކޮޅުން ބޮކި ނައްޓާފައި އެތަންކޮޅު ބައްދާލުމުން ސައިބޯނި ބޮތްކަށް ވުރެ މާ ގިނަ އިރު ހަލާކުނުވެ ގެންގުޅެވެ އެވެ.
ބޮޑު ކޮށް ގިނަ އިރަށް ހުންނަގޮތަށް މި ފުޅިއަކުން ބޮކި އަރުވަން އެކި ކުދިން އެކި ކަހަލަ އުކުޅު ގެންގުޅުނެވެ. ދެހާހުގެ ކުރީކޮޅުން މެދަކާ ހަމައަށް ވެސް ކުދިންގެ މެދުގައި ބޮޑު ޑިމާންޑެއް މިއަށް އޮތެވެ.
މި ތެރަހަކާއި މީގެއިން "ޕްލާސްޓިކް" ބަބްލްސް ހެދޭ ގޮތާމެދު ވިސްނާލާނެ މަދު ކުއްޖަކު އޭރު ވެސް ހުރެދާނެ އެވެ. އެކަމަކު އަހަރެމެން ކުދިން އެޔެއް ނުވިސްނަމެވެ. މި ތެރަހެއް "ސްލައިމީ" ކަމުން ބޮކި ނޭރުވިޔަސް އަތުގައި ގުޅަ ހަދައިގެން ވެސް ގެންގުޅުނީމެވެ. އެއީ ކޯއްޗެއް ކަމެއް ފުޅިއަކުން ވެސް ނޭނގެ އެވެ. ތެރަހުގައި ބޭނުންކޮށްފައި ހުންނަ މާއްދާއެއް، ބާވަތެއް އޭގައި އޮޅާފައި ހުންނަ ކުޑަ ލޭބަލްކޮޅަކު ލިޔެފައެއް ނުހުރެ އެވެ.
އެހެންވީމާ، މިފަހަރު، މި ބަބްލް ފުޅި ފެނިގެން ޝައުގުވެރިވީ ވަރުން ކޮންމެވެސް ވަރެއްގެ ރިސާޗެއް ކޮށްލީމެވެ.
ކުދިން ކުޅެން ގެންގުޅެން ރައްކާތެރީ ކިހާވަރަކަށް؟
މި ޖެލްއެއް ތައްޔާރުކުރަނީ ޕޮލިވިނިލް އެސެޓޭޓް އާއި އެސެޓޯން އެންޑް އެތީލް އެސެޓޭޓް ނަމަކަށް ކިޔާ ކެމިކަލެއް ބޭނުންކޮށްގެންނެވެ. އިތުރަށް އެކުލެވެނީ ކުލަ ގެންނަން ބޭނުންކުރާ މާއްދާއެކެވެ.
ޕޮލިވިނިލް އެސެޓޭޓް އަކީ ތަތްލަވާ ގޮތް ހުންނަ ދެމޭ ޕޮލިމާއެކެވެ. ވައި އެޅުމުން ފުއްޕަނީ، ނުވަތަ ބޮޑުވަނީ އެހެންވެ އެވެ. އެތީލް އެސެޓޭޓް އަކީ ޕްލާސްޓިކްގެ ބާރު ގަދަކުރަން ބޭނުންކުރާ މާއްދާއެކެވެ. އެސެޓޯން ބޭނުންކުރަނީ ޕޮލިވިނީލް އެސެޓޭޓް ވިރުވުމަށް ނުވަތަ ދިޔާކުރުމަށެވެ.
ފަހަރެއްގައި ވެސް ކެމިކަލާއި ކެމިސްޓްރީގެ ހާސަރުތަކެއް ގެންނަން އުޅެގަތީއެއް ނޫނެވެ. ޕޮއިންޓަކީ، އަނގަޔަށް ލައި، އަތުގައި އުނގުޅައި ނޭވާއާ އެކު އެތެރެކުރަން މިއީ އެހާ ރައްކާތެރި މާއްދާތަކެއް ނޫނެވެ. މާ ގިނައިން މިތަކެއްޗަށް ހުށަހެޅުމުން ނާރުގެ ނިޒާމަށް ގޯސް އަސަރުތަކެއް ކޮށްފާނެ އެވެ. ނިއުރޯޓޮކްސިސިޓީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އަންބުރައި، ބޮލުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލެވުން ފަދަ ކަންކަން ތަޖުރިބާކުރަން ޖެހިދާނެ އެވެ.
ޖުމްލަކޮށް ބުނާ ނަމަ، މީގެ ކުޑަކުޑަ އެންމެ ބަބްލް ފުޅިއަކުން ކުއްޖަކަށް މާބޮޑު އަސަރެއް ނުކުރާނެ އެވެ. އެކަމަކު، މީގައި އެކުލެވެނީ އިންސާނުން އަމިއްލައަށް އުފައްދާ ކެމިކަލްތަކަކަށް ވާތީ، ގިނަ އަދަދަކަށް ބޭނުންކުރުމުން ސައިޑްއެފެކްޓް އައުމުގެ ޗާންސް އަބަދުވެސް އޮންނާނެ އެވެ. ހަމުގެ މައްސަލަތަކާއި އެލާޖީސް ހުންނަ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދިނުން ވެސް މީގައި މުހިއްމެވެ. އަދިވެސް ބާޒާރުގައި މިފަދަ ކުޅޭއެއްޗެހި ހުންނަ އިރު މިވެސް އެނގުން މުހިއްމު މައުލޫމާތެވެ.
އެކަމަކު މި ވަގުތައް، މި ބަބްލް ފުޅިއާ ގުޅިފައިވާ އެންމެ މަޖާ ހަނދާންތައް ނިކަން ކިޔާބަލާށެވެ.