ލޯތްބަކީ ޚަރަދުވާ ފައިސާއެއް ނޫން،
ލޯތްބަކީ ޚަރަދުވާ ފައިސާއެއް ނޫން،
ލޯތްބަކީ ތި ގަނެދޭ ހަދިޔާއެއް ނޫން،
މިއީ ހެއްވާ މަޖާ އެކަމަކު އަބަދުވެސް މުހިންމު މެސެޖުތަކުން އަހަރެމެން ހޭލައްވާލަދޭ ދި އިންގިލިޝް ޕޭޖް ހިންގަމުން އަންނަ އަފްނާން އިބްރާހިމް މި ފަހުން ޕޯސްޓްކޮށްފައިވާ ލަވައިގެ ތަންކޮޅެކެވެ.
ބޮލީވުޑްފިލްމް "ތު ޖޫތީ މެއި މައްކާރު" ފިލްމަށް އަރްޖިތް ސިންގުގެ ހިތްގައިމު އަޑުން ކިޔައިދީފައިވާ " އޯ ބޭދަރްދިޔާ" ގެ ރާގަށް އަފްނާންގެ ފަށުވި ލަފްޒުތަކުން މި ވާހަކަ އަމުނާލި ގޮތުން އަސަރު ނުކުރާ ހިތެއް ނެތެވެ.
އަފްނާންގެ މި މެސެޖު ހާއްސަކޮށްފައިވަނީ، މަސައްކަތުގައި އަވަދިނެތި އުޅޭ މައިންބަފައިންނަށެވެ. ދަރިންނާ އެކު ކޮލިޓީ ވަގުތުގެ ބަދަލުގައި، އަބަދުވެސް "ބިޒީ" ވެފައި ތިބޭ މަންމައިންނަށާއި ބައްޕައިންނަށެވެ. ލޯތްބަކީ ދެވޭ އަގުހުރި ހަދިޔާއަކުން ފުއްދާލެވޭ އެއްޗެއްކަމުގައި ވިސްނިފައިވާ ބެލެނިވެރިންނަށެވެ.
އަފްނާން ބުނާ ގޮތުން ކޮންމެވެސް ވަރަކަށް އަމިއްލަ ތަޖުރިބާތަކެއް ވެސް ކުރެވުނު މި މައުޟޫއަކީ ވަރަށް ގިނަބަޔަކު އޭނާއާ ހިއްސާކުރަމުންދިޔަ އުދާސްތަކަކެވެ. ކުޑައިރުގެ ގިނަ ދުވަސްތައް އެކަނިވެރިކަމުގައި، އެކުގައި ކަންކަން ހިއްސާކޮށް ވާހަކަދައްކާނޭ ބެލެނިވެރިއެއްނެތި، ޅައުމުރުގައި ފޮނި ހަނދާންތައް އެކުގައި ހިއްސާކުރުމުން މަހްރޫމްވި އެތައް ބައެއް އަހަރެމެންގެ ތެރޭގައި ތިބިއިރު، މިއީ މާ ބޮޑަށް ދައްކާ ވާހަކައެއް ނޫނެވެ. ހަޔާތުން މަހްރޫމްވި އެ ބާބުގެ އުނިކަން ގިނަފަހަރު އިހުސާސްވަނީ، ތަންކޮޅެއް ފަހުންކަމުގައިވާތީ ކަމަށް ވެދާނެ އެވެ.
މަސައްކަތުގައި އަވަދިނެތި، ދުވާލުގެ ގިނަ ވަގުތުތައް ވަޒީފާއަށް ހުސްކޮށް އުޅޭއިރު ތިމާ ދެކެލުމުގެ އުންމީދުގައި ކުޑަކުޑަ ދަރިފުޅު ގޭގައި ހުންނާނެކަން ވިސްނާލެވޭބާ އެވެ. ތިމާ ފެންނައިރަށް ދުވެލާފައި އައިސް ބައްދާލަން ތައްޔާރުގައި، ނުވަތަ ގެއަށް އައިސް ލޯބިން ފިރުމާލާތޯ ކެތްމަދުވެފައި އިންނާނެކަން ހަނދާނުގައި ހުރޭ ހެއްޔެވެ. ނޫނީ، ގެއަށް އައިސް އެދުވަހެއްގެ ތަޖުރިބާތަކާއި ކުރި ތަފާތު ކަންކަމުގެ ވާހަކަ އަހާލަން ސަމާލުކަންދެވޭބާ އެވެ.
ގިނަފަހަރު މަސައްކަތުގައި ވެފައި ހުންނަ ވަރުބަލިކަމާ އެކު، ބޭނުންވަނީ ވީ އެންމެ އަވަހަށް އޮށޯވެލައި ވަރުބަލި ފިލުވާލާށެވެ. ދަރިން ބޭނުންވާ ކަންކަން ކޮށްދެވިފައި ހުރި ނަމަ އެ ހިސާބުން "އޯކޭވީ" އެވެ. އެކަމަކު، މިއީ އުފަންދުވަހު ދޭ ބޮޑު ހަދިޔާއަކުން ނުވަތަ ރިޕޯޓް ހިފައިގެން އައުމުން ދޭ އަގުހުރި ހަދިޔާއަކުން ފުއްދާލެވޭނެކަމެއް ނޫނެވެ. އެ ހުރިހާކަމަކަށްވުރެ މުހިންމީ ދަރިންނަށް ދޭ ވަގުތެވެ. އެކުދިންނާ ވާހަކަދެއްކުމެވެ.
"ލަވައިގެ ވީޑިއޯ ނުނެގިގެން އެތައް ފަހަރަކު ހުއްޓާލަން ޖެހުނު. ބައެއް ސްޕެސިފިކް ސީންސް، މިސާލަކަށް އަތުގައި ހިފައިގެން ދާ ތަންކޮޅު..، މިކަން ތަޖުރިބާކޮށްފައި ހުރި ކޮންމެ މީހަކަށްވެސް ކޮންމެވެސް ވަރަކަށް ތަޖުރިބާކުރެވިފައި ކަންނޭނގެ ހުންނާނީ... އަނެއްކާ ފްލޭޝްބެކްވާ ކަހަލަ ތަންތަންކޮޅު ހުރީމަ ކަންނަނޭނގެ އެހާ އުނދަގޫވީ،" ލަވައިގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރަމުން ކިޔާދިނެވެ.
ގިނަ ވަގުތު ދަރިފުޅާ ދުރުގައި ހޭދަކުރަން ޖެހުމުން، ބައެއްފަހަރު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރެ އެވެ. ރުޅިގަދަވުމާއި، އަވަސްއަވަހަށް މޫޑް ބަދަލުވުން ފަދަ ކަންކަން ކުރިމަތިވާއިރު، ދަރިފުޅާއި ބެލެނިވެރިއާއާ އެކު ހޭދަކުރާ ވަގުތު މަދުވުމުން އެ ގުޅުން ހީނަރުވެ، ބޮޑުވަމުންދާއިރު ވެސް އެ ގުޅުން ބަލިކަށިވުމުގެ ފުރުސަތު އޮވެ އެވެ. އަދި މާބޮޑަށް މިކަން ތަޖުރިބާ ކުރެވިފައިވާ ނަމަ، މިކަމުގެ އަސަރުތައް ގިނަ ދުވަސްތަކެއް ވަންދެން ހަރުލާފައި ހުރެ އެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި އެހެން މީހުންނަށް ކުރާ އިތުބާރު ކުޑަވުމާއި، ކަންކަމާއި މާބޮޑަށް ބިރުގަނެ ހިތްއަވަސްވުމާއި، ގުޅުންތައް ދަމަހައްޓަން އުނދަގޫވުން ހިމެނެ އެވެ.
އަހަރެމެންގެ ދިރިއުޅުން ހުންނަ ގޮތުން ކޮންމެ މަންމައަކަށް ނުވަތަ ބައްޕައަކަށް ދަރިފުޅު ކައިރީގައި އަބަދުމެ މަޑުކޮށްގެން ހުންނަން އުނދަގޫވެދާނެ އެވެ. ތޮއްޖެހިފައިވާ މާލޭގެ ކުލީ ކޮޓަރިތަކުގައި އުޅޭއިރު އެވަރުގެ މާލީ ތަނަވަސްކަން ގިނަބަޔަކަށް ނުވެސް ނެތެވެ. އެކަމަކު ދަރިފުޅު ޑޭ ކެއާ އަށް، ނުވަތަ ގޭގެ އެހީތެރިއެއް ކައިރީ، ނުވަތަ އާއިލާ މެންބަރެއް ކައިރީ ބެހެއްޓިއަސް، ތިމާ އެނބުރި ދަރިފުޅު ކައިރިއަށް އައިސް އެ ހޭދަކުރާ ވަގުތަކީ ކޮލިޓީ ވަގުތުކޮޅަކަށް ހެދިއްޖެ ނަމަ މިކަން ފަރުޖައްސާލެވިދާނެ އެވެ.
ކޮންމެ ދުވަހަކުވެސް ކޮންމެ ކުއްޖަކަށްވެސް އެއްވެސް އިތުރު ޑިސްޓްރެކްޝަނަކާ ނުލައި 30 މިނިޓުގެ ވަގުތުކޮޅެއް ހޭދަކުރެވޭތޯ ބަލާށެވެ. ދަރިފުޅުގެ ދިރިއުޅުމުގެ ކަންކަމާ ބެހޭގޮތުން ވާހަކަދައްކާ މަޝްވަރާކުރާށެވެ. އެކުގައި އާ ކަންކަން ދަސްކޮށް، ތަޖުރިބާކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރެވޭތޯ ބަލާށެވެ. ދަރިފުޅުގެ މުހިންމު ދުވަސްތައް ދަރިފުޅަށް ހާއްސަކުރާށެވެ. ރިޕޯޓް ދޭ ދުވަހު ވެސް މުހިންމީ އެ ދޭ ހަދިޔާއަށްވުރެ، އެ ރިޕޯޓް ލިބުމުން އެދޭ ހިތްވަރެވެ. އެ ބުނެލާ ބަސްތަކެވެ. އެކުގައި ހުރިކަން އަންގައިދިނުމެވެ.
އަމިއްލަ ދިރިއުޅުމުގެ ކާމިޔާބީއާ އެއްވަރަށް، ހަޔާތުގެ އެންމެ ބޮޑު ނިއުމަތް ކަމުގައިވި ލޯބި ތުއްތު ދަރިފުޅުގެ ހަޔާތާއި، އިހުސާސްތަކާއި ޝުއޫރުތަކާ މެދު ވެސް ވިސްނާލާ ށެވެ.