21 Jul 2025

ލަހެއް ނުވޭ، ބިރު ކަނޑާލާފައި ގޮސް ފަތަން ދަސްކުރަންވީ

ލަހެއް ނުވޭ، ބިރު ކަނޑާލާފައި ގޮސް ފަތަން ދަސްކުރަންވީ

By: Asima Nizar

ރަށްތައް ވަށައި މި އޮތީ މޫދެވެ. އެކަމަކު، ކަނޑަށް ފަރިތަ މީހުން އާބާދީގެ ނިސްބަތުން ގިނައެއް ނޫނެވެ. ކަނޑުމަތީގެ އެކި ހާދިސާތަކާ އެކު މި ވާހަކަ އަބަދުވެސް ތަކުރާރުވެ އެވެ. އެކަމަކު ވަކި ހިސާބަކުން އެ ވާހަކަ ހުއްޓެނީ އެވެ.

ސްވިމިން ކޯޗު، އަހުމަދު ޝާވީ ރާފިއުއަށް ފެންނަ މަންޒަރުތަކުން އޭނާ ގަބޫލުކުރަނީ ބޮޑެތި މީހުންގެ އާބާދީގެ ބޮޑު ބަޔަކަށް ފަތަން ނުވަތަ ފެން މަތީގައި ރަނގަޅަށް އޮންނަން ވެސް ނޭނގޭނެ ކަމަށެވެ. އެހެން ދިމާވާ ސަބަބުތައް ވެސް އެބަހުއްޓެވެ.

ފަތަން ދަސްކުރުމަށް ކުޑައިރު އުޅެނިކޮށް ދިމާވި ބިރުވެރި ހާދިސާއަކަށް ފަހު މޫދަށް އެރެން ފަސްޖެހޭ މީހުން ވެސް ވަރަށް ގިނަ އެވެ. އެހެންވެ، އުމުރު ދެބައިވާއިރު ވެސް މޫދުގައި އުޅޭކަށް ނޭނގެ އެވެ.

"ކުރީގައި ބެލެނިވެރިންގެ ބިރު މި އޮންނަނީ މޫދަށް ގޮސްގެން ކުއްޖަކަށް ކަމެއް ދިމާވެދާނެއޭ. އެހެންވެ، ފަތަން ދަސްނުކުރެވި މި އޮންނަނީ. އެކަމަކު، މިހާރު މޫދުގެ ހަރަކާތްތައް ވެސް ވަރަށް ފުޅާވެއްޖެ. ސާފިންއަކީ އޭގެ އެއް ކަންތައް،" ސްވިމިން ކްލަބެއްގައި ވެސް މަސައްކަތްކުރާ ޒުވާން ކޯޗު ބުންޏެވެ.

އެކަމަކު، މޫދާ ގުޅޭ ހިތްހަމަޖެހޭ ބަދަލެއް އެބަ ފެނެ އެވެ.

ސްކޫލުތަކުން އިސްނަގައިގެން ރަށްރަށުގައި ކުދިންނަށް މިހާރު ފަތަން ދަސްކޮށްދެ އެވެ. މާލޭގައި ނަމަ ކްލަބުތަކާ ގުޅިގެން އެ ހުނަރު ދަސްކޮށްދެ އެވެ. އޭގެ ނަތީޖާއަކަށް ވާނީ، ދެން ސްކޫލު ނިންމާ އެތައް ކުދިންނަކަށް ފަތަން އެނގުމެވެ.

ޝާވީ ވެސް މިހާރު އަންނަނީ ދުވަހުގެ ގަޑިތަކަށް ބަހާލައިގެން އެކި އުމުރުގެ ކުދިންނާއި މީހުންނަށް ފަތަން ދަސްކޮށްދެމުންނެވެ. އޭގެ ތެރެއިން ވެސް، އެއްވެސް ވަރަކަށް ފަތަން ނޭނގޭ ކުޑަކުދިން ވެސް، ބޮޑެތި މީހުންނަށް ވުރެ އަވަހަށް ފަތަން ދަސްކުރާ ކަމަށް އޭނާ ބުންޏެވެ.

"ބޮޑެތި މީހުންގެ ބިރު އިންނަނީ ހަމަ ބޮޑަށް،" ޝާވީ ބުންޏެވެ.

"މި ފަހުގެ ޖީލުގެ ކުދިން މޫދަށް ފަރިތަ."

ފަތަން ދަސްކޮށްދިނުމަށް މީގެ ނުވަ އަހަރު ކުރިން ޝާވީ ކްލާސްތައް ފެށިއިރު، އެކަމުގައި ބައިވެރިވަމުން ދިޔައީ ބޮޑެތި މީހުންގެ ވަރަށް މަދު ބައެކެވެ. އެކަމަކު، އެ އަދަދު ވެސް އެއް އަހަރުން އަނެއް އަހަރަށް އިތުރުވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، މުޅި ރާއްޖެއިން ހިތްހަމަޖެހޭ މަންޒަރެއް ފެންނާނީ ގައުމީ ލެވެލްއެއްގައި އެކަން ފެށިގެންނެވެ.

ފެތުން

Popular