By: Aishath Mihna Nasih
ކޮންމެ މީހަކު ވެސް ލޯބި ބޭނުންވެ އެވެ. އަމިއްލަ ޒާތީ ދިރިއުޅުމުގައި ވެސް، އަދި މަސައްކަތުގެ މައިދާނާއި އާއިލާގެ ތެރެއިން ވެސް މެ އެވެ. އެކަމަކު އެ ލޯބި ހޯދަން ނުވަތަ ލިބިފައިވާ ލޯބި ގެއްލިދާނެކަމަށްޓަކައި، މީހަކު ކުރާހާ އުނދަގުލަކަށް، ތުރާލަކަށް ކެތްކޮށް ވީހާލެއްގައި ވާކަށް ނުޖެހޭނެ އެވެ.
ތިމާގެ ގައިގައި ޖަހާ ނަމަ، ތަދުކުރާ ނަމަ، ހަޑިހުތުރު ބަސްބަހުން މުއާމަލާތްކުރާ ނަމަ އެއީ އަނިޔާކަން ވަރަށް ފަސޭހައިން ދެނެގަނެވެ އެވެ. އެކަމަކު ނަފްސާނީގޮތުން ބަލިކޮށްލައި، ތިމާގެ އަގާއި ނަފްސުގެ އިތުބާރު ފުނޑުފުނޑުކޮށްލާއިރު، މިއީ އަނިޔާތޯ ސުވާލު ވެސް ނުކުރެވޭ ފަހަރު ވެސް ދެ އެވެ. ނަފްސާނީގޮތުން ތިމާއަށް ކުރާ އެކި އަނިޔާތައް ދެނެގަނެ މިފަދަ ގުުޅުންތަކުން ރައްކާތެރިވާނެ ގޮތްތައް ހޯދައި ދެނެގަތުން މުހިންމެވެ.
ނަފްސާނީ ބައެއް އަނިޔާގެ ތެރޭގައި؛
- މާ ބޮޑަށް ކޮންޓްރޯލްކުރުން: އެމީހަކު ގަބޫލުކުރާ ގޮތް އެއީ ދެން އެންމެ ފަހު ނިންމުން. އެކަމާ މެދު ދެބަސްވުމެއް، އިތުރު ޚިޔާލެއް މަޝްވަރާއަކަށް ޖާގަ ނެތުން.
- ކޫސަނިވުން: ތިމާގެ ބޭނުންތަކާއި ކޮންމެހެން ބޭނުންވާ ކަންކަމާ މެދު ފިކުރު ކުރުމެއް ނެތި ކިތަންމެ ކުޑަ ކަމަކީ ވެސް ބޮޑު ކަންތައްގަނޑަކަށްވެ ދެބަސްވުމާ އެކު، ތިމާގެ ކަންކަން އެއީ ބޭކާރުކަމެކޭ ހީވުން.
- އެމީހެއްގެ ކައިރީގައި ހުންނައިރު ޖެހިލުންވުން: އަބަދުވެސް އަނެކާ ރުޅިގަދަވެދާނެތީ، އަދަބުދީފާނެތީ ބިރުގަނެފައި ހުންނަންޖެހުން.
- އެއްފަހަރު އިންތިހާއަށް ލޯބި ވެފައި، އަނެއްފަހަރު ނުލަފާކަން ދެއްކުން: އޮޅުވާލައިގެން، ނުވަތަ ގަދަބާރުން. ނުވަތަ އަބަދުވެސް ހައްދާލައިގެން ގެންގުޅުމާއި، އަންދާޒާކުރަން ނޭނގޭހާ އަވަސްއަވަހަށް މޫޑު ބަދަލުވުން.
- އެހެން މީހުންގެ ތެރެއަށް ތިމާ ދިއުމަށް ހުރަސްއެޅުން: އަބަދުވެސް ތިމާހުންނަންޖެހޭނީ އޭނާއަށް ކޮންޓްރޯލް ކުރެވޭނެ ހިސާބެއްގައި. އެހެން މީހުންގެ ތެރެއަށް ނުކުމެ އުޅުމަށް ހުރަސްއަޅާ ތިމާއަށް އެހީވެދޭން އޮތް ހުރިހާ މަގެއް ބަންދުކުރުން
- އަބަދުވެސް އޭނާގެ އެދުންތައް މުހިންމުވުން: އަބަދުވެސް ތިމާގެ ކަންކަމާއި، ބޭނުންތަކަކީ ބޭކާރު، ނުވަތަ މުހިންމުނޫންކަމެއްގެ ގޮތުގައި ވިސްނުވައިދިނުން. އަދި އޭނާގެ ކަންކަމާއި ބޭނުންތައް އެއީ ވަރަށް މުހިންމު އަދި ކޮންމެހެންވެސް ފުރިހަމަވެފައި ހުންނަންޖެހޭ ކަމެއްގެ ގޮތުގައި ގަބޫލްކުރުން
- ގޭސްލައިޓްކުރުން: ކޮންމެ ފަހަރަކުޖެހޭ މައްސަލައަކީ ވެސް ތިމާގެ ފުށުންވާ ކަމެއްގެ ގޮތުގައި ބުނެ ތިމާ ގޯސްކުރުން
- އަޑުނޭހުން: ކިތަންމެ މަސައްކަތެއް ކުރިޔަސް، ތިމާ ދައްކާ ވާހަކަ އާއި، ވިސްނުމާއި ހިޔާލު އަދި ބޭނުންތައް އަޑުނީވުން
މިއީ ހައްތަހާ ވެސް ނަފްސާނީގޮތުން ތިމާއަށް އަނިޔާދެވިދާނެ ގޮތްތަކެކެވެ. މިފަދަ ކަންތައްތަކެއް ތަހައްމަލުކުރަމުން އަންނަނަމަ އެ ގުޅުމެއްގައި ތިމާ ދެމި ތިހިރީ ސުވާލުކޮށްލުން މުހިންމެވެ.
މިފަދަ ގުޅުމަކުން ދުރުވާންވީ ކީއްވެ؟
މިއީ ވަޒީފާގެ ތެރެއިން ލިބޭ އަނިޔާތަކެއްނަމަ އެންމެ ފުރަތަމަވެސް ހިތަށް އަރާނީ ތިކަހަލަ އެހެން ވަޒީފާއެއް ލިބިދާނެތޯ އެވެ. އެކަމަކު، ތި އަނިޔާތަކުތެރޭ ވޭތުކުރާ ކޮންމެ ދުވަހަކީ ވެސް ތިމާގެ ނަފްސަށް އޮންނަ އިތުބާރު ގެއްލި، އުފެއްދުންތެރިކަން ދަށްވެ، ބަލިކަށިވާ ދުވަހެކެވެ. އެހާލުގައި މަސައްކަތްކުރުމަށްވުރެ، ނަފްސުގެ އަގު ހިފެހެއްޓުން މާ ބުއްދިވެރި އެވެ.
ހަޔާތުގެ ބައިވެރިޔާގެ ފަރާތުން މިފަދަ އަނިޔާތަކެއް ލިބޭ ނަމަ އެއީ ތިމާއަށް ތަގުދީރުގައި ހުރި މިންވަރޭ ބުނެ ފަރުޖައްސާލެވެ އެވެ. ނުވަތަ އެހެންމީހެއްގެ ނުވަތަ ބައެއްގެ ހައްގުގައި ކެތްކުރަން ބޭނުންވެ އެވެ. ނޫނެކެވެ.
ތިމާގެ ގޭގައި އަލިފާން ރޯވެ އަނދައި ހުލިވާއިރު ވެސް ހުންނާނީ ހަމަ އެ އަލިފާންގަނޑު ނިއްވާލެވޭނެ ކަމުގެ އުންމީދުގައި ހެއްޔެވެ؟ ނުވަތަ ރަނގަޅީ އެ އަލިފާނުގައި ޖެހި ތިމާ އެނދުމުގެ ކުރިން ސަލާމަތްކަން ހޯދުމެއް ނޫންހެއްޔެވެ؟
މިފަދަ އަނިޔާވެރި ގުޅުންތަކަކީ ވެސް ހަމަ މިޒާތުގެ ކަމެކެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުކުރާނަމަވެސް އެކަންކަމަށް ނިމުމެއް އަންނަންޖެހޭ--
ދުރުވާން ހަދާނީ ކިހިނެއް؟
ވަޒީފާގެ މާހައުލުގައި މިފަދަ އަނިޔާތަކެއް ތަހައްމަލުކުރާ ނަމަ ކޮންމެ އޮފީހެއްގައި ވެސް ގާއިމްކޮށްފައިވާ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީއަށް މައްސަލަ ހުށެހެޅިދާނެ އެވެ. ނުވަތަ ހަމަޖެހިގެން އެހެން ވަޒީފާއެއް ހޯދައިގެން މާހައުލު ބަދަލުކޮށްލާށެވެ.
މިފަދަ އަނިޔާތައް ކައިވެނީގެ ތެރެއިން ލިބޭ ނަމަ ނުވަތަ ލޯބިވެރިޔާގެ ފަރާތުން ލިބޭ ނަމަ މަޑު ނުކުރާށެވެ. އެހީ ހޯދާށެވެ. ނަފްސާނީ އަނިޔާއެކޭ ކިޔައި އެ އަނިޔާވެރިއަކު "އަންޑަ އެސްޓިމޭޓް" ނުކުރާށެވެ. ޖިންސީ އަނިޔާކުރުމާއި، ޖިސްމާނީ އަނިޔާ (ޖެހުން، ތަދުކުރުން) އާއި އެއްވަރަށް ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުކުރާ ނަމަ ވެސް އެކަންކަމަށް ނިމުމެއް އަންނަންޖެހޭކަން ދަންނާށެވެ.
ރާއްޖޭގައި މިފަދަ އަނިޔާއެއް ތަހައްމަލުކުރާ ނަމަ މިނިސްޓްރީ އޮފް ސޯޝަލް، ފެމެލީ ޑިވޮލޮޕްމަންޓްގެ ސޯޝަލް ސާވިސް ހޮޓްލައިން 1421 އަށް ގުޅައި އެހީހޯދާށެވެ. ނުވަތަ ކުޑަކުދިންނާ ގުޅޭ މައްސަލައެއް ނަމަ 1412 އަށް ގުޅައި ރިޕޯޓްކޮށް އެހީހޯދާށެވެ.