By: Maaidha Mohamed Rashad
އެކުގައި އެކި ގައުމުތަކަށް ދަތުރުކުރާއިރު ފާތިމަތު ސަބާ މުހްތާރާއި އައިމިނަތު ޝިއުފާއަށް އެންމެ ބޮޑަށް ފާހަގަވީ ގައުމުތަކުން އެ މީހުންގެ ސަގާފަތް ޓޫރިސްޓުންނަށް ދައްކަން ކުރާ ބުރަ މަސައްކަތެވެ. ގައުމަށް ވަންނަ ހިސާބުން ފެށިގެން ގޮސް ނުކުމެގެން ދަންދެން ވެސް އެ ބައެއްގެ ސަގާފަތް ފެންނާނެ ގޮތްތައް ހުރެ އެވެ.
އެކަަމަކު ޓޫރިޒަމް އިންޑަސްޓްރީ މަސައްކަތްކުރާ ސަބާ ބުނީ އެ މަންޒަރު ރާއްޖެއިން ނުފެންނަ ކަމަށެވެެ. ރިސޯޓަށް އަރާ ވަގުތު ބޮޑުބެރުން މަރުހަބާ ކިޔަސް، އޭގެ ފަހުން ދިވެހިންގެ ސަގާފަތް މާ ބޮޑަށް ނުފެނި އެ މީހުން ފުރައިގެން ދަނީ އެވެ.
އެ ހިޔާލުގައި ހުއްޓާ ޔޫޓިއުބުން ބެލި ވީޑިއޯއެއްގައި މި ދެ އެކުވެރިންނަަށް ފެންނަނީ ޖަޕާނަށް މީހަކު ދަތުރުކޮށް، އެ ގައުމުގެ ސަގާފީ އެކި ކަންކަން ތަޖުރިބާކުރާ މަންޒަރެވެ. "ކިޔަވަހި" ކަލްޗަރަލް ސްޓޫޑިއޯ އުފަންވީ އެ މަގުސަދުގެ ތެރެއިން ރާއްޖޭގެ ސަގާފަތް ބޭރު މީހުންނާއި ދިވެހިންނަށް ވެސް ތަޖުރިބާ ކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.
"އަހަރެމެން ދެ މީހުން އެކީގައި ވަރަށް ގިނައިން ޓްރެވެލް ކުރަން. މިހެން ޓްރެވެލް ކުރާއިރު ވެސް ފެނޭ ގައުމުތަަކަށް ދާއިރު ވަރަށް އެ މީހުންގެ ކަލްޗާ ދައްކާނެ. ކޮންމެ ގައުމަކަށް ވަންނަތަނުން ނިކުންނަންދެން އަހަރެމެންނަށް ފެންނަނީ އެމީހުންގެ ކަލްޗާ. އެމީހުން ނޭޗާ ވެސް ޕްރޮމޯޓްކުރޭ. އެކަމަކު ބޮޑަށް ކަލްޗާ ފެންނާނީ،" ސަބާ ބުންޏެވެ.
ބޭރު މީހަކު، ކަސަބު ގަތާ ގޮތް ތަޖުރިބާކުރަނީ
"އެކަމަކު ރާއްޖެއަށް ވަންނަ ތަނުން ކަލްޗާ ވަރަށް ނުފެންނާނެ. ޓްރެވެލް ކުރާއިރު ވެސް ރާއްޖެއޭ ބުނާއިރަށް އެ މީހުން އަހާނެ ރާއްޖެއަކީ އޮންނަ ތަނެއްހޭ. ރާއްޖޭގައި މީހުން އުޅޭހޭ. މީހުންގެ ޕާސެޕްޝަން އިންނަނީ ރާއްޖެއަކީ ޓޫރިސްޓް ރިސޯޓެކޭ،" ކިޔަވަހި އުފަންވާން ޖެހުނު ސަބަބުތައް ކިޔައިދެމުން އޭގެ ކޯ ފައުންޑަރު ސަބާ ބުންޏެވެ.
އެހެންވެ، މީގެ އަހަރެއްހާ ދުވަސް ކުރިން ސަބާ އާއި އޭނާގެ ޓީމު އުޅުނީ ރަށްރަށަށް ދަތުރުކޮށް އެކަމުގެ ރިސާޗު ހެދުމުގަ އެވެ. ރަށްރަށުގައި ތިބި ސަގާފަތް ދަންނަ މީހުން ހޯދައި އާޓިޒަން ރެކްރޫޓްކުރުން ކަހަލަ މަސައްކަތަށް ފަހު، މީގެ ތިން މަސް ކުރިން ކިޔަވަހި ފަށައިފި އެވެ.
ޓޫރިސްޓަކު ކިޔަވަހީގެ މަސައްކަތް ބަލާލަނީ.
ދިވެހިއުމާއި ދިވެހި އާޓްސް އެންޑް ކްރާފްޓްގެ އިތުރުން ދިވެހި ލަވަ އާއި ނެށުން ބޭރު މީހުންނަށް މިހާރު ތަޖުރިބާ ކުރެވޭނެ އެވެ.
އޭގެ ތެެރެއިން ދިވެހި ކެއުން ކުރިއަށް ގެންދަނީ ޝެފުން ގޮސްގެން މަސް ހުނި ކަހަލަ ދިވެހި ކެއުންތައް ތައްޔާރުކުރާނެ ގޮތްތައް ކިޔައިދޭ ކަހަލަ ކޮންސެޕްޓަކަށެވެ. ދިވެހި އާޓްސް އެންޑް ކްރާފްޓުގައި ލިޔެލާ ޖެހުމާއި ތުނޑު ކުނާ ވިންނާނެ ގޮތާއި ފަންގިވިނުމާއި ރޯނު ވެށުން ކަހަލަ ކަންކަން ތަޖުރިބާ ކުރަން ފުރުސަތު ލިބެ އެވެ. ދިވެހި ލަވަ އާއި ނެށުމުގައި ހިމެނެނީ ބޮޑުބެރާއި ލަނގިރި އާއި ބަނޑިޔާ ޖެހުމާއި މަލާފާތި ނެށުމާއި ތާރަ ޖެހުމާއި ދަނޑި ޖެހުން ކަހަލަ ނެށުންތަކެވެެ.
ކިޔަވަހީގެ މަސައްކަތް ޓޫރިސްޓުން ތަޖުރިބާކުރުމަށް ފަހު، އެތަނުގެ މުވައްޒަފުންނާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.
ކިޔަވަހި ހިންގަނީ ޓްރެވެލް ސްޓޫޑިއޯއެއް ގޮތަށެވެ. މާލޭގައި ތިބި އާޓިޒަންސް މަސައްކަތްކުރާ ތަނަށް ގޮސްގެން އެމީހުންނަށް އެ ފުރުސަތު ދޭއިރު ރަށްރަށުގައި ވެސް އޮންނަނީ ޓޫރިސްޓުން ތިބޭ ތަންތަަނަށް ގޮސްގެން އެ މީހުންނަށް އެ ކަންކަން ތަޖުރިބާ ކުރަން ފުރުސަތުދޭ ގޮތަށެވެ.
ދިވެހި ކެއުމާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުވަނީ.
މިވަގުތު ޓޫރިސްޓުންނަށް ހާއްސަ ފޯކަސްއެއް އޮތަސް މި ތަނުގައި ދިވެހިންނަށް ވެސް ތަޖުރިބާ ކުރަން ފުރުސަތު ލިބެ އެވެ. ދިވެހިންނަށް މި މަސައްކަތްތައް ދަސްކޮށްދިނުމަށް ކޯސްތަކެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް މި ޓީމުން އެބަ ކުރެ އެވެ.
"މިވަގުތު ލޯކަލްސްއަށް މި އިންނަނީ ހާއްސަ ޑިސްކައުންޓެއް ދީގެން އެކްސްޕީރިއަންސް ޕެކޭޖުތަކެއް. އެކަމަކު އަޅުގަނޑުމެން އެބަ މަސައްކަތްކުރަން ލޯކަލްސްއަށް ހާއްސަ ކޯސްތަކެއް ޑިވެލޮޕްކުރުމަށް ވެސް،"
ކުޑަކުދިންތަކެއް ކަސަބުގެ މަސައްކަތް ކުރަނީ.
ކިޔަވަހީގެ މާކެޓިން ޓީމު ހިމެނޭ ގޮތަށް ފަސް މުވައްޒަފުން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮންޓްރެކްޓަށް އާޓިޒަންސް އެބަ މަސައްކަތް ކުރެ އެވެ.
"އަޅުގަނޑުމެން އަދިވެސް އެބަ ރެކްރޫޓްކުރަން ހަމަ ރިސޯޓުތަކާ ކައިރި ރަށްރަށުން. ސަބަބަކީ އެމީހުންނަށް ފަސޭހަވާނެ ރިސޯޓަށް ދަތުރުކުރަން ވެސް. އެހެންވީމަ އެކި ކަހަލަ ކަލްޗާ ދައްކުވައިދޭ މަސައްކަތް ކުރާ މީހުންނަށް ފުރުސަތު އެބަ އޮތް،" އޭނާ ބުންޏެވެ.
ކިޔަވަހި ހިންގަމުން އަންނަނީ ބައެއް ރިސޯޓުތަކާއި ޓްރެވެލް އެޖެންސީތަކާ ގުޅިގެންނެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުން، ދިވެހިންގެ ސަގާފަތް ތަޖުރިބާ ކުރަން ބޭނުންވާ ނަމަ، އެމީހުންގެ އެކްޓިވިޓީތަކުގެ ތެރެއަށް މި ހަރަކާތްތައް ވެސް އިތުރުކުރަނީ އެވެ.
ޓޫރިސްޓަކު ކަސަބުގެ މަސައްކަތްކުރަނީ.
މިދިޔަ ތިން މަހުގެ ތެރޭގައި ވެސް ތުނޑުކުނާ ވިނުމާއި ފަންގިވިނުމާއި ރޯނު ވެށުން އަދި ކަސަބާއި ލިޔެލާ ޖެހުމުގެ މަސައްކަތަށް ޓޫރިސްޓުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބުނު ކަމަށް ސަބާ ބުންޏެެވެ. އަދި އަންނަ މަހާ ހިސާބަށް މިހާރު ވެސް ގިނަ ބަޔަކު އެ ތަޖުރިބާ ސެޝަންތައް ބުކްކޮށްފައި އެބަ ހުއްޓެވެ.
ރާއްޖޭގައި ކަލްޗަރަލް ޓޫރިޒަމް ފެށުމުން ޓޫރިސްޓަކު އެ ތަޖުރިބާ ކުރަނީ.
ޓޫރިޒަމްގެ ހައި ސީޒަން ކުރިއަށް އޮތްއިރު އެ ދުވަސްވަރާ ދިމާކޮށް އަންނަ ޓޫރިސްޓުން ވެސް މިކަން ތަޖުރިބާކުރުމަށް މިހާރު ވެސް ކިޔަވަހީގެ ސޯޝަލް މީީޑިއާއަށް މެސެޖުތައް ކުރަމުންދާތީ އެކަމަށް އޮތް ތަރުހީބު އެބަ ފެނެ އެވެ.
ކިޔަވަހިން މަސައްކަތް ކުރަނީ އާޓިޒަންސްގެ ބުރަ މަސައްކަތް ފާހަގަކޮށް އެމީހުންނަށް ވެސް މިކަމުން އާމްދަނީ ހޯދޭނެ ގޮތްތައް އޮތްކަން ދައްކައިދިނުމެވެ. ރާއްޖެއަށް މުޅިން އަލަށް ތައާރަފު މިކުރި ކަލްޗަރަލް ޓޫރިޒަމަކީ މުސްތަގުބަލެއް އޮތް ދާއިރާއެއް ކަމަށް އެބަ ބެލެވެ އެވެ.
(0) ކޮމެންޓް
ކޮމެންޓް ލިބިއްޖެ! ޝުކުރިއްޔާ!