9 May 2023

ބައްޑާ، ގައްލީޝާ: މިކަހަލަ ބަހެއް ތިޔަ ރަށުގައި ކިޔާތަ؟

By: Aminath Ibrahim

މިއީ ކުޑަކުޑަ އާބާދީއެއް ދިރިއުޅޭ ގައުމަކަށް ވިޔަސް، އެކި ރަށްރަށުގައި ވާހަކަދެއްކުމުގައި ގެންގުޅޭ ބަހުރުވައިގެ ފަރަގު ބޮޑެވެ. ތާރީހު ދިރާސާކުރައްވާ ނާޖިހު ދީދީ، ހިޔާލެއް ހިއްސާކުރެއްވި އެވެ.

"ދިވެހި ބަހާ ބެހޭގޮތުން ލިޔެފައިވާ ފޮތްތައް ދިރާސާކުރުމުން ދޭހަކުރެވިދާނެ، ބަހުރުވައިގެ ތަފާތުތަކަކީ އެއް ބަހަކަށް، އެކި ސަބަބުތަކާ ހެދި އައިސްފައިވާ ބަދަލުތަކެއް ކަން. މިސާލަކަށް ބުނާ ނަމަ މާލެއިން ދެކުނަށް އައި ވަރަކަށް ބަހުރުވައިގެ ފަރަގު ފާހަގަކުރެވެމުންދާނެ."

"ފ، ދ، ތ، ގައި ވެސް ކޮންމެވެސް ވަރެއްގެ ތަފާތު ބަސްތަކެއް ގެންގުޅޭ އޭގެ ތެރެއިން ބައެއް ބަސް ބަސް ހުވަދޫ ބަހާ ވައްތަރު ގޮތެއް ހުރޭ. ލ އަތޮޅަށް ބަލާއިރު ވަރަށް ބޮޑަށް އެބަ ހުރޭ އައްޑޫ އަދި ފުވައްމުލަކު ބަހާ އެއްގޮތް ބަސްތަކެއް ވެސް. ހުވަދޫ ބަހާ އެއްގޮތް ބަސްތަކެއް ވެސް ހުރޭ. ދެން މި އަންނަނީ ހުވަދޫ، ފުވައްމުލައް، އައްޑޫ. ހުވަދުއަތޮޅުން ދެކުނު އޮންނަނީ ވަރަށް ބޮޑު ކަނޑަކުން [ހުވަދޫ ކަނޑު] އެކަހެރިވެ މާ ދުރުގައި. އެ އަތޮޅުތަކުގެ ބަހުރުވަ ވަރަށް ބޮޑަށް ތަފާތު،" ނާޖިހު ވިދާޅުވި އެވެ.

ދިވެހި ބަހާއި ބަހުރުވަ ތަފާތުވެގެން އައިސްފައިވާ ގޮތާ ބެހޭގޮތުން ތަފްސީލީ، ދިރާސާއެއް ކޮށްގެން ނޫން ގޮތަކަށް މިވާހަކައިގެ ތެރެއަށް ފީނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެހެންވީމާ ބަހުގެ އަސްލާއި ބަހުރުވައިގެ ފަރަގު އައިސްފައިވާ ގޮތާ ބެހޭ ގޮތުން ފަހުން ވާހަކަ ދައްކާނީ އެވެ.

މި އާޓިކަލްގައި އަހަރެމެން ދައްކަން މި އުޅެނީ ރަށްރަށުގައި ބޭނުންކުރާ އެންމެ ތަފާތު ނުވަތަ އެންމެ މަޖާ ބަސްތަކާއި ނަން ނަމުގެ ވާހަކަ އެވެ.

މިސާލަކަށް، ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގައި ފަތްކެޔޮ ގަހުގެ ގަސްގަނޑަށް "ބައްޑާ" ކިޔައި އުޅެ އެވެ. އައްޑޫ ބަހުން، އަނގަ ޖަހައިގެން އަނބު ކެއުމަށް "ދަތޮޅި ލައިގެން" ކިޔަ އެވެ. އާނުގަނޑަށް "ގައްލީޝާ" ކިޔަ އެވެ.

މި ނޫނަސް، ފަހުން ތައާރަފްވެގެން އައިސްފައިވާ ތަންތަނާއި ތަކެއްޗަށް ވެސް ތަފާތު ނަންތައް ވެސް ބޭނުންކޮށް އުޅެ އެވެ. މީގެ ތެރޭގައި ވަރަށް މަޖާ ނަންތައް ވެސް ހުރެ އެވެ.

ބުނެބަލާށެވެ. ތިޔަ ރަށު މީހުން އެންމެ ތަފާތުކޮށް ބޭނުންކުރަނީ ކޮން ބަސްތަކެއް ހެއްޔެވެ؟

ސަގާފަތް ދިވެހި ބަސް

Popular