24 Feb 2024

އަކުރު ޓައިޕް: ދިވެހި ފޮންޓްތައް އެއްތަނަކުން

އަކުރު ޓައިޕް: ދިވެހި ފޮންޓްތައް އެއްތަނަކުން

By: Aishath Mihna Nasih

ގަޔާވާ ދިވެހި ފޮންޓެއް ނުފެނިގެން ދެން އުޅޭކަށެއް ނުޖެހޭނެއެވެ. ބުރާސްފަތި ދުވަހު ލޯންޗްކުރި "އަކުރު ޓައިޕް" އަކީ ތާނަ އަކުރުގެ އެކި ފޮންޓްތަކުގެ އިންތިޒާރުގައި ތިބި އެތައް ބަޔެއްގެ އުންމީދުތައް ހަގީގަތަކަށް ހަދައދިން އަދި ތާނަ ފޮންޓްތައް ފަރުމާ ކުރާ ފަރާތްތަކަށް ހުޅުވުނު ރަނުގެ ފުރުސަތެކެވެ.

ދިވެހި ބަހާއި ސަގާފަތް އަދި ތަރިކަ ވުޒާރާގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް ބުރާސްފަތި ދުވަހު ލޯންޗުކޮށް ދެއްވި އަކުރު ޓައިޕްގެ މަގުސަދަކީ ދިވެހި އަކުރުގެ އަގު ވަޒަންކުރުމެވެ. މިނިސްޓަރު ވަނީ ދިވެހި ބަހަށް ދިރުވާ އާލާކޮށް، ބަހާއި އަދަބިއްޔާތު ދުނިޔޭގެ ފެންވަރުގައި ކުރިއެރުވުމަށް މިފަދަ ޕްލެޓްފޯމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަކުރު ޓައިފް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----

އަކުރު ޓައިޕްގެ އެއް މޭސްތިރިޔާ ކަމަށްވާ އަބްދުﷲ ޝަފީއު (އަބޯ) ބުނިގޮތުގައި އަކުރު ޓައިޕްގައި ފާއިތުވެދިޔަ ދެ އަހަރު ދުވަހު އޭނާ ތައްޔާރުކުރި އެކި ފޮންޓްތައް ހުންނާނެއެވެ. ނަމަވެސް އަކުރު ޓައިޕްގެ މައިގަނޑު މަގްސަދަކަށްވީ އޭނާގެ އިތުރުން ތާނަ އަކުރުގެ އެކި ފޮންޓްތައް ފަރުމާ ކުރާ ފަރާތްތަކުގެ މަސައްކަތްތައް އެއް ތަނަކުން އެންމެންނަށް ލިބޭނެ ގޮތް ހަދައިދިނުމެވެ.

"އަކުރު ޓައިޕްއަކީ ހުނަރުވެރި ޑިޒައިނަރުންނާއި، ލިޔުންތެރިންނާއި، ޓައިޕް ފައުންޑްރީތަކާއި، ކްރިއޭޓިވް ބްރޭންޑްތަކުން ފަރުމާކޮށްފައިވާ ދިވެހީ ފޮންޓްތައް އެއްތަންކޮށްފައިވާ މުއްސަނދި ޕްލެޓްފޯމެއް."

ހުނަރުވެރިކަމާއި ފަންނުވެރިކަމާ އެކު ފަރުމާކޮށްފައިވާ މި ފޮންޓްތަކުން ދިވެހި އަކުރުގެ މުއްސަނދިކަމާއި ރީތިކަން އަދި ތާރީހާއި ސަގާފަތް ދައްކުވައިދެއެވެ. އަކުރު ޓައިޕްގެ ކޮންމެ ފޮންޓަކީ ވެސް ދިވެހި ބަހަށް އިތުރު ޝައުގުވެރިކަން އުފައްދާ ފޮންޓެކެވެ.

https://twitter.com/akurutype/status/1760682465553998169

އަކުރު ޓައިޕް މާކެޓްޕްލޭސްގައި ފޮންޓް އުފައްދާ ފަރާތްތަކަށް އެމީހުންގެ ފޮންޓް ދައްކާލައި, ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަކުރު ޓައިފް ކޮންޓްރިބިއުޓާ ޕްލެޓްފޯމް ވެސް ވަނީ ތަޢާރަފްކުރެވިފައެވެ. ކޮންޓްރިބިއުޓާ ޕްލެޓްފޯމްގެ ޒަމާނީ ފީޗާސްތައް ބޭނުންކޮށްގެން ދިވެހި ފޮންޓްތައް ރަނގަޅަށް މާކެޓްކޮށް ޕްރޮމޯޓްކޮށް، ޕޮޓެންޝަލް ކަސްޓަމަރުންނާ ދެމެދު ގާތް ގުޅުމެއް އުފެއްދޭނެއެވެ.

މިހާރު މި ޕްލެޓްފޯމް ބޭނުންކުރާ 3 ކޮންޓްރިބިއުޓަރުންނާ އެކު އަކުރު ޓައިޕް އިން ވަނީ އެހެން ހުނަރުވެރި ފޮންޓް ފަރުމާކުރާ ފަރާތްތަކަށް ވެސް އެމީހުންގެ ފޮންޓްތައް ޑިސްޓްރިބިއުޓްކޮށް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އަކުރު ޓައިފް ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----

'އަކުރު ޓައިޕް'ގެ ގްރޭންޑް އޯޕަނިން އިވެންޓުގެ ތެރެއިން އެންކްރިއާ ސްޓޫޑިއޯ އިން ވަނީ 'ފިލީ ޓައިޕް ފައުންޑްރީ'ގެ ނަމުގައި އަމިއްލަ ޓައިޕް ފައުންޑަރީއެއް ވެސް ތައާރަފްކޮށްފައެވެ. 'ފިލީ ޓައިޕް ފައުންޑްރީ'ގެ ގިނަ އަދަދެއްގެ ފޮންޓްތައް މިހާރު އަކުރު ޓައިޕް މާކެޓުން ގަނެ ނުވަތަ ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

ދިވެހި ބަހުގެ ތަފާތު ތަޖުރިބާއަކަށް, ތާނަ އަކުރުގެ މުޅިން ތަފާތު ފަރުމާތަކެއް އިހްތިޔާރުކުރުމަށް www.akurutype.com އަށް ޒިޔާރަތް ކުރައްވާށެވެ.

ސަގާފަތް އާޓިސްޓް

Popular