15 May 2023

އަދިވެސް ޕެކެޓާއި ހޮޓް ޑޯގުން ފުއްދާލަނީތަ؟

By: Aishath Mihna Nasih

ހަނދާން ހުންނަން ފެށީންސުރެ އިންޓަވަލަށް ގެންދެވެނީ ކޮންމެވެސް ލުއިކާނާއަކާއި ޕެކެޓުކުރި ބުއިމެކެވެ. އެކިވައްތަރުތަކުގެ ޗިޕްސްތަކާއި ބިސްކޯދާއި ހޮޓްޑޯގާއި މައިލޯ ޕެކެޓާއި ޖޫސީ ޕެކެޓްތަކަކީ ސްކޫލްދުވަސްވަރުގެ އެންމެ ފޮނި ހަނދާންތަކެވެ. އެކަމަކު މިއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއްތޯ މިއަދު ސުވާލުއުފެދެ އެވެ.

އިންސްޓަގްރާމުގައި ހިންގާ މީލް ޕްލޭންސް ޕޭޖުގައި އިން މި ޕޯސްޓުގައިވަނީ އެކި ގައުމުތަކުގެ ސްކޫލްކުދިންގެ ލަންޗްތަކުގެ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. މިއީ 2017 ވަނަ އަހަރު، ކޭޓް ބްރެޓްސްކީ ނަމަކަށް ކިޔާ ނޫސްވެރިއަކު އޭނާގެ ލިޔުމަކަށް އެއްކޮށްފައިވާ ފޮޓޯތަކެކެވެ.

View this post on Instagram

A post shared by Food facts (@mealplans)

މީލް ޕްލޭންސް ޕޭޖުގެ ޕޯސްޓެއް

އެމެރިކާ: މޭޝްޑް ޕޮޓޭޓޯ، ގްރީން ޕީސް، ފްރައިޑް ޗިކަން ޕޮޕްކޯން، މޭވާ ތަށި އަދި ޗޮކްލެޓް ޗިޕް ކުކީސް

ބްރެޒިލް: ބްލެކް ބީންސް ބަތް، ސެލެޑު، ޕާން އަދި ބަށި

އިޓަލީ: މަސް، ޕާސްޓާ، ސެލެޑު، ބަގެޓް އަދި މޭބިސްކަދުރު

ފިންލޭންޑް: ޕީ ސޫޕް، ކެރެޓު ސެލެޑު، ޕޭންކޭކް އަދި ތާޒާ ބެރީސް

ސައުތު ކޮރެއާ: ފިޝް ސޫޕް، ޓޯފޫ ބަތް، ކިމްޗީ އަދި ތަރުކާރީ

ފްރާންސް: ސްޓީކް ކެރެޓު، ގްރީން ބީންސް، ޗީޒް އަދި އާފަލު

މިއިން ކޮންމެ ގައުމަކަށް ބެލިއަސް ފެންނަނީ ދުޅަހެޔޮ އަދި ވަޒަން ހަމަ ކެއުންތަކެކެވެ. ތައްޔާރީ ކާނާ އާއި ބަންދުކުރި އެކި ކެއުންތަކުން ދަރިވަރުން ދުރުކުރަން ކުރާ މަސައްކަތެވެ. އަހަރެމެންގެ ވައްޓަފާޅި ހުންނަ ގޮތުން ތާޒާ އަދި ދުޅަހެޔޮ ބާވަތްތައް ތައްޔާރުކުރުމަށްވުރެ ފަސޭހަ އަދި އަގުހެޔޮ ގޮތަކީ ކޮންމެވެސް ކަންމަތީ ފިހާރައަކުން ހޮޓްޑޯގެއް، ބާގާއެއް، ޕިއްޒާފޮއްޗެއް ނޫނީ ކޮންމެސް ތައްޔާރީ ކާނާއެއް ގަނެފައި ދަރިފުޅުގެ ދަބަހަށް ލުމެވެ. އެހެން އެކަންވާ ސަބަބުތައްވެސް ގިނައެވެ. ހެނދުނު 6:45 ގައި ސްކޫލްދޮށަށް ދާންޖެހެ އެވެ. އެ އިންޓަވަލް ކުދިން ކާނީ ގާތްގަނޑަކަށް 9:30 ހާއިރެވެ. އަނެއްކޮޅުން މެންދުރު 12:30 ވާއިރު ގިނަ ފަހަރު ސެޝަން ނިމި މެންދުރުކެއުމަށް ގެއަށް އާދެވެ އެވެ.

ގަޑި އަވަސްކަމުން ރަނގަޅު ނާސްތާއެއް ނުކުރެވޭތާގައި އެކި ލުއިކާނާތަކުން ބަނޑުފުރައި ގެއަށް އަންނައިރު ހުންނަނީ މާބޮޑަށް ފުރި ނޫނީ ކާހިތްނުވެ ނޫނީ އުނދަގޫވެ ގޭސްވެފަ އެވެ.

ކޮންމެއަކަސް އެމެރިކާއަށް ބަލާއިރު، ސްކޫލް ލަންޗް ޕްރޮގްރާމެއް ފަށަން ޖެހުނީ ކުދިންގެ ހެދިބޮޑުވުމުގައި ބޮޑެތޮ ކަންބޮޑުވުންތަކެއް ފާހަގަވެގެންނެވެ. ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝެން ގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސްކޫލް އުމުރުފުރާގެ ކުދިންގެ ކޮންމެ 5 ކުއްޖަކުން އެކަކަކީ މާ ބޮޑަށް ބަރުދަން އިތުރުވެފައިވާ ކުދިންނެވެ. އަދި ކޮވިޑް-19 ގައި މި އަދަދުތައް ވަނީ އިތުރުވެފަ އެވެ.

ރާއްޖެއަށް ބަލާނަމަ، 2016 ވަނަ އަހަރު ޔުނިސެފުން ނެރުނު ރިޕޯޓެއްގައިވާގޮތުން ދިވެހި ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ ހުންނަންޖެހޭ އިސްކޮޅަށްވުރެ ކުރު ކުދިންނެވެ. މިއީ ޅައުމުރުގައި ކުއްޖާއަށް ލިބެންވާ ދުޅަހެޔޮ ކާނާ ރަނގަޅަށް ނުލިބުމުގެ ސަބަބުން މުޅި އުމުރަށްވެސް އޭގެ ނޭދެވޭ އަސަރު އެކިގޮތްގޮތުން ކުރާނެ ކަމެކެވެ. އަދި ރާއްޖޭގެ ބައެއް ހިސާބުތަކުގައި މި ނިސްބަތް ކޮންމެ ހަތަރު ކުއްޖަކުން އެކަކަށް ބަދަލުވާ ކަމަށް ރިޕޯޓުގައި ވެއެވެ.

ހަމައެޔާއެކު 17.3 ޕަސެންޓް ކުދިންނަކީ އުމުރާއި އެއްވަރަށް ހުންނަންޖެހޭ ބަރުދަނަށްވުރެ ލުއި ކުދިންނަށްވާއިރު، މިނިސްޓްރީ އޮފް ހެލްތް އިން ހެދި ދިރާސާއެއްގައި ދައްކާގޮތުން ގްރޭޑް އެކަކަށް ވަންނަ ކުދިންގެ ތެރެއިން 22 ޕަސެންޓް ކުދިންނަކީ ހުންނަންޖެހޭ ވަރަށްވުރެ ފަލަ ނުވަތަ "އޮބީސް" ކުދީންނެވެ.

ހަމައެޔާއެކު 17.3 ޕަސެންޓް ކުދިންނަކީ އުމުރާއި އެއްވަރަށް ހުންނަންޖެހޭ ބަރުދަނަށްވުރެ ލުއި ކުދިންނަށްވާއިރު، މިނިސްޓްރީ އޮފް ހެލްތް އިން ހެދި ދިރާސާއެއްގައި ދައްކާގޮތުން ގްރޭޑް އެކަކަށް ވަންނަ ކުދިންގެ ތެރެއިން 22 ޕަސެންޓް ކުދިންނަކީ ހުންނަންޖެހޭ ވަރަށްވުރެ ފަލަ ނުވަތަ "އޮބީސް" ކުދީން ކަމަށް މި ރިޕޯޓުގައިވެ އެވެ.

މިކަން ހައްލުކުރުމަށް އެކި މަސައްކަތްތައް ފެށިއްޖެއެވެ. ސްކޫލް ނާސްތާ ޕްރޮގްރާމަކީވެސް މީގެ އެއްބާބެވެ. އެކަމަކު އެއަށްވުރެވެސް މުހިންމީ، ގޭގައި ތައްޔާރުކުރާ ކާނާ ދުޅަހެޔޮވުމެވެ. މިންހެޔޮކުރުމެވެ. އިންޓަވަލަށް މި ގަނެވޭ ޒާތްޒާތުގެ ބާވަތްތައް ހުއްޓާލާ ކުދިންގެ ހަށިގަނޑަށް ފައިދާވާ މުހިންމު ބާވަތްތައް ހިމެނުމެވެ.

ޑައިޓީޝަން އާސިޔާ އަބްދުއްރަހީމްވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ގުޅިގެން ސްކޫލް ފުޑް ގައިޑެއް ތައްޔާރުކޮށްފައެވެ. މި ފުޑްގައިޑްގައިވާގޮތުން އިންޓަވަލް ގަޑިއަށް ކުދިންނަށް އެންމެ ރަނގަޅު ބާވަތްތަކަކީ;

- 1 ކަނޑުމަހުގެ/ 1 ބިހުގެ / 1 ބިސްގަނޑުގެ ސޭންޑްވިޗާއި ފެން ނުވަތަ ކިރު + އެކި ކުލަތަކުގެ މޭވާ ނުވަތަ ތަރުކާރީގެ ބާވަތްތަކާ އެކު

- 1 ރޯލްޑް ބޭކްޑް ބީންސް ރޮށި އަދި ކިރު ނުވަތަ ފެން + އެކި ކުލަތަކުގެ މޭވާ ނުވަތަ ތަރުކާރީގެ ބާވަތްތަކާއިއެކު

- 1 ޖޯޑު މޫސްލީ + އެކި ކުލަތަކުގެ މޭވާ ނުވަތަ ތަރުކާރީގެ ބާވަތްތަކާއިއެކު

- 1 ޖޯޑު ފެނުކެއްކި ކައްޓަލަ ނުވަތަ ބަޓަނަޓް + އެކި ކުލަތަކުގެ މޭވާ ނުވަތަ ތަރުކާރީގެ ބާވަތްތަކާއިއެކު

ކުޑަކޮށް މަސައްކަތް ބުރަވެދާނެއެވެ. އެކަމަކު ޖީބަށް ލުއި، ސިއްހަތަށް ފައިދާހުރި މި ނިންމުމަކީ ފަހަރެއްގައި ކުރިމަގުގައި މާ ބުއްދިވެރި ގޮތަކަށް ވެދާނެއެވެ.

ސިއްހަތު ކުޑަކުދިން

Popular