17 Dec 2024

By: Aishath Jazlee

އަތުން ބޮޑު ހޭދައެއް ނުކޮށް، ބަދިގެއިން ލިބެން ހުރި ތަކެތިން ވެސް އިސްތަށިގަނޑު ދުޅަހެޔޮކޮށްލެވިދާނެ އެވެ. މި އާޓިކަލްގައި މި ހިމަނާލަނީ އެ ފަދަ ތިން މާސްކެކެވެ. މިއީ ތަފާތު ތިން ހެއާ ކޮންސާނަކަށް ބޭނުން ކުރެވޭނެ ތިން މާސްކެވެ.

މި މާސްކުތަކަކީ އެކި ހެއާ ކޮންސާންތަކަށް ބޭނުންވާ އެކި މާއްދާތައް ހިމެނޭ އިންގްރިޑިއަންޓްތައް ބޭނުންކޮށްގެން ހަދާ މާސްކުތަކެކެވެ.

"އެގް ލެމަން ހެއާ މާސްކް"

މިއީ އޮއިލީ ނުވަތަ ގްރީސީކޮށް ހުންނަ އިސްތަށިގަނޑަށް ހާއްސަ މާސްކެކެވެ.

މި މާސްކު ހެދުމަށް ބޭނުން ވާނީ ބިހަކާއި ލުނބޮއެއްގެ އެއް ފަޅި އެވެ. މާސްކު ހެދުމަށް ހަމައެކަނި ބޭނުންކުރާނީ ބިހުގެ ހުދު ބައެވެ.

މި މާސްކު ހަދަން އެގް ވައިޓަށް ލުނބޯ ފެލައިލާ ރަނގަޅަށް އެއްކޮށްލާށެވެ. މި މާސްކު ބޭނުން ކުރަން ވާނީ އިސްތަށިގަނޑު ތެތްކޮށް ހުންނަ ވަރަށެވެ. މުޅި އިސްތަށިގަނޑުގައި ރަނގަޅަށް މި މިކްސްޗާ އުނގުޅާލުމަށް ފަހު އިސްތަށިގަނޑު އައްސާލައި, ޝަވާ ކެޕެއް އަޅައި, ރަނގަޅަށް ބަންދުކޮށްލަން ވާނެ އެވެ.

މި މާސްކު 30 – 45 މިނެޓްސް ވަންދެން ބަހައްޓަން ވާނެ އެވެ. އެއަށް ފަހު ޝޭމްޕޫކޮށް ރަނގަޅަށް ބޯ ދޮވެލާށެވެ.

ބްރައުން ޝުގާ އޮލިވްއޮއިލް ހެއާ މާސްކް

މި މާސްކަކީ ޑްރައި ހެއާއަށް ހާއްސަ މާސްކެކެވެ.

މި މާސްކަށް ބޭނުން ވާނީ މޭޒުމަތީ ދެ ސަމުސާ ބްރައުން ޝުގާ އާއި މޭޒުމަތީ ސަމުސަލެއްގެ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް އެވެ. މި ދެ އިންގްރިޑިއަންޓް ރަނގަޅަށް މިކްސް ކޮށްލުމަށް ފަހު މުޅި އިސްތަށިގަނޑުގައި އުނގުޅާލާށެވެ. ގާތްގަނޑަކަށް 25 – 20 މިނެޓު ވަންދެން މި މާސްކު ބެހެއްޓޭނެ އެވެ. އެއަށް ފަހު ބޯ ދޮވެލާށެވެ.

"ބަނާނާ ޔޯގަޓް ހަނީ މާސްކް"

މިއީ އިސްތަށިގަނޑުގެ ފްރިޒް ފިލުވާލަދޭނެ މާސްކެކެވެ.

މި މާސްކަށް ބޭނުން ވާނީ ދޮންކެޔޮވަކާއި މޭޒުމަތީ ދެ ސަމުސަލުގެ ޕްލެއިން ޔޯގަޓާއި މޭޒުމަތީ ސަމުސަލެއްގެ މާމުޔެވެ. މި މާސްކު ހެދުމަށް ހުރިހާ އިންގްރިޑިއަންޑެއް މިކްސްޗަރުގައި ބްލެންޑުކޮށްލާށެވެ. މި މާސްކު ބޭނުން ކުރަންވާނީ އިސްތަށިގަނޑު ތެތްކޮށް ހުންނަ ވަރަށެވެ. މާސްކު އުނގުޅާލުމަށް ފަހު ޝަޕާ ކެޕަކުން އިސްތަށިގަނޑު ބަންދުކޮށްލާފައި 30 – 45 މިނެޓްސް ބަހައްޓަން ވާނެ އެވެ. އެއަށް ފަހު އިސްތަށިގަނޑު ދޮވެލާށެވެ.

މި މާސްކުތަކުގެ ނަތީޖާ ރަނގަޅަށް ފެންނަން ފަށާނީ ހެއާކެއާ ރޫޓީންގައި ގަވައިދުން ބޭނުން ކުރަން ފެށުމުންނެވެ.

އިސްތަށިގަނޑުގެ ފަރުވާ

Popular