26 May 2024

ކިޔެވުމުގެ އާ އަހަރެއް، ކުދިންނަށް މި ފިލާވަޅުތައް މުހިންމު

ކިޔެވުމުގެ އާ އަހަރެއް، ކުދިންނަށް މި ފިލާވަޅުތައް މުހިންމު

By: Aishath Mihna Nasih

މިއަދު މި ފެށިގެންދަނީ އަނެއްކާ ވެސް ތަައުލީމީ އާ އަހަރެކެވެ. އެތައް ސަތޭކަ ދަރިވަރުންނެއް އަލަށް ކިޔެވުން ފަށާއިރު، ކިޔެވުމަށް އާ ނޫނަސް ގިނަ ކުދިންނަކީ އާ ރަހުމަތްތެރިންތަކަކަށް ނުވަތަ އާ މުދައްރިސުންތަކަކަށް މަރުހަބާ ކިޔާނެ ބައެކެވެ. މަދަރުސީ ހަޔާތަކީ ދިރިއުޅުމުގެ ބިންގާ އެޅިގެންދާ އެންމެ މުހިންމު ދުވަސްވަރެވެ. މިއަދުގެ ޒަމާނުގައި އެންމެ މޮޅު ނަތީޖާ ހޯދަން ކޮންމެ މީހަކު ވެސް ނިކަން ގަދައަޅާ ދަރިވަރުން ލައްވާ މަސައްކަތްކުރާއިރު، ދިރިއުޅުމުގެ ހުނަރުތަކާއި، ފިލާވަޅުތަކަށް އަހަންމިއްޔަތުކަން ދެވެނީ ކިހާ ވަރަކަށް ބާއެވެ.

ހަމަގައިމު ވެސް ސްކޫލެއް ތެރޭގައި ނުވަތަ ކްލާހެއްގެ ތެރޭގައި ހަފްތާގެ ފަސްދުވަހު އެތައް ގަޑިއިރެއް ދަރިވަރުން ހޭދަކުރާއިރު، އެންމެ މުހިންމު އެއް ކަމަކީ ދަރިވަރުންނަށް އެކަކު އަނެކަކާ އޮންނަ އިޖުތިމާއީ ގުޅުން ދަސްވުމެވެ. މިއަދު އަހަރެމެންގެ ސްކޫލްތަކުގައި "އިންކްލޫސިވް އެޑިއުކޭޝަން" ފަރިތަކުރަމުންދާއިރު ވެސް އެންމެ މުހިންމީ ކުދިންނަށް، ރަހުމަތްތެރިންގެ ހުންނަ އެކި ތަފާތުތަކާ އެކު ވެސް ބަލައިގަންނަން ދަސްވެ، ތަފާތުކުރުމެއް ނެތި ރަހުމަތްތެރިކަމާ އެކު އުޅެން އެނގުމެވެ.

ނުކުޅެދުންތެރިކަން ކިޔައިދީ

ކައިރީގައި އިންނަ ކުއްޖާ މާ ލަހުން ފިލާވަޅު ނިންމާތީ ދަރިފުޅަށް އެ ކުއްޖާ މާ ފަރުވާ ކުޑަކުއްޖަކަށް ވެދާނެއެވެ. ނުވަތަ ކްލާހުގައި މާ ހަލަނިކޮށް އުޅޭ ކުއްޖަކީ ގޯސްކުއްޖެއް ކަމުގައި ވެދާނެ އެވެ. ނަމަވެސް ލޮލަށް ނުފެންނަ ނުކުޅެދުންތެރި ކަމަކީ މިއަދު އަހަރެމެންގެ ތެރޭގައި އާންމު ކަމެކެވެ.

އޯޓިޒަމް، އޭޑީއެޗްޑީ، އެކިކަހަލަ އުނގެނުމުގެ ދަތިތައް، ހެދިބޮޑުވުމުގެ މައްސަލަތައް ހުންނަ ކުދިންނަކީ ވެސް އެހެން ކުދިންނެކޭ އެއްފަދައިން ތައުލީމު އުނގެނުމުގެ ހައްގު ލިބިގެންވާ ކުދިންނެވެ. އެހެންކަމުން ގާބިލްކަމަށް ބަލައި އެކި ނަން ނަމުން ގޮވައި، މަލާމާތްކުރުމުގެ ބަދަލުގައި ދަރިފުޅަށް އެކި މިންވަރުގެ ގާބިލްކަން ހުންނަ ކުދިންނާއެކުވެސް އުޅެން ދަސްކޮށްދޭށެވެ. އެހީތެރިވެދެވޭނެ ގޮތްތައް ބުނެދޭށެވެ.

އޯގާތެރިކަމާއި އިހުސާންތެރިކަން

އެކި ކުދިންނަކީ އެކި ކަހަލަ ވެށިންނާއި ކެރިފޯރުންތެރިކަމުން ކްލާސްތަކަށް އައިސް ތިބޭ ކުދިންނެވެ. ބެލެނިވެރިންގެ ހާލަތާއި، ތަނަވަސްކަމަކީ އެއްވެސް ހާލެއްގައި ކުދިންގެ މެދުގައި ފަރަގު ކުރެވިގެންވާނެ ކަމެއް ނޫނެވެ. ހާއްސަކޮށް މުދައްރިސުންނާއި، ސްކޫލްތަކުގެ ވެރިންގެ ކިބައިން ވެސް މި އާދަ ހެޔޮގޮތުގައި ފެންނަން ޖެހެއެވެ. ސްކޫލަކީ ތިމާގެ ހުރި ބާރުވެރިކަމާއި ތަނަވަސްކަން ދައްކަން ޖެހޭ މާހައުލެއް ނޫނެވެ. މާދަމާ ދަރިފުޅު ހޯދާ އޭ ސްޓާ އާއި އެއްވަރަށް ކްލާހުގައި އިންނަ އެންމެ ނިކަމެތި ހާލުގައި އިންނަ ދަރިވަރަށް ވެސް އަޅާލާ އިހުސާންތެރިވުމުގެ ސިފަ ހަރުލެއްވޭތޯ މަސައްކަތްކުރާށެވެ.

ކާމިޔާބީ މިނެ ކުރާނީ ހިތްވަރުން

އަހަރުގެ ފުރަތަމަ ދުވަހު ކޮންމެ މުދައްރިސެއް ވެސް ކޮންމެ މާއްދާއަކުން ދަރިވަރު ހާސިލްކުރަން ބޭނުންވާ ގްރޭޑް ނުވަތަ އަމާޒެއް ކަނޑައެޅުމަށް ބުނާނެއެވެ. ޓާމް ނިމިގެންދާއިރު، އެ ބޭނުންވާ ނަތީޖާ ގިނަފަހަރު އަހަރެމެން ބެލެނިވެރިންނަށް ވެސް މިނެ ކިރާލެވެނީ ޖަހާލާ މާކުހަކުންނެވެ. ނަމަވެސް ހަގީގަތަކީ ކާމިޔާބީއަކީ ދަރިފުޅު ގެ ރިޕޯޓު ކާޑުގައި ފެންނަން އޮންނަ އަކުރެއް ނުވަތަ ނަންބަރަކަށްވުރެ ދަރިފުޅު އެކުރާ ހިތްވަރާ، މަސައްކަތަށް ހައްގު އެއްޗެއް ކަމެވެ. އެހެންކަމުން ހޯދަން އެދޭ ނަތީޖާގެ ވާހަކަދައްކާއިރު މިއީ ވެސް ހަނދާންކޮށްކުން މުހިންމު ކަމެކެވެ.

ކޮންމެ ކަމަކީ އަދި ފޮތަކުން ދަސްވާނެ ކަމެއް ނޫނެވެ. ކިޔެވުމުގެ ނަތީޖާއާ އެއްވަރަށް މުހިންމީ ތިިމާގެ އަދަބު އަހްލާގެވެ. ސްކޫލް ދުވަސްވަރުގެ އުފާވެރި ފޮނި ހަނދާންތަކެއް. ހުރިހާ ދަރިވަރުންނަށް ވެސް "ދޯ" އިން އެދެނީ ކާމިޔާބެވެ.

ކިޔަވާކުދިން

Popular