24 Dec 2017

ސާފް ބްރޭކްސް ހިތަކަށް: އެކަމަކު އެންމެ ސަޅި ފަހެއް

ސާފް ބްރޭކްސް ހިތަކަށް: އެކަމަކު އެންމެ ސަޅި ފަހެއް

ހިތްގައިމު ނަލަ ރާޅަކީ ދުނިޔެމަތީގެ ސުވަރުގެއަކަށް ދިވެހި ރާއްޖެ ބަދަލުކޮށްލަދޭ ސިފަތަކުގެ ތެރެއިން އެންމެ މުހިންމު އެއް ސިފަ އެވެ. ނަމަވެސް އެ ނަގާ ރާޅާއި އޭގެ އަރާމުކަމުން ލިބެން ޖެހޭ ހަގީގީ ނަފާ އާއި އުފާވެރިކަން އަދިވެސް ދިވެހިންނަށް އޭގެ އެންމެ ފުރިހަމައަކަށް ނުލިބެ އެވެ. ރާއްޖޭގެ 1192 ޖަޒީރާ ވަށައިގެން އުފެދި ނަގަމުން އެދާ ރާޅުތައް ޑިމާންޑްކުރާ ވަރުގެ ޓޫރިޒަމެއް އަދިވެސް އޮތީ ނުވިއްކި އެވެ. އަނެއްކޮޅުން ރާއްޖޭގެ އެކިކަންކޮޅުތަކުގައިވީ ހިތްގައިމު ސާފް ޕޮއިންޓްތައް ޑިސްކަވާކުރުން އަދިވެސް ކުރިއަށް އޮތީ އެވެ.

އެ ހޯދުން ދިވެހި ރާޅު ޒުވާނުންނަށް ދޫކޮށްލާފައި މިފަހަރު މި އޮތީ އެމީހުންގެ މެދުގައި މިހާރު އެންމެ މަގްބޫލު ސާފް ބްރޭކްސްތަކުގެ ތެރެއިން ޓޮޕް ފައިވް މަންޒިލެވެ. މި މަންޒިލްތަކަކީ ހަމައެކަނި ދިވެހި ރާޅު ޒުވާނުންގެ އިހްތިރާމާއި ލޯބި ލިބިފައިވާ ތަންތަނެއް ނޫނެވެ. މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ސާފް ބްރޭކްތަކެވެ.

ތުލުސްދޫ

މާލޭގެ އުތުރު ބިތުން 27 ކިލޯ މީޓަރު ދުރުގައި މި ކުޑަކުޑަ ރަށަކީ ރާޅުގެ ދުނިޔެ އާއި ރާޅާއެޅުންތެރިންގެ ފެވަރިޓް މަންޒިލްތަކުގެ ތެރެއިން އަބަދުވެސް މިގޮތަށް ފާހަގަކޮށްލެވޭ ރަށެކެވެ. ރާޅަށްދާ ދިވެހި ޒުވާނުންގެ މެދުގައި ވެސް އެންމެ ފެވަރިޓް އެއް މަންޒިލަކީ ކަނާތަށް ރާޅުދެމޭ މި ރާޅުގަނޑެވެ. ޓޫރިސްޓުންގެ މެދުގައި ތުލުސްދޫގެ ރާޅުގަނޑު މަޝްހޫރުވެފައި އޮންނަނީ ކޯކްސްގެ ނަމުންނެވެ. އެއީ އެ ރަށުގައި ހިންގާ ކޮކާ ކޯލާ ފެކްޓަރީ އަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ.

ތުލުސްދޫ ރާޅާ އަޅާ ސަރަހައްދު

ތަނބުރުދޫ

ރާޅާއެޅުންތެރިން ތަނބުރުދޫ ރާޅުގަނޑު ސިފަކުރަނީ "ވޯލްޑް ކްލާސް" މަންޒިލެއްގެ ގޮތުގަ އެވެ. މިއީ ވާތާއި ކަނާތަށް ދެމޭ ބޮޑެތި ބިޔަ ދިގު ރާޅުތަކެއް ނަގާ ހިސާބެކެވެ. ރާއްޖޭގެ ރާޅު މަންޒިލްތަކަށް ބަލާއިރު އެންމެ ގިނަ ލޯކަލް ސާފަރުންނާއި ޗެމްޕިއަނުން ވެސް ފެންނަ މަންޒިލަކީ މިއީ އެވެ. ސަލްޓަންސްގެ ނަމުން ޓޫރިސްޓުންގެ މެދުގައި މަޝްހޫރުވެފައިވާ މި ޕޮއިންޓަށް ދިވެހި ޒުވާނުން ކިޔަނީ ތަނބުރުދޫ ކަންމައްޗޭ އެވެ. ރަނގަޅު ސީޒަނެއްގައި ނަމަ މި ޕޮއިންޓުގައި ހަތަރު ފޫޓާއި ހަ ފޫޓުގެ އުސް ރާޅުތައް ނަގަ އެވެ.

ތަނބުރުދޫ ސާފިން ސަރަހައްދު

ކުޑަވިލިގިލި

ތުލުސްދުއާ އިންވެގެން ކަހަލަ ގޮތަކަށް މި ކުޑަކުޑަ ރަށަކީ ކުކުޅު ގެންގުޅުނު ރަށެކެވެ. އެހެންކަމުން މި ރަށުގެ ރާޅުގަނޑު ދުނިޔެ އަށް މަޝްހޫރުވެފައި ވަނީ "ޗިކެންސް"ގެ ނަމުންނެވެ. މިއީ ރާއްޖޭގައި ރާޅަށް ގޮސް އުޅޭ ރާޅުގަނޑުތަކަށް ބަލާއިރު އެންމެ އުސް ރާޅުތައް ނަގާ އެއް މަންޒިލެވެ. ރަނގަޅު މޫސުމެއްގައި އެތަނުގެ ރާޅުތައް ތިން ފޫޓުން ފެށިގެން 10 ފޫޓަށް އުފުލިގެންދާއިރު ބައެއް ތަޖުރިބާކާރުން ބުނަނީ މި ވަރުގެ ސަޅި ރާޅުގަނޑެއް ދުނިޔޭގެ އެހެން ތަނަކުން ހޯދަން އުނދަގޫވާނެ ކަމަށެވެ.

ކުޑަވިލިނގިލި ސާފިން

ހިންމަފުށި

އަނެއްކާވެސް މާލެއާ ކައިރި ނުވަތަ މާލެ އަތޮޅަށް ނިސްބަތްވާ ރާޅުގަނޑެކެވެ. ރާޅާއަޅާ ތަޖުރިބާކާރުން ބުނަނީ ރާއްޖޭގައި އެންމެ ސަޅި ރާޅުތައް އޭގެ ގޮތުގައި ހިފެހެއްޓުމެއް ނެތި ލިބެން ހުރި ސަރަހައްދަކީ މިއީ ކަމަށެވެ. އެގޮތުން ބަލާއިރު "ޖެއިލްބްރޭކްސް"ގެ ނަމުގައި ޓޫރިސްޓުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ހިންމަފުށީގެ ރާޅުގަނޑަކީ ވެސް ރާޅާއެޅުންތެރިންގެ ސުވަރުގެއެކެވެ. ރާއްޖޭގެ އެއް ވަނަ ޝޯޓްބޯޑް ތަޖުރިބާކާރު ކުޑަ އިއްސޭ ބުނާ ގޮތުން ނަމަ މިއީ އޭނާ އަށް އެންމެ ކަމުދާ ދެ ޕޮއިންޓްގެ ތެރެއިން އެއް މަންޒިލެވެ. ޖެއިލް ބްރޭކްގެ ނަން މި ރަށުގެ ރާޅުގަނޑަށް ދީފައި ވަނީ ހިންމަފުށީ ޖަލާއި ރިހެބިލިޓޭޝަނަށް ނިސްބަތްކޮށެވެ.

ޖެއިލްބްރޭކްސް ސާފިން

މާލޭ ރާޅުގަނޑު

މިއީ މިފަދަ ލިސްޓެއް ހޮވާއިރު ކޮންމެހެން ވެސް ހިމަނަން ޖެހޭ ފެންވަރުގެ ރާޅުގަނޑެކެވެ. އެންމެ ކުރިން ވަރުނުލާ ރާޅުގަނޑުގެ ގޮތުގައި މަޝްހޫރުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާޅާއެޅުންތެރިންގެ ސަމާލުކަން ހޯދި މި ރާޅުގަނޑަކީ ރާއްޖޭގެ ނިސްބަތަށް ބަލާއިރު އެންމެ ތަފާތު އެއް ރާޅުގަނޑެވެ. ނުވަތަ ބުނަންވީ އެ އަޅާ ބްރިޖެއްގެ މަސައްކަތް ފަށަން ދެން ރާއްޖޭގައި އޮތް އެންމެ މަގްބޫލު އަދި އެންމެ ތަފާތު ރާޅުގަނޑަކީ މިއީއޭ އެވެ.

މާލޭ ރާޅުގަނޑު

ވަރުނުލާ ރާޅުގަނޑުގެ އެންމެ ހާއްސަ ސިފައަކީ އެތަނުގައި ނަގާ ތިން ވައްތަރުގެ ރާޅެވެ. އެއީ ދެ ފަރާތުން އުފެދިގެން އަންނަ ރާޅާއި މެދުން ނަގާ ރާޅުތަކެވެ. ނަމަވެސް ބްރިޖާ އެކު މި ރާޅުގަނޑުގެ ތިން ރާޅުގެ ކުޅަދާނަކަން މިހާރު ވަނީ ދެ ރާޅަށް ބަދަލުވެފަ އެވެ. މިއީ އެތަނަށް ގޮސް އުޅުނު ރާޅާއެޅުންތެރިން ބުނާ ވާހަކައެކެވެ.

ރާއްޖޭގައި އޮތް ރާޅާއަޅާ ޒުވާނުންގެ އާއިލާ އަށް ބަލާއިރު ގާތްގަނޑަކަށް އެންމެންނަކީ ވެސް މި ރާޅުގަނޑުން އުފެދިގެން ޗެމްޕިއަނުންގެ ގޮތުގައި ދުނިޔެ އަށް ނުކުމެފައިވާ ހުނަރުވެރިންނެވެ.

ރާޅާއެޅުން ކ. ހިންމަފުށި ކ.ތަނބުރުދޫ ކ. ކުޑަ ވިލިނގިލި ކ. ތުލުސްދޫ

Popular