ލޯބި ނެތެނީ ނުވަތަ ފަނޑުވަނީ ކީއްވެގެން ހެއްޔެވެ؟ ދެމީހުން ދެމެދުގައި އޮންނަ ލޯބި ހީނަރުވެ ނޭވާހޮޅިއަށް އެޅޭއިރު ވެސް އެކަން ގަބޫލުކުރަން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟ ހޯދަން މި އުޅެނީ މި ސުވާލެއްގެ ޖަވާބެވެ.

ލޯބި ނެތެނީ ނުވަތަ ފަނޑުވަނީ ކީއްވެގެން ހެއްޔެވެ؟ ދެމީހުން ދެމެދުގައި އޮންނަ ލޯބި ހީނަރުވެ ނޭވާހޮޅިއަށް އެޅޭއިރު ވެސް އެކަން ގަބޫލުކުރަން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟ ހޯދަން މި އުޅެނީ މި ސުވާލެއްގެ ޖަވާބެވެ.
ލޯބި ވެވުމާއި ލޯބިން އަރައިގަނެވުމަކީ ދާދި އެއް ކަހަލަ ދެ ކަމެވެ. މީހަކު ދެކެ ލޯބި ވެވިފައި އެ ލޯބި މަޑުމަޑުން ފަނޑުވެ، ހީނަރުވެ ގުޅުން ނިންމާލަން ޖެހޭ ހިސާބަށް އައުމަކީ ތަޖުރިބާކުރަން ފަސޭހަކަމަކަށް ނުވާނެ އެވެ. އަމުދުން އެކުގައި ގިނަ ދުވަހު އުޅެ ދެ ދިރިއުޅުން އެއްވާ ފަހުން ވަކިވާން ޖެހުމަކީ ހިތްދަތިވެ، ހިތް ހަލާކުވެދާނެ ވެސް ކަމެކެވެ.
އެހެންވީމަ، ލޯބީގެ ގުޅުމަކުން، ލޯބި ނެތި، މަރުވާން މެދުވެރިވަނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު އަސްލު ވަރަށް ސިމްޕަލް އެވެ.
ޝައުގު ގެއްލި ބޭނުންތައް ތަފާތުވުން
ދެމީހަކު ލޯބިވެގެން ގުޅޭ ހިސާބުން، ހިޔާލުގައި ތަފާތު ކަމެއް ހުއްޓަސް، އަލްޓިމޭޓް ގޯލަކަށް ވާނީ އެކަކު އަނެކަކު އުފާކޮށްދީ، ދެމީހުން އެކުގައި ހުވަފެންތަކާއި އުންމީދުތަކުގައި ކުލަޖެއްސަން މަސައްކަތްކުރުމެވެ. ދެމީހުންގެ ތެރެއިން އެކަކުގެ ހިޔާލު ކުއްލިއަކަށް މާ ބޮޑަށް ބަދަލުވެ، އިސްކަންދޭ ކަންކަން ތަފާތުވެ، ދެމީހުން އެއްބަސްވުމަކަށް ނާދެވޭ ހިސާބުން ގުޅުން ހީނަރުވާން މެދުވެރިވެ އެވެ. މިސާލަކަށް، އެކަކު ބޭނުން ނުވެ، އަނެކަކު މާ އަވަހަށް ދަރިއަކު ހޯދަން ބޭނުންވެ، އެކަމަށް އަބަދު އެދެން ފަށައިފާނެ އެވެ.
ދެ ބައިވެރިންގެ ބޭނުންތައް ތަފާތުވެ، ހިޔާލު މާ ބޮޑަށް ދިމާނުވާން ފަށާ ހިސާބުން، އެކުގައި ހިއްސާކުރާނެ މާ ގިނަ ކަންތައްތަކެއް ނުހުންނާނެ އެވެ. މީގެ އަސަރު ލޯތްބަށް ކުރެ އެވެ.
ގުޅުމުގައި އިހުތިރާމް ނެތުން
ލޯބި ކުޑަވެ، ފޫހިވާން ފަށާނެ އެންމެ ބޮޑު އެއް ސަބަބަކީ މިއެވެ. އެއްވެސް މީހަކު، އޭނާއަށް ކުޑައިމީސްކޮށް އިހުތިރާމްނުކުރާ މީހަކާއެކު އުޅެން ބޭނުމެއް ނުވާނެ އެވެ. ގުޅުމެއްގައި ނަމަ، އިހުތިރާމާއި ގަދަރަކީ އެންމެ މުހިއްމު ރުކުނެވެ.
ހުތުރު އެއްޗެހި ކިޔައި، ދަށްކޮށް، މަލާމާތްކުރާ ގުޅުމެއްގައި ލޯތްބެއް ނޯންނާނެ އެވެ.
ހަސަދަ އާއި ނަފްރަތަށް ފުރުސަތު ދިނުން
ރަނގަޅު ކަމެއް ވުމުން ހަސަދަވެރިވުމަކީ ލޯބީގެ ސިފައެއް ނޫނެވެ. އެކަމަކު އިންސާނީ ޖަޒުބާތުތަކަކީ ވަރަށް ތަފާތު އެއްޗެކެވެ. އެފަދަ އިހުސާސެއް ކުރެވޭހެން ހީވާނަމަ އެކަން ވާހަކަ ދައްކައިގެން ހައްލުނުކުރާ ނަމަ އާދަޔަކަށް ވެދާނެ އެވެ.
މިފަދަ އިހުސާސް ގިނައިން ކުރެވި، އެކަން އަމިއްލައަށް ހައްލުނުކުރެވޭނަމަ ޕްރޮފެޝަނަލް އެހީ ހޯދުމަކީ ވެސް ގުޅުން ދުޅަހެޔޮކޮށް ގެންދަން ބޭނުންވާނަމަ ކުރުން މުހިއްމު ކަމެކެވެ. ހަސަދަ އަކީ ގުޅުންތައް ހީނަރުކޮށް ޝައްކާ ވަހުމުން ހިތް ކަޅުކޮށްލާ އެއްޗެކެވެ.
އެކަކު އަނެކަކާމެދު ފަރުވާކުޑަކުރުން
އާންމުކޮށް އުޅޭއިރު ކުރާ ކަންތައްތަކާއި ގެންގުޅޭ އާދަތަކުގައި އެކަކު އަނެކަކު އުފާކޮށްދޭން ކުރެވިދާނެ ކުދި ކުދި ކަންކަން ހަނދާންނެތިކޮށްލުމަކީ ވެސް ފަރުވާކުޑަވުމެވެ. މިސާލަކަށް، މާ ބޮޑު ސަބަބެއް ނެތި ބައިވެރިޔާ ސަޕްރައިޒްކޮށްލުން، ނުވަތަ ގަޔާވާ ހަދިޔާއެއް ދިނުން، ނުވަތަ ހާއްސަ ވަގުތުކޮޅެއް ދިނުން ފަދަ ކަންކަމެވެ.
މާ ބޮޑެތި ކަންކަމެއް ނޫނެވެ. އެކަމަކު މިއީ މަޑުމަޑުން އެކަކު އަނެކަކަށް އޮންނަ ޝައުގުވެރިކަން ކުޑަކޮށްދީ، މަޑުމަޑުން ލޯބި ހަލާކުކޮށްލާ ކަމެކެވެ.
ބޭނުންތައް ނުފުދިފައި ހުންނަންޖެހުން
އެކަކު އަނެކަކަށް ކޮށްދޭންޖެހޭ ކަންކަން ނުކޮށްދެވި، އަބަދު ޝަކުވާކުރަންޖެހިފައި އޮތުމަކީ އަނެއް ސަބަބެވެ. ބޭނުންތައް މާނަކުރަނީ، ހަމައެކަނި ފައިސާގެ އެހީތެރިކަމެއް ނޫނެވެ. ދެމަފިރިންގެ ގުޅުމެއް ނަމަ، އެކަކު އަނެކެއްގެ ފަރާތުން ބޭނުންވާ ނަފްސާނީ އަދި ޖިސްމާނީ އުފާތައް ވެސް މީގެތެރެއަށް ވަދެ އެވެ.
މިއީ ހުސް ލޯތްބާ ދުރައް ދާންޖެހި، ހިތް ހަލާކުވެދާނެ ސަބަބުތަކެވެ. ލޯބީގެ ގުޅުމެއްގައި އުޅޭ ނަމަ، ނުވަތަ ގުޅުން ކާމިޔާބުކުރަން ބޭނުންވާ ނަމަ މިކަންކަމަށް ވިސްނާލުން މުހިއްމެވެ.
މީގެ އަނެއްކޮޅުވެސް އެބަ އޮތެވެ. މި ބުނި ކަންކަން ގުޅުމުގެ ތެރެއަށް ވަދެ، ރަނގަޅު ނުކުރެވޭހާ "ޓޮކްސިކް" ހިސާބަކަށް ގޮސްފައި އޮވެއްޖެނަމަ އޭގެ މާނައަކީ ގުޅުން ނިންމާލަން ޖެހުނީ އެވެ.