By: Aishath Mihna Nasih
ކުޑައިރުގެ ހަނދާންތައް ދުވަހަކު ފިލައިނުދެ އެވެ. ސްކޫލް ދައުރު ނިންމައި އެކި ކަންކަމުގައި އުޅޭ މީހުންނަށް މިއަދު ކުދިންތައް ރިޕޯޓް ފޮތް ހިފައިގެން އުޅޭތަން ފެނުމުން ކުޑައިރު މި ހަނދާންތައް އެނބުރި އަންނާނެ އެވެ. އެކި މީހުންނަށް އެއީ އެކި ކަހަލަ ހަނދާނާއި ތަޖުރިބާ އެވެ.
މީގެ އަހަރުތަކެއް ކުރިން، ސްކޫލް ބަންދުވާ ނަމަ އެންމެ ފޯރީގައި ކުރެވޭ އެއް ކަމަކީ ހެޕީ ހޮލިޑޭސް ބެޖު ހަދައިގެން ދިއުމެވެ. ކްލާސް ކުދިންނަށާއި ޓީޗަރުންނަށާއި ދެން ވެސް ބެޖު ދޭހިތްވާ ކުދިންކޮޅަށް އެކި ޑިޒައިންތަކާއި، ކާޓޫނުތައް ޖަހައިގެން ބެޖު ހަދައިގެން ދާ ހަނދާން ވޭ ހެއްޔެވެ؟
ރިޕޯޓް ފޯމް ލިބި، ޓީޗަރުގެ ހަދިޔާތައް ބަހައި ނިމޭ ހިސާބުން ދެން އޮންނާނީ ކުދިންނަށް ބެޖު ބަހަން ދިއުމެވެ. ޔުނިފޯމުގައި ބެޖު ގިނަވި ވަރަކަށް "ޕޮޕިއުލާ" ވީ އެވެ. އެ ބެޖުތައް އަދިވެސް ރައްކާކޮށްގެން ގެންގުޅޭ މީހުން ތިބޭނެކަން ޔަގީނެވެ.
ކޮންމެފަހަރަކީ އަދި އެންމެ ބޭނުންވި ނަތީޖާ ހިފައިގެން ގެއަށް އަންނަ ފަހަރެއް ނޫނެވެ. ބައެއް ކުދިން ރިޕޯޓް ހިފައިގެން އަންނަ ދުވަހަކީ، ޗުއްޓީގެ ފެށޭ ދުވަހަށް ވިޔަސް އެއީ ހުރިހާ ކަމެއް ނިމޭ ވެސް ދުވަހެވެ. ނަތީޖާގެ މާޔޫސްކަމާ އެކު އާ ހިތްވަރަކުން ކިޔަވަން ފަށަންވީ އެވެ. ލިބެން އޮތް ހަދިޔާތައް ކެންސަލްވެ އިތުރަށް ހަރުކަށި ވެސް ވީ އެވެ. އަނެއްބަޔަކަށް މިއީ ނިކަން އުފާވެރި ދުވަހަކެވެ. އާއިލާ ކޮންމެ މެންބަރަކަށް ވެސް ރިޕޯޓް ދައްކައި، ކުރި މަސައްކަތާއި ލިބުނު ނަތީޖާއަށް މީހުންގެ ތައުރީފު އިވޭ އަޑު އަހާލަން ތިބެވެނީ ކެތްމަދުވެފަ އެވެ. ހާއްސަކޮށް، މާމަ އާއި ކާފަގެ ފިރުމުމާއި ހަދިޔާތަކަށް އުންމީދުކޮށްކޮށް ތިބޭ ހަނދާން މިއަދު އާވާނެ ގިނަބަޔަކު ތިބޭނެ އެވެ.
އައިސް ކްރީމް، އައިސް ކްރީމް
މިއީ އެންމެ ގިނަ މީހުންގެ "ފޭވަރިޓް" ހަނދާނަށް ވުން ގާތެވެ. މާލޭގައި ނަމަ، ރިޕޯޓް ފޯމާ އެކު ސްކޫޕަށް ދިއުމަކީ ގިނަ އާއިލާތަކުން އަދިވެސް ކުރަމުން އަންނަ ކަމެކެވެ. ކުދިން ކުރި މަސައްކަތުގެ އަގުވަޒަންކޮށް އެންމެ ފަސޭހައިން ކުދިން އުފާކޮށްލަދޭން ކުރެވެން އޮތް އެއް ކަމަކީ ވެސް މި އެވެ. އަދި ގިނަފަހަރަށް އާއިލާގެ ހުރިހާ ކުދިން އެއްކޮށްގެން އައިސްކްރީމް ބޯން ދިއުމަކީ އަދި މާ މަޖާ ކަމަކަށްވެ އެވެ.