By: Ifraz Ali
ރާއްޖެއިން އެންމެ ދާން ބޭނުންވާ މަންޒިލަކީ ކޮބައިތޯ އަހައިފި ނަމަ، ގިނަ މީހުންގެ ދުލުކުރިއަށް އެންމެ ފުރަތަމަ ވެސް އަންނާނީ ފުވައްމުލަކެވެ. މިހާރު ފުވައްމުލަކު ސިޓީ އެވެ. މާލެ އާ އެތައް ސަކޭތަ ކިލޯމީޓަރެއް ދުރުގައި އޮންނަ މި ރަށުގެ ވަށައިގެން އިތުރު އެހެން ރަށެއް ނޯވެ އެވެ. އަމިއްލަ ރީތި ބަހުރުވައަކާއި، ތާރީހީ އަދި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ މާސިންގާ ރަށެކެވެ.
ފުވައްމުލަކު: ގުދުރަތީ އެތައް ރީތިކަމެއް ލިބިފައި އޮތް ރަށެއް -- | ފޮޓޯ: ދި އެޑިޝަން
ފުވައްމުލަކަށް ދިއުމަށް މާ ބޮޑު ތަކުލީފެއް ވެސް އުފުލާކަށް ނުޖެހޭނެ އެވެ. ރަށުގައި އެއާޕޯޓެއް އޮވެ އެވެ. މަތިންދާބޯޓެއްގައި ހޭދަކޮށްލަން ޖެހޭނީ ގަޑިއިރެއް ހާއިރުގެ ވަގުތުކޮޅެކެވެ. ކަނޑު ބޯޓުން ވެސް މި ރަށަށް ދެވިދާނެ އެވެ. އެކަމަކު އެއީ ދެ ދުވަހެއްހާ ދިގު، ބޮޑު ދަތުރަކަށް ވާނެ އެވެ.
ފުވައްމުލަކު ކުދިންތަކެއް -- | ފޮޓޯ: ދި އެޑިޝަން
މި ރަށުގައި އޮންނަ ކޮޑަކިޅިން މަޑް ބާތެއް ނަގާލުމަކީ މި ރަށަށް ދާ ގިނަ މީހުން ކުރަން ބޭނުންވާ ކަމެކެވެ. ރަށުގައި އޮންނަ ދެ ކުޅީގެ ތެރެއިން ބަންޑާރަ ކިޅި ގާތުގައި، ދެކުނުން އޮންނަ މި ޗަސް ބިމަކީ ރަށަށް ދާ ކޮންމެ މީހަކުމެ ތަޖުރިބާކޮށްލާ ތަނެކެވެ. މި ތަނަށް ގޮސް މީހުން ނަގާ މަޖާ ސްނެޕް ވީޑިއޯތަކުންނާއި އިންސްޓަގުރާމް ފޮޓޯތަކުން ވަރަށް ގިނައިން ފެނެ އެވެ.
ފުވައްމުލަކު ކޮޑަކިޅި: މަޑް ބާތް ނަގަންދާ ޗަސް ބިން -- | ފޮޓޯ: ދި އެޑިޝަން
އާބާދީގައި 12،900 އަށް ވުރެ ގިނަ މީހުން ހިމެނޭ ފުވައްމުލަކުގައި އަށް އަވަށް އޮވެ އެވެ. އެއީ ރަށުގެ ހުޅަނގު އުތުރުގައި، ދަޑިމަގެވެ. ރަށުގެ އެންމެ ބޮޑު އަވަށެވެ. ދެން އޮންނަ އަވަށްތަކަކީ ދިގުވާޑު، ހޯދަޑު، މާދަޑު، މާލެގަން، މިސްކިތްމަގު، ފުނާޑު އަދި ދޫޑިގަން އެވެ. މިއިން ކޮންމެ އަވަށެއްގައި ވެސް ހާއްސަ ތަންތަން ހުރެ އެވެ.
ފުވައްމުލަކު ތުނޑި: އާދަޔާ ހިލާފު ރީތިކަމެއް ލިބިފައިވާ ތުނޑިއެއް -- | ފޮޓޯ: ދި އެޑިޝަން
ދަޑިމަގުގައި އޮންނާނެ އެންމެ ހާއްސަ އެއް ތަނަކީ ތޫންޑު އެވެ. ނުވަތަ އެ ރަށުގެ ތުނޑި އެވެ. މިއީ ރާއްޖޭގެ އެއްވެސް ހިސާބަކުން ނުފެންނާނެ ފަދަ އާދަޔާ ހިލާފު ރީތިކަމެއް ލިބިފައި އޮތް ޗާލު ތުނޑިއެކެވެ. ޕިކްނިކް ގޮސް، މޫދަށް އެރިލާ ހަދަން މި ތަން ސަޅިވާނެ އެވެ.
ފުވައްމުލަކު ތުނޑީގައި ހުންނަ ދޮންވެލި: ބޮޑުވެފަ އޮފުކަމަށް މަޝްހޫރު ވެއްޔެއް -- | ފޮޓޯ: ދި އެޑިޝަން
ފުވައްމުލަކު ތުނޑިއަށް ހިނގައްޖެ ނަމަ ވެލިކޮޅެއް ގެންނައްޗޭ މީހުން ބުނަތީ އަބަދުވެސް އަޑު އިވެ އެވެ. މި ވެއްޔަކީ، އާންމުކޮށް ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކުން ފެންނަ ވެއްޔަށް ވުރެން ބޮޑުކޮށް އަދި އޮފުކަމެއް ހުންނަ ވެއްޔެކެވެ. މީގެ އިތުރުން، މި ރަށުގެ އިރު ދެކުނު މޫދު ކައިރިން ފެންނަ ކަޅު އަކިރި ނުވަތަ އެ ރަށު މީހުން ކިޔާ ނަމުންނަމަ ކަޅޮ އަކިރިއަކީ ވެސް ހާއްސަ އެއްޗެކެވެ.
ފުވައްމުލަކު ކުޅި | ފޮޓޯ: ދި އެޑިޝަން
ދެން އެންމެ ހިތްގައިމު ތަނަކަށް ވާނީ ދަޑިމަގު އަވަށުގައި އޮންނަ އެ ރަށުގެ ދެ ވަނަ ކުޅި، ދަޑިމަގު ކިޅި އެވެ. މި ކުޅީގައި މިހާރު އޮންނަނީ ފުވައްމުލަކު ނޭޗާ ޕާކް ހަދައިފަ އެވެ. ޕެޑަލް ބޯޓްސް އާއި ކެނޯއީގައި މި ކުޅީގެ ނަލަކަން ބަލާލުމަށް ދެވިދާނެ އެވެ. އަދި ކުޅި އާއި ކައިރީގައި ބާބަކިއު ހަދާ ސަރަހައްދެއް ވެސް އޮވެ އެވެ.
ފުވައްމުލަކު މިސްކިތް -- | ފޮޓޯ: ދި އެޑިޝަން
މީގެ އިތުރުން ރަށުގައި ހުރި އެންމެ ދުވަސްވީ އިމާރާތް، ގެމް މިސްކިތް ވެސް ހުންނަނީ ދަޑިމަގު އަވަށުގަ އެވެ. މީގެ އިތުރުން މި ރަށުގައި އެތައް ޒަމާނެއްވީ އިތުރު ދެ މިސްކިތެއް ހުރެ އެވެ. އެއީ މާދަޑު އަވަށުގައި ހުންނަ ކެޑޭރި މިސްކިތް އަދި މާލެގަން އަވަށުގައި ހުންނަ ހުކުރި މިސްކިތެވެ.
ފުވައްމުލަކު ކުޅި | ފޮޓޯ: ދި އެޑިޝަން
ދިވެހިން ބުދަށް އަޅުކަންކުރި ޒަމާނުގައި އެޅި ފައްޅިއެއް ހުރި، ހަވިއްތަ އެއްވެސް މި ރަށުގައި ހުރެ އެވެ. އަދި އިހު ޒަމާނުގައި މީހުން ފެންވަރާ އުޅުމަށް ބޭނުންކޮށް އުޅުނު ވެޔޮ އެއްވެސް ހުރެ އެވެ. އެ ތަނަށް ކިޔާ އުޅެނީ ވަށޮވެޔޮ އެވެ.
ފުވައްމުލަކު އޮންނަ ވަށޮވެޔޮ: އިހު ޒަމާނުގައި މީހުން ފެންވަރަން ބޭނުންކުރާ ތަނެއް -- | ފޮޓޯ: ދި އެޑިޝަން
މިހާރު މި ރަށަށް "ޝާކް އައިލެންޑް" ވެސް ކިޔަ އެވެ. ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ މި ރަށް، ޓޫރިސްޓުންގެ މެދުގައި އިޝްތިހާރު ކުރުމަށް މިހާރު އެ ނަން ބޭނުންކުރެ އެވެ. ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން ނުފެންނަ ވައްތަރުގެ މިޔަރު، މި ރަށުގެ ޑައިވިނަށް ދާ ސަރަހައްދުން ފެނެ އެވެ. އޭގެ ތެރޭގައި ޓައިގާ ޝާކް، ސިލްވާ ޓިޕް ޝާކް، ހެމާ ހެޑް ޝާކް، ތްރެޝާ ޝާކް އަދި ވޭލް ޝާކް ވެސް ހިމެނެ އެވެ.
ފުވައްމުލަކު ޑައިވިން ކުރާ ސަރަހައްދުން ފެންނަ ޓައިގާ ޝާކް -- | ފޮޓޯ: ފުވައްމުލަކު ޑައިވް ސްކޫލް
ރާއްޖޭގެ އެހެން އެއްވެސް ހިސާބަކުން ނުފެންނަ ވަރަށް، އޯޝެނިކް މަންތާ ވެސް އެ ރަށުގެ ވަށައިގެން އުޅެ އެވެ. ހަމައެކަނި ފުވައްމުލަކު ކައިރިން ބޭނޭ މަހެއް ކަމުގައިވާ ކައްޓެޅިއަކީ ވެސް އެ ރަށަށް ލިބިފައި ހާއްސަކަމުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ދަނޑުވެރިކަން ކުރާ މި ރަށުގައި ހައްދާ އަލާގެ ބާވަތްތަކާއި އަދި އަނބު ވެސް ވަރަށް މަޝްހޫރެވެ.
ހަމައެކަނި ފުވައްމުލަކު ކައިރިން ބާނާ މަހެއް ކަމުގައިވާ ކައްޓެޅި ކައްކާފަ -- | ފޮޓޯ: ދި އެޑިޝަން
މިހެން ގޮސް މި ރަށަށް ދާންޖެހޭ އެތައް ސަބަބެއް ލިޔެވިދާނެ އެވެ. އެކަމަކު ރަށުގެ ހަގީގީ ރީތިކަމާއި ޗާލުކަން ފެންނަން އޮތީ މި ރަށަށް ގޮސްގެންނެވެ.