25 Sep 2024

ދެންވެސް ޝިއުނާގެ ފަރާތުން އައީ ހަމަ އެއްޖަވާބެކެވެ. 'އެހެންތަ' އެކަންޏެވެ.

"މިހާރު މިވިސްނަނީ އަލުން އެކަމާ އުޅެން.. ޒުހު ބުނާހެން އެއްފަހަރެއް ކަމަށް މަޢާފުކުރުން އެއީ ރަނގަޅު ގޮތެއްނު؟"ޒިލާލު ބުނެލިއެވެ.

އެއަޑު އިވުމާއިއެކު ޝިއުނާގެ ބަސްހުއްޓުނެވެ. ބުނާނެ އެއްޗެއް ދުލަކަށްނައެވެ. އޭނާގެ ވަށައިގެންވާ ދުނިޔެ ކުއްލިއަކަށް އެނބުރިގަތް ކަހަލައެވެ.

"އާނ! ތިއީ ހަމަ ވަރަށް ރަނގަޅު ކަމެއް.." ޝިއުނާ އަވަސް އަވަހަށް ހަމައަކަށް އެޅިލަން މަސައްކަތް ކުރަމުން ޖަވާބު ދިނެވެ. އޭނާގެ ހިތް ފުޑުފުޑުވެގެން ދިޔަވަގުތު ދެލޮލުން ކަރުނަހިލުނެވެ.

"ކޮބާ ހައިޝަމް؟" އެތައް އިރަކަށް ފަހު ޒިލާލުގެ އަޑުއިވުނެވެ.

"އެބައުޅޭ!" ޝިއުނާގެ ދެލޮލުން ފޭބި ކަރުނަ ރޮނގު ފޮހެލަން މަސައްކަތް ކުރަމުން ޖަވާބުދިނެވެ.

"ހުރިހާ ކަމެއްވެސް ރަނގަޅުދޯ؟" ޒިލާލު އަހާލިއެވެ.

"އާނ ހަމަ ބަރާބަރު... ހައިޝަމް އެބަގުޅާ .. ދެން ބާއްވަނީ!"

ޝިއުނާ ފޯނު ކަނޑާލުމުން ޒިލާލުއަށް ގޮށްމުއްކަވާފައި ފާރުގައި ޖަހާލެވުނެވެ. އޭނާގެ މާޔޫސްކަންވަނީ އޭގެ އިންތިހާއަށް ދަތުރުކޮށްފައެވެ. ޝިއުނާގެ ހިތުގައި އޭނާއަށް ކުޑަވެސް ޚާއްސަކަމެއް ހަމަނެތީ ހެއްޔެވެ؟ އެވަގުތު އޭނާގެ ހިތަށް ހައިޝަމް ފެނިގެންދިޔައެވެ. ހައިޝަމް އާއި އޭނާ ވާދަކުރާނީ ކިހިނެތް ހެއްޔެވެ؟

އޭރު ޝިއުނާ އޮތީ ބާލީހުގައި މޫނު ޖަހައިގެން ލޮލުން އަންނަމުން ދިޔަ ކަރުނަތައް ހުއްޓުވޭތޯ މަސައްކަތް ކުރާށެވެ. ޒިލާލު ލޯބިވަނީ ގުރޭޝާ ދެކެކަން އޭނާއަށް ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ޒިލާލުގެ ހިތުގައި އޭނާއަށްޓަކައި ރަހުމަތްތެރިކަން ފިޔަވާ އިތުރު އެއްޗެއް ނެތްކަން ޔަގީންވީތީ އޭނާ ހައިޝަމްއާއި ރުޅިވިކަންވެސް އަންގަން ބޭނުންނުވީއެވެ. އެތައްއިރަކު އެހެން އޮތުމަށްފަހު އޭނާ ދެން އިސްވެ ޒިލާލުއަށް ނުގުޅާން ނިންމިއެވެ.

ރޭގަޑު ކާން އިންިއރު، ޝިއުނާގެ ދެލޯ ހުރިގޮތް ފެނިފައި އޭނާގެ މަންމަ ސުވާލުކުރިއެވެ. އެޔާއިއެކު ވަރަށް ބޮޑަށް ކިބިހި އެޅި ރޯގާ ޖެހެނީ ކަމުގައި ޝިއުނާ ބުނުމުން ސިޓްރަޒީން ގުޅައެއް ކާލާއިގެންގޮސް ނިދާލާށޭ މަންމަ ބުނެލިއެެވެ. ޝިއުނާގެ ބޮލަށް ބަރުވެފައި ހުރީމާ އޭނާ ބޭސް ކެއެވެ. އެހެންނަމަވެސް ނިދޭގޮތެއް ނުވިއެވެ. އެންމެފަހުން އަނެއްކާވެސް ޑައިރީ ނަގައިގެން ކިޔަންފެށީއެވެ.

" ހެނދުނު ހޭލައިގެން އަހަރެން ނުކުތީ ވަރަށް ބިރުން ހުރެއެވެ. ހަނީފު ފުރިކަން އެނގުނީމާ ދެން ބައްޕަ ހަދާނީ ކިހިނެތްކަން ނޭނގޭތީއެވެ. އަހަރެން ފެންނައިރަށް ހަނީފު ކޮބައިތޯ ބައްޕަ އެއްސެވެ. އޭނާ ވަރަށް ކުއްލިގޮތަކަށް މާލެ ދާންޖެހިގެން ފުރައިގެން ހިނގައްޖެޔޭ އަހަރެން ބުނީމެވެ. ބައްޕަ ކުޑަކޮށް ވިސްނާލާފައި ހަނީފު ފުރަމުން ބުނީ ކީކޭތޯ އަހާލިއެވެ. ދެން އޭނާ ދާނީ ދަތުރު ކުރަން ކަމަށާއި އަންނާނީ އެއް އަހަރު ފަހުން ކަމުގައި އަހަރެން ބުނީމެވެ. ބައްޕަ އިތުރު އެއްޗެއް ނުބުނެއެވެ. އެހެންހޭ ކިޔާފައި ނުކުމެގެން ދިޔައީއެވެ.

އެދުވަހު ހަވީރު އަލީރަޝީދު އައިސް ހައެއް ޖަހާއިރު ބޫތު ކައިރިއަށް ދާށޭ ހަނީފު ބުނި ވާހަކަ ބުންޏެވެ. އަަހަރެން އަވަސް އަރުވާލާފައި ބޫތާއި ދިމާލަށް މިސްރާބު ޖެހީމެވެ.

ހަމަ ބަރާބަރު ހައެއްޖެހިތަނާ ފޯނު ވާން ފެށިއެވެ. ހަނީފުގެ އަޑު ޖެހުނީމާ އަހަންނަށް ވީގޮތް ބުނެދޭކަށް ނޭނގެއެވެ. އޭނާ ފުރައިގެން ދިޔަކަން އެނގުމުން ބައްޕަ ރުޅި ނާންނަވާހަކަ އަހަރެން ކިޔައިދިނީމެވެ. އެވަނީ ހަނީފު އަހަންނާއި އިނދެގެން ގެއަށް އައިސް އުޅެން ފެށިގޮތުން ބައްޕައަށް ހަނީފު ކަމުދިޔައީކަމުގައި އަހަރެން ބުނީމެވެ. އޭނާ ދިޔައީ ގޭގެ ވަރަށް ގިނަ މަސައްކަތް ކޮށްދީފައެވެ. ފުރާޅުން ވާރެ ހިޔާ ނުވާތަންތަން ހަދައިދިނެވެ. ބިއްދޮށު ފަރާތުން ފީވެ ހަލާކުވެފައިވާ ފުޅަށްގަނޑު ރަނގަޅުކޮށްދިނެވެ. ބައްޕަ ރުޅި ނާންނަކަން އެނގުނީމާ އޭނަ ވަރަށް ހިތްހަމަ ޖެހުނެވެ. ވަރަށް އުފާވެއްޖެކަމުގައި ބުނެލިއެވެ."

"މިރޭ ހަނީފު ގުޅާފައި އޭނާ މާދަން ސިލޯނަށް ދާން ފުރަނީ ކަމުގައި ބުންޏެވެ. އަހަރެން ދެރަވިއެވެ. ގެއަށް އައިގޮތަށް އަހަންނަށް ރޮވުނެވެ. ދެން އޭނާ ފެންނާނީ ހާދަ ގިނަދުވަހަކުންނޭ ހިތަށް އަރާފައި ވަރަށް ވަރަށް ދެރަވާން ފަށައިފިއެވެ."

" ހަނީފު ފުރައިގެން ދިޔަފަހުން އަހަންނަށް ކިރިޔާވެސް ހިތްހަމަ ޖެހުމެއް ލިބެނީ އަލީރަޝީދު މެންގެއަށް ވަދެ އެގޭ މީހުންނާއި ވާހަކަދައްކަން އިންނަ ވަގުތު ކޮޅުގައެވެ. ހަނީފުއާއި ދެމީހުން ބޯޓުގައި އުޅުނުއިރުގެ ވާހަކަތައް އަލީ ރަޝީދު ކިޔައިދޭ އަޑު އަހަން އަހަރެން އިންނަނީ ވަރަށް ޝައުގުވެރިކަމާއި އެކުގައެވެ. އެކަމަކު މިއަދު އަލީ ރަޝީދުވެސް ފުރީއެވެ. އޭނާ މިފަހަރު އެރީ އެހެން ބޯޓަކަށެވެ. އޭނާ ފުރަން ދަމުން އަހަރެން ބޭނުމިއްޔާ ހަނީފުއަށް ސިޓީ ލިޔެފައި އެގެއަށް ލާށޭ އޭރުން ބައްޕަމެން ފޮނުވައިދޭނެއޭ ބުނެފައި އެމީހުންގެ އޭޖެންސީގެ އެޑްރެސް ގަނޑުކޮޅެއްގައި ލިޔެފައި އަހަރެންގެ އަތަށް ދިނެވެ."

" މިއަދު ހަނީފު ސިލޯނުގައި ހުރެފައި ގުޅިއެވެ. އޭނާ ބޯޓުގައި ފުރަނީ ކަމަށާއި އޭނާ ދަނީ އެފްރިކާގެ ގައުމަކަށް ކަމުގައި ބުނެދިނެވެ. އެހިސާބަށް ދެވޭނީ ވިއްސަކަން ދުވަހުންނޭ އޭނާ ބުންޏެވެ. އެހެންވީމާ ދެން އެންމެ އަވަހަށްވެސް އޭނާގެ ޚަބަރެއް އަހަންނަށް ލިބޭނީ އެހާދުވަސް ފަހުންނެވެ."

ފަހަރަކު ގަނޑެއް ކިޔަމުން ކިޔަމުން ގޮސް އެހިސާބަށް ކިޔުނު އިރު ޝިއުނާ ނިންޖަށް ބަރުވެއްޖެއެވެ. އެހެންކަމުން ޑައިރީ ފޮރުވާފައި އޭނާ ނިދަން އޮށޯތީއެވެ.

***

ހެނދުނު ހައެއް ޖެހިއިރު ޒިލާލުމެން ތިބީ ބަނދަރުމަތީގައެވެ. ހާދީ ފުރުވަން އައިސްއެވެ. ހަދީގެ ޗުއްޓީ ހަމަ ވާތީ އޭނާއަކަށް އިތުރަކަށް މަޑުކުރެވޭކަށް ނެތެވެ. ޝިއުނާގެ ފޯނު ކޯލާއި ޖެހެންދެން ޒިލާލުވެސް ނިންމައިގެން ހުރީ ހާދީއާއި އެކީގައި މާލެ ދާށެވެ. ޝިއުނާ ދެކޭ ހިތުންނެވެ. އެހެންނަމަވެސް މިހާރު އޭނާގެ ޚިޔާލު މުޅިން ބަދަލުވެއްޖެއެވެ. އޭނާ މާލެ ދާކަށްވެސް އަދި ރަށަށް ދާކަށްވެސް މިވަގުތަކު ބޭނުމެއްނޫނެވެ. އެެހެންކަމުން ހިތާނީ ކަންތައް ނިންމާފައި އެއަތޮޅު ފަޅުރަށަކަށް މަސައްކަތެއް ކުރަން ފައިސަލް ދާން އޮތީމާ އޭނާއާއި އެކީގައި އެރަށަށް ދާން ޒިލާލު މަޑުކުރީއެވެ.

ޝިއުނާއަށް ހޭލެވުނުއިރު ވަރަށް ބޮޑަށް ބޮލުގައި ރިއްސައެވެ. އޭނާ ތެދުވެ ބަލައިލިއިރު ހަމަ ބޯކޮށް ވާރޭ ވެހެނީއެވެ. އެހެންކަމުން އޭނާ އެދުވަހު އޮފީހަށް ނުދާން ނިންމިއެވެ. ކޮފީ ތައްޓެއް ހަދަން ނުކުތީމާ އޭނާގެ ހާލަކީ ކޮބައިތޯ މަންމަ އަހާލިއެވެ. އެޔާއިެކު މުޅިން ރަނގަޅެއް ނޫންކަމަށާއި މިއަދު އޮފީހަށް ނުދާނަން ކަމުގައި އޭނާ ބުނެލިއެވެ. ޝަހުދު ސްކޫލަށް ލާފައި އޭނާގެ ބައްޕަ ގެއަށް އައީ ޝިއުނާ ކާމޭޒު ދޮށުގައި ކޮފީ ބޯން އިންދައެވެ. ޝިއުނާއަށް އޭނާގެ ބައްޕަ ފެނުމާއިއެކު ޑައިރީގެ ސޮފުހާތައް ހަނދާނަށް އައެވެ. އޭނާގެ މަންމައާއި ބައްޕައަށް އޭރު ކުރި އިހުސާސްތައް ހަނދާނަށް އައުމާއެކު އޭނާ ދެރަވާގޮތް ވިއެވެ.

"ދަރިފުޅު ބަލީތަ؟" ހަނީފުއަށް ޝިއުނާގެ މޫނުމަތި ފެނުމުން އަހާލެވުނެވެ. އޭރު އޭނާ އިނީ ކުޑަކޮށް ފެންކަޅި ވެފައެވެ.

"ލައްބަ.. ވަރަށް ބޮޑަށް ރޯގާ ޖެހިގެން މިއުޅެނީ"

އެހެންވިއްޔާ ދެން ގޮސް އޮށޯވެލާށޭ އޭނާގެ ބައްޕަވެސް ބުނުއްވިއެވެ.

ޝިއުނާގެ ހިތަށް ވެރިވެފައިވާ ހިތާމަވެރިކަމަށް އެވިއްސާރު ދުވަސް އިތުރު ހިތްވަރު ދިނެވެ. އޭނާގެ ދެލޮލުން ކަރުނަ އަންނަން އުޅެން ފެށުމުން އެތަނުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ އޮށޯތީއެވެ. އޭނާ އެހާ ބޮޑަށް ދެރަވަނީ އެ ދެރަވަނީ ކީއްވެގެން ކަން އޭނާއަށް އިނގެއެވެ. އޭރުވެސް އޭނާގެ ހިތް އެދި ގޮވަމުން ދިޔައީ ޒިލާލުއަށެވެ. އޭނާއަށް ގުޅާފައި ޝިއުނާގެ ހިތުގެ އިހުސާސްތައް ކުޑަމިންވަރަކަށް ނަމަވެސް ކިޔައިދޭން ބުނަމުން ދިޔައެވެ.

ޒިލާލުމެން ފަޅުރަށަށް ދާން ނައްޓާލީ އަށްގަޑި ބައިގައެވެ. އެއީ އުޑުމަތި ބަނަ ދުވަހެކެވެ. ވަށައިގެން ވާ މާހައުލުންވެސް ޒިލާލުއަށް އިހުސާސްވަމުން ދިޔައީ މުޅިން މާޔޫސްކަމެވެ. އޭނާގެ ހިތުގައި ވަނީ ޝިއުނާއެވެ. އޭނާ މާލެ ދިޔަނަމަ ޝިއުނާއާއި ދިމާވީސް އޭ ހިތަށް އަރަމުން ދިޔައެވެ. އެހެންނަމަވެސް އެއިން އޭނާގެ ހިތަށް ލިބޭނެ ތަސައްލީއަކީ ކޮބައި ހެއްޔެވެ؟ ޝިއުނާގެ ހިތުގައި ވަނީ އެހެންމީހެކެވެ.

ޝާޅީސް ފަސް މިނެޓުގެ ދަތުރަކަށް ފަހު އެމީހުންގެ މަންޒިލާއި ހަމައަށް ފޯރިއެވެ. ދުރުން ފެނުމުންވެސް އެއީ ބޮޑު ފަޅުރަށެއްކަން ޒިލާލުއަށް އެނގުނެވެ. އެރަށަކީ ދަނޑުވެރިކަންކުރާ ރަށެއް ކަމަށާއި އެރަށުގައި އާއްމުކޮށް ތިބޭނީ ދެ ބަންގާޅިންނާއި ދަނޑު ހައްދާ ދިވެއްސެއް އެކަނި ކަމަށްވެސް ފައިސަލު ކިޔައިދިނެވެ. ޒިލާލު ހިތްހަމަ ޖެހުނެވެ. އޭނާ މިވަގުތު އެންމެ ބޭނުމީ އެކަނިމާއެކަނި އިނދެ ވިސްނާލާނެ މާހައުލެކެވެ. އޭނާއަށް ހަމަ ދުވަހަކުވެސް ޝިއުނާއާއި ހަމައަކަށް ނުދެވޭނެ ހެއްޔެވެ؟ އޭނާގެ ހަޔާތަކަށް ޝިއުނާއެއް ނާންނާނެ ބާވައެވެ؟ އޭނާގެ ހިތް ކެނޑިނޭޅި ކުރަމުން ދިޔައީ އެސުވާލެވެ.

***

ހެނދުނު ސައިބޮއެ ހަދައިގެން ނިދާލާނީއޭ ބުނެފައި ކޮޓަރިއަށް ވަދެ ޝިއުނާ ޑައިރީ ނެގިއެވެ. އޭނާ ރޭގައި ކީ ހިސާބުން ހޯދައިގެން ކިޔަންފެށިއެވެ. ދެން ލިޔެފައި އޮތް ގަނޑުގައި ތާރީޚެއްވެސް ޖަހާފައެއް ނެތެވެ.

"މިހާރު އަހަރެން މިފޮތުގައި ލިޔަން ފޫހިވެއްޖެއެވެ. ލިޔާނެ އެއްޗެއް ނެތެވެ. ހަނީފުގެ ހަނދާނުގައި އޭނާ ގުޅާނެ ދުވަހަކަށް އިންތިޒާރު ކުރުން ނޫންކަމެއް އަހަންނަކަށް ނެތެވެ. އަހަންނަށް ގެއިން ބޭރަށް ނުކުމެވިއްޖިއްޔާ ދެވެނީ ބޫތު ކައިރިއަށެވެ. ފަހަރެއްގައިވެސް ހަނީފު ގުޅާފާނެއޭ ހިތަށް އަރާފައެވެ. އެތަނާއި އަލީ ރަޝީދު މެންގެއާއި މާ ދުރު ނޫންވީމާ ދެން އަހަރެން ގޮސް އިންނަނީ އެގޭގައެވެ. މަރީނާދައިތަ ކައިރީގައި އަހަންނަށް މުޅިންވެސް ދެއްކެނީ ހަނީފުގެ ވާހަކައެވެ."

"މިއަދު އަހަރެން ގަނޑުކަނޑާ ފޮތެއް ގަތީމެވެ. ހަނީފުއަށް ސިޓީއެއް ލިޔެފައި ގެންގޮސް އަލީ ރަޝީދު ބައްޕައާއި ހަވާލު ކުރީމެވެ. އޭނާ މާލެގޮސްފައި އެ ޕޯސްޓު ކޮށްދޭނަމޭ ބުންޏެވެ."

އޭގެ ފަހުން ޝިއުނާ އެއްލި ގަނޑުގައި އަނެއްކާވެސް ތާރީޚު ޖަހާފައި އޮތެވެ.

"މިއަދު ހަނީފު ސިލޯނުން ފުރިތާ ފަނަރަ ދުވަސް ވީއެވެ. އޭނާ ގުޅާނީ ދެން ކޮންދުވަހަކުން ބާވައެވެ؟ އަހަރެން ބައްޕައަށް ހެދި ދޮގު އެންމެ ފަހުން ތެދަކަށް ބަދަލުވެއްޖެހެން މިހާރު އަހަންނަށް ހީވާން ފަށައިފިއެވެ. ކޮންމެ ދުވަހަކު ހެނދު ހޭލެވޭއިރު ހުންނަނީ މޭ ނުބައިކޮށްފައެވެ. ކާހިތެއް ނުވެއެވެ. ބަތްތަވާ ކެކޭ ވަސް ޖެހުނީމާ ހީވަނީ ހަމަ ހޮޑު އަންނަހެންނެވެ. އެހެންވާތީ އިއްޔެގައި އަހަރެން އައިސަދައިތަ ކައިރިއަށް ދިޔައީއެވެ. އަަހަރެން ހަނީފުއާއި އިންފަހުން އޭނާ ތެޔޮދަމަން ދާއިރު އެގެއަށް ގޮސް ގޮސް އެދައިތަވެސް މިހާރު އަހަންނާއި ވަރަށް ރައްޓެއްސެވެ. އަހަންނަށް ވާގޮތް ކިޔައިދިނީމާ ތި ބަލިވެއިނީ އޭ އޭނާ ބުނެލިއެވެ. އަހަރެންނަކަށް އުފާވާކަށް އަދި ދެރަވާކަށްވެސް ނޭނގުނެވެ. އެދައިތަ ހިސާބު ޖަހާލާފައި އަންނަ އަހަރުގެ ދެވަނަ މަހު އަހަރެން ވިހާނެއޭ ބުނުމުން އަހަރެން ގަތީ ބިރެވެ. އޭރަށް ވާއިރަށް ހަނީފުއަކަށް ނާދެވޭނެއެވެ. އަހަރެން އެކަނި މާއެކަނި ކުޑަކުއްޖަކު ބަލާނީ ކިހިނެތް ހެއްޔެވެ؟ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަހަރެން އަނެއްކާވެސް ހަނީފުއަށް ސިޓީއެއް ލިޔުނީމެވެ. އަހަރެންގެ ހާލު ކިޔައިދީފައި ވީހާވެސް އަވަހަކަށް އެނބުރިއައުމަށް އެދި އާދޭސް ކޮށްފައެވެ. އަހަންނަކަށް ހަނީފުއާއި ނުލައި މިކަމެއް ނުވާނެއެވެ."

އެބައި ކިޔާފައި ޝިއުނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ދުނިޔެއަށް އަންނަން އުޅޭކަން އެނގުމުން އޭނާގެ މަންމައަށް ކުރި އިހުސާސްއަކީ އެއީ ހެއްޔެވެ؟

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular