27 May 2018

ޕިކްސީ: ނުލާހިކު އަވަހަށް ފަރިވެ ފޮޅިއްޖެ!

ޕިކްސީ: ނުލާހިކު އަވަހަށް ފަރިވެ ފޮޅިއްޖެ!

By: Asima Nizar

ރާއްޖޭގައި މާ ވިއްކާ ވަރަށް ބައިވަރު ފިހާރަތައް އެބަހުއްޓެވެ. މި ވިޔަފާރީގައި އެތައް ބަޔަކު އެބަ އުޅެ އެވެ. އެހެން ނަމަވެސް މައްސަލައަކީ، މި ވިޔަފާރީގައި ހިންދެމިނުލެވުމެވެ.

ޕިކްސީގެ ވާހަކަ ވަރަށް ތަފާތެވެ. އެއީ މިހާރު ރާއްޖޭގައި ހުރި، މާ ވިއްކާ އެންމެ ވަރުގަދަ އެއް ފިހާރަ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެތަނުގެ ބަގީޗާ ފަރިވެއްޖެ އެވެ. މާތަކުން ޒީނަތްތެރިވެއްޖެ އެވެ. އާންމުންގެ މަގުބޫލުކަން އިންތިހާ އަށް ހޯދައިފި އެވެ.

މި ހުރިހާ ކާމިޔާބެއްގެ ފަހަތުގައި އޮތީ، އެ ރީތި ފިހާރައިގެ މެނޭޖްމަންޓާއި ސްޓާފުންނެވެ. ފިހާރައިގެ މެނޭޖަރު އަހުމަދު ނިޔާޒު ބުނި ގޮތުގައި ޕިކްސީ މިހާރު އޮތީ އެކަކު ވެސް ބޭނުންވާ މަލެއް ނުލިބިގެން އެނބުރި ދާން ނުޖެހޭ ހިސާބުގަ އެވެ.

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ވުޖޫދުވި ޕިކްސީން، 150 އަށް ވުރެ ގިނަ ވައްތަރުގެ މަލާއި ގަސް ލިބެން ހުރިއިރު، އެ ފިހާރައިން މަސައްކަތް ކުރަނީ ވެސް ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހައިން، އަދި ބޭނުންވާ ހުރިހާ ވައްތަރެއްގެ މަލެއް އެތަނުން ފޯރުކޮށްދިނުމަށެވެ.

"މިތަނަށް އަންނަ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ވައްތަރެއްގެ މަލެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު ޓާގެޓް. މިތަނުން އާއްމުކޮށް ދިވެހީން އެންމެ ގަޔާވާ ވައްތަރުގެ މާތައް ލިބެން ހުންނާނެ،" ނިޔާޒު ބުންޏެވެ.

އާއްމުންގެ ތެރޭގައި ޕިކްސީ މަގުބޫލުވީ ވެސް، މަލުގެ ވިޔަފާރީގައި ނިޔާޒުގެ ތަޖުރިބާއިންނެވެ. ލޯލާ ހިންގުމުގައި ވެސް އިސްކޮށް އުޅުމަށްފަހު، ސީދާ އަމިއްލަ ވިޔަފާރިއެއް ފެށީ މިކަން ރަނގަޅަށް ކުރާގނެ ގޮތުގެ މައުލޫމާތުތައް އެއްކުރުމަށް ފަހު، އާންމުންގެ ބޭނުންތަކަށް ވެސް ވިސްނައިގެންނެވެ.

އޭނާގެ ތަޖުރިބާއިން އަދި ފެނިފައިވާ މަންޒަރުތަކުން، ދިވެހީން އަދިވެސް އެންމެ ގަޔާވަނީ ރަތް ފިނިފެންމަލަށެވެ. ޒަމާންވީ އެ ޓްރެންޑަށް ބަދަލުތަކެއް އަދި ނާދެ އެވެ. އެކަމަކު މި ދޭތެރެއިން ޒުވާނުންގެ ހިތްތަކުން ސަންފްލާވާ ހާއްސަ މަގާމެއް ހޯދި ކަމަށް އޭނާ ބުންޏެވެ.

"ސަންފްލާވާ ޓްރެންޑް އަދި އެބައިން. އެކަމަކު ދިވެހީން އަދި ވެސް އެންމެ ގަޔާވަނީ ރަތް ފިނިފެންމަލަށް. އެކަމަށް އަދި ބަދަލެއް ނާދޭ. ދިވެހީންގެ ޓްރެންޑިނަށް އަންނަ ބަދަލުތައް ބަލައި، އެ ވައްތަރުތައް ހުންނާނެ އަބަދު ވެސް ޕިކްސީ އިން ލިބެން،" ނިޔާޒު ބުންޏެވެ.

އެ ތަނުގައި މަލުގެ އިތުރުން ގެއާއި ގޯތި ތެރޭގައި ހައްދާނެ ގަސްތައް ވެސް އެބަހުއްޓެވެ. ކޮލެޓީ، ފެންވަރު ރަނގަޅު އެ އެއްޗެހި ގެންނަނީ ވެސް ކޮލަމްބިއާ، ހޮލެންޑް އަދި އެކޮޑޭ ފަދަ ގައުމުތަކުންނެވެ. އޭގެ ބޭނުމަކީ ވެސް ވީހާ ވެސް ފެންވަރު ރަނގަޅު، ކޮލެޓީ ވައްތަރުތައް ފޯރުކޮށްދިނުމެވެ.

ޕިކްސީ އިން މިހާރު ތައްޔާރުވަމުން އަންނަނީ، ކުންފުނިތަކާއި ގޭ ތެރެއަށް ހާއްސަކޮށްގެން ގަސް އެއްޗެހި ފޯރުކޮށްދީ، އެ ރަނގަޅަށް ބެލެހެއްޓޭނެ ގޮތް ހެދުމަށެވެ. ކަސްޓަމަރުން ކޮންމެ މަހަކު ވެސް ފީއެއް ދެއްކުމުން، ދެން ކުރަންޖެހޭ ކަންތައްތައް ޕިކްސީން ފުރިހަމަކުރާނެ އެވެ.

އޭގެ އިތުރުން ވެޑިންތަކަށާއި ހާއްސަ ހަފުލާތަކަށް ތަންތަން ޒީނަތްތެރިކޮށްދިނުމުގެ ހިދުމަތް ވެސް، އެކަމަށް ބަޖެޓެއް ހިފައިގެން ހިނގައްޖެ ނަމަ ޕިކްސީން ތިބީ އެކަން ކޮށްދޭ ގޮތަށެވެ.

"މަލާ ގުޅުން ހުރި ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޕޯޑިއަމްތަކާއި ހާއްސަ ހަފުލާތަކަށް ވެސް ޒީނަތްތެރިކޮށްދިނުމަށް ތައްޔާރަށް މި ހުރީ. އެ ކަން ކަމުގައި ޕިކްސީގެ ފަރާތުން މަސައްކަތް ކުރާނީ، ދާއިރާގެ ތަޖުރިބާކާރު ދެ ފްލޯރިސްޓުން،" ނިޔާޒު ބުންޏެވެ.

މަލުގެ ވިޔަފާރިއަކީ ވަރަށް ނާޒުކު ވިޔަފާރި އެކެވެ. އެކަން ޕިކްސީ އަށް ވެސް އެނގެ އެވެ. އާންމުންގެ މަގުބޫލުކަން އިންތިހާގައި އޮތްއިރު ޕިކްސީގެ ޓާގެޓަކީ އެ މަގުބޫލުކަން ދަށަށް ނުގޮސް ހިފެހެއްޓުމެވެ. މަލަކުން ލިބޭނެ އެންމެ ފުރިހަމަ އުފާ އާންމުންނަށް ހޯދައިދިނުމަކީ އެ ފިހާރައިގެ އަމާޒެވެ.

ފޮޓޯތައް: ނިޝާން އަލީ

ޕްރޮފައިލް ދޯ މަޖައްލާ

Popular