16 Jul 2017

ޖިންސީ ގޯނާ ކުރި މީހާ ހޯދި ތަފާތު ގޮތެއް

ޖިންސީ ގޯނާ ކުރި މީހާ ހޯދި ތަފާތު ގޮތެއް

By: Fathmath Aneesa

ފޮރެންސިކް ޑެންޓިސްޓްރީއަކީ މިހާތަނަށް ވަރަށް މަދުން ނޫނީ ތަހުގީގަށް ބޭނުން ނުކުރާ މެތަޑެއް ނަމަވެސް މި މެތަޑްގެ އެހީގައި އިންޑިޔާގައި ހަ އަހަރުގެ ކުޑަ އަންހެންކުއްޖެއް ރޭޕްކުރި 45 އަހަރުގެ ފިރިހެނަކު ދާދި ފަހުން ވަނީ އަތުލައިގެންފަ އެވެ. މި މެތަޑަށް ރަސްމީކޮށް ކިޔަނީ ފޮރެންސިކް އޮޑޮންޓޮލޮޖީ އެވެ.

ޖޯގޭޝްވަރީ ކިޔާ ރަށުގައި މީގެ ތިން އަހަރު ކުރިން ހިނގި މި ހާދިސާގައި މި ފިރިހެންމީހާ ކުޑަ އަންހެންކުއްޖާ ކިޑްނެޕްކުރީ އޭނާގެ މާމައަށް ދުފާ އެއްޗެހި ގަނެދޭން ކައިރި ފިހާރައަކަށް ދިޔަ މަގުމަތިންނެވެ. ކުއްޖާގެ ކުޑަކަމާއި އެމީހާ ކުއްޖާއަށް ޖިންސީ އަނިޔާ ދިންއިރު މޫނުމަތީގައި ފޮތިގަނޑެއް ބަނދެގެން ހުރުމުގެ ސަބަބުން ކުޑަ ކުއްޖާއަކަށް އޭނާއަށް އަނިޔާދިން މީހާ ވަކިކުރާކަށް ނޭނގުނެވެ. ނަމަވެސް މެޑިކަލް އަދި އޮޑޮންޓޮލޮޖީ ރިޕޯޓްސްތަކުން މިކަން ކުރީ ޝްރީނިވާސް ސަރްޔާޑޫ ކިޔާ މީހެއްކަން ކުޑަކުދިންނަށް ޖިންސީ ކުރާ މައްސަލަތައް ބަލާ ޚާއްސަ ކޯޓަށް ސާބިތުކޮށްދިނުމުގައި ފުލުހުން ވަނީ ކާމިޔާބު ހޯދާފަ އެވެ.

މި އޮޑޮންޓޮލޮޖީ ރިޕޯޓުތައްޔާރު ކޮށްދީފައިވާ ފޮރެންސިކް އޮޑޮންޓޮލޮޖިސްޓަކީ އެ ސްޓޭޓްގައި ހުރި ހަމައެކަނި މިކަހަލަ ތަޖުރިބާކާރެވެ. އަދި މުޅި އިންޑިޔާގައި ވެސް ތިބީ މިކަން ކިޔަވައިގެން ތިބި އެންމެ ދެ އޮޑޮންޓޮލޮޖިސްޓުންނެވެ.

އަންހެންކުއްޖާއަށް ޖިންސީ އަނިޔާކުރީ މި ފިރިހެންމީހާކަން ސާބިތުކޮށްދިނުމަށް މި އަންހެން ޑޮކްޓަރު ބޭނުންކުރީ ކޮމްޕިއުޓަރުން ތައްޔާރުކޮށްފައިވާ ޓެކްނިކްތަކެކެވެ. އެގޮތުން އަންހެންކުއްޖާގެ ތުންފަތުގައި ހުރި ދަތް އަޅާފައިވާ ނިޝާންތަކަކީ ފިރިހެންމީހާގެ ދަތުގެ ނިޝާންތަކެއްކަން އޭނާ ވަނީ ކޯޓުގައި ސާބިތުކޮށްދީފަ އެވެ.

ސަރްޔާޑޫ 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރަން ކޯޓުން ބުނެފައިވަނީ ދަތުގެ ނިޝާނަކީ ދެ އިންސާނެއްގެ އެއްގޮތް ނޫން އެއްޗެއް ކަމަށެވެ. މިއީ 2012 ގައި ދިއްލީގައި ހިނގި ގޭންގް ރޭޕް ކޭސް ގައި ވެސް ބޭނުންކުރި ޓެކްނިކެއް ކަން ފަނޑިޔާރުން ވަނީ ފާހަގަ ކޮށްފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ 2014 ވަނަ އަހަރުގެ ޖުލައި 4 ވަނަ ދުވަހު މި ކުއްޖާގެ ބައްޕަ އޭނާ މާމަގެ ގޭގައި ބަހައްޓާފައި މަސައްކަތް ކުރަން ދިޔުމުންނެވެ. ކުއްޖާގެ މަންމަ އާއި ބައްޕަ ވަރިވެ މި އަންހެންކުއްޖާ އާއި އޭނާގެ އެއްބަނޑު އެއްބަފާ ކުދިން ދިރިއުޅެނީ ބައްޕައާ އެކުގަ އެވެ.

ކުއްޖާގެ ބައްޕަ ކޯޓުގައި ބުނި ގޮތުގައި މަސައްކަތް ނިންމާފައި އޭނާއަށް ކުއްޖާ ބަލާ ދެވުނީ ރޭގަނޑު 9 ޖެހި ފަހުންނެވެ. ނަމަވެސް ކުއްޖާ ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އެ ގޭގައި ތިިބި މީހުން އޭނާ ކައިރީ ބުނި ކަމަށެވެ. އެހެންވެ ވަގުތުން ގޮސް ފުލުހުންނަށް މައްސަލަ ރިޕޯޓުކުރީ ކަމަށާއި މާ ދުރު ހިސާބަކުން ކުއްޖާ ފެނުނީ ހެނދުނު 7.00 ހާއިރު ވަޒީފާއަދާކުރަން ތަނަކަށް ދިޔަ އަންހެނަކަށް ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ.

އެ އަންހެންމީހާގެ ބަޔާނުގައި އޭނާ ބުނި ގޮތުގައި ކުއްޖާގެ ގައިގައި އެއްވެސް އަންނައުނެއް ނެތެވެ. އަދި އޭނާއަށް ފެނުނުއިރު ކުއްޖާ ވަރަށް ބާރަށް ރޮއެވެ. ކުއްޖާގެ ތުންފަތާ ތަންތަން ދުޅަވެ އަނިޔާވެ އެކި ތަންތަނުން އޭރު ލޭ އަންނަ ކަމަށް ވެސް އަންހެންމީހާ ބުންޏެވެ. ފުލުހުން ކުއްޖާ ލައްވާނެ ހެދުން ހިފައިގެން އައިސް އޭނާ ޓްރޯމާ ސެންޓަރަށް ގެންގޮސް ވަގުތުން ފަރުވާ ދޭން ފެށި އެވެ. ކުއްޖާގެ ބައްޕަ ގޮސއ ސުވާލުކުރުމުން އެ ކުއްޖާ ވަނީ އޭނާއަށް ލިބުނު އަނިޔާތަކާއި ވީ ގޮތް ކިޔައިދީފަ އެވެ.

ކުޑަ ކުއްޖާ ކޯޓަށް ކިޔައިދީފައިވާ ގޮތުގައި އެ ބޭބެ (ސަރްޔާޑޫ) އަށް އޭނާ ފެނުނީ ދުފާއެއްޗެތި ވިއްކާ ފިހާރައިގެ ކުރިމަތީގައި ހުއްޓަ އެވެ. އަދި އެ ބޭބެ އޭނާގެ އަތުގައި އޮތް 10 ރުޕީސް ޖަހައިގަނެގެން އެ ލާރި ދޭނަމޭ ކިޔާފައި ގަސްތަކު ތެރެއަށް ވެއްދީ ކަމަށް ވެސް ކުޑަ ކުއްޖަ ބުންޏެވެ. އަދި އެމީހާ ކުރި ހުރިހާ އަނިޔާއެއް ކުއްޖާ ވަނީ ކޯޓުގައި ކިޔައިދީފަ އެވެ.

ކުއްޖާ ގެއްލިގެން ރިޕޯޓުކުރި ޕޮލިސް ސްޓޭޝަނަށް ސަރްޔާޑޫ ގެއްލިގެން އޭނާގެ ބޭބެ ވެސް ހަމަ އެ ދުވަހު (ޖުލައި 1، 2014) މައްސަލަ ރިޕޯޓު ކުރި އެވެ. އަދި ގެއްލިގެން ރިޕޯޓުކޮށްފައިވާ މި ފިރިހެންމީހާ އަކީ މީގެ ކުރިން ދެ ތިން ފަހަރެއްގެ މަތިން އެކި އަންހެނުންނަށް ހަމަލާ ދީފައިވާ މީހެއް ކަމުގެ ރިޕޯޓުތައް ފުލުހުންނަށް ލިބުނެވެ. މި ދެ މައްސަލަ ގުޅުވާލަން އެނގުނީ މި ސަބަބާ ހެދި އެވެ.

ފުލުހުން ވަނީ ޖުލައި 17، 2014 ގައި ސަރިޔާޑޫ އަންދްރަ ޕްރަދޭޝްއިން ހޯދާ ހައްޔަރުކޮށް މުމްބައި އަށް ގެނެއްސަ އެވެ. އަދި އޭނާގެ ދަތްތަކުގެ އޮޑޮންޓޮލޮޖީ ޓެސްޓްހެދުމަށްޓަކައި ދަތްތަކުގެ ނިޝާން ނެގި އެވެ. އަދި މި ޓެސްޓުގެ ސަބަބުން މި މީހާގެ ކުށް ސާބިތުކުރުމުގެ ފުރުސަތު ލިބިގެން ދިޔަ އެވެ.

ސިއްހަތު އިންޑިއާ ޖިންސީ އަނިޔާ ޖިންސީ ގޯނާކުރުން

Popular