24 Sep 2023

ޕީސީއޯއެސް: ފަލަ އަންހެނުންގެ ބައްޔެއް ނޫން!

ޕީސީއޯއެސް: ފަލަ އަންހެނުންގެ ބައްޔެއް ނޫން!

By: Aishath Mihna Nasih

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އޭ ބުނުމުން އެކަމުގެ ކެކުޅުން ނޭނގޭ މީހަކު މިހާރު ވަރަށް މަދުވާނެ އެވެ. މިކަން އަހަރެމެންގެ ތެރެއަށް އެހާ އާންމެވެ. ސެޕްޓެމްބަރު މަހަކީ ޕީސީއޯއެސްއަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަހެވެ. ރާއްޖޭގައި މި ބައްޔާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ އެއް ޖަމިއްޔާއަކީ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އެވެ. މި ހިމަނާލަނީ ޕީސީއޯއެސްއާ ބެހޭ ގޮތުން މި ޖަމިއްޔާއިން ހިއްސާކޮށްފައިވާ ބައެއް މުހިންމު މައުލޫމާތެވެ.

މިއީ ބައްޔެއް ނޫން - އަންހެނުންނަށް ދިމާވާ ހާލަތެއް!

މިހާރު ޕީސީއޯއެސް ކްލެސިފައި ކުރެވެނީ އޯވަރީތަކުން އުފައްދަން ޖެހޭ ވަރަށްވުރެ އިތުރަށް އެންޑްރޮޖެން ހޯމޯން އުފެއްދުމުން ދިމާވާ ހާލަތެއްގެ ގޮތުގަ އެވެ. އެންޑްރޮޖެން ހޯމޯނަކީ ފިރިހެންވަންތަ ސިފަތައް އަށަގަންނުވާ ހޯމޯނެކެވެ. އެންޑްރޮޖެންސްއަކީ ފިރިހެނުންގެ ޖިންސީ ހޯމޯންތަކުގެ ގްރޫޕެކެވެ. އޭގެ ތެރޭގައި ޓެސްޓޯސްޓްރޯން ހިމެނެ އެވެ. މިއީ ފިރިހެނުންގެ ޖިންސީ ސިފަތަކެއް ކަމަށްވާ މޫނުގެ އިސްތަށިތަކާއި، އަޑުގެ ބަރުމިނާއި، މަސްތަކުގެ ވަރުގަދަކަން ފަދަ ސިފަތައް ތަރައްގީކޮށް ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ހޯމޯނެކެވެ.

އާންމުގޮތެއްގައި ޓެސްޓެސްޓްރޯން އުފައްދަނީ ފިރިހެނުންގެ ޓެޓިސްތަކުގައި އަދި އަންހެނުންގެ އޯވަރީ އާއި އެޑްރިނަލް ގްލޭންޑްތަކުގައި ކުޑަ މިންވަރެކެވެ. ނަމަވެސް ޕީސީއޯއެސްގެ ސަބަބުން އަންހެނުންގެ ހަށިގަނޑުގައި މި ހޯމޯން ހުންނަންޖެހޭ ވަރަށްވުރެ އާދަޔާ ހިލާފަށް އިތުރުވެ އެވެ.

ޕީސީއޯއެސްގެ ސަބަބުން އޯވަރީގައި ސިސްޓްު އުފެދެ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ފިރިހެން ހޯމޯން އިތުރުވެ، ޕީރިއަޑް ލަސްވެ ނުވަތަ ނުވުމަށް މެދުވެރިވެ އެވެ.

ޕީސީއޯއެސް ދިމާވާ އަސްލު ސަބަބު ދެނެގަނެވިފައި ނުވިޔަސް، މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކުގެ ތެރޭގައި، ހަކުރު ކޮންޓްރޯލްކުރާ ހޯމޯން ރަނގަޅަށް މަސައްކަތް ނުކުރުމާއި، ހަށިގަނޑުގައި ހުންނަންވާ ވަރަށްވުރެ ފިރިހެން ހޯމޯން އިތުރުވުމާއި، ގަވާއިދުން ޕީރިއަޑް ނުވުން ހިމެނެ އެވެ. އަދި ބައެއްފަހަރު މިއީ ވާރުތަވާކަމެއްގެ ގޮތުގައި ވެސް ބެލެވިފައިވެ އެވެ.

ތަފާސް ހިސާބުތަކުން އެނގޭގޮތުގައި ދަރިމައިވާ އުމުރުގެ 20 ޕަސެންޓް މީހުންނަކީ ޕީސީއޯއެސްގެ އަސަރުކޮށްފައިވާ ނުވަތަ ކުރާ ބައެކެވެ.

ޕީސީއޯއެސް ހުރިކަން ދެނެގަތުމަށްޓަކައި އެމީހެއްގެ މެޑިކަލް ހިސްޓްރީ، ލޭގެ ޓެސްޓްތައް އަދި ހަށިގަނޑުގައި ހަކުރު، ވިޓަމިން ޑީ، ކޮލެސްޓްރޯލް ، އިންސިއުލިން ހުރިވަރު ދެނެގަތުމާއި، ދަށް ބަނޑުގެ ސްކޭނެއް ވެސް މުހިންމެވެ.

މިއީ ކޮންމެ ދުވަހަކު ކުރާ ހަނގުރާމައެއް!

ގިނަފަހަރު ހީވެފައި އޮންނަގޮތުން ނަމަ ޕީސީއޯއެސް އަކީ މާ ބޮޑަށް ފަލަވުމުން ދިމާވާ ކަމެވެ. ނަމަވެސް ބަރުދަން ހުންނަންވާ ވަރަށްވުރެ ހިކިކޮށް ހުއްޓަސް، ޕީސީއޯއެސް ހުރެދާނެ އެވެ. އެއީ "ލީން ޕީސީއޯއެސް" އެވެ. މިވައްތަރުގެ ޕީސީއޯއެސްގައި އަލާމާތްތައް ދިމާވާ މިންވަރު ބޮޑުކަމަށް ވެސް ފާހަގަކުރެވެ އެވެ.

ޕީސީއޯއެސްގެ ސަބަބުން ދިމާވާ ޕީރިއަޑްގެ މައްސަލަތަކަކީ ބޮޑު ނުތަނަވަސްކަމެއް ގެނުވާކަމެކެވެ. އެއާ އެކު މީހާގެ ކެއުމަށާއި މޫޑަށް ބަދަލު އައިސް ހަމަޖެހުން ނަގާލާކަމެކެވެ. މި ނޫނަސް، ހަށިގަނޑުގެ އެކި ހިސާބުތަކުގައި އިސްތަށިފެޅުން އިތުރުވެ، ބިހި ނެގުމާއި، ދަރިން ހޯދުމުގައި ދިމާވާ ދަތިތަކާއި އަދި ބަރުދަން އިތުރުވުމާއި ބަރުދަން ލުއިކުރަން އުނދަގޫވުމަކީ ކޮންމެ ދުވަހަކުމެހެން މި ހާލަތު ދިމާވެފައިވާ މީހުން ތަޖުރިބާ ކުރަންޖެހޭ ވޭންތަކެކެވެ. ޕީސީއޯއެސްގެ ނަން އެނގުނަސް، މިއީ ދައްކަން ފަސޭހަ ވާހަކައަކަށް ނުވުމުން ކޮންމެ މީހަކަށް ވެސް ފާހަގަވަނީ ހަަށިގަނޑުގެ ބޭރުފުށުން ފެންނަ މި އަލާމާތްތަކެވެ. އަދި މި ކަންކަމާ ވިސްނާނުލައި ގާތް މީހުންނާއި ރަހުމަތްތެރިން ބުނެލާ ބަސްތަކާއި ކުރާ ކޮމެންޓްތަކަކީ އިތުރަށް މީހާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްކޮށްލާ އަދި ކުރާ ހިތްވަރު ފުނޑުކޮށްލާ ކަމެކެވެ.

ޕީސީއޯއެސް އާއި އިންފާޓިލިޓީ

ޕީސީއޯއެސް ހުންނަ ނަމަ ދަރިމައިވުމަށް އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ. ބަރުދަން އިތުރު ނަމަ ދަރިމައިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ ބަރުދަން އެކަށޭނަ މިންވަރެއްގައި ހިފެހެއްޓުމެވެ. އޯވިއުލޭޓް ކުރުމަށްޓަކައި ޑޮކްޓަރީ ބޭސްތައް ހުންނައިރު، ބައެއްފަހަރު އޮޕަރޭޝަން ކޮށްގެން ވެސް ބިސްރަވައިގައި އުފެދިފައި ހުންނަ ފެންބިހިތައް ނައްތާވެސް ލެވިދާނެ އެވެ. ނަމަވެސް ދިގު މުއްދަތަކަށް ފަހު މިކަމުގެ ސަބަބބުން ދިމާވެދާނެ ނޭދެވޭ ކަންކަމުގެ ރަނގަޅު ދިރާސާއެއް އަދި މިހާތަނަކަށް ހެދިފައެއް ނުވެ އެވެ.

ސިއްހަތު އަންހެނުން

Popular