3 May 2019

ލާމަސީލު މަންޒިލް: ތޮއްޑޫގެ ރީތި ވާހަކަ

ލާމަސީލު މަންޒިލް: ތޮއްޑޫގެ ރީތި ވާހަކަ

By: Aishath Maaha

މާލެ ކައިރިން ރަށަކަށް ޗުއްޓީއަކަށް ދާނަމަ ދާނެ ރަށްތަކުގެ ލިސްޓަށް އަންނާނެ އެއް ރަށަކަށް އއ. ތޮއްޑޫވާނެ އެވެ. ގުދުރަތުގެ ހިތްގައިމު ކަމުގެ ތެރެއަށް ވަދެ ގެއްލި ހުސްވާން އެންމެ އެކަށީގެންވާ އެއް ރަށަކީ އެއީ އެވެ.

އެރަށުގެ ރީތިކަން ގާތުން ބަލައިލުމުގެ ފުރުސަތު ލިބިފައި ނެތް މީހުންނަށް އެރަށުގެ ރީތިކަން ބަޔާންކޮށްދޭން އެރަށުގެ ޒުވާނުންތަކެއް އިސްނަގައިގެން މިވަނީ ލަވައެއް ހަދައިފަ އެވެ.

"ލާމަސީލު މަންޒިލް"ގެ ނަމުގައި ހެދި ވީޑިއޯ ލަވައިން ތޮއްޑޫ އަށް ގެންގޮސްދޭނެ އެވެ. ތޮއްޑޫ ޒުވާނެއް ކަމަށްވާ އަހްމަދު ޝަރުވާން އިސްނަގައިގެން އުފައްދާފައިވާ މި ލަވައިގެ ލިރިކްސް ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ވެސް ކޮށްފައިވަނީ ތޮއްޑޫ ޒުވާނުންނެވެ.

"މި ލަވަޔަކީ ރަށް ޕްރޮމޯޓުކުރަން ވެގެން ހެދި ލަވައެއް. ރަށުގެ ރީތި ވާހަކަތައް ލަވައިގައި ކިޔައިދޭނެ. އަދި ރަށުގެ ހިތްގައިމު މަންޒަރުތައް ވީޑިއޯ އިން ފެނިގެންދާނެ." ޝަރުވާން ބުންޏެވެ.

"ލާމަސީލު މަންޒިލް"ގެ ލިރިކްސް ހެދީ ދިވެހި ބަހުގެ އުސްތާޒު އާދަމް ނަސީރު އިބްރާހީމް އެވެ. ލަވައިގެ ސިނެމެޓޮގްރަފީ ހަދާފައިވަނީ ޝަރުވާން އަދި ޖުމާން އާދަމް އެވެ. މިއުޒިކް، މެލޮޑީ، މިކްސިން އަދި ލަވަ ކިޔާފައިވަނީ އަބްދުﷲ ޝިފާއު އެވެ.

ފަތުުރުވެރިންގެ މެދުގައި ތޮއްޑޫ މަގުބޫލުކުރަން މީގެކުރިން ވަނީ ތޮއްޑޫގެ ފޮޓޯތައް ހިމަނައިގެން ކަލަންޑަރެއް ތައްޔާރުކޮށް ޓޫރިސްޓުންނަށް ބަހައިފަ އެވެ. އެގޮތުން ރަޝިއާ، އިންޑިއާ، ސްރީ ލަންކާ އަދި ޗައިނާގެ ޓޫރިސްޓުންނަށް ވެސް އެ ކަލަންޑަރު ބެހި އެވެ.

އެ ކަލަންޑަރުތައް ޓޫރިސްޓުންގެ މެދުގައި މަގުބޫލުވި ކަމަށް ޝަރުވާން ބުންޏެވެ.

ޓޫރިޒަމް އއ. ތޮއްޑޫ

Popular