18 Dec 2023

By: Aishath Mihna Nasih

ބުލީ ނުވަތަ ހަނގާކުރުމުގެ ވާހަކަ އަހަރެމެންނަށް ގިނަ ފަހަރު ގުޅުވާލެވެނީ ސްކޫލާ އެވެ. ސްކޫލް ދުވަސްވަރު ދަރިފުޅުގެ ސިފަ އާއި އުޅުމާއި ކިޔެވުމާއި ނުވަތަ ހަށިގަނޑާއި ގާބިލްކަމާ ގުޅުވައިގެން އެކި ކުދިން ބުނާ އެއްޗިއްސާއި، ކުރާ ކަންކަމާ އެވެ. ނަމަވެސް، ބުލީކުރުމުގެ މި ވިޔާ ނުދާ އާދަ ފެށިގެން އަންނަނީ އޭގެ މާ ކުރިން އަހަރެމެންގެ ގޭތެރެއިންނެވެ.

ފޭސްބުކްގައި ލިޔެފައި އޮއްވައި ފެނުނެވެ؛

"ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވާއިރު ކައިރީގައި ވަށައިގެންތިބެ ، ފެންނަހާ މީހަކު، އެކުއްޖާ "ހާދަދޮނޭ"، "ހާދަ ކަޅޭ"، "ހާދަ ފަލައޭ"، "ހާދަހިއްކޭ" ކިޔުމަކީވެސް 'ގަނާ' ކުރުން؟"

މި ޕޯސްޓް ލިޔެފައިވަނީ، މަރިޔަމް ފިޒާނާ ރަޝީދު --

މިކަމާ ފުންކޮށް ވިސްނާލެވުނެވެ.

ދާދި އެއް އުމުރެއްގެ ކުދިންތަކެއް އާއިލާއެއްގައި ނުވަތަ ގޭދޮށުގައި ތިބި ނަމަ އަހަރެމެން ފުރާފުރިހަމަވެފައި ތިބޭ މީހުންގެ ކަމަކަށް އޮންނާނީ ދެންމެ ދެންމެ ވިހެއި ކުއްޖަކަސް ފަރުވާލެއް ނެތި އެކުދިން އަޅާކިޔުމެވެ. އެންމެ ދޮނީ ކޮން ކުއްޖެއްތޯ ނުވަތަ ހަމުގެ ކުލަ އަލިވާނީ ކޮންކުއްޖެއްތޯ ބެލުމެެވެ. ބަރުދަން ހެޔޮވަރު ވަރެއްގައި ހުރި ކުއްޖެއް ނަމަ އެއީ ހަމަ "ބިސް" ކޮޅެކެވެ. ނޫނީ "ފުށް" ގަނޑެކެވެ. ކިރިޔާ ވެސް ބަރުދަން ލުއިކޮށް ނޫނީ މި ސްޓޭންޑަޑަށް ނުފެތޭ ނަމަ، މާބަނޑުއިރު މަންމަ ރަނގަޅަށް ނުކަނީ އެވެ. ދަރިފުޅާ ދޭތެރޭ ނުވިސްނަނީ އެވެ. ނޫންނަމަ، "ދުޅަހެޔޮ ކާނާ" ނުކަނީ އެވެ.

އެކަމަކު، ދެންމެ ދެންމެ ދުނިޔެއަށް އުފަންވި ތުއްތުކުއްޖާގެ ކުށަކީ މިކަމުގައި ކޮބައިހެއްޔެވެ؟ މުޖްތަމައުގެ ސްޓޭންޑަޑަށް ނުފެތުން ހެއްޔެވެ؟

ހެދިބޮޑުވެ ސްކޫލް ފުރަޔަށް އެޅުމުން ވަކި ތަފާތެއް މިކަމުގައި ނާދެ އެވެ. ކްލާހުގައި އުޅޭ ރަހުމަތްތެރިޔާ ބުނެލާ ހިތްދަތި ބަހާ އެއްވަރަށް ގޭގައި އެއްބަނޑު އެއްބަފާ ބޭބޭ އާއި ދައްތަ ބުނެލާ ބަސްތައް ވެސް ހަމަ ދެރަކުރެ އެވެ. ހިތްދަތިކުރުވަ އެވެ. މަޖަލަކަށް ހަދައި އަތުގައި ހުންނަ އެއްޗެހި ނަގައި ހިފަހައްޓައި އެކި ނަންތަކުން ގޮވައި ހެދޭ ކުދިކުދި ގޯސްތަކުގެ ވާހަކަދައްކާ ބޭޒާރުކޮށް ލަދުގަންނަވާލުން އަސްލު "މަޖަލެއް" ނޫނެވެ.

މިފަދަ މާހައުލެއްގައި ބޮޑުވެ، އަމިއްލަ ނަފްސަށް ކުރާ އިތުބާރުގެއްލި، ކަންކަމާއި ކުރިމަތިލުމުގައި ބިރުގަނެ، މީހުން ކުރިމައްޗަށް ނުކުންނަން ފަސްޖެހުމުން ވަޒީފާގެ މައިދާނުގައިވެސް ވަނީ ބާކީ އެވެ.

އެ ހުރިހާ ނުތަނަވަސްކަމާއި، ފަރުވާ ނުލިބިހުރި ޓްރޯމާއާ އެކު، ކައިވެންނަކާ ހިސާބަށް ގޮސް، ޖެހޭ އެކިކަހަލަ ކުދި ބޮޑު މައްސަލަތައް ހައްލުނުކުރެވި، ޒުވާބުކޮށް ބޭއިޚްތިޔާރުގައި ވެސް އިންތިހާއަށް ރުޅި އަންނަނީ، ނަފްސުގެ މައްޗަށް އަމިއްލަ ކޮންޓްރޯލް ވެސް ގިނަފަހަރު ނެތީމަ އެވެ. ދެން މި މުޅި ސައިކަލް އަނެއްކާ ތަކުރާރުވަނީ ދަރިންނާ ހިސާބުންނެވެ.

ޔުނެސްކޯގެ ތަފާސްހިސާބުތަކުން އެނގޭގޮތުން ދުނިޔޭގެ ތިންބައި ކުޅަ އެއްބައި ޒުވާނުންނަކީ ބުލީންގެ ޝިކާރައަކަށްވެފައިވާ ބައެކެވެ. އާންމުކޮށް 70 އިންސައްތަ ސްކޫލްތަކުގައި ބުލީކުރުމުގެ މި ނުބައި އާދަ ވަނީ އަށެގެންފައެވެ. އެހިސާބުން އެ ނިމުނީކީއެއް ނޫނެވެ. ގޭތެރެއާއި، އިންޓަނެޓްގެ ޒަރިއައްޔާއިން ހިނގާ ސައިބަ ބުލީން ވެސް މީގައި ހިމަނަންޖެހެ އެވެ.

ހަނގާކުރާކަން ދެނެގަނެވިދާނެ ބައެއް ގޮތްތައް:

ބުލީގެ ޝިކާރައަކަށްވާ ކޮންމެ ކުއްޖަކީ އެއީ ބުލީކަން ދެނެގެނެގެން އެ ވާހަކަ އައިސް ބުނާނެ ކުއްޖެއް ނޫނެވެ. ކުދިންގެ އުޅުމާއި އަޚްލާގަށް ސަމާލުކަން ދޭށެވެ. ގޭތެރޭގައިވެސް ގޯސްކޮށް ކަމެއް ހިނގާނަމަ އެކަން ތަކުރާރުވުމުގެ ފުރުސަތު ނުދީ، އަމަލުކުރަންވީ ގޮތް ކިޔައިދޭށެވެ.

- ވީގޮތް ނޭނގި ޖިސްމާނީ ނިޝާންތަކާއި، ކަނޑައިގެން ގޮސްފައިހުރުމާއި، ރިއްސުމާއި، މަށައިގެން ގޮސްފައި ހުރުން

- ކުރިން ޝައުގުވެރިކަން ކުރި އިތުރު ހަރަކާތްތަކަށް ކުއްލިއަކަށް ދާހިތް ނުވުމާއި އެހެން މީހުންތަކުގެ ތެރެއަށް ދާން ބޭނުން ނުވުން

- އެކަނިވާން ބިރުގަތުން / ނުވަތަ މާ ބޮޑަށް އެކަނިވާން ބޭނުންވުން

- ނިދުމާއި ކެއުމުގައި ތަފާތުތަކެއް އައުން

- މާ އަވަސް އަވަހަށް މޫޑު ބަދަލުވުން

ދަރިން ތަރުބިއްޔަތުކުރުން ބުލީކުރުން

Popular