31 Mar 2026

By: Maaidha Mohamed Rashad

އަތުން ލިޔެ ލޯބިވެރިންނަށް ސިޓީތައް ދިނުމާއި ދުވަހުގެ ކަންކަން ހިނގާ ގޮތް ޑައިރީގައި ލިޔުމަކީ ތަންކޮޅެއް ކުރިން ކޮށް އުޅުނު ކަމެކެވެ. އެކަމަކު ސްކްރީނާ ނުލައި އުޅެން އުނދަގޫ ޒަމާނެއްގައި، އަތުން ސިޓީ ލިޔުމާއި ޑައިރީގައި މުހިއްމު ވާހަކަތައް ލިޔެ ރައްކާކުރުން އަލުން ފެށިދާނެ ކަމަށް ގަބޫލު ނުކުރެވުނަސް އެކަން އެނބުރި އަންނަން ފަށައިފި އެވެ. އަތުން ލިޔާ ނޯޓުތަކުގެ ބާރު މާގަދަވެއްޖެ އެވެ. ކަރުދާހުގައި ގަލަމުން ލިޔުމަކީ އުފަލެއް ކަމާއި އޭގެ ފައިދާތައް ގަބޫލުކުރާ މީހުން ގިނަ އެެވެ. މިކަމަކީ ކްރިއޭޓިވްކޮށް ވިސްނުމާއި އުފެއްދުންތެރިކަމަށް ބާރު އަޅާކަމެއް ކަމަށް މީހުން ދެކެ އެވެ. އަދި އަތުން ލިޔުމަކީ ފަސޭހައިން މީހާގެ އިމޯޝަންތައް ބޭރު ކުރެވޭ ކަމެކެވެ.

އަތުން ލިޔެފައިވާ ސިޓީ

އަތުން ލިޔެފައިވާ ސިޓީތައް މިހާރު ލޯބިވެރިންނަށް ދިނުން ވެސް އިތުރެވެ. މި ފޮނުވާ މެސެޖުތަކަށް ވުރެ މިފަދަ ސިޓީއެއް ނުވަތަ ނޯޓެއް ލިބުމުން ހާއްސަވާ ކަމަކީ އެ މީހެއްގެ ވަގުތާއި އެފަޓާއި އަޅާލުން ހާމަވާތީ އެވެ. އަތުން ލިޔެފައި އޮންނަ ސިޓީއެއްގައި އެމީހުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަން އިހުސާސްކޮށްދޭ މިންވަރު އިތުރުވެ އެވެ. ސިޓީ ފޮރުވައި ރައްކާކޮށްފައި ބާއްވަނީ އެފަދަ ސަބަބުތަކާ ހުރެ އެވެ.

އެހެންވެ، މިފަހަކުން އަނެއްކާ ވެސް ސިޓީ އާއި ނޯޓުގެ ޓްރެންޑެއް ވަނީ އައިސްފަ އެވެ. ލޯބިވެރިންނާއި ރައްޓެހިންނަށް އެމީހުންނަކީ ކިހާ މުހިއްމު ބައެއްކަން އިހުސާސްކޮށްދިނުމަށް ހަދިޔާއާ އެކު މިފަދަ ސިޓީތައް ދިނުން ވަނީ އިތުރުވެފަ އެވެ. މިފަދަ ސިޓީތަކުން ލިބޭ ހިތްހަމަޖެހުމާއި ލޯބި މާބޮޑެވެ.

އަތުން ލިޔެފައިވާ ސިޓީ

އެހެންވެ، ރައްޓެހިންނާއި ލޯބިވެރިންނަށް ހަދިޔާއެއް ދޭން ވިސްނާ ނަމަ، އަތުން ލިޔެފައިވާ ސިޓީއެއް ނުވަތަ ނޯޓަކާ އެކު ދޭށެވެ. އޭރުން އެ މީހުންނަށް ލިބޭ އުފާވެރިކަން އެތައް ގުނައެއް އިތުރުވާނެ އެވެ. މިކަން ކުރަނީ ހަމައެކަނި ރައްޓެހިންނާއި ލޯބިވެރިން އެކަންޏެއް ނޫނެވެ. ވިޔަފާރިތަކުން ވެސް މި އުކުޅު މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. ކަސްޓަމަރުންނަށް އެމީހުންގެ ޝުކުރު ބަންޑުންކޮށްލުމުގެ ގޮތުން، އަތުން ލިޔެފައި ހުންނަ ނޯޓުތައް ޕެކޭޖާ އެކު ފޮނުވައި އެ ގުޅުން އުފައްދަ އެވެ. އަތުލިޔުމުގެ ބާރު މިހާ ގަދަވެފައިވާއިރު މިފަދަ ނޯޓެއް ލިބިފައިވާ ނަމަ، ތިޔަ ގުޅުން ހާއްސަ އެވެ. އެ ދައްކައިދެނީ އެ މީހުންގެ ހިތުގައި އޮތް ހާއްސަ ގުޅުމެވެ.

Popular