26 Jun 2023

By: Aishath Mihna Nasih

ދަރިފުޅަށް ހަމަސް ފުރި ކާންދޭން ފެށުމަކީ އާއިލާއަށް އަންނަ ކުޑަވަރެއްގެ އީދެކެވެ. ޕާޓީ ބާއްވައި ކޭކުފަޅައި ފޮޓޯނަގައި ބޮޑު ސެލެބްރޭޝަނެއް ބާއްވާއިރު އެންމެ މުހިންމު ކަންތައް ގިނަފަހަރު އޮންނަނީ މަގުން ކައްސާލައިފަ އެވެ. އެންމެ މުހިންމީ ކުދިންގެ ހެދިބޮޑުވުމާއި އެކަށޭނަހެން ހަށިގަނޑަށް ފައިދާހުރި ކެއުންތައް ވަޒަން ހަމަކޮށް ކުދިންނަށް ދިނުމެވެ. ދަރިފުޅާއި ކާނާއާ ދެމެދު ރަނގަޅު ގުޅުމެއް އުފެއްދުމެވެ.

އަހަރެމެން ކުޑައިރު އެންމެ ގިނައިން ކާންދެނީ އެކި ބާވަތްތަކުގެ ފަލަމަޑި ކައްކައި މަޑުކޮށް ޕިއުރީ ހަދައިގެންނެވެ. އެއަށްފަހު، އައީ ނެސްޓަމްގެ ޒަމާނެވެ. އޭގެފަހުން ނަމަ އެކިވައްތަރުގެ ޕެކެޓްކުރި ޕައުޑަރުތަކުގައި ތަރުކާރީ އާއި ކާބްގެ އެކި ބާވަތްތައް އެއްކޮށްފައި ހުރެ އެވެ. ފެންފޮދެއް އަޅައި ރަނގަޅަށް ގިރާލުމުން އެ ނިމުނީ އެެވެ. ދެން އައީ އެއަށްވުރެ ވެސް ފަސޭހަ އިރެކެވެ. ފެން ވެސް އަޅަން ނުޖެހި ސީދާ މަތި ނަގާފައިވާ ކާންދޭން ފަށަންވީ އެވެ. ޔޯގަޓުގެ ނަމުގަ އާއި އެކި ވައްތަރުތަކުގެ މޭވާތަކާއި ތަރުކާރީއާއި ބަތް ކައްކާ ކާންދޭން ތައްޔާރުކޮށް ދަޅުތަކުގައި ބަންދުކޮށްފައި ވިއްކަން މި ހުންނަ ހުރުމަކުން، މި ދަޅުތަކުން ކުރާ ނޭދެވޭ އަސަރު އޭރަކު މާ ބޮޑަކަށް އަހަރެމެންނަށް އެނގޭނެހެނެއް ހިއެއްނުވެ އެވެ.

އެ ދުވަސްވެސް މާޒީވެ ހިނގައްޖެ އެވެ. މިހާރު އަހަރެމެންގެ ތެރޭގައި އެންމެ ގަދަޔަށް ކުރެވޭ ބަހުސްއަކީ ބޭބީ ލެޑް ވީނިންގެ ވާހަކަ އެވެ.

އެއްބަޔަކު ބުނާގޮތުން ނަމަ މިއީ ކުދިންނަށް ކާންދޭންވީ އެންމެ މޮޅު ގޮތެވެ. އަނެއްބަޔަކު ހައިރާންވަނީ ދަތް ނެތް ކުއްޖަކު މިހެން ކާނެ ގޮތަކާ ދޭތެރޭ ވިސްނާފަ އެވެ. ދެން ތިބޭ މީހުން ކަންބޮޑުވަނީ މިހެން ކާންދިނުމުން ސާފުކުރަން އުފުލަންޖެހޭ ތަކުލީފު ބޮޑުކަމުންނެވެ. ނުވަތަ ދަރިފުޅު ހައި ފިލާނެތޯ އެވެ.

View this post on Instagram

A post shared by Caroline👶🏼Pediatric Dietitian (@theclinicdietitian)

ކުޑަކުދިންނަށް ހާއްސަ ޑައިޓީޝަނެއްކަމުގައިވާ ކެރޮލިން (އިންސްޓަގްރާމް: ދި ކްލިނިކް ޑައިޓިޝަން) ބުނާގޮތުން ނަމަ މައިގަނޑު ގޮތެއްގައި ކުދިންނަށް ކާން ދެނީ ތަފާތު ތިން ގޮތަކަށެވެ. އެއީ ޕިއުރީކޮށްގެން ކާންދިނުން (ޓްރެޑިޝަނަލް މެތަޑް)، ބޭބީ ލެޑް ވީނިން އަދި މި ދެބައި އެއްކޮށް މިކްސްކޮށްގެން ކާންދިނުމެވެ.

ޕިއުރީ މެތަޑްގައި ކުއްޖާ ކާމިންވަރާއި ކާ ގޮތް ކޮންޓްރޯލް ކުރަނީ ކާންދޭ މީހާ އެވެ. ގިނަ ފަހަރަށް މިއީ މަންމަ ނުވަތަ ބެލެނިވެރިޔާ އެވެ. މިގޮތަށް ކާންދޭއިރު، ކުދިން ގެ ހަށިގަނޑުންނާއި މޫނުން އެ ކުރާ އިޝާރާތްތަކުން އެ ބުނާ މާނަ ނޭނގޭ ނަމަ ގިނަފަހަރު އޯވާފީޑިން ނުވަތަ މާގިނައިން ކާންދެވިދާނެ އެވެ.

ދެންއޮތީ ބޭބީ ލެޑް ވީނިން ނުވަތަ ބީއެލްޑަބްލިއު އެވެ. މިއީ، ކާ އެއްޗެހި ފުނޑުނުކޮށް ވަކި ބައްޓަންތަކަކަށް ކޮށައި ކުދިންނަށް އަމިއްލައަށް އެ އެއްޗެއް ނަގައިގެން ކެއުމަށް ފުރުސަތު ދިނުމެވެ. މި ބާވަތުގައި ޕިއުރީގެ ބަދަލުގައި ކާންދެނީ ފަސޭހައިން ކެވޭހެން މަޑުކޮށްފައިވާ ބާވަތްތަކާއި މޭވާ ތަރުކާރީ، ޗަސްކޮށް ކައްކާފައި ހުންނަ ބަތް ފަދަ ބާވަތްތައް، އަދި މަޑު ނުކޮށް ކެވޭނެ ބައެއް މޭވާއާއި ތަރުކާރީ އެވެ. މިހެން ކާއިރު، ކެއުމުގެ ފުރިހަމަ ކޮންޓްރޯލް އޮންނަނީ ކުދިންނަށެވެ. އެއާ އެކު ކުދިންގެ ފައިން މޮޓޯ ސްކިލްސް ރަނގަޅުވެ، "ޕިކީ އީޓިން" އިން ދުރުކޮށްދެ އެވެ. އަދި މިއީ ބަރުދަން ވެސް އެކަށޭނަ މިނެއްގައި ބަހައްޓަން ފަސޭހަވާނެ ގޮތެއްކަމަށް ކެރޮލިން ބުނެ އެވެ.

މި ދެބައި އެއްކޮށްގެން ދިނުމަކީ ކުދިންގެ ކާންދިނުމަށް ރަނގަޅުގޮތެއްކަމުގައި ގިނަ ޑޮކްޓަރުން ލަފާދެ އެވެ. ސަބަބަކީ ކެއުމުގެ ހުނަރުތައް ކުއްޖާއަށް ދަސްވަމުންދިއުމާ އެކު، ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް މައިންބަފައިންނަށް ވެސް އޮންނާތީ އެވެ. އަދި ކުދިންނަށް ތަށީގައި ހުންނަ ކާއެއްޗެހި "އެކްސްޕްލޯ" ކުރުމުގެ ފުރުސަތު ލިބޭތީ އެވެ.

ބޭބީ ލެޑް ވީނިންގައި ވެސް އެ މީހަކު ބޭނުން ހުރިހާ ބާވަތްތަކުގެ ކާނާ ވެސް ހިމެނިދާނެ އެވެ. ނަމަވެސް ކޮންމެ ބާވަތެއްގެ މޭވާ، ތަރުކާރީ ފަލަމަޑި ނުވަތަ އެނޫން އެއްޗެއް ތައްޔާރުކުރިއަސް، ކުއްޖާގެ އުމުރާއި ގުޅޭހެން އެ ބާވަތެއް ކޮށައި، ތައްޔާރުކުރަންޖެހޭގޮތް ތަފާތުވާނެ އެވެ.

ބޭބީ ލެޑް ވީނިން : ކާންދޭންވީ ގޮތުގެ ތާވަލެއް -- ފޮޓޯ:ތްރައިވިން ނެސްޓް.ކޮމް

އެހެންވެ، ތަން ހަޑިވުމާއި، ކުއްޖާ ބަނޑުނުފުރުމާއި މިހުރިހާ ވާހަކަތަކަށްވުރެ މުހިންމީ ކުއްޖާއަށް ދަސްކޮށްދެވޭ ހުނަރާއި، ކެއުމާ މެދު ހުންނަ ޝައުގުވެރިކަމާއި ދުޅަހެޔޮ މާއްދާތަކަކުން ބަރުދަން އެކަށޭނަ މިނެއްގައި ދެމެހެއްޓުމެވެ.

ދަރިން ތަރުބިއްޔަތުކުރުން

Popular