16 Apr 2024

މި އެކްޓަރުން އޭރުވެސް މިހާރުވެސް ތިބީ މިހެން

ކުޑައިރުގެ އުފާވެރި މަޖާ ހަނދާންތަކުގެ ކޮންމެވެސް ހިސާބެއްގައި ދިވެހި ސިނަމާ ނުވަތަ ދިވެހި ފިލްމުތަކާއި ލަވަތަކުގެ ރޯލު ވަރަށް ބޮޑެވެ. އެންމެ ޗެނަލެއް ލިބެން ހުރިއިރު ވެސް ޝަކުވާތަކެއް ނުކޮށް އެއިން ދައްކާ ފިލްމުތަކާއި ލަވަތައް އާއިލާއާ އެކީ ބަލައި މަޖާކޮށް ހެދީމެވެ.

އީދެއް ހަފްތާ ބަންދެއް ނުވަތަ މަޖާކުރެވޭ ހަފްލާއެއް އޮވެއްޖެ ނަމަ މި ލަވަތައް ބަލައިގެން އެކްޓުކޮށް ނަށަން ދަސްކުރީމެވެ. އަދި ގޭގައި އެކި އެކި މުބާރާތްތައް ބާއްވައި ބޮޑު ސީރިއަސް މަޖާގަނޑެއްގައި އުޅުނު ހަނދާންތައް ހަރުލާފައި ހުރެ އެވެ. މި ފިލްމުތަކާއި ލަވަތަކަކީ އަހަރުމެންގެ އޭރުގެ ކުޑަ ނަމަވެސް ވަރުގަދަ ސިނަމާގައި ތިބި މަދުބައެއްގެ މަސަތްކަތްތަކުން ބެލުންތެރިންނާ ހަމައަށް ގެނެސްދެވުނު އައިޓަމްތަކެކެވެ.

އޭރު ފެނުނު ގިނަ ސްޓާރުންތައް މިހާރު ވެސް ސްކްރީން ކުރިމަތިން ފެންނާތީ ވިސްނާލާއިރު އެއީ އަހަރުމެން ކުޑަ އިރުއްސުރެއް ދެކެމުން އައި ބަދަލައެއް ނުވާ އަދި މުސްކުޅިނުވާ ބައެއްގެ ގޮތުގައި ހިޔާލުގައި ހަރުލާފައިހުރެ އެވެ. މިއީ އެކަހަލަ ތަރިންގެ ލިސްޓެކެވެ. އެހާރާއި މިހާރުގެ ތަފާތު ބަލައިލަމާ ހިނގާށެވެ.

އަލީ ސީޒަން

ސީޒަންގެ ފިލްމީ ހަޔާތް 1997 ގައި ކެމެރާގެ ފަހަތުން ފެށިގެން އައިސް 2000 ވަނަ އަހަރު "2000 ވަނަ އުފަންދުވަސް" މި ފިލްމުން އޭނާގެ އެކްޓިން ދައްކާލާފައިވެ އެވެ. ކުޑައިރު އެންމެ ގަދަޔަށް ނަށާލި "ފުރަތަމަވެސް ފެނުނީމާ" މި ލަވައިގައި ސީޒަންގެ މޮޅެތި ސްޓެޕްތައް ފެނިފައި އަހަރުމެން ތިބީ އޭރު ސޮނިވެއްޓިފަ އެވެ. އެންމެ ފަހުން ސީޒަން ފެނުނީ "ޔާރާ" ސީރިޒް އަދި ސިނަމާގައި އެޅުވި "ލޯބި ވެވިއްޖެ" މި ފިލްމުންނެވެ.

ޝީލާ ނަޖީބް

ފިލްމު "ހިތް އެދެނީ" އިން ދިވެހިންގެ ހިތްތައް ދަމައިގަތް ޝީލާގެ ކެރިއަރު އޭގެ މާ ކުރިން ފެށިއްޖެ އެވެ. އެއީ "ނުދާށޭ މަގޭ ލޯބިވާ" ނަމަކަށް ކިޔާ ލަވައަކުންއެވެ. އެތައް ބައެއްގެ އެންމެ ފޭވަރިޓްޝީލާގެ މި ނޫނަސް ގިނަ ފިލްމުތަކެއް ވަނީ ފެނިފަ އެވެ. "ޔޫ އާ މައި ސޯނިއާ" އަދި ފިލްމު ޒުލޭހާގެ "ފާޅުގައި" ނަމަކަށް ކިޔާ ލަވައިގެ ސްޓެޕްތައް ދަސްކޮށްގެން އުޅުނު ހަނދާން ވޭހެއްޔެވެ؟

ރީކޯ މޫސާ މަނިކު

މިހާރު ފިލްމީދާއިރާއާ ތަންކޮޅެއް ދުރުގައި އުޅުނެއް ކަމަކު މަދުމަދުން ނަމަވެސް ރީކޯ މޫސަގެ މޫނު ފެނެ އެވެ. މިހާރު ސިނަމާގައި އަޅުވާފައި އޮތް "ލަސްވިޔަސް" ފިލްމުގައި ވެސް ރީކޯ މޫސަގެ ރޯލެއް ފެނެ އެވެ. އަހަރެމެން ކުޑައިރުއްސުރެއް މިއަދާ ހަމައަށް ވެސް ރީކޯ މޫސަގެ ސީނެއް ބޮލުގައި ހަރުލާފައި ހުރެ އެވެ. އަދި އެގޮތަށް އެކްޓުކުރެވޭތޯ ބަލާ މީހުން ވެސް އުޅެ އެވެ. އެއީ ފިލްމު ފަތިސް ހަނދުވަރުގެ "ޒޫނާ" ގެ ނަމުން ބިރުވެރިކޮށް ގޮވާލާ ސީން އެވެ.

އައިމިނަތު ރަޝީދާ

ފުރިހަަމަ ނަމުން ބުނީމާ ބައެއް މީހުންނަށް މިއީ ކާކުކަން ވަކި ކުރަން ނޭނގިދާނެ އެވެ. ނަމަވެސް "ފިލްމު ކުޅޭ އައިންތު" އެންމެންނަށް ވެސް އެނގެ އެވެ. އައިންތުގެ ފިލްމީ ހަޔާތް ފެށިފައި ވަނީ 1995 ގައި ނެރުނު "ދުޝްމަން" ނަމަކަށް ކިޔާ ފިލުމަކުންނެވެ. މިހާރު ވެސް ހުއްޓުމެއް ނެތި މި މި މަސަތްކަތުގައި އުޅޭ އިރު އެތައް ބައެއްގެ ފޭވަރިޓް މަންމަ ރޯލު ކުޅޭ އެކަކަށް އައިންތުވަނީ ވެފަ އެވެ.

މުހައްމަދު މަނިކު

އަބްދުލްފައްތާހުގެ ހިޓް ޓީވީ ސީރީޒް "ތިއޭ މިހިތުގެ ވިންދަކީ" ގައި މަނިކު ދައްކާލި އެކްޓިންއަށް މުޅި ރާއްޖެ އޭރު ތައުރީފްކުރި އެވެ. މަނިކުގެ ފާހަގަކޮށްލެވޭ ދެ ލަވައެއް ދެ ސަބަބަކާ ހުރެ ކުރިން ވައިރަލް ވެގެން ދިޔަ އެވެ. ކޮޕްސް ބޭންޑުގެ "ވާށޭ މަށާ އެހީ" ނަމަކަށް ކިޔާ ލަވައެއްގައި ޓައި ޑައި ސްޓައިލްގެ ޓީޝާޓެއް ލައިގެން ކުޑަކުޑަ މަނިކު އަހަރެމެން ރޮއްވާލި އެވެ. އެއަށްފަހު މޮޅު ނެށުމެއް ދައްކާލާފައިވާ "ހީލާ ބެލީމާ ވާ އަރާމޭ" މި ލަވަ ކިތަންމެ ވަރަކަށް ޓީވީން އަޔަސް ފޫހި ނުވެ ބަލަން ތިބީމެވެ.

މަރިޔަމް ނިޝާ

ބައެއް މީހުން ދެކޭ ގޮތުގައި އަދިވެސް މިވަރުގެ ތަރިއެއް ދިވެހި ފިލްމީ ސީންއަކުން ފެނިފައެއް ނުވެ އެވެ. ރީތިކަމާއި މޮޅު އެކްޓިންގެ ސަބަބުންނެވެ. ނިޝާގެ ލަވަތަކުގެ ތެރެއިން އެންމެ އަޑުނަގާ އެއް ރާގަކަށް ކިޔަމުން އައި އެއް ލަވައަކީ "ދަނީހޭ އައިސްބަލާ" އެވެ. މަދުމަދުން ނަމަވެސް މިހާރު އެކި ކަހަލަ ޓޯކް ޝޯތަކުންނާއި ޓިކްޓޮކުން މަރިޔަމް ނިޝާގެ މޫނު އަނެއްކާވެސް ފެންނަމުން އެބަދެ އެވެ.

ޔޫސުފް ޝަފީއު

ޔޫއްޕެއަކީ އޭރުއްސުރެއް އަދިވެސް އަވަދިނެތި ފިލްމީ ދާއިރާގަައި މަސަތްކަތް ކުރަމުން އަންނަ މީހެކެވެ. ކެމެރާގެ ކުރިމަތިން ފެންނަން ހުރި މަސަތްކަތްތަކާ އެއްވަރަކަށް ކެމަރާ ފަހަތުގައި ވެސް ޔޫއްޕެ ހަރަކާތްތެރިވެ އެވެ. ފުރަތަމަ ފެނިލުން ފެނިފައި ވަނީ 1999 ގައި "ގުރުބާނީ" ނަމަކަށް ކިޔާ ފިލްމަކުންނެވެ. ދިވެހިންގެ ތެރޭގައި އޭރު އެންމެ ހިނގި ޔޫއްޕެގެ މަސައްކަތްތަކުގެ ތެރޭގައި "ކަލާޔާނުލައި" "ނާއުއްމީދު" އަދި "ޔޫސުފް" ހިމެނެ އެވެ. މީގެ އިތުރުން ޔޫއްޕެ "ތިހާ ފަރިކަން ނުވެޔޭ" މި ލަވައިގެ ޑާންސް ސްޓެޕްތައް ދަސްކޮށް އެއާ އެއްގޮތަށް ނެށޭތޯޯ ބަލަން އުޅުނު މީހުން ވެސް އޭރު ގިނަ އެވެ.

ނިއުމާ މުހައްމަދު

މިއީ އޮއްސުމެއް ނެތް އެއް ތަރި އެވެ. ނިއުމާގެ "ފަތިސް ހަނދުވަރު" ، "ހިތް ރޮއްވާނުލާ" އަދި "ކަލާނުލާ" މި ފިލްމުތަކަކީ ދިވެހިންގެ ހިތުގައި ރަސްކަން ކުރި ބައެއް އެއްޗިއްސެވެ. ގިޔާސް އަދި ޔޫއްޕެ އަދި ސީޒަން ފަދަ އޭރު ނަށަން މޮޅެތި ތަރިންނާ އެއްކޮށް އެއަށްވުރެ ފުރިހަމައަށް ކޮންމެ ލަވައެއްގެ ޑާންސް ސްޓެޕްތައް ނިއުމާ ޖައްސާލަ އެވެ. އޭގެތެރޭގައި އެންމެ ގިނަ ދުވަހު ޗާޓުތަކުގެ އެއްވަނައިގައި އުޅުނީ "ބޭނުމީ ޖަވާބެއް ދޭން" އަދި "ފުރަތަމަވެސް ފެނުނީމާ" މި ލަވަ އެވެ.

Popular