ޖައުފަރު އަލީ އަބަދުވެސް ހުންނަނީ ފަލަކޮށެވެ. ކަސްރަތެއް ނުކުރެ އެވެ. އެހެން ހުރެ ބަރުދަން މަތިވަމުން ދިޔައިރު ވެސް ކަމަކޭ ވެސް ހިތަށް ނާރަ އެވެ.
ޖައުފަރު އަލީ އަބަދުވެސް ހުންނަނީ ފަލަކޮށެވެ. ކަސްރަތެއް ނުކުރެ އެވެ. އެހެން ހުރެ ބަރުދަން މަތިވަމުން ދިޔައިރު ވެސް ކަމަކޭ ވެސް ހިތަށް ނާރަ އެވެ.
އެކަމަކު އޭނާ ބުނީ ކިތަންމެ ގިނައިން ކެޔަސް ގައިގައި އެއްވެސް ވަރެއް ނެތި، ވަކި ހިސާބަކުން އާދަޔާ ހިލާފަށް ބޮޑަށް ވަރުބަލިވާން ފެށި ކަމަށެވެ. ކަރު ހިއްކައި އަބަދު ނިދިއައިސް ހުންނަހެން ހީވާން ފެށި އެވެ. ޑޮކްޓަރަށް ދެއްކީ ބައްޔެއްގެ އަލާމާތްތަކެއް ކަމަށް ގަބޫލުކުރެވިގެންނެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތަރުޖަމާނަކަށް އުޅޭތީ ބަލިތަކާ ބެހޭ އާންމު މައުލޫމާތު ހުންނާތީ އޭނާ އަށް މިއީ ކޮންމެވެސް ބައްޔެއްގެ އަލާމާތެއް ކަމަށް ވިސްނިގެން ޑޮކްޓަރަށް ދެއްކީ އެ ހިސާބުންނެވެ. ޑިސެމްބަރު، 2023 ގައި ހެދި ޓެސްޓުތަކުން އެނގުނީ ހަކުރުބަލި ހުރި ކަމެވެ.
ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތުން، ޓެސްޓުތަކުގެ ނަތީޖާ އައި ގޮތާ މެދު އެއްވެސް ސުވާލެއް ވެސް ނުއުފެދުނު ކަމަށް ޖައުފަރު ބުންޏެވެ. އެކަން އެނގުމާ ހަމައަށް، ވެސް އޭނާ އުޅުނީ އެ ވަގުތަކު އަތުޖެހުނު އެއްޗެއް ކައިގެންނެވެ. މަސައްކަތުގެ ގޮތުން ރޭގަނޑު ލަހުން ނިދޭތީ ދަންވަރު ވެސް އެހާ ގިނައިން ކައި އުޅުނެވެ.
ހަކުރުބަލި ހުރިކަން އެނގުނު އިރު ބަރުދަނުގައި ބަރާބަރު 100 ކިލޯ ހުއްޓެވެ. އެވަރުން ވެސް ޖައުފަރު މަސައްކަތްކުރީ ބޭސް ކައިގެން ފަރުޖައްސާލެވޭތޯ އެވެ. އެކަމަކު، ހަ މަސް ދުވަހުގެ މަސައްކަތުން ވެސް ހިތްހަމަޖެހޭ ކުރިއެރުމެއް ނުލިބުމުން ޑައިޓީޝަނަކު ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވި އެވެ.
"ކެއުމަށް އެއްވެސް ވަރަކަށް ނުބަލައި، ސިއްހަތަށް ނުބަލައި އޭރު އުޅެވުނީ. ހިތަށްއެރީ ބޭސް ކައިގެން ދަށްވާނޭ. އެކަމަކު، ބޭސް ކައިފައި ވެސް ކަސްރަތެއް ނުކުރަން. ހަކުރު އެކަނި ކަނޑާލީ. ހަ މަސް ދުވަސް ބެލިން ވޭތޯ. އެކަމަކު، ހަ މަސް ދުވަސްވީއިރު ވެސް ދަށް ނުވީމަ [ކަސްރަތުކުރަން] ފެށީ." އޭނާ ބުންޏެވެ.
"ހަ މަސް ދުވަހުގެ ތެރޭގައި ހަ ކިލޯ ލުއިވެ، 96 އަށް ތިރިވި ބަރުދަން."
ޖައުފަރު ބުނީ އޭނާ ބައިވެރިވި "ގެޓް ފިޓް ވިތު ފާރިޝް" ޕްރޮގްރާމްގައި ދުވާލަކު 10،000 ފިޔަވަޅު އަޅައި ރަނގަޅު ޑައިޓެއް ގެންގުޅެންޖެހޭ ކަމަށެވެ. އެހެންވެ، ފަތިހު ތެދުވެ އެއްގަޑިއިރު ހިނގާލާއިރު އެ އަދަދު ހަމަވެ އެވެ. އަދި ބަރުދަން 85 އިން 80 އަށް ދަށްވުމުން ދުވަން ފެށި އެވެ.
އެ ސްޕީޑު ބާރުކޮށް އޭނާގެ ފުރަތަމަ މުބާރާތުގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ބައިވެރިފަ އެވެ. އެއީ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން ބޭއްވި 10 ކިލޯމީޓަރުގެ ދުވުމެވެ. އޭގެ ފަހުން، ޖައުފަރު ވަނީ ދުވުމުގައި އެންމެ އުނދަގޫ ރޭސްކަމަށް ގިނަ ބަޔަކު ބުނާ މެރަތަން ވެސް ފުރިހަމަކޮށްފަ އެވެ.
ދުވުމުގެ ސްޕީޑު ބާރުކުރުމަށް ޓާގެޓުކޮށް، އެޕެއްގެ އެހީގައި ޓްރެއިނިން ހަދަމުން ޖައުފަރު ދުވާލަކު އެއް ގަޑިއިރު، މަދުވެގެން 10 ކިލޯމީޓަރަށް ދުވެ އެވެ. އެއީ ހަފުތާއަކަށް 100 ކިލޯ މީޓަރު ދުވުމެވެ.
އެ ހުރިހާ މަސައްކަތަކުން އޭނާ ވަނީ ބަރުދަން ހުންނަންޖެހޭ ވަރަށް ތިރިކޮށްފަ އެވެ. ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި ޖައުފަރު ވަނީ 36 ކިލޯ ލުއިކޮށްފި އެވެ. އޭނާގެ ބަރުދަނުގައި މިހާރު ހުރީ 64 ކިލޯ އެވެ. ހަކުރު ބައްޔަށް ބޭސް ކެއުން ވެސް ހުއްޓާލެވިއްޖެ އެވެ.
ރަށުގައި ބާއްވާ އެކި ހަރަކާތްތައް ފޮޓޯ ނެގުމުގައި އުޅޭ ޖައުފަރު ބުނީ ކަސްރަތުކުރަން ފެށި ފުރަތަމަ ދުވަސްކޮޅު އުޅުނީ ކެއުމަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ. އެކަން މިހާރު އެހާ ބޮޑަށް ނެތަސް، އޭނާ ވަނީ ހަކުރުގެ ބާވަތްތައް ބޭނުންކުރުން އެއްކޮށް ހުއްޓާލައިފަ އެވެ.
ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް ހޯދަނީ މޭވާ ފަދަ ތަކެތިންނެވެ.
ކުރިއަށްވުރެ މަދުން ކެޔަސް އޭނާގެ ގައިގައި މިހާރު ހަކަތަ އިތުރުވެއްޖެ އެވެ. ހިތްހަމަޖެހިގެން މަސައްކަތް ނިންމާލެވެ އެވެ.
"މިހާރު ވަރަށް ދެރަވޭ ކުރިން [ކަސްރަތުކުރަން] ނުފެށުނީމާ. ކުރިން ޑިއުޓީ ނިންމާފައި ވެސް ޖެހޭ އޮށޯވެލައި، ނިދާލަން. މިހާރު އެކްޓިވް ވީމަ އަބަދު ވެސް ގޯ ގައި ހުންނަނީ،" އަންނަ ޖުލައި މަހު 34 ފުރޭ ޖައުފަރު ބުންޏެވެ.
"ފިޓްވާން ބޭނުންވަންޏާ ލަސްނުކޮށް މިކަން ކުރިއްޔާ ރަނގަޅީ."
ކަސްރަތާ އެކު ރަނގަޅަށް ހިކުމަކީ މާ ބޮޑު އުނދަގުލަކަށް ނުވިއަސް، ދުޅަހެޔޮކަމަށް ފެށި މި ދަތުރުގައި ޖައުފަރަށް އެންމެ އުނދަގޫވީ ކޮންމެ މަހަކު އަންނައުނު ގަންނަން ޖެހުމެވެ. ހިކެމުން ދިޔަ ވަރަކަށް އޭނާއަށް ޖެހުނީ ސައިޒު ކުޑަކޮށް އެއްޗެހި ގަންނާށެވެ.
އެކަމަކު، ކަސްރަތާ އެކު ދިރިއުޅުމަށް އެތައް ގޮތަކުން ހެޔޮ ބަދަލުތައް އައެވެ. ކުރިން ސިނގިރޭޓާއި ވޭޕް ބޭނުންކުރިއަސް ފިޓްނެސް އިތުރަށް ރަނގަޅުކުރުމާއި ވޭޕް އެތެރެކުރުން މަނާކުރުމުން މިދިޔަ ނޮވެމްބަރު 3 އިން ފެށިގެން އެ ބާވަތްތައް ބޭނުންކުރުން ވެސް ޖައުފަރު ވަނީ ހުއްޓާލައިފަ އެވެ.
އޭގެ ފަހުން، ބުންވަރު ރަނގަޅުވެ، އޭނާގެ ދުވުމުގެ ސްޕީޑު މަތިވެއްޖެ އެވެ.
މީހާގެ މުޅި ސިފަ ބަދަލުވި ފިޓްނެސްގެ ދަތުރުގައި، އެޕެއް މެދުވެރިކޮށް ޖައުފަރުގެ ބަޔޮލޮޖިކަލް އުމުރު ކުރިން ބެލިއިރު ހުރީ 55 ގަ އެވެ. އެކަމަކު، އެ އަދަދު މިހާރު ވަނީ 24 އަހަރަށް ތިރިވެފަ އެވެ. މިއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް އޭނާއަކަށް ނެތެވެ.