13 Jun 2024

ޗުއްޓީ ވާންޖެހޭނީ ޗުއްޓީއަށް، މިއޮތީ ޗެކްލިސްޓް!

By: Aishath Mihna Nasih

ދުވަހުން ދުވަހަށް ތިކުރާ ބުރަ މަސައްކަތްތަކާއި ބިޒީ ޝެޑިއުލް އިން ބްރޭކެއް ނެގުމަކީ ސިކުނޑި އާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކުރިއަށް މިއޮތީ ހަފްތާއެއްގެ ޗުއްޓީއެކެވެ. ލައްކަ ދުވެހޭ ހިތަށް އަރާފާނެ އެވެ. އަދި އެތައް ކަމެއް ކުރަން ހިތުއަޅައިގެން ވެސް ހުރެވިދާނެ އެވެ. އެކަމަކު މި ޗުއްޓީ ހަގީގީ ޗުއްޓީއަކަށް ހެދޭނީ މުހިންމު ދެތިންކަމަކަށް ސަމާލުކަންދީގެންނެވެ. މި ޗެކްލިސްޓް ފުރިހަމަކުރެވޭތޯ ބަލައިބަލާށެވެ.

1. ދުރާލައި ޕްލޭންކުރޭ، އެކަމަކު ފްލެކްސިބަލް ވާތި

ޗުއްޓީއެއްގައި ކުރާނެ ކަމެއް ދުރާލައި ރާވާފައި އޮތުމަކީ ވަގުތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެކަމަކު މާ ބޮޑަށް ގަދަބާރުން ކަންކަން ކުރުމަކީ ވެސް ގޯހެކެވެ. އީދު ބަންދެއް ކަމަކު ކޮންމެ ދުވަހަކު ނުވަތަ ކޮންމެ ރެއަކަށް ކަމެއް ނުބާއްވާށެވެ. އޯވަޝެޑިއުލް ނުކުރާށެވެ. އަމިއްލައަށް ތަފާތު އެކި ކަންކަން ކުއްލި ހިޔާލުގެ މައްޗަށް ކުރަންވެސް ޖާގަ ދޭށެވެ. އެއްވެސް ކަމެއް ނުކޮށް ރިލެކްސް ކުރުމަށް ވެސް ވަގުތު ބަހައްޓާށެވެ. ޕްލޭންކޮށްފައިވާ ހަރަކާތްތަކާއި ހުސްވަގުތުތަކުގެ މެދުގައި ބެލެންސް ކުރުމަކީ ޗުއްޓީ އުފާވެރިކަމާއި ސްޓްރެސް ކުޑަކޮށްދޭ ކަމެކެވެ.

2. މަސައްކަތުން ގުޅުން ކަނޑާލުން

ބައެއް މަސައްކަތްތަކަކީ ކޮންމެހެން ވެސް މީހާ "އެލާޓް"ގައި ހުންނަން ޖެހިދާނެ ކަމެކެވެ. އެކަމަކު ހަގީގަތުގައި ރީޗާޖް ކުރުމަށްޓަކައި މަސައްކަތުން ގުޅުން ކަނޑާލުން މުހިންމެވެ. އޮފީހުގެ އީމެއިލް އާއި، މުވއާސަލާތުކުރަން ގެންގުޅޭ އެކި ޕްލެޓްފޯމްތަކަށް ބޭރުގައިކަން އަންގައިދޭ ޖަވާބެއް ސެޓްއަޕްކޮށް، މަސައްކަތްތައް ޑެލިގޭޓްކޮށް، މަސައްކަތުގެ އީމެއިލް ނުވަތަ މެސެޖުތައް ޗެކްކުރުމުން ދުރުހެލިވުމަކީ މުހިންމުކަމެކެވެ.

3. ޕެކް ސްމާޓް

މިފަހަރު އީދުގެ ފޯރި އެންމެ ގަދައީ އަތޮޅުތަކުގައެވެ. އެހެންވެ ގިނަބަޔަކު ކޮންމެވެސް ރަށަކަށް ޗުއްޓީ އަށް ދާން ރާވާފައި އޮތްކަމަށް ބެލެވެ އެވެ. ކޮންމެ ތަނަކަށް ދިޔަޔަސް އެންމެ މުހިންމީ ރަނގަޅަށް ޕެކްކުރުމެވެ. މަންޒިލާއި ރާވާފައިވާ ހަރަކާތްތަކަށް ބަލައިގެން ޕެކް ކުރާއިރު އަރާމު ހެދުމާއި ކޮންމެހެން ބޭނުންވާ ތަކެތި ކުރީބައިގައި ނޯޓްކޮށް ހަމަކުރުން މުހިންމެވެ.

4. އާ ކަމެއް ތަޖުރިބާ ކުރުން މުހިންމު

ދަތުރު ހަދައިގެން ކޮންމެވެސް އާ ރަށަކަށް ނުވަތަ އެހެން ގައުމަކަށް މިދަނީ އާ މާހައުލެއް ނުވަތަ ތަފާތު ރަހައަކާއި ޖައްވެއް ތަޖުރިބާ ކުރުމަކަށް ނޫންހެއްޔެވެ. އެހެންކަމުން، އެ ދާ ތަނަކަށް ގޮސް، އެ ބައެއްގެ މާހައުލާއި، ސަގާފަތާއި އާދަކާދަތައް ބަލައި ތަޖުރިބާ ކުރާށެވެ. ކުޅިވަރުތަކުގައި ވީވަރަކުން ބައިވެރިވާށެވެ. އާ ކަމެއް ދަސްކޮށް، އާ ބަޔަކާ ރަހުމަތްތެރިވެ، މީހާއަށް ތާޒާކަމާއި އާ ޖޯޝެއް ލިބިގެންދާނެ އެވެ.

5. އަރާމު ކުރާތި

ބައެއް ފަހަރު ޗުއްޓީއެއް ލިބޭއިރަށް އަހަރެމެންނަށް އިސްކަންދެވެނީ ނުކޮށް ބާކީ ކުރެވިފައި ހުރި ކަންކަން އަވަސް އަވަހަށް ކޮށްލުމަށެވެ. ކޮންމެވެސް ބޮޑު މަސައްކަތްތަކެއް ކޮށްލުމަށެވެ. ޗުއްޓީ ނިމި އޮފީހަށް އަނެއްކާވެސް ނުކުންނަންވާއިރަށް މީހާ ހުންނާނީ ވަރުބަލިވެފައެވެ. ޗުއްޓީއަކަސް ކޮންމެ ހިނދުކޮޅެއް ހަރަކާތްތަކަކުން ފުރާލުމަކީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. މީހާ ތަންކޮޅެއް މަޑުޖެހިލާ، މާ ބޮޑު ބުރަތަކެއް ނުއުފުލާ، ރަނގަޅަށް ނިދިހަމަކޮށް، ހަށިގަނޑަށް ބޭނުންވާ އަރާމުވެސް ރަގަޅަށް ލިބޭކަން ޔަގީންކުރަންވާނެ އެވެ. އަދި ކޮންމެވެސް ވަރަކަށް ޖިސްމާނީ ހަރަކާތްތެރިކަަމަށްވެސް ސަމާލުކަންދީ، މޫދަށް ދިއުން، ހިނގާލުން ފަދަ ހަރަކާތްތަކެއްވެސް ހިމަނާލާށެވެ. ކައިކައިގެން ލޮނޑުވެފައި އޮންނަ އޮތުމުން ސަލާމަތްވާނެ އެވެ.

6. ބީ ޕްރެޒެންޓް

މި ޗުއްޓީ ހޭދަކުރަންވީ ކުރިން ވެ ނިމިފައި ހުރި ކަންކަމާއި ވިސްނާ ބޯގޮއްވާކަށެއް ނޫނެވެ. އަދި ކުރިއަށް ކުރަންޖެހި ފުނިޖެހިފައި ހުރި މަސައްކަތްތަކާ މެދު ވިސްނާކަށްވެސް ނޫނެވެ. ޗުއްޓީގައި ވިސްނާނީ އެ ވަގުތުކޮޅަށެވެ. އާއިލާ އާއި ގާތް ރަހުމަތްތެރިންނާ އެކު ހޭދަކުރާ ވަގުތުތައް އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކު ހޭދަކުރެވޭތޯ އެވެ. ކޮންމެ ހިނދުކޮޅެއްގެ މަންޒަރުތަކާއި އަޑުތަކާއި އިހުސާސްތަކަށް ފޯކަސް ކުރާށެވެ. ހާޒިރުވެ ހުރުމަކީ އެ ތަޖުރިބާގެ އަގުވަޒަން ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އާއިލާ ނުވަތަ ރައްޓެހިންނާ އެކު ދަތުރުކުރާ ނަމަ އެމީހުންނާ އެކީ ވަގުތު ހޭދަކުރެވޭތޯ ބަލާށެވެ. ހިއްސާކުރެވޭ ތަޖުރިބާތަކާއި އެކުގައި ކޮލިޓީ ޓައިމް ހޭދަކުރުމަކީ ދިގުދެމިގެންދާ ހަނދާންތަކެއް އުފެއްދުމާއި ގުޅުންތައް ބަދަހިކޮށްދޭ ކަމެކެވެ.

ބްރޭކެއް ނެގުމަކީ ދުޅަހެޔޮ މަސައްކަތާއި އަމިއްލަ ޒާތީ ދިރިއުޅުން ބެލެންސް ކުރުމަށް މުހިންމު ކަމެކެވެ. ޗުއްޓީއަކީ ހަމަ އަސްލުވެސް "ޗުއްޓީ" އަކަށް ހެދޭތޯ ބަލާށެވެ.

ޗުއްޓީ ދުވަސްވަރު

Popular