By: Shamila Ibrahim
މުހައްމަދު ނަވާޒު، އާދަމް ނަސީރު، އަލީ ޝަރީފް، އިބްރާހިމް ވަސީމް އަދި ހުސެއިން ޝާހު އެންމެ ފުރަތަމަ ދިމާވީ 2016 ވަނަ އަހަރު، ރޫމް ބޯއިންގެ ގޮތުގައި ކުރަމަތި އައިލެންޑް ރިސޯޓުގެ ވަޒީފާ އަށް ދާން ފެށި ހިސާބުގައެވެ. މި މީހުން އެއް މަސައްކަތެއް ކޮށް، އެކުގައި ވަގުތު ހޭދަކުރެވެން ފެށުމުން މޮޅު ހިޔާލެއް އެ ޓީމުގެ މެދުގައި އުފަންވިއެވެ. އެއީ މިއަދުވެސް އެމީހުން އެ ކުރާ ހައުސްކީޕިން ޑެކަރޭޝަންގެ ބިންގާ އެޅުނު ހިސާބެވެ.
އެހެންވެ އެ ލިބުނު ހިޔާލާ އެއްގޮތަށް އަަމަލީ ގޮތުން މި މަސައްކަތް ފެށުމަށް 2017 ވަނަ އަހަރު "ހައުސް ކީޕިން ޑެކަރޭޝަން"ގެ ނަމުގައި ފޭސްބުކް އަދި އިންސްޓަގްރާމުގައި އެކައުންޓެއް ހަދައި، އެ މީހުންގެ މަސައްކަތްތައް ފޮޓޯނަގައި އަޕްލޯޑް ކުރަން ފެށިއެވެ. އެމީހުން ކުރަމުންދާ މަސައްކަތް ދުނިޔޭގެ އެހެން މީހުންނަށް ވެސް އޭރުން ފެންނާނެތީއެވެ.
ވަކި ހިސާބަކުން، ފަސް މެންބަރުންގެ ތެރެއިން ބައެއް މީހުން އެހެން ރިސޯޓްތަކަށް ވެސް ވަޒީފާ ބަދަލުވިއެވެ. އެކަމަކު ކުރަމުން ދިޔަ މަސައްކަަތަށް ކުޑަވެސް ބަދަލެއް ނައިސް، ހަމަ އެ ގޮތުގައި އެންމެން ޑެކަރޭޓް ކުރެއެވެ. އަދި އެކި ރިސޯޓްތަކުގައި ތިބެގެން ވެސް އެ ކުރާ ޑެކަރޭޝަންތައް ޕޭޖަށް އަންނަނީ އަޕްލޯޑް ކުރަމުންނެވެ.
އެކަމަކު ފަހުން ފަހުން އައިސް، ބެޑް ޑެކަރޭޓް ކުރާ އެހެން ރޫމްބޯއިން އެ ޕޭޖަށް ފޮނުވާ ފޮޓޯ ވެސް ކްރެޑިޓާއެކު އަޕްލޯޑް ކޮށްދެއެވެ. އިތުރު މެންބަރުން މިކަމުގެ ތެރެއަށް ވެއްދުމަށް މި ޓީމުން ތިބީ ބޭނުންވެ، މަރުހަބާ ކިޔަން ތައްޔާރަށެވެ.
އެނދެއްގެ ތަންމަތި ނަލަކޮށްލައި، ހުރިހާ ކަމެއް އެންމެ 15 ވަރަކަށް މިނިޓް ތެރޭ މި މީހުން ނިންމާނެ އެވެ. އެކަމަކު ޑޭކަރޭޓް ކުރުމަށްް ބޭނުންކުރާ މަލާއި ފަން ރިސޯޓުން ހޯދާތީ، މާ ލިބުމުގެ ދަތިކަމާ ހެދި މަސައްކަތަށް ދަތިވެ އެވެ.
މި މަސައްކަތް ވެފައި އޮތީ ގެސްޓުން ވަރަށް ބަލައިގަންނަ ކަމަކަށެވެ. ގެސްޓުންގެ ފަރާތުން ލިބޭ ފީޑްބެކުން މި ޓީމު ތިބީ ހިތްހަމަޖެހިފަ އެވެ.
"ހުރޭ ވަރަށް ގިނައިން ކޮމެންޓް ކޮށްފަ. ވަރަށް ރީތިކަމަށް ވެސް ބުނޭ. އިތުރަށް ޑެކަރޭޓްކޮށް މިކަންތައް ކުރިއަށް ގެންދަން ވެސް ހިތްވަރު ދޭ އެމީހުން،" ގެސްޓުންގެ ފަރާތުން ލިބޭ ޕޮޒިޓިވް ފީޑްބެކްގެ ވާހަކަ ކިޔައިދެމުން ގްރޫޕް މެންބަރު ނަވާޒު ބުންޏެވެ.
"ވަރަށް އުފާވޭ އަހަރެމެން ކުރާ މަސައްކަތް އެމީހުން ބަލައިގަންނާތީ"
މި ހުނަރުވެރި މަސައްކަތަށް އިތުރު މީހުން ވައްދަން ޓީމުން ބޭނުންވެއެވެ. އަދި ޕޭޖަށް ފޮޓޯ ފޮނުވައި، ރޫމްބޯއިން ކުރާ މަސައްކަތް އެހެން މީހުންނަށް ދައްކާލުމަށް ބާރުއަޅައެވެ.