15 Apr 2024

އަދިވެސް ވިސްނައިދެނީ ފިރިހެނުން ނުރޯނެއޭ

އަދިވެސް ވިސްނައިދެނީ ފިރިހެނުން ނުރޯނެއޭ

By: Aishath Mihna Nasih

ފިރހެނުން ރޮއެގެން ނުވާނެ އެވެ. ތަދު އިހުސާސެއް ނުވާނެ އެވެ. ވަރުގަދަ ވާންޖެހޭނެ އެވެ. ހިތްވަރު ހުންނަން ޖެހޭނެ އެވެ. ކަންކަމާ ކުރިމަތިލެވެން ވާނެ އެވެ. މީހުން ބުނާއެއްޗަކުން ހިތްދަތި ވެގެން ނުވާނެ އެވެ.

ޖަޒުބާތީ ވުމަކީ އަންހެންވަންތަ ސިފައެކެވެ. އެއީ އަންހެނުން ކުރާ ކަމެކެވެ. މިއީ ބޮޑުވަމުން އައިއިރު އަހަރެމެން އެންމެންވެސް އަޑުއަހާފައި ހުރި ވާހަކަތަކެވެ. ފިރިހެންވަންތަކަން އަހަރެމެންނަށް އަބަދުވެސް ގުޅުވާލެވެނީ ހަރުކަށި، ބާރުގަދަ، މިނިވަން އަދި ވަރުގަދަ ފަދަ ބަސްތަކާ އެވެ.

އާންމުކޮށް "ފިރިހެން ކުދިން ނުރޮނީ" މި ފިކުރު ޖީލުން ޖީލަށް ފޯރާފައިވާތީ އެވެ. ފިރިހެން ކުދިންނަށް އެންމެ ކުޑައިރުއްސުރެ ދަސްކޮށްދެވެނީ ނުރޯށެވެ. ހަރުކަށިވެ، ބަލިކަށިކަން ނުދައްކައި، ޖަޒުބާތު ދެއްކުމަކީ ބަލިކަށިކަމުގެ ނިޝާނެއް ކަމަށް ހީކުރުމަށެވެ. މިފަދަ ވާހަކަތަކުން ކުއްޖާ ބޮޑުވާއިރު ތަރުބިއްޔަތުކުރެވެނީ އަހަރެމެންގެ "މުޖްތަމައުގެ މިންގަނޑަށް" ފެތޭ ފިރިހެނެއްގެ ގޮތުގަ އެވެ.

އެކަމަކު ހަގީގަތަކީ ކޮންމެ ޖިންސަކަށް ވިޔަސް އިހްސާސްތަކަކީ އިންސާނަކަށް ވުމުގެ އަސާސީ ބައެއްކަމެވެ. އެކަންކަން ހުއްޓުވަން މަސައްކަތް ކުރުމަކީ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ނުރަނގަޅު ކަމަކެވެ. އިޙްސާސްތައް ކޮންޓްރޯލް ކުރުން ފަދަ ސްޓީރިއޯޓައިޕް ފިރިހެން އުސޫލުތަކަށް ތަބާވާ ފިރިހެނުންނަށް ނަފްސާނީ މައްސަލަތަކާ ކުރިމަތިލާންޖެހޭ މިންވަރު އިތުރެވެ.

ހަމަ އެގޮތަށް، ރުއިމަކީ ބަލިކަށިކަމުގެ ނިޝާނެއް ކަމަށް ބުނުމުން ނާޒުކުކަމުގެ ރީތިކަމާއި ބާރު ނަގާލައެވެ. ތިމާގެ އިހްސާސްތަކާ ކުރިމަތިލައި، އެކަމާ ބެހޭގޮތުން ތެދުވެރިކަމާ އެކު ވާހަކަ ދެއްކުމަށް ހިތްވަރު ބޭނުންވެ އެވެ. ނާޒުކުކަމަކީ ބަލިކަށިކަމެއް ނޫނެވެ؛ އެއީ މީހުންނާ ގުޅިގެން އުޅުމާއި ކަންކަމާ މެދު ވިސްނައި، ނާކާމިޔާބީތަކުން ފަހަތަށް ޖެހެން އެހީތެރިވެދޭނެ ކަމެކެވެ.

ކޮންމެ އުމުރެއް ނަމަވެސް ފިރިހެނުންނަކީ ވެސް އުފަލާއި ހިތާމަ އިހްސާސްކުރާ ބައެއް

މިނޫނަސް ފިރިހެން ވުމަކީ ކޮބައިތޯ މި ސުވާލުތައް އަދިވެސް ކުރެވެންޖެހެ އެވެ. މި ވާހަކަ ދެކެވެން ޖެހެއެވެ. ގެއްލުން ހުރި ސްޓިރިއޯޓައިޕްތައް ނައްތާލުމުގެ މަސައްކަތް ވަރުގަދަކުރަންޖެހެ އެވެ. މަސައްކަތްކުރަންވީ ފިރިހެނުންނަށް ރައްކާތެރިކަން އިހުސާސް ކުރެވި، އެއްވެސް "ޖަޖް" ކުރުމަކާއި ނުލައި، ނުވަތަ ހަނގާކޮށް ފުރައްސާރައަކާއި ނުލައި އެމީހުންގެ އިހުސާސްތަކުގެ ވާހަކަ ދެއްކޭނެ ޖާގަ ގޭތެރެއިންނާއި، ސްކޫލްތަކުންނާއި، ވަޒީފާގެ މާހައުލުން ހޯދައިދިނުމަށެވެ. ތެދުވެރި، އަޅާލައި އަދި ޖަޒުބާތީ ގޮތުން ވިސްނުން ތޫނު ވުމަކީ މީހުން ހަގީގަތުގައި ވަރުގަދަ ކުރާ ކަމެއްކަން އަންނަން އޮތް ޖީލަށް ދަސްކޮށްދިނުމަށެވެ. މިގޮތުން ފިރިހެން ކުދިން ތަރުބިއްޔަތު ކުރުމުގައި މިކަންކަމަށް ސަމާލުކަން ދެވިދާނެ އެވެ.

ގޭތެރޭގެ އެކި މަސައްކަތްތަކުގައި ފިރިހެންކުދިން ކުޑައިރުއްސުރެ ބައިވެރިކުރުން

ކެއްކުމާއި ތަށި ދޮވުން އަދި ގޭތެރެ ކުނި ކަހާ ސާފުކުރުން ކަމުގައިވިޔަސް، އަންހެން ކުދިންނެކޭ އެއްފަދައިން އެއް ހަމައެއްގައި ފިިރިހެން ކުދިންވެސް މިފަދަ މަސައްކަތްތަކުގައި ބައިވެރިކުރުން ވަރަށް މުހިންމެވެ. ނަތީޖާއެއްގެ ގޮތުން، ދަރިފުޅު ބޮޑުވެ، އަމިއްލަ ދިރިއުޅުމެއް ފަށާއިރު ވެސް، ގޭތެރޭގެ ވަކި ރޯލަކީ ނުވަތަ ވަކި ޒިންމާއަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއްގެ ގޮތުގައި ނުދެކި، ހަމަހަމަކަމާ އެކު ދިރިއުޅުމުގެ ކޮންމެ ޒިންމާއަކާ މެދު ވެސް ދެކޭނެ އެވެ.

ކުޅޭތަކެތީގެ ތަފާތު

ދަރިފުޅު އުފަންވާ ހިސާބުން ފެށިގެންވެސް، ފިރިހެން ކުއްޖެއް ނަމަ ނޫކުލަ، އަންހެން ކުއްޖެއް ނަމަ ފިޔާތޮށި ކުލަ އިޚްތިޔާރުކުރެވެ އެވެ. އެއަށް ފަހު، ކުޅޭ އެއްޗެހި ގަނެދިނުމުގައި ވެސް މި ފަރަގު ގެންގުޅެވެ އެވެ. ފިރިހެންކުއްޖެއް ނަމަ، ކާރާއި ބަޑި އަދި ޖަނަވާރުތައް ދޭއިރު، އަންހެން ކުއްޖެއް ނަމަ ބަދިގެ ސެޓާއި މޭކަޕް ސާމާނެވެ. މިކަމުގެ ސަބަބުން، ހެދިބޮޑުވާއިރު ކުއްޖާގެ ވިސްނުން ހަނިވެ، ސްޓީރިއޯޓައިޕިން ބިހޭވިއާތައް އާންމުވެ އެވެ.

ވަކި ޖިންސަކަށް ވަކި ދާއިރާއެއް

މީގެއިތުރުން ކުދިންނާ މުއާމަލާތުކުރާއިރު ބޭނުން ކުރާ ބަސްމަގަކީ ވެސް ކުއްޖާގެ ވިސްނުމާއި ތަރުބިއްޔަތު ވަކިގޮތަކަށް ބައްޓަންކޮށްދޭނެ ކަމެކެވެ. މިގޮތުން އަންހެން ކުއްޖެއް ނަމަ އަބަދުވެސް އޭނާގެ ރީތިކަމާ ބެހޭގޮތުން ވާހަކަދައްކާއިރު، ފިރިހެން ކުއްޖެއް ނަމަ ތައުރީފުކުރެވޭނީ އޭނާގެ ވަރުގަދަކަމާއި ބާރާ ބެހޭގޮތުންނުންނެވެ. ހަމައެޔާ އެކު، ބޮޑުވެގެން ކުރަން ބޭނުންވާ މަސައްކަތަކާ ބެހޭގޮތުން ވާހަކަދައްކާއިރު، ފިރިހެނުންނާއި އަންހެނުންނާ މެދު ތަފާތުކުރުން ނުގެންގުޅުން ވަރަށް މުހިންމެވެ. ހާއްސަކޮށް ނަރުހުންނާއި، ޓީޗަރުންނާއި، ފެހުމާއި، ކެއްކުން ފަދަ ދާއިރާތަކަކީވެސް އަންހެނުންނެކޭ އެއްފަދައިން ފިރިހެނުންނަށް ވެސް ކުރެވޭނެ ކަމެއްކަން އަންގައިދޭންވާނެ އެވެ.

ފިރިހެން ކުދިން ހޭލުންތެރިކުރުވުން

ފިރިހެން ކުދިން ތަރުބިއްޔަތުކުރުމުގައި، އަންހެންކުދިންނަށް އޯގާތެރިވުމާއި އަޅާލުމާއި، ވަކި ޖިންސަކަށްވީތީ ކުރާ ތަފާތާ ބެހޭގޮތުން އުމުރާ ގުޅޭހެން ހޭލުންތެރިކުރުމަކީ މުހިންމުކަމެކެވެ.

ހަގީގަތުގައި ސުވާލަކީ ފިރިހެނުން ރޯންވީތޯ ނުވަތަ ނޫންތޯ އެއް ނޫނެވެ. ފިރިހެނުން ވެސް ރުއިން އޯކޭ ނުވަނީ ކީއްވެތޯ އެވެ. ވަކި ޖިންސަކަށްވީތީ ތަފާތު ކޮށްގެން ނުވާނެއޭ ބުނާ ބުނުން ފުރިހަމަ ވާނީ އަންހެނަކަށް، ފިރިހެނަކަށް، އެއްވެސް ބިރަކާ ނުލައި އޭނާގެ އިހުސާސުތަކާއި ޖަޒުބާތުތައް ބޭރުކުރަން ފުރުސަތު ދީގެންނެވެ.

ޖިންސްގެ ތަފާތުކުރުން

Popular