15 Apr 2018

ރާއްޖޭގެ ޑޮމެސްޓިކް ފްލައިޓްގައި ދޭ ޖޫސްތަށި!

ރާއްޖޭގެ ޑޮމެސްޓިކް ފްލައިޓްގައި ދޭ ޖޫސްތަށި!

By: Asiya Abdul Raheem (Dietician)

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް އުދުހޭ ފްލައިޓްތަކަކީ މާ ގިނައިރު ދަތުރުކުރަން ޖެހޭ ފްލައިޓްތަކެއް ނޫނެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ނަގަނީ އެންމެ ގިނަވެގެން ވެސް ދެތިން ގަޑިއިރެވެ. ބޭރު ގައުމުތަކުގައި ގިނަ ވަގުތު ނަގައިގެން ކުރާ ދަތުރުތަކުގައި ކެއުންތައް ތައްޔާރުކޮށްގެން ގެނައި ނަމަވެސް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ފްލައިޓްތަކުގައި ހޭދަވާ ވަގުތުކޮޅު ކުޑަވެފައި އާއްމުކޮށް ދީ އުޅެނީ ޖޫސް ތައްޓެކެވެ.

އާންމުކޮށް މި ފްލައިޓްތަކުގައި ދީ އުޅެނީ ކޮންމެވެސް ކަހަލަ ޕެކެޓެއްގެ މޭވާ ޖޫހެވެ. މިއިން ކޮންމެ ޖޫސްތައްޓެއްގައި ގާތްގަނޑަކަށް ތިން ސައިސަމްސާ ނުވަތަ އެއަށް ވުރެ ގިނަ މިންވަރަކަށް ހަކުރު އެކުލެވެއެވެ. ހަކުރު ބަލީގެ މީހެއް ނަމަ ދެން ޖެހޭނީ މި ޖޫސްތަށި ނުބޮއެ އިންނާށެވެ. ސުވާލަކީ މި ޖޫސްތަށީގެ ބަދަލުގައި މޭވާއެއް ކާލަން ލިބޭ ނަމަ ވަކި އިތުރަށް ހަރަދު ބޮޑުވާނެތޯ އެވެ؟ ނުވަތަ ކަސްޓަމަރުން ހިތްހަމަ ނުޖެހިދާނެތޯ އެވެ؟ ނުވަތަ މޭވާ ފަދަ ތަކެތި ސްޓޮކްކޮށްފައި ބަހައްޓަން އުނދަގޫ ވާނެތޯ އެވެ؟

ހަރަދަށް ބަލާއިރު އާންމުކޮށް ފްލައިޓްތަކުގައި ދީ އުޅޭ ޖޫސް އެއް ލިޓަރު ޕެކެޓެއް ލިބެނީ 25 ރުފިޔާ އާއި 35 ރުފިޔާއާ ދޭތެރޭގެ އަގެއްގަ އެވެ. ފްލައިޓްގައި ޖޫސް ސާވް ކުރަނީ ގާތްގަނޑަކަށް 250–300 މިލިލީޓަރު ހުންނަވަރުގެ ތައްޓެއްގަ އެވެ. އެހެންވީމަ ޕެކެޓަކުން ދެވޭނީ 3–4 މީހުންނަށެވެ. މި އަގުން ބަލާނަމަ ބޮލަކަށް އެ ޖެހެނީ ހަ ރުފިޔާ އާއި 12 ރުފިޔާއާ ދޭތެރޭގެ އަގެކެވެ.

އާއްމުކޮށް ރާއްޖޭގައި ހުންނަ ގިނަ މޭވާއަކީ ވެސް މި އަގުގައި ގަންނަން ލިބޭނެ މޭވާ އެވެ. ކަސްޓަމަރުންގެ ހިތްހަމަޖެހުމާއި ނުޖެހުން އެނގޭނީ ސާވޭއެއް ހަދާލީމަ އެވެ. ޔަގީނުން ވެސް ހަކުރުބަލީގެ މީހެއް ނަމަ ރަނގަޅުވާނީ ޖޫސް ތައްޓަކަށް ވުރެ މޭވާއެކެވެ. ދެން އޮތީ މި ތަކެތި ސްޓޮކް ކުރެވޭ ގޮތެވެ. ސްޓޮކް ކުރެވޭ ގޮތަށް ބަލާއިރު ގިނަ ދުވަހު ހަލާކު ނުވެ ބެހެއްޓޭނީ ޖޫސްޕެކެޓެވެ. ފްލައިޓް މަތީގައި ޖޫސް ސާވް ކުރަންޖެހޭ މައިގަނޑު ސަބަބަކީ މިއީ ކަންނޭނގެ އެވެ. ހަމަ ޔަގީނުން ވެސް އިންތިޒާމް ކުރާ މީހުން ބަލާނީ ގިނަ ބައެއްގެ ހިތްހަމަޖެހުމާއި ކަންކުރެވެން އޮތް އެންމެ ރަނގަޅަށް ކުރުމަށެވެ.

މި ގޮތަށް ފްލައިޓް މަތީގައި ޖޫސް ސާވް ކުރާއިރު ރަނގަޅު ގޮތަކީ ހަކުރުބަލި ހުންނަ ނަމަ އެ ޖޫސްތަށި ނުބުއިމެވެ. އަހާ ކުޑަ ވަގުތުކޮޅެއްގައި ކޮންމެހެން އެއްޗެއް ބުއިން މުހިންމެއް ވެސް ނޫނެވެ. ދާން ބޭނުންވާ މަންޒިލަށް ދެވުނީމާ ދުޅަހެޔޮ ކާނާއެއް ކާލާނީ އެވެ.

ދުޅަހެޔޮ ދިރިއުޅުން ޑައެޓް ކާނާ ސިއްހީ ކާނާ

Popular