21 Apr 2019

މިސްޓަ މޯލްޑިވްސް މެއި މަހު!

މުބާރާތުގައި އޮންނާނީ ތިން ކެޓަގަރީއެއް. އެއީ ބޮޑީ ބިލްޑިން އާއި އެތުލެޓިކް ފިޒިކް އަދި ސްޕޯޓްސް ފިޒިކް ކެޓަގަރީ

މުބާރާތުގައި އޮންނާނީ ތިން ކެޓަގަރީއެއް. އެއީ ބޮޑީ ބިލްޑިން އާއި އެތުލެޓިކް ފިޒިކް އަދި ސްޕޯޓްސް ފިޒިކް ކެޓަގަރީ

By: Shamila Ibrahim

އަނެއްކާވެސް މިސްޓަ މޯލްޑިވްސް އަންނަނީ އެވެ. ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ނެޝަނަލް ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް "މިސްޓަ މޯލްޑިވްސް 2019" އޮންނާނީ އަންނަ މެއި މަހުގެ ދެ ވަނަ ދުވަހު އެވެ.

އެ ދުވަހުގެ ހެނދުނު ވެއިން ނުވަތަ އިސްކޮޅާއި ބަރުދަން ބެލުން ކުރިއަށްދާނެއެވެ. އެކަމަކު މުބާރާތުގެ ފައިނަލް އިވެންޓް އޮންނަނީ އެ ރޭ އޮލިމްޕަހުގަ އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަންގެ އެސްކޯ މެންބަރު އަދި އިވެންޓް ކޯޑިނޭޓަ އަލީ ރިފާއު (ރިފާ) ބުނީ މި މުބާރާތުގައި ތިން ކެޓަގަރީއަކުން 17 މީހަކު ބައިވެރިވާނެ ކަމަށެވެ.

"ތިން ކެޓަގަރީއެއް އިންނާނީ. އެއީ ބޮޑީ ބިލްޑިން ކެޓަގަރީ އާއި އެތުލެޓިކް ފިޒިކް ކެޓަގަރީ އަދި ސްޕޯޓްސް ފިޒިކް ކެޓަގަރީ. މި ތިން ކެޓަގަރީއަކީ ވެސް ތަފާތު ތިން ގޮތަކަށް ޖަޖުކުރާ ތިން ކެޓަގަރީ،" އެއް ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތާ ބެހޭ ގޮތުން ރިފާ ބުންޏެވެ.

ޔާންބެ އަދި ޝާންޓެ

ބޮޑީ ބިލްޑިންގެ މި މުބާރާތުގައި މިފަހަރު އަމިއްލަ ގޮތުން ދެ މީހަކާއި، ހަތަރު ޕާޓީއަކުން ބައިވެރިވާނެއެވެ. އެއީ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، އެކްސްޓްރީމް ޖިމް އަދި ނިއުޓްރިޝަން އެތެރެކުރާ، އެޓްލެޓިކާ ނަމަކަށް ކިޔާ ބައެކެވެ.

"މި ސްޕޯޓްސް އަކީ އިންޑިވިޖުއަލް ސްޕޯޓްސްއަކަށް ވާތީ، މުބާރާތުގަ އިންޑުވިޖުއަލީ ކޮންޓެސްޓް ކުރާނީ. ދެން މުބާރާތުގެ ތެރެއިން ބަލާނީ އެމީހެއްގެ ހަށިގަނޑު އުފެދިފަވާ ގޮތަށް"

މި މުބާރާތް ނިމޭއިރު ތިން ކެޓަގަރީން ވެސް ޓައިޓަލް ހޮވާނެއެވެ. އެއީ މިސްޓަ މޯލްޑިވްސް ޓައިޓަލް، މިސްޓަ އެތުލެޓިކްސް ފިޒިކް ޓައިޓަލް، އަދި މިސްޓަ ސްޕޯޓްސް ފިޒިކް ޓައިޓަލްއެވެ.

2017 ވަނަ އަހަރުގެ މިސްޓަރ މޯލްޑިވްސްގެ ލަގަބު ހޯދި މުހައްމަދު ޔާމީން (ޔާމްބެ)

ރިފާ ބުނީ މިއަހަރު މުޅިން އަލަށް ބޮޑީ ބިލްޑިން ޖަޖެސް ނެޝަނަލް ލައިސެންސް ކޯހެއް ތައާރަފުކުރާ ކަމަށާއި އެ ކޯސް ކުރިއަށްދާނީ މެއި މަހުގެ ފުރަތަމަ ދުވަހު ކަމަށެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ދުނިޔޭގެ ފެންވަރުގައި އެކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ކަމަށް ވެސް ބުންޏެވެ.

އުމުރުން 15 އަހަރުން މަތީގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ބާއްވަމުން އަންނަ މި މުބާރާތް އަލުން ބާއްވަން މި އުޅެނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. އެގޮތުން އެންމެ ފަހުން މި މުބާރާތް ބޭއްވި، 2017 ވަނަ އަހަރު މިސްޓާރ މޯލްޑިވްސްގެ ލަގަބު ހޯދީ މުހައްމަދު ޔާމީން (ޔާންބެ)އެވެ.

ބޮޑީ ބިލްޑިން

Popular