By: Aishath Jazlee
މި އޮތީ ވަރެއްގެ ފިރިހެނެއްގެ ވާހަކަ އެވެ. އާއިލާގެ މީހުންނާއި ވަޒީފާ އާއި މަގާމަށް ދަންދެން، އިނދެގެން އުޅުނު މީހާއަށް އޮޅުވާލި ފިރިހެނެއްގެ ވާހަކަ އެވެ. ޓިކްޓޮކްގައި ޕޯސްޓްކުރި މި ވާހަކަތަކަށް އާންމުންގެ ސަމާލުކަން އާދަޔާ ހިލާފަށް ލިބި އެ ޕްލެޓްފޯމްގައި އެންމެން ދައްކަނީ މިހާރު މި ވާހަކަ އެވެ.
މިއީ "ހޫ ދަ ފަ* ޑިޑް އައި މެރީ" ސްޓޯރީ ޓައިމްގެ ވާހަކަ އެވެ. "ރީސާޓީސާ" ނަމަކަށް ކިޔާ ކޮންޓެންޓް ކްރިއޭޓަރު މި ވަނީ ކޮވިޑުގެ ތެރޭގައި އޭނާއާ ބައްދަލުވެ, ރައްޓެހިވެ, އެކުގައި ލޮކްޑައުންވެ, މަދު ދުވަސްކޮޅެއްގެ ތެރޭގައި ކައިވެންޏާ ހަމައަށް ދިޔަ އޭނާގެ ފިރިމީހާ ހެދި ދޮގުތައް ބޭޒާރުކޮށްލައިފަ އެވެ. ދިހަ މިނެޓުގެ 50 ކްލިޕް ހިމަނައި ރީސާ ނެރުނު މި ސްޓޯރީ ޓައިމަކީ މިހާތަނަށް ޓިކްޓޮކަށް ނެރުނު އެންމެ ދިގު ސްޓޯރީ ޓައިމެވެ. އެތައް ބަޔަކު ވަގުތު ހުސްކޮށް, މި ވާހަކައަށް ހުސްވީ މީގެ ކުރިން މި ވަރުގެ ވާހަކައެއް އިވިފައި ނުވާތީ އެވެ.
ރީސާޓީސާގެ "ހޫދަ ފަ* ޑިޑް އައި މެރީ" ސީރީޒް
ރީސާޓީސާ އިން މީހާ އޭނާއަށް ދެ ދައްތަ ހުރި ކަމަށް ބުނެ އޮޅުވާލި އެވެ. ދެ ބޭބެ ހުރި އިރު, އެ މީހުންނާ ގުޅުމެއް ނެތަސް، ކޮންމެ ދުވަހަކު ވެސް ބޭބެއަށް ގުޅާ ކަމަށް ހެދި ފޯންކޯލުތައް ވެސް ފޭކު ކުރީ އެވެ. ނުވިތާކަށް އެތައް އަހަރެއް ކުރިން މަރުވި އާއިލާ މީހުން ކޮވިޑު ޖެހިގެން މަރުވި ކަމަށް ވެސް ބުނީ އެވެ.
މި ވަރަކުން ނުފެދެ އެވެ. އަމިއްލަ ކުންފުންޏެއްގައި، ފޯކުލިފްޓް ދުއްވަން އުޅުނު މި މީހާ އަކީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ކަމަށް ވެސް ބުންޏެވެ. ނުވިތާކަށް ބޮޑު މުސާރައެއް ލިބޭކަމަށް ބުނެ, ގެ އާއި ކާރަކާ ގަންދޭނެ ކަމަށް ވައުދު ވެސް ވީ އެވެ. އަދި އެ ތަންތަން ބަލައި، ރީސާ އެ ދެ މީހުންގެ މުސްތަގުބަލަށް އެތައް އުންމީދެއް ކުރުވާ ވަރަށް ހުވަފެން ވެސް ދެއްކީ އެވެ.
އަންހެނުންނަކީ އެފްބީއައި އޭޖެންޓުންހާ މޮޅު ބައެކޭ ބުނާ ބުނުން ރީސާ ޔަގީންކޮށްދިނީ, މި ހުރިހާ ކަމެއް އަމިއްލައަށް ތަހުގީގުކޮށް ހެއްކާ އެކު ހޯދައިގެންނެވެ. ރީސާ ބުނީ ރިލޭޝަންޝިޕްގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެތައް ރެޑް ފްލެގުތަކެއް ހުރި ކަމަށެވެ. އެކަމަކު ވެސް އެ ރެޑް ފްލެގްތައް އިގްނޯކުރީ, އޭނާ ދެއްކި ވާހަކައަށް އިތުބާރުކޮށް, ދިރިއުޅުމެއް ފެށުމަށް ކެތްމަދުވެފައި ހުރުމުންނެވެ.
ރީސާގެ ސްޓޯރީއަށް އޮތް އޮބްސެޝަން ދައްކައިދޭ ޓިކްޓޮކެއް.
ރީސާ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އެ މީހާ އަކީ ޕެތަލޮޖިކަލް ލަޔާ އެކެވެ. އަދި ރީސާއަށް އޭނާއަށް ހޯދައިދެވޭނެ ފެންވަރު ނެތް އެތައް އެއްޗެއް ހޯދައިދޭނެ ކަމުގެ އަވާމެންދުރު ދެއްކީ އެ ނުލިބި, އޭނާއަށް ކުރާ އަސަރުން އެ މީހާއަށް ހިތްހަމަޖެހުން ލިބޭތީ އެވެ.
ރީސާގެ ކުރީގެ ފިރިމީހާގެ ކަންތައްތައް ބޭޒާރުވުމަކީ އޭނާއަށް ނަފްސާނީ ގޮތުން ބޮޑު އަސަރެއް ކުރި ކަމެކެވެ. ދުވަހަކު ވެސް މީހަކު ދޮގުހަދާފާނެކަމަށް ގަބޫލުނުކުރި އެތައް ކަމަކަށް ދޮގު ހަދައި, ތެދަށް ވުރެ ދޮގު ގިނަވެ, ރީސާއަށް އެ ރިލޭޝަންޝިޕުން އަސްލުކަންކަމަކީ ކޮބައިކަން ވަކިކުރަން ވެސް ނޭނގޭތީ މީހުންނަށް އިތުބާރުކުރުމަކީ އޭނާއަށް މިހާރު އުނދަގޫ ކަމެކެވެ.
ރީސާ ބުނީ މި ވާހަކަ ޕަބްލިކް ކުރީ ފެންނަ ރެޑް ފްލެގުތަކަށް އަޅާނުލައި ދޫކޮށްނުލަން ހަނދާންކޮށްދިނުމަށް ކަމަށެވެ. އަދި ބައިވެރިވާ ދޮގު ހަދާހެން ހީވެ, އަންނަ ގަޓް ފީލިންއަށް އިތުބާރުކުރުމަށާއި ބައިވެރިޔާގެ ފަރާތުން ފެންނަ ސުވާލު އުފެދޭ ކަންކަމުގެ ހަގީގަތް ހޯދުމަށް ހިތްވަރުދީ, ޕެތަލޮޖިކަލް ލަޔާޒް ފަދަ އިމޯޝަނަލީ އެބުއުޒިވް ރިލޭޝަންޝިޕުން މީހުން ސަލާމަތްކުރުމަށް ކަމަށް ވެސް ބުންޏެވެ.
ރީސާގެ މި ސްޓޯރީ ޓައިމަށް ފަހު ޓިކްޓޮކުގައި ބައެއް މީހުން ބުނަނީ ރައްޓެހިވާއިރު ބާތު ސެޓްފިކެޓު ވެސް ބަލާފައި ނޫނީ ދެން ރައްޓެހި ނުވާނެ ކަމަށެވެ. އަދި ކުރިން ފިރިހެނުންނަށް އިތުބާރު ކުރި މިންވަރަށް ވެސް މިހާރު ނުކުރެވޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. ޖޯކެއްގެ ގޮތުގައި ވެސް އެތައް ބަޔަކު މިއާ ގުޅުވައި ގިނަ ޓިކްޓޮކްތަކެއް އަންނަނީ ހަދަމުންނެވެ.