15 Jul 2024

By: Aishath Mihna Nasih

ހެނދުނަކަސް، މެންދުރަކަސް އޮފީސް މޭޒުދޮށުގައި މި އަންނަނީ ހާދަ ގަދަ ނިންޖެކެވެ. މި ނިދީގެ އުނދަގޫ އެންމެ ބޮޑުވަނީ އެންމެ ހެނދުނާ އެވެ. ނުވަތަ މެންދުރުުގެ ބްރޭކަށް ފަހުގަ އެވެ. މިކަމުން ސަލާމަތްވެ ހަށިގަނޑުގައި ހަކަތަ އިތުރުކޮށް ދުވަހުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މިކަންކަން ކޮށްލެވޭތޯ ބަލާށެވެ.

ރޭގަނޑުގެ ނިދި ހަމަކުރުން

ނިދި ހަމަކުރުމުގެ ވާހަކަ ފަށަން ޖެހޭ ހިސާބަކީ މިއީ އެވެ. ދުވާލު ނިދި އައުމުގެ އެންމެ އަސާސީ އެއް ސަބަބަކީ ރޭގަނޑު އެކަށީގެންވާ ވަރަށް ނިދި ލިބުމެވެ. ކޮންމެ ރެއަކުވެސް ގާތްގަނޑަކަށް 7-9 ގަޑިއިރުގެ ނިދި ހަށިގަނޑަށް ލިބެންޖެހެ އެވެ. އެހެންކަމުން، ރޭގަނޑުގެ ނިދި ރަނގަޅަށް ލިބޭނެހެން ދުވަހުގެ ތާވަލު ރާވާ، މާހައުލު ތައްޔާރުކޮށް، ގަވާއިދުން ވަކި ވަރެއްގައި ނިދި ހިފެހެއްޓުމަކީ ދުވާލު ކަމެއް ނެތި ތަނެއްގައި އިށީދެލާއިރަށް ތި އަންނަ ނިދިން ސަލާމަތްކޮށްދޭނެ ކަމެކެވެ.

ރަނގަޅަށް ހަށިގަނޑު ހައިޑްރޭޓްކުރުން

ޑީހައިޑްރޭޝަންގެ ސަބަބުން ވަރުބަލިކަމުގެ އިހުސާސްތައް ކުރެވެ އެވެ. އޮފީސް މޭޒުމަތީގައި ފެންފުޅިއެއް ބަހައްޓައިގެން ނަމަވެސް، ރަނގަޅަށް ފެން ބޮވޭތޯ ބަލާށެވެ. ވަންނަ ކޮންމެ ބައްދަލުވުމަކުން ތި ބޮއެ އުޅޭ ކޮފީތަކާއި ހަކުރު އެޅި ސައިތަކުން ދުރުހެލިވެ، ވީހާ ވެސް ފައިދާހުރި ބުއިންތައް އިޚްތިޔާރު ކުރެވޭތޯ ބަލާށެވެ. ގިނައިން ކެފެއިން ނުވަތަ ހަކުރު އެކުލެވޭ ބުއިންތަކުގެ ސަބަބުން ހަށިގަނޑުން ހަކަތައިގެ މިންވަރު ފަހުން ދަށްވުމަށް މަގުފަހިވެއެވެ.

މިންހަމަކޮށް ކެއުން

އަހަރެމެންގެ ކެއުމުގައި ހިމަނާ ބާވަތްތަކުން ހަށިގަނޑުގައި ހުންނަ ހަކަތައިގެ މިންވަރުތަކަށް ބޮޑު އަސަރެއް ކުރެއެވެ. ނިދި އައުމަށް މަގުފަހިކޮށްދޭ ބަރު، ކާބް އެކުލެވޭ ކެއުންތަކުން ދުރުހެލިވާށެވެ. އޭގެ ބަދަލުގައި ދެމެހެއްޓެނިވި ހަކަތަ ފޯރުކޮށްދިނުމަށް ޕްރޮޓީން، ސިއްހަތަށް ފައިދާހުރި ފެޓްސް އަދި ފައިބަރު ހިމެނޭ ބެލެންސްޑް ކެއުންތައް ހިޔާރުކުރާށެވެ.

އަބަދު އިށީދެ ނީންނާތި

އޮފީހުގެ މަސައްކަތްތަކަށް ފަރުވާތެރިވުން ވެސް މުހިންމެވެ. އެކަމަކު ހަ ގަޑިއިރު ނުވަތަ އަށް ގަޑިއިރު ވަންދެން ގޮޑިން ނުތެދުވެ، ނުވަތަ ހިނގާނުލައި ހުރިތަނަކަށް ތަތްވެފައި ހުރުން ވެސް މިއީ ބޮޑު ގޯހެކެވެ. . ކޮޅަށް ތެދުވެ، ސްޓްރެޗްކޮށް ނުވަތަ އޮފީހުގައި ހިނގާލަން ކުރު ބްރޭކެއް ނަގާށެވެ. ޖިސްމާނީ ހަރަކާތުން ސިކުނޑިއަށް ލޭ ދައުރުވުމާއި އޮކްސިޖަން އިތުރުވެ ހޭލުމަށް އެހީތެރިވެދެއެވެ.

އަވި

ގުދުރަތީ އަލިކަމުގެ ސަބަބުން ސާކެޑިއަން ރިދަމްސް ރެގިއުލޭޓްކޮށް، ސަމާލުކަން އިތުރުކޮށްދެ އެވެ. ވީހާ ވެސް ގިނައިން ބިއްލޫރިތައް ކައިރީގައި މޭޒު ބަހައްޓާފައި ނުވަތަ ބްރޭކްތަކުގައި ބޭރަށް ނުކުމެލައި އަވީގެ ފައިދާވެސް ލިބިގަންނާށެވެ.

މަސައްކަތްތައްވެސް ރާވާލަން ޖެހޭ

ކޮންމެހެން ކުރަންޖެހޭ އަވަސް މަސައްކަތްތައް ނޫން އެހެން މަސައްކަތްތައް ދުވަހުގެ މޫޑާއި، ނިދީގެ ހާލަތަށް ބަލައި ތާވަލުކުރުމަކީވެސް އޮފީސް ގަޑީ ނިދި ޖެހުމުން ސަލާމަތްވެދާނެ ކަމެކެވެ. ބޮޑަށް ނިދި އަންނަނީ ހެނދުނު ކަމުގައިވާނަމަ، އެ ގަޑިއަށް ތިމާ އެންމެ ކުރާ ހިތްވާ ޝައުގުވެރި މަސައްކަތްތައް ކުރާށެވެ. ގިނައިން ކިޔަންޖެހޭ ނުވަތަ ކުރާހިތްނުވާ މަސައްކަތްތައް ބޮޑަށް ސަމާލުކަން ދެވޭ ގަޑިއަކަށް ބަހައްޓާށެވެ. ޗެލެންޖިން ނުވަތަ ޝައުގުވެރި މަސައްކަތަކަށް ބަދަލުވުމަކީ ސިކުނޑި ތޫނުކޮށް، ނިދުމާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މާހައުލުންވެސް ނިދި ދުރުކޮށްދޭ

ހިތްހަމަޖެހުމާއި ސަމާލުކަން އިތުރުކޮށްދޭ އެރްގޯނޮމިކް ވޯކްސްޕޭސްއެއް ހަދާށެވެ. ތިބާގެ ގޮނޑީން އެކަށީގެންވާ އެހީތެރިކަމެއް ލިބޭކަން ކަށަވަރުކުރުމާއި، މޭޒު ހުރީ ހިތްފަސޭހަ އުސްމިނެއްގައިކަން ކަށަވަރުކޮށް، ލޮލުގެ ސްޓްރެއިން ކުޑަކުރުމަށް ކޮމްޕިއުޓަރު ސްކްރީން ރަނގަޅަށް ބެހެއްޓުން މުހިންމެވެ.

ސޯޝަލް ވެސް ވާންޖެހޭ

އެކުވެރިން ނުވަތ އެކުގައި މަސައްކަތްކުރާ މީހުންނާ މުއާމަލާތް ކުރުމަކީ ނަފްސާނީ ގޮތުން ހިތްވަރު ލިބި، ނިދި އައުން ދުރުކޮށްދޭ ކަމެކެވެ. ކުރު ކޮށް ވާހަކަ ދެއްކުން ނުވަތަ ޕްރޮޖެކްޓްތަކުގައި އެއްބާރުލުން ދީގެން ހަރަކާތްތެރިވެ، ހަކަތަ އިގެ މިންވަރު ދެމެހެއްޓުމަކީވެސް ފޫހިކަން ފިލާ ހިތްގައިމު މާހައުލެއް އޮފީސްތެރޭގައި ގާއިމްކޮށްދިނުމަށް އެހީވާނެ ކަމެކެވެ.

Popular