31 Mar 2019

ގުޅީގެ "އަތިރި ބާޒާރު"

ގުޅީގެ "އަތިރި ބާޒާރު"

By: Aishath Maaha

މާލެއިން ފުރައިގެން ފެރީގައި ދެގަޑިއެއްހާއިރުގެ ރާސްތާއެއްގައި އޮންނަ ކ. ގުޅިއާ ބެހޭ ގޮތުން ދައްކާނެ ރީތި ވާހަކަތައް ބައިވަރެވެ. ސާފު ހުދު ދޮންވެލި ސަރާސަރު ގޮނޑުދޮށާއި ރީތި މޫދެވެ. ފަތުރުވެރިންގެ މަންޒިލަކަށް ގުޅި ވެގެންދާ އެއް ސަބަބަކީ އެއީ އެވެ. އަދި ތަފާތު ސަބަބެއް ވެސް އެބަ އޮތެވެ. ރަށުގެ އިރުމަތީ ފަރާތު އަތިރިމަތީގައި މޭޒުތައް އަތުރާލައިގެން ތިބޭ އަންހެނުންނެވެ.

މި މޭޒުތަކުގައި ގިނައިން ހުންނަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. ގުޅީގައި އުފައްދާ ބައެއް ބާވަތުގެ ފޮނި ކާ ތަކެއްޗާއި ތަފާތު ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ އެވެ. ފާޑުފާޑުގެ ލުއިކާނާ ޕެކެޓުތައް ވެސް އެބަހުއްޓެވެ. މޫދަށް އެރި އުޅޭއިރު ކާލަން ލުއި ކާނާތަކެވެ.

ބީޗުގައި ހުރި މޭޒުތަކުގައި ތަފާތު ބާވަތްތަކުގެ ކާނާ ވިއްކަން ހުރޭ. -- ފޮޓޯ: ދޯ

އޭގެ އިތުރުން ޝޯލާއި ރާއްޖޭގެ ރީތި މަންޒަރުތަކުން ނަލަކޮށްލާފައިވާ ޓީޝާޓު އެބަހުއްޓެވެ. އެއްކަލަ، މޫދަށް ގޮސް ފޮޓޯ ނަގަން ލާއުޅޭ ކަހަލަ ހަރުވާޅު ވެސް އެބަހުއްޓެވެ.

ފޭއްޔާއި ރާއްޖޭގެ މަންޒަރުތައް ކުރަހާފަ ހުރި ޓީޝާޓުތައް ވެސް ގަންނަން ލިބޭނެ. -- ފޮޓޯ: ދޯ

ދެން ހުރީ ސުވެނިއާއަށް ހާއްސަ މޭޒުތަކެވެ. ހައެއްކަ މޭޒު ބަރިއަކަށް އަތުރާލާފައި ހުއްޓެވެ. އެ މޭޒުތަކުގެ ކުރިން ލޮލުގައި އަޅައިގަންނަނީ ބަރިއަކަށް އަޅުވާލާފައި ހުރި ފޭލިތަކާއި ފޮތިގަނޑުތަކެވެ. މެރޫން ކުލަ އާއި ހުދުކުލަ ހިމެނޭ ފޭއްޔާއި ކަޅާއި ހުދުގެ ފޭލި ވެސް އެބަހުއްޓެވެ. ދެން ހުރި ފޮތިގަނޑުތައް ވެސް ހުރީ ގޮނޑުދޮށާއި މޫދާ ގުޅޭ ތީމަށެވެ. ރާއްޖޭގެ ނަލަ މަންޒަރުތައް ކުރަހާފައި ހުރި ފޮތި ވެސް އެބަހުއްޓެވެ. ވަރަށް ނަލަ އެވެ.

ގޮނޑުދޮށުގައި ފަތުރާލާއިގެން ފޮޓޯނަގާލަން އެންމެ ނަލަ ފޮތި މި ސުވެނިއާ މޭޒުތަކުން ލިބޭނެ. -- ފޮޓޯ: ދޯ

ސަތަރިން މަތި ހިޔާކޮށްލާފައި ކުޑަކުޑަ ބާޒާރަކަށް ވެފައިވާ ތަނުގައި ފަށާއި އަތްފައިގެ ގަހަނާތައް އެބަހުއްޓެވެ. ރާއްޖޭގެ މަންޒަރުތައް ކުރަހާފަ ހުރި ކުދިކުދި ޓެގުތައް އެބަހުއްޓެވެ. މި މޭޒުތަކުގައި އެއްޗެހި ވިއްކަން ތިބި ހުރިހާ އެންމެން ވެސް ބުނީ އެންމެ ގިނައިން ވިކެނީ ވެސް އެ ޓެގުތައް ކަމަށެވެ.

ސުވެނިއާ މޭޒުތަކުގައި ފަށްތަކާއި އަތާއި ފައިގައި އަޅާ އެކިކަހަލަ ގަހަނާ ވިއްކަން ހުރޭ. -- ފޮޓޯ: ދޯ

ނާށި ބޭނުންކޮށްގެން ހަދާފައި ހުރި ތަށިތަކެއް ވެސް ހުއްޓެވެ. ރާއްޖޭގެ ރީތި މަންޒަރުތައް ކުރަހާފަ ހުރި ޖޯޑުތަކާއި ލަކުޑި ވެސް ހުއްޓެވެ. ލަކުޑިން ހަދާފައި ހުރި ކުދިކުދި ވެލާތަކެއް ވެސް ހުއްޓެވެ. އަތް ދަބަހާއި ފޮޓޯ ފްރޭމްތައް ވެސް ހުއްޓެވެ. މި ފްރޭމްތައް ހުރީ ބޮލިން ރީތިކޮށްލައި ޓޫރިސްޓުންގެ ސަމާލުކަން އެންމެ ފަސޭހައިން ލިބޭނެ ގޮތް ގޮތަށެވެ.

ނާށިން ހަދާފައި ހުންނަ އުފެއްދުންތައް ވެސް ފަތުރުވެރިންގެ މެދުގައި މަގުބޫލު. -- ފޮޓޯ: ދޯ

"ހަމައެކަނި ބޭރު މީހުންނެއް ނޫން އެއްޗެހި ގަންނަނީ މިތަނުން. ދިވެހިން ވެސް ވަރަށް ގިނައިން އައިސް އެއްޗެހި ގަނޭ. ޒުވާން ކުދިން ވެސް ވަރަށް ގިނައިން އާދޭ. ފަށާއި ގަހަނާ އެއްޗެހި ވަރަށް ގިނައިން ގަނޭ ދިވެހިން،" އެތަނުގައި އެއްޗެހި ވިއްކަން ހުރި އަންހެނަކު ކިޔައިދިނެވެ.

ގިނަ އަދަދެއްގެ ފަތުުރުވެރިން މި ސުވެނިއާ މޭޒުތަކުން ވިޔަފާރިކުރޭ. -- ފޮޓޯ: ދޯ

ރާއްޖެއާ ބެހޭ މައުލޫމާތު ހިމެނޭ ލީފްލެޓްތައް ވެސް ހުއްޓެވެ. މި މޭޒުތަކުގައި އެއްޗެހި ވިއްކަން ތިބެނީ ހުސް އަންހެނުންނެވެ. އެކި އުމުރުގެ އަންހެނުންނެވެ.

އަތް ދަބަހާއި ފަތުރުވެރިން ޝައުގުވެރިވާނެ ގިނަ ސާމާނު ވިއްކާ. -- ފޮޓޯ: ދޯ

އާންމުކޮށް ޑޮލަރުން އަގުކިޔައިގެން އެއްޗެހި ވިއްކިޔަސް ދިވެހި ރުފިޔާއިން ވެސް ވިޔަފާރިކުރެ އެވެ. އަދި އެ ވިޔަފާރިން ރަނގަޅު އާމްދަނީއެއް ލިބޭ ކަމަށް އެމީހުން ބުންޏެވެ.

ތަފާތު އެކި ވައްތަރުގެ ބޮލި ވެސް ވިއްކަން ހުރޭ. -- ފޮޓޯ: ދޯ

"ދައްތަމެން އާންމުކޮށް މި ގެންނަނީ މާލޭން ގަނެގެން. ވަރަށް ރަނގަޅު އާމްދަނީއެއް ވެސް ލިބޭ. އަމިއްލައަށް ހަދަން ވަރަށް ވަގުތު އަދި ބުރަ މަސައްކަތެއް މިއީ. އަނެއްކާ ކޮންމެ ދުވަހަކު މި އެއްޗެހި މިތަނުގައި އަތުރާ ނެގުމަކީ ވެސް ފަސޭހަކަމެއް ނޫން،" އެތަނުގައި އެއްޗެހި ވިއްކަން ހުރި އެހެން މީހަކު ބުންޏެވެ.

މި މޭޒުތަކުގައި ވިޔަފާރިކުރަން ތިބެނީ އަންހެނުން. -- ފޮޓޯ: ދޯ

އެތަނުގައި ވިޔަފާރިކުރާ މީހުންގެ އަތުން އެއްވެސް ފައިސާއެއް ކުލީގެ ގޮތުގައި ނުނެގި ނަމަވެސް ކުއްޔެއް ނެގުމުގެ ވިސްނުމެއް އެރަށު ކައުންސިލުން އަންނަނީ ގެންގުޅެމުންނެވެ.

ސުވެނިއާ ފިހާރަ ޓޫރިޒަމް ކ. ގުޅި

Popular