By: Aishath Mihna Nasih
ދަރިފުޅަށް ހަ މަހުގައި ކާންދޭން ފަށާއިރު، ކޮންމެހެން ވެސް ދުރުހެލިވުމަށް ޑޮކްޓަރުން ނަސޭހަތްދެއްވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއް ބާވަތަކީ މާމުޔެވެ. ނަމަވެސް، މާމުޔަކީ ސިއްހީ ގިނަ ފައިދާތަކެއް އޭގައި ހިމެނޭ އެއްޗަކަށްވާއިރު ތުއްތުކުދިންނަށް މާމުއި މަނާވުމަކީ ގިނަބަޔަކު ހައިރާންވާކަމެކެވެ. އަމުުދުން އަހަރެމެންގެ ތެރޭގައި މިފަދަ ކަންކަމަށް މާ ބޮޑު ހޭލުންތެރިކަމެއް ނެތްއިރު، މާމުއި ފަދަ ބާވަތްތަކަކީ ވަރަށް ގިނައިން ކުދިންނަށް ދޭ އެއްޗަކަށްވުމުން މިއީ ކުދިންގެ ސިއްހަތަަށް ގެއްލުންހުރި އެއްޗަކަށްވެދާނެކަމަށް ގަބޫލުކުރަން ވެސް އެއްބަޔަކަށް ދަތިވެ އެވެ.
ނަމަވެސް އުމުރުން 1 އަހަރުވުމުގެ ކުރިން އެއްވެސް ވަރަކަށް ކުދިންނަށް މާމުއި ދިނުމަކީ އެދެވިގެންވާ ކަމެއްނޫނެވެ.
ކުދިންނަށް މާމުއި ދިނުން އެދެވިގެންނުވަނީ އޭގައި އެކުލެވޭ ބެކްޓީރިއާއެއް ކަމަށްވާ ކްލޮސްޓްރީޑިއަމް ބޮޗުލިނަމްގެ ސަބަބުންނެވެ. މީގެ ސަބަބުން، އުމުރުން 12 މަސްނުވާ ކުދިންނަށް ވަރަށް މަދުން ނޫނީ ދިމާނުވާ ހާލަތެއްކަމުގައިވާ އިންފޭންޓް ބާޗުލިޒަމް ދިމާވުމުގެ ނުރައްކާ އޮވެ އެވެ. މި އުމުރުގެ ކުދިންނަށް މިހެން ދިމާވަނީ އެކުދިންގެ ހަޖަމުކުރުމުގެ ނިޒާމާއި ދިފާއީ ނިޒާމް އެކަށީގެންވާވަރަށް ހެދިބޮޑުވެފައި ނުވާތީ އެވެ.
ބޮޗުލިޒަމް ގެ ސަބަބުން އަސަރުކުރަނީ ކުދިންގެ ނާރުތަކުގެ ނިޒާމަށެވެ. އެއީ، ނާރުތަކާއި ސިކުނޑި އަދި ސްޕްއިނަލްކޯޑް ފަދަ މުހިންމު ގުނަވަންތަކެވެ. އަދި ބައެއްފަހަރު ޕެރަލިސިސް ފަދަ ކަންކަން ވެސް ދިމާވެއެވެ.
މި ބަލީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި؛
- މޫނުގެ މަސްތައް ބަލިކަށިވުން
އަދި ތުއްތުކުދިން ބަލިކޮށް ރުއިމާއި، ގާތުންދޭން އުނދަގޫވުމާއި، ގައިން ވަރުދެރަވެ ކަރުއެލިފައި ހުރުން ފަދަ އަލާމާތްތައް ފެނެ އެވެ. މިއީ އަވަސް ފަރުވާ ކޮންމެހެން ވެސް ބޭނުންވާ ސިއްހީ ހާލަތެކެވެ.
އެހެންވެ ދަރިފުޅުގެ އުމުރުން އެއް އަހަރުވުމާ ހަމައަށް އެއްވެސް ވަރަކަށް، އަދި އެއްވެސް ގޮތަކަށް ތައްޔާރުކޮށްގެން ވިޔަސް މާމުއި ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ގޮތުގައި ކުއްޖާގެ އުމުރުން ދެ އަހަރު ވުމާ ހަމައަށް އެންމެ އެދެވިގެންވަނީ ހަކުރު އަދި މާމުއި ފަދަ ބާވަތްތައް ވީހާވެސް މަދުކުރުމެވެ. އާންމުކޮށް ހަކުރު ހުންނާނެކަމަށް ނުބެލެވޭ އެކި ބާވަތްތަކުގެ ޕާސްތާ ސޯސް އާއި ބިސްކޯދުތަކާއި ސީރިއަލް ފަދަ ބާވަތްތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
މި ބާވަތްތަކާ ދުރުވިޔަސް ކުދިންގެ ކާއެއްޗެހީގައި މަޑުމަޑު ފޮނިރަހައެއް ލެއްވިދާނެ އެވެ. މިކަމަށް ބޭނުންކުރެވިދާނެ ބައެއް ބާވަތްތަކުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ހަކުރު ބޭނުންނުކޮށް ތައްޔާރުކުރެވޭ ތާޒާ އާފަލު ސޯސް އާއި ކަދުރު އަދި ޕްރޫންސް ފަދަ ބާވަތްތައް ހިމެނެ އެވެ.