ފައިސާ ދައްކައިގެން މި ހިދުމަޔް ހޯދާ މީހުންނަށް، އެ މީހުން ޝެއާކުރާ ފޮޓޯ ނުވަތަ ވީޑިއޯ ސްޓޯރީތައް ބެލޭނީ ކޮން އެކައުންޓްތަކަކަށްތޯ ކަނޑައެޅުމުގައި މިހާރަށްވުރެ ބޮޑު އިހުތިޔާރުތަކެއް ވެސް ދޭނެ ކަމަށް "ޓެކް ކްރަންޗް" އިން މެޓަ އާ ހަވާލާދީ ބުންޏެވެ.
މެޓަގެ ތަރުޖަމާނަކު ބުނީ މި ފީޗާތައް އަދި ޓެސްޓުކުރަމުން އަންނަނީ ވަރަށް މަދު ގައުމެއްގައި ކަމަށެވެ. އެކަމަކު އެއްވެސް ތަފްސީލެއް އޭނާ ނުދެ އެވެ.
ޓެކް ކްރަންޗުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ގައުމުތަކުގެ ތެރޭގައި ޖަޕާން، މެކްސިކޯ އަދި ފިލިޕީންސް ހިމެނެ އެވެ. އަދި ސަބްސްކްރިޕްޝަން އަގު އުޅެނީ މަހަކު ގާތްގަނޑަކަށް ދެ ޑޮލަރުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
މެޓަ އިން ވަނީ މިދިޔަ އަހަރު، ޔޫކޭގެ ގާނޫނުތަކަށް ތަބާވުމުގެ ގޮތުން ވަނީ އިޝްތިހާރު ނުފެންނަ ގޮތަށް ފޭސްބުކް އަދި އިންސްޓަގްރާމްގެ ސަބްސްކްރިޕްޝަން ވާޝަނެއް ވެސް ތައާރަފްކޮށްފަ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ސްނެޕްޗެޓް އަދި އެކްސް އިން ވަނީ ފާއިތުވި ދެތިން އަހަރު ކުރިން ފެށިގެން ވެސް، ފައިސާ ދައްކައިގެން ބޭނުންކުރެވޭ ޕްރީމިއަމް ވާޝަންތައް ދެމުންނެވެ.
ސްނެޕްޗެޓްގެ މައި ކުންފުނި 'ސްނެޕް' އިން ދާދިފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ޕްރީމިއަމް ޓިއާ ބޭނުންކުރާ 25 މިލިއަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އަހަރަކު 1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އެ ބައިން ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
އިންސްޓަގްރާމްގައި ކޮންޓެންޓް އުފައްދާ މީހުންނަށް މިހާރު ވެސް އެމީހުންގެ ހާއްސަ ކޮންޓެންޓް ބަލަން ބޭނުންވާ ފޭނުންގެ އަތުން ފައިސާ ނެގުމުގެ ފުރުސަތު އޮވެ އެވެ.