ފޭސްބުކް ބޭނުންކުރާ މީހުންގެ ތެރޭގައި "ކުއިޒް ޕްލެނެޓް" ކުޅޭ މީހުން މިހާރު ވަރަށް ގިނަވާނެ އެވެ. ކުއިޒް ޕްލެނެޓަކީ އެކި ދާއިރާތަކުން ސުވާލު ހިމަނައިގެން އުފައްދާފައިވާ ކުއިޒެކެވެ. އޭގެތެރޭގައި ޖިއޮގްރަފީ، ހިޒްޓްރީ، ޕޮލިޓިކްސް، ސައިންސް، އާޓް، ކަސްޓަމްސް އެންޑް ޓްރެޑީޝަންސް، އެނިމަލް އެންޑް ޕްލާންޓްސް، ބޮޑީ އެންޑް ސޯލް، ޓެކްނޮލޮޖީ، ބިއުޓީ އެންޑް ފެޝަން، މިއުޒިކް، ސެލެބްރިޓީޒް އަދި ޓީވީ ޝޯސް އެންޑް ސީރީޒް ހިމެނެ އެވެ.
މި ކުއިޒްގެ ކޮންމެ ބުރެއްގައި ފަސް ރައުންޑެއް ހިމެނެ އެވެ. އަދި ކޮންމެ ރައުންޑެއްގައި ބައިވެރިން އިހްތިޔާރުކުރާ ދާއިރާއަކުން ތިން ސުވާލު ހިމަނާފައިވެ އެވެ. ދާއިރާ އިހްތިޔާރުކުރާނީ ކޮންމެ ރައުންޑެއްގައި ބައިވެރިއެކެވެ. ދެ ބައިވެރިންނާ ވެސް އެއް ސުވާލުތަކެއް ކުރާއިރު ކޮންމެ ރަނގަޅު ޖަވާބަކަށް ރޮކެޓެއް ލިބޭނެ އެވެ. އަދި އާދަޔާ ހިލާފަށް އުނދަގޫ ސުވާލު ނުވަތަ ނިސްބަތުން އެންމެ މަދުން ރަނގަޅު ޖަވާބުދޭ ސުވާލުތަކަށް ދޭ ރަނގަޅު ޖަވާބަކަށް ސްމާޓީ ޕޭންޓެއް ލިބޭނެ އެވެ. ޖަވާބު ދޭން ލިބޭނީ ފަސް ވަރަކަށް ސިކުންތުގެ ވަގުތުކޮޅެކެވެ. ފަސް ރައުންޑު އެއްކޮށްލައިގެން ބަލިވާ ބައިވެރިއެއްގެ އަތުން ވަކިވަރަކަށް، މޮޅުވާ ބައިވެރިއަކަށް ރޮކެޓު ލިބޭނެ އެވެ. މީގެއިތުރުން ކޮންމެ ދުވަހަކަށް ހާއްސަ ރައުންޑެއް ވެސް އޮވެ އެވެ.
ފްރެންޑްލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މި ކުއިޒްގައި ބައިވެރިވެ ރޮކެޓް ލިބިފައިވާ ވަރަށް ބަލައިގެން ލީޑާބޯޑެއް ވެސް ތައްޔާރުކޮށްފައި ހުރެ އެވެ. އަދި ބޭނުން ނަމަ ކުއިޒަށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައި އޮވެ އެވެ.
"ގޭމެއް ކުޅޭކަށް ނޫން މި ގޭމް ކުޅެނީ އެއް. އާންމުކޮށް މެސެންޖާއިން ގޭމެއް ނުކުޅެން. އެކަމަކު މި ކުއިޒުން ވަރަށް ބައިވަރު މައުލޫމާތު ލިބޭ. ޖެނެރަލް ނޮލެޖް އިތުރުވާނެ. އެކި ދާއިރާތަކުން. އެއީ ޖަވާބު ނުބައިވިޔަސް ރަނގަޅު ޖަވާބު ދައްކައިދޭ. މި ކަހަލަ ގޭމްތައް އިތުރުކުރަން އެބަޖެހޭ،" މިހާތަނަށް ހާހަކަށްވުރެ ގިނަ ރޮކެޓް، ކުއިޒް ޕްލެނެޓުން ހޯދާފައިވާ މީހަކު ބުންޏެވެ.
ގޭމް ނުކުޅޭ ގިނަ މީހުން ވެސް އަންނަނީ މި ކުއިޒްގައި ބައިވެރިވަމުންނެވެ. މި ކުއިޒުން ވަރަށް ބައިވަރު އާންމު މައުލޫމާތު ލިބޭ ކަމަށް އެމީހުން ބުނެ އެވެ. އެހެންވީމާ މި ގޭމް ނުވަތަ ކުއިޒަށް ރިކުއެސްޓް ފޮނުވިޔަސް ރުޅި އަންނާނެ ކަމެއް ނެތެވެ. ވަގުތެއް ހޯދާލައިގެން ހުޅުވާލާފަ ބަލައިލަބަލާށެވެ. އެ ވަދެވުނީ މައުލޫމާތުގެ ހަޒާނާއެއްގެ ތެރެއަށެވެ.