"މިއަދު ހަނީފު ފޯނު ކުރާނެޔޭ އަހަރެންގެ ހިތް ބުނަމުންދާތީ ހަވީރު ވީއްސުރެން އަހަރެން ހުރީ ބޫތު ސަރަހައްދުގައެވެ. ފުއްޓަރު ފަރާތުގައި ހިކިފައިވާ ގާތަކަށް ބަލަން އަހަރެން ހުއްޓާ ބޫތުގެ ފޯނު ރިންގުވާ އަޑު އިވެންފެށިއެވެ. އަހަންނަށް އެދިމާލަށް ހިނގައިގަނެވުނެވެ. އޭރު މީހަކު ވަދެ ފޯނު ނަގައިފިއެވެ. ކަމަނަދައިތަ ބޭރަށް ނުކުމެފައި އަހަންނަށް ހަނާ އަޅަމުން އެކޮއި އަވަހަށް އަންނާށޭ ގޮވިއެވެ.
"ހަނީފުގެ އަޑު އިވުމާއިއެކު އަހަރެންގެ ލޮލުން ކަރުނަ އައެވެ. އޭނާ މިހާރު ހުރީ އެފްރިކާގެ ކޭޕްޓައުން ކިޔާ ހިސާބެއްގައި ކަމަށް ބުންޏެވެ. އަހަރެން ހަމަ އަސްލުވެސް ބަނޑުބޮޑު ވާހަކަ ބުނީމާ ހަނީފު ވަރަށް އުފާވިއެެވެ. ބައްޕައަށް އެކްޓު ޖައްސާކަށް ނުޖެހޭނެ ދޯއޭ ބުނެލިއެވެ. ހަނީފު ނެތީމާ އަހަންނަށް ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވޭވާހަކަ ބުނީމެވެ. އޭނާ ވެސް އަބަދުވެސް ހުންނަނީ އަހަރެންގެ މަތިން ހަނދާންވެފައި ކަމަށާއި ބަނޑުބޮޑުކަން އިގުނީމާ މިހާރު މާބޮޑަށް އަންނަހިތްވެއްޖެ ކަމުގައި ބުންޏެވެ. އަހަރެން އަވަހަށް އަންނާށޭ ބުނީމެވެ. ހަނީފު ވަރަށް ދެރަވެލާފައި ދެން ދަނީ އަދި މާދުރަށް ކަމުގައި ބުންޏެވެ. އެތަނުން ފުރައިގެން ދެން ދާހިސާބަށް ދާން މަހަކަށް ވުރެ ގިނަދުވަސް ނަގާނެއޭ އޭނާ ބުންޏެވެ. އަހަރެން ވަރަށް ދެރަވިއެވެ. ހަނީފު ފޯނު ބޭއްވީ އަހަރެން ވިހަންވާއިރަށް އާދެވޭތޯ ބަލާނަމޭ ބުނެފައެވެ."
" އަހަންނަށް ރޭގައި ހަނީފު ހުވަފެނުންފެނުނެވެ. އެހެންވީމާ މިއަދު އޭނާގެ ޚަބަރެއް ވާނެއޭ ހިތްބުނަމުން ދިޔައެވެ. އޭނާ އެންމެފަހުން އަހަންނަށް ގުޅީ ފަހުން މަހަކާ ދިހަދުވަހަށް ވުރެ ގިނަވެގެން ހިގައްޖެއެވެ. އެންމެފަހުން ކެތް ނުވެގެން، މެންދުރުގެ އެންމެ އަވިބާރު ގަޑީގައި އަހަރެން ބޫތު ކައިރިއަށް ދިޔައީމެވެ. މިހާރު އަހަރެން ބޫތުކައިރިއަށް ދަނީ ވަލުތެރެއިން ލާފައެވެ. އޭރުން ގޮސް ބޮޑުމަގަށް ނުކުމެވޭނީ ހަމަ ބޫތާއި ދިމާލަށެވެ. ބޮޑުމަގުންލާފައި އެދިމާލަށް ދަންޏާ ދިމާވާ ކޮންމެ މީހަކު ހަނީފުގެ ވާހަކަ އަހަރެން ކައިރީ އަހާތީއެވެ. ހަނީފުގެ ވާހަކަ މީހަކު ދައްކަންޏާ އަހަރެން ދެރަވެ ފެންކަޅިވެއެވެ.
ބޫތުކައިިރީ އިރުކޮޅަކު މަޑުކުރުމަށް ފަހު ގޭދޮށަށް އައިސް މެންދުރު ކައިގެން ތެދުވިތަނާ ކަމަނަދައިތަގެ މާމަ ދަރިފުޅު ދުވަމުން ދުވަމުން އައިސް ދައްތަ ހޯދަން އެބަގުޅައޭ ބުނެލިއެވެ. އަހަރެން އަވަސް އަވަހަށް ބޫތާއި ދިމާލަށް މިސްރާބު ޖެހީމެވެ. ހަނީފުގެ އަޑު ޖެހުނީމާ އަހަންނަށް ރޮވުނީއެވެ. އަންނާށޭ ބުނެ އާދޭސްކުރީމެވެ. ހަނީފު އަހަންނަށް ނަސޭހަތް ދިނެވެ. އޭރު އޭނާ ހުރީ ބުރެޒިލް ކިޔާގައުމެއްގައި ކަމަށް ބުންޏެވެ. އަދި އެއީ ރާއްޖެއާއި ވަރަށް ދުރުކަމުގައި ބުނެދިނެވެ. އެކަމަކުވެސް އަހަރެން ބޭނުމީ ވީ އެންމެއަވަހަކަށް އޭނާ މިރަށަށް އަންނަން ކަމުގައި އަހަރެން ބުނީމެވެ. އެވަރަށް ލާރި ނުހޯދިއަސް ކައިގެން ބޮއެގެން ދިރިއުޅެވޭނެ ނޫންހޭ ބުނީމާ އިތުރަށް ތިވާހަކަ ދައްކަން މާދަމާރޭ އަށެއްޖަހާ ކަންހާއިރު ފޯނު ކުރާނަމޭ ބޫތު ކައިރީ ހުންނާށޭ ބުނެފައި ބޭއްވީއެވެ. "
"ރޭގަނޑު ހަތްގަޑި ބައިވިތަނާ އަހަރެން ގެއިން ނުކުތީމެވެ. ގަސްތަކުގެ ތެރެއިން ހިނގާލާފައި ގޮސް ބޫތާއި ދިމާލުން ބޮޑުމަގަށް ނުކުތީއެވެ. އަހަރެން ފާރުކައިރީ ލެގިލައިގެން ފޯނުގެ އިންތިޒާރުގައި ހުރީމެވެ. އަހަރެން އެތާނގައި ހުންނަތާ އެތައް އިރެއްވީ ފަހުން ގޯޅި ތެރެއިން ފިރިހެނަކު ނުކުމެގެން އައެވެ. އޭނާ ހުރީ ކަޅުކުލައިގެ ގަމީހަކާއި ފަޓުލޫނެއްލައިގެންނެވެ. ދަށަށް ޖަހާފައި ހުރީމާ އެއީ ރަށުސްކޫލުގެ ބޭރު ޓީޗަރެއް ކަމަށް އަހަރެން ނިންމީމެވެ. އޭނާގެ މިސްރާބު ހުރީ ބޫތާއި ދިމާލަށް ކަން އެނގުނީމާ އަހަރެން ދުރަށް ހިނގައިގަތީމެވެ. ތަންކޮޅެއް ދުރަށްގޮސް ގަސްތަކާއިހެދި މަގުބައްތީގެ އަލި ނޭޅި އަނދިރިވެފައިވާ ހިސާބުގައި ހުއްޓުނީއެވެ. އޭނާ ބޫތަށް ވައިންވަރަށް ވުރެ އަވަހަށް ނުކުތެވެ. އޭނާ އަހަންނާއި ދިމާލަށް އަންނަން ފެށީމާ އަހަރެންވެސް އެތާނގައި ހުރެފައި އޭނާއާއި ދިމާލަށް ދިޔައީމެވެ. އަހަރެން ބޭނުންވީ ގަޑިންވީ އިރެއް އޮޅުންފިލުވާށެވެ. އޭނާ އަތުކުރި ގަޑިއަށް ބަލައިލާފައި ނުވަގަޑި ބައޭ ދިވެހިން ބުނެލިއެވެ. އަދި ކިތަންމެ އިރަކު މިތާނގައި ހުއްޓަސް ފިރިމީހާ އަކަށް ނުގުޅޭނެއޭ ބޫތު އެހެރީ ހަލާކުވެފައޭ ބުނެލަމުން އޭނާ އެދިޔަގޮތަށް އަތިރިއާއި ދިމާލަށް ދިޔައީއެވެ.
އެއީ ތެދެއްތޯ ބަލަންވެގެން އަހަރެން ބޫތަށް ވަނީމެވެ. ފޯނު އަތްގަނޑު ނަގާ ކަންފަތުގައި ޖެއްސީމާ އެއްވެސް އަޑެއް ނުކިޔައެވެ. އަހަރެން ވަރަށް ދެރަވިއެވެ. ގެއަށް އައިސް ކާހިތެއްވެސް ނުވިއެވެ. ނިދަން އޮށޯތީއެވެ. އެކަމަކު އަހަންނަކަށް ނުނިދުނެވެ.
އެހެން އޮވެއޮވެފައި ބައްޕަ އޮށޯތީމާ އަނެއްކާވެސް ތެދުވެގެން ބޫތު ކައިރިއަށް ދިޔައީއެވެ. އޭރު ވަރަށް ލަސްވެދާނެއެވެ. ގޭގޭގެ މީހުން ނިދަންވީމާ ދިއްލާ ފުޅިބައްތި ނޫނީ ފާނޫޒުގެ އަލި ފިޔަވާ އިތުރު އައްޔެއް އެއްވެސް ގެއަކުން ފެންނާކަށް ނެތެވެ. ބޮޑުމަގު މަތިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ.
އަހަރެން ވަދެ ބެލިއިރު ބޫތު ހުރީ ރަނގަޅުވެފައެވެ. އެހެންކަމުން ހަނީފު ގުޅާފާނެކަމަށް އެތާނގައި މަޑުކޮށްގެން ހުރީއެވެ. އެހެން ހުރެފައި އިސް އުފުލާލިއިރު އެއްކަލަ ފިރިހެންމީހާ އަހަންނާއި ދިމާލަށް އަންނަނީއެވެ. އެހާ ކައިރިން ކުއްލިއަކަށް ފެނުނީމާ ހިނގައިގަންނާކަށްވެސް އަހަންނަކަށް ނުކެރުނެވެ. އޭނާ އަހަރެންގެ ކައިރިއަށް އައިސް ބޫތު ރަނގަޅުވެއްޖެތޯ ސުވާލުކުރިއެވެ. އަހަރެން ހިތްހަމަ ނުޖެހުނެވެ. ކޮންމެހެން އަހަރެންގެ ކައިރިއަށް ނައިސް ފޯނު އަތްގަނޑު ނަގާފައި ބަލައިލިނަމަ ވީސްނޫންހެއްޔޭ ހިތަށް އެރިއެވެ. އެހެން ނޫންނަމަ މިގަޑީގައި މިތާނގައި ހުންނާނެހެން ހީވޭހޭ އަހަރެން އަހާލީމެވެ. އޭނާ އެއްޗެއް އިތުރު އެއްޗެއް ނުބުނެ ގޮސް ބޫތަށް ވަނެވެ. އެހެންނަމަވެސް މާގިނައިރެއްނުވެ ނުކުމެގެން އަނެއްކާވެސް އަހަންނާއި ދިމާލަށް އައެވެ.
އޭނާވެސް އެވަަރަކުން ގުޅަން އުޅުނީ އެއީ އަންހެނުންގެ އުފަންދުވަސް ވީމަކަމަށް ބުނެލިއެވެ. މާލަސްވީއޭ މިހާރު ފޯނެއްނުނަގައޭ އޭނާ ބުނެލި ގޮތުން އަހަންނަށް އޭނާއަށް ހަމްދަރުދީވެވުނެވެ. އަހަރެން އެހެންހެއްޔޭ ބުނެލީމެވެ.
އަދިވެސް ފިރިމީހާ ގުޅާނެ ކަމަށްތޯ ތިހުންނަނީ އޭނާ އަހާލިއެވެ. އަަހަރެން އެއަށް އެއްޗެއް ނުބުނަމެވެ. މިތަނުގައި މަ ހުންނަންވީ އެހެންކޮން ސަބަބަކާ ހުރެހެއްޔޭ ބުނެފާނަމޭވެސް ހިތަށް އެރިއެވެ. ދެންވެސް އޭނާ ދާކަށް ނޫޅުނެވެ. ހަނީފުވީ ކިހާ ހިސާބެއްގައިތޯ އަހާލިއެވެ. ބުރެޒިލުގައޭ ބުނުމުން އެހިސާބަށް މިހާރު އިރުއޮއްސި ހައެއް ޖަހާނީ ކަމުގައި ބުނެދިނެވެ.
އަހަންނާއި ދާދި ގާތުގައި އޭނާ ހުއްޓިގެން ހުންނަން ފެށީމާ އަހަންނަށް ވަރަށް އުނދަގޫވާން ފެށިއެވެ. އެކަމަކުވެސް ހަނީފު އަދި ގުޅާފާނެޔޭ ހިތްބުނާތީ އަހަރެން ދާކަށް ބޭނުމެއްނުވިއެވެ. އޭނާ އޭތާނގައި ހުރިކަން އިނގޭކަމަށްވެސް ހަދާނުލާ އަހަރެންވެސް ހަމަ އެހުރިގޮތަށް ހުރީއެވެ. އެތައް އިރެއް ކޮށްލާފައި މިގަޑީގައި އެކަނި މިތާނގައި ހުންނާކަށް ބިރެއްވެސް ނުގަނޭތޯ އޭނާ ސުވާލުކުރިއެވެ. އަހަރެން ބިރުގަންނަމަ މިގަޑީގައި މިތާނގައި މިހެން ހުރީސްތޯ އަހާލީމެވެ. އަހަރެން އެހެންބުނީމާ އޭނާ ވަށައިގެން ބަލައިލަމުން އާނ ތެދޭކޭ ދޯއޭ ތިއީ ނުފެންނަ ހަށިފާރަވެރިން ގެންގުޅޭ ބައެކޭ ބުނެލިއެވެ. އެހެންވީމާ ބިރުގަންނަން ޖެހޭނީ ކަލޭއެއް ނޫންހޭ އަހަރެން އޭނާއާއި ދިމާލަށް ބުނީމެވެ. އަދި ތިބުނާމީހުން ކަމެއް ނުކުރަނީސް އަހަންނަށް އުނދަގޫނުކޮށް މިތަނުން ދާށޭ ބުނީމެވެ. އަހަރެން އެހެންބުނީމާ އޭނާ އެގަތީ އަމަށަކު ބިރެއްނޫނެވެ. ހަމަވަގުތުން ހިނގައިގަތެވެ. އަހަރެންގާތަށް ވަރަށް ހިނިއައެވެ. ދެންވެސް ހަނީފު ގުޅާތޯ އެތައް އިރެއްވަންދެން އަހަރެން ހުރީމެވެ. އެންމެފަހުން އަހަރެން ވަރަށް ބޮޑަށް ވަރުބަލިވެ، ނިދިއަންނަން ފެށީމާ ގެއަށް ދާން ހިނގައިގަތީއެވެ. ގޯޅިތެރެއަށް ވަދެ ތަންކޮޅަކަށް ނުދެވެނީސް އަހަރެންގެ ގައިން ވަރުދޫވާހެން ހީވިއެވެ. މޫނު މައްޗަށް އަނދިރިވާން ފެށިވަގުތު ކުރިމަތިން އެފިރިހެންމީހާ ފެނުނުހެން އަހަންނަށް ހީވިއެވެ.
ދެން އަހަންނަށް ހޭވެރިކަން ވީއިރު އަހަރެން އޮތީގޭގައެވެ. އަހަރެންގެ އެނދުގައެވެ. އަހަރެން ގެންގުޅޭ ކުޑަރުމާލެއް ނިތްކުރިމަތީގައި އަޅާފައި އޮތެވެ. އެއިން ދުވަނީ ފާޑެއްގެ ކޯލާޓަރު ވަހެކެވެ. އަހަންނަށް ވީ ކިހިނެތް ކަމެއް ނޭނގިގެން ވިސްނަން އޮތީއެވެ. އޭރު އިރުއަރާ އަލިވެއްޖެއެވެ. އަހަރެން ތެދުވެގެން ގިފިއްޔަށް ވަދެފައި ނިކުތްއިރު ރުގިއްޔާއްތަ އިނެވެ. އޭނާ އައީ އަހަންނަށް ކަށިކޭލު ބަތްޕެން ހިފައިގެންނެވެ. ވަގުތުން އަހަރެންގެ ކުޅުދިޔާވިއެވެ. އެއީ އަހަންނަށް އެންމެ މީރު ކާނާއެވެ."
އެތަންކޮޅު ކިޔާފައި ޝިއުނާއަށް ހިނިތުންވެލެވުނެވެ. އެއީ އޭނާއަށްވެސް ވަރަށް މީރު އެއްޗެކެވެ. އޭނާއަށް އެކަން ލިބުނީ މަންމަގެ ފަރާތުންތާއޭ ހިތަށްއެރިއެވެ.
"ކަށިކޭލު ބަތްޕެނާއި ވަޅޯމަހާ އެކީގައި ބަނޑުފުރެންދެން އަހަރެން ކެއީމެވެ. ބައްޕަ ކުރުނބާ އިހަލެއް ހިފައިގެން ގެއަށްއައީ އަހަރެން ކައިނިމުނުތަނާއެވެ. ބަތްޕެން ބޯތަށި ދައްކާފައި ރުގިއްޔާއްތަ ގެނެސްދިން އެއްޗެކޭ ބުނީމެވެ. ބައްޕަ މިހާރަކު ނުބޯނަމޭ ބަހައްޓާށޭ ކިޔާފައި ބަދިގެ ފަރާތަށް ނުކުތެވެ. އަހަރެން ހީކުރީ ރޭގައި ވީގޮތާއި ބެހޭގޮތުން ބައްޕަ ސުވާލުކުރާނެ ކަމަށެވެ. އެކަމަކު އެކައްޗެއްވެސް ނޭހުމުން ބައްޕައަށް ނޭނގެނީކަން އަހަންނަށް ވިސްނުނެވެ. އަހަރެން ގެއަށް ގެނައީ ކާކުބާވައެވެ؟ އެ ފިރިހެންމީހާ ހެއްޔެވެ؟ ނޫނީ އެމީހާ ބުނި ހަށިފާރަވެރިން ބާވައެވެ؟ އެކަމަކު އެސޮރުމެން އަހަރެން ގެނައިނަމަ އެކަން ބައްޕައަށް ނޭނގިއެއް ނުހުންނާނެއެވެ.
ސައިބޮއެ ނިމިގެން އަހަރެން ދިޔައީ އައިސަދައިތަ ކައިރިއަށެވެ. އަހަރެންގައިގަ ވަރު ނުހުންނަވާހަކަ ބުނުމުން އޭނާ އަހަރެންގެ ލޮލުގެ އެތެރެ ބަލައިލާފައި ލޭ މަދުވަނީއޭ ބުނެލިއެވެ. ގިނައިން މުރަނގަފަތް ކަހަލަ ފެހިކަންގަދަ ފަތް ކާށޭ ބުނެފައި ސެންޓަރަށް ގޮސް ދައްކާލާށޭ ބުންޏެވެ. އަހަރެންނަކީ އެހާ ޑޮކްޓަރަށް ދާހިތްވާ މީހެއްނޫނެވެ. ބަނޑުބޮޑުވިކަން އެނގުމުން އެތަނަށް ދެއްކިގޮތަށް ދެން އެތަނަކަށް ނުދަމެވެ. އެކަމަކު އެދައިތަ އެހެންބުނީމާ ރުގިއްޔާއްތަގެއަށް ވަދެ އޭނާ ގޮވައިގެން ސެންޓަރަށް ދިޔައީއެވެ. އެތަނުން ބަލާފައިވެސް ބުނީ ލޭ މަދުވާހަކައެވެ. ދިނީ ކާނެ ބޭހެކެވެ. އަހަރެންގެ ދަރިފުޅުއޮތީ ވަރަށް ތިރީގައި ކަމަށާއި މާބުރަކޮށް މަސައްކަތްކޮށް އުޅެންޏާ ބައިގެންދިޔުމުގެ ފުރުސަތު އޮތްކަމަށް ހެލްތު ވާރކަރު ބުނުމުން އަހަރެން ބިރުގަތެވެ. އެތަނުން ނުކުމެފައި ރުގިއްޔާތަ އަހަރެންގައިގަ ފިރުމާލާފައި ދަރިފުޅާއޭ ދެން ކައްކަން ހަނދާނެ ކަމެއްނެތޭ ދައްތަ ކާއެއްޗެތި ގެނެސްދޭނަމޭ ބުނެލިއެވެ. އަހަރެން ކަންބޮޑުވީ އެހެންކަމަކާއެވެ. އެއީ ހަނީފުގެ ކޯލުގެ އިންތިޒާރުގައި އެތާނގައި އެހާ ގިނައިރު ކޮޅަށް ހުންނާކަށް ދެން ނުކެރޭނެތީއެވެ. ހަނީފު ފޯނުކޮށްފިއްޔާ އަހަންނަށް ގޮވަން ކޮންމެވެސް މީހަކު އަންނާނެއެވެ. އެކަމަކުވެސް އަހަރެން މިހާރު ހިތްހަމަ ޖެހެނީ ބޫތުގެ އަޑުއިވޭ ހިސާބުގައި ހުރުމުންނެވެ.
ގެއަށް އަންނަ އައިސް ނިކަގަހާއި އަރާ ހަމަވިތަނާ ފަހަތުން މީހަކު ތުނބުންފުމެލިއެވެ. އަހަންނަށް ބަލައިލެވުނުއިރު އަހަންނާއި ދިމާލަށް އަންނަނީ ރޭގައި ދިމާވި މީހާއެވެ. އޭނާ ހުރީ ހަމަ އެ ކަޅު ގަމީހާ އެފަޓުލޫނުގައިކަން އަހަންނަށް ފާހަގަކުރެވުނެވެ. އޭނާ އައިސް ކައިރިއަށް ހުއްޓުނެވެ. އެވަގުތު އަހަރެން އަޅައިގަތީ އޭނާގެ ދެލޮލުގައެވެ. ކަޅުކަޅީ އިނީ އަޅި ކުލައިގައެވެ. ހިނިތުންވެލި ވަގުތު ފެނުނީ ހުދުހުދު ރީތި ދަތްޕިލައެކެވެ. އެހިނިތުންވުމާއިއެކު ދަތްދޮޅީގައި އިން އަޑިކޮޅު ފައުޅުވެގެން ދިޔައެވެ. އެއީ ވަރަށް ރީތި މީހެކެވެ. އެއީ ހަމަ އިންސާނެއް ބާވައޭ އެވަގުތު އަހަރެންގެ ހިތަށްއެރިއެވެ.
-- ނުނިމޭ --