By: Maaidha Mohamed Rashad
ގައުމުތަކަށް ދަތުރުކުރާއިރު އެ ގައުމެއްގެ ބަޔަކާ އެންމެ ބޮޑަށް ގުޅުވައިދެނީ އެ ބައެއްގެ ކާނާ އިން ކަމަށް ގަބޫލުކޮށް މާކް ވިއެންސް އޭނާގެ ކެއުމުގެ ދަތުރު ފެށީ 2009 ވަނަ އަހަރު އެވެ. "މައިގްރޭޝަނަލޮޖީ" ގެ ނަމުން މަޝްހޫރުވެފައި ވާއިރު މިހާރު އޭނާގެ ޔޫޓިއުބްގައި 11.2 މިލިއަން ސަބްސްކްރައިބަރުން އަދި ފޭސްބުކްގައި 7.1 މިލިއަން އެބަ ތިއްބެވެ.
އެކި ގައުމުތަކުގެ ކެއުންތަކުގެ ރަހަ ބަލަމުން ގޮސް، އޭނާގެ ކުރިއަށް އޮތް ވީޑިއޯތަކުގައި ދެން ފެންނާނީ ރާއްޖެ އެވެ. ދިވެހިންގެ ކެއުންތައް ރިވިއުކުރާނެ އެވެ.
ދުނިޔޭގެ މަޝްހޫރު ފުޑް ވްލޮގާ މާކް އޭނާގެ ދަތުރުގައި އައްޑޫގެ "ޒުވާން ދަނޑުވެރިޔާ" ގެ ދަނޑަށް ގޮސް ބައެއް އެއްޗެހީގެ ރަހަ ބެލި އެވެ. ޒުވާން ދަނޑުވެރިޔާ ރަމްޒީ ބުނި ގޮތުގައި ރަށުގެ މުއްސަނދިކަމާއި ދަނޑުވެރިންގެ ބުރަ މަސައްކަތް މިހާ މަޝްހޫރު ވްލޮގާއަކަށް ދައްކާލުމުގެ ފުރުސަތު ލިބުމުން ފަހުރުވެރި އެވެ.
އައްޑޫގައި ހައްދާފައި ހުރި ޑްރެގަން ފުރުޓުގެ ރަހަ ބަލަނީ.
އެ މީހުންގެ ދަނޑުގައި މާކް، އޭނާގެ ކުރިއަށް އޮތް ވްލޮގް މިހާރު ވަނީ ޝޫޓްކޮށްފަ އެވެ. އެހެންވެ، އެއަށް އިންތިޒާރު ކުރުމަށާއި އެއީ ޝައުގުވެރި، ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށް ޒުވާން ދަނޑުވެރިޔާ ބުންޏެެވެ.
ޒުވާން ދަނޑުވެރިޔާ ވަނީ ހުރިހާ ދަނޑުވެރިންގެ އެއްބާރުލުމަށް ވެސް ޕޯސްޓުގައި ޝުކުރު އަދާކޮށްފަ އެވެ.
ދަނޑުގައި އެކި ކަހަލަ މޭވާ އަތުރާލާފައި.
އެ ޕޯސްޓާ އެކު ލާފައިވާ ފޮޓޯތަކުގައި މާކްސް ކަށިކެޔޮގަނޑެއް ހިފައިގެން އެ ކާން ހުއްޓާ ފެނެ އެެވެ. އަދި އޭނާ ރަހަ ބެލުމަށް އެތަނުގައި އެކި ކަހަލަ މޭވާގެ ބާވަތްތައް އަތުރާލާފައި ހުއްޓެވެ. އެތަނުގައި ދޮންކޭލާއި ޖަނބުރޯލާއި ކުންނާރާއި ފަޅޮލާއި ކަށިކޭލާއި އަނބާއި ކުރުނބަ އާއި ކަރާ އަދި ޕެޝަން ފްރުޓާއި ޑްރެގަން ފްރުޓާއި ކިއުކަމްބާ ފަދަ އެކި އެއްޗެހި ހުއްޓެވެ.
އެހެންވެ، އޭނާގެ ކުރިއަށް އޮތް އެޕިސޯޑުތަކުގައި ފެންނާނީ ދިވެހިރާއްޖޭގައި ހައްދާ މޭވާތަކާ ގުޅޭ ވީޑިއޯއެކެވެ.
ބެލެވޭ ގޮތުގައި އޭނާގެ މި ދަތުރުގައި ރާއްޖޭގެ އެހެން ކެއުންތައް ވެސް ތަޖުރިބާކޮށް ވީޑިއޯ އާންމުކުރާނެ އެވެ.
މާކްއަކީ އޭނާގެ ބަހުން ނަމަ، "ފުލް ޓައިމް އީޓާ" އެކެވެ. އޭނާ ވަނީ ސީރިއާ އާއި ފަލަސްތީން، ގަތަރު، ދުބާއީ، ޖޯޑަން އަދި އެފްރިކާގެ އެކި ގައުމުތަކާއި ތައިލެންޑް، ވިއެޓްނާމް، ޖަޕާން، ސިންގަޕޫރު، މެލޭޝިއާ، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އުޒްބަކިސްތާން، ޕެރޫ އަދި ކޮރެއާ، މަޑަގަސްކަރަ އާއި އަދިވެސް އެތައް ގައުމެއްގެ ކެއުންތައް ރަހަ ބަލައި އޭގެ ވީޑިއޯތައް ހަަދައިފަ އެވެ.
(0) ކޮމެންޓް
ކޮމެންޓް ލިބިއްޖެ! ޝުކުރިއްޔާ!