By: Asiya Abdul Raheem (Dietician)
ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ އަޅުގަނޑުމެނަށް ރޯގާ ލައިގަންނަ ފަދައިން އަޅުގަނޑުމެން ތެރޭ މަޝްހޫރު ވަމުން އަންނަ ކަންކަމެވެ. އެއް ދުވަސްވަރެއްގައި ޕީނަޓް ބަޓަރު މަޝްހޫރު ވެގެން ދިޔަ އެވެ. އަނެއް ދުވަސްވަރު ޑީޓޮކްސް ޑައިޓް މަޝްހޫރު ވެގެން ދިޔަ އެވެ. ދެން މަޝްހޫރޫވެގެން ދިޔައީ ކީޓޯ ޑައިޓެވެ. ހަމަ މިގޮތަށް މި ދުވަސްވަރު އަޅުގަނޑުމެން ތެރޭ އެންމެ މަޝްހޫރު ވެގެން އުޅޭ އެކައްޗަކީ ޗިއާ ސީޑެވެ. މީގެ މަޝްހޫރުކަން ބޮޑުކަމުން ރޯގާއެއް ފެތުރޭ ކަހަލަ އެވެ.
ޗިއާ ސީޑަކީ ކުދީނާ އާ އެއް އާއިލާއެއްގެ ގަހެއްގައި އަޅާ އެއްޗެކެވެ. ޗިއާ ސީޑަކީ އޭގައި އެކުލެވޭ އޮމޭގާ 3 އަދި ފައިބަރުގެ ސަބަބުން ސިއްހީ ގޮތުން ވަރަށް ފައިދާ ބޮޑު އެއްޗެކެވެ. އަދި އޭގެ ފައިދާ ބޮޑުކަމުން ފަންކްޝަނަލް ފުޑް (ވަކި ކަމެއް ރަނގަޅު ކުރުމަށް ޑައިޓީޝަނުން ބޭނުންކޮށް އުޅޭ ކާނާ)ގެ ބާވަތެކެވެ. އަދި ޕާން، ބަނަސް، ސެލެޑް ފަދަ ތަކެތީގެ ނިޔުޓްރިޝަން ފެންވަރު ރަނގަޅު ކުރުމަށް އެ ކާ ތަކެއްޗަށް އެޅުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގިނަ ޑައިޓީޝަނުން ދެކެ އެވެ. ޗިއާ ސީޑްގެ ސިއްހީ ފައިދާތަކާ ބެހޭ ގޮތުން ކޮށްފައިވާ ދިރާސާތަކުން ހަށިގަނޑަށް ގެއްލުންކުރާ ކޮލެސްޓްރޯލް ތިރިކުރުމާއި ހަށިގަނޑުގެ ބަރުދަން ލުއިވުން ފަދަ ފައިދާތައް ލިބޭ ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް މި ދިރާސާތަކަކީ ޖަނަވާރު ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާތަކެކެވެ. ޗިއާ ސީޑުން އިންސާނުންނަށް ފައިދާކުރޭތޯ ކޮށްފައިވާ ދިރާސާތައް އަދި މަދުވެފައި ސީދާ އޭގެ ފައިދާއާ ގުޅޭ ނަތީޖާއެއް އަޅުގަނޑަށް އަތްފުނާއަޅާ އަދި ނުފެނެ އެވެ.
މިހާރަކަށް އައިސް ބަރުދަން ލުއިކުރުމަށް އެހީވެދޭ ފަރާތްތަކުން އަދި ޖިމް ހިންގާ ބައެއް އިންސްޓަރަކްޓަރުންނާއި ބައެއް ބޫޓް ކޭންމްތަކުގައި ވެސް ޗިއާ ސީޑް ބޭނުންކުރުމަށް ރާއްޖޭގައި ވެސް ލަފާ ދެއެވެ. ޗިއާ ސީޑް ބޭނުންކުރުމާ އަޅުގަނޑު ވެސް މުޅިއަކުން ދެ ބަހެއް ނުވަމެވެ. ނަމަވެސް ސުޕަ ފުޑެއް ގޮތުގައި މައިގަނޑު ކާވަގުތު ހިމަނަން ޖެހޭ ގޮވާމާއި ފަލަމަޑި އަދި މަހުގެ ބައިތައް ނުހިމަނާ އަދި މުޅި ދުވަހުގެ ކެއުމުގައި ހިމަނަން ޖެހޭ ފަސް ބާވަތް (ގޮވާމާއި ފަލަމަޑި، މޭވާ، ތަރުކާރީ، ބިހާއި މަސް އަދި މުގުގެ ބާވަތްތައް އަދި ކިރުގެ ބާވަތްތައް) ނުހިމެނޭ ގޮތަށް ކުރާ ޑައިޓެއްގައި ޗިއާ ސީޑް ހިމަނާ ނަމަ އެ ކުރެވެނީ ރަނގަޅު ޑައިޓެއް ގޮތުގައި އަޅުގަނޑު ނުދެކެމެވެ.
އަދި ހަށިގަނޑަށް އޮމޭގާ 3 އަދި ފައިބަރު ލިއްބައިދޭ ހަމައެކަނި ކާނާއެއް ގޮތުގައި ޗިއާ ސީޑް ހިމެނުމަށް ވުރެ ރަނގަޅު ގޮތަކީ ކަނޑު އަދި ފަރުމަހުގެ ބާވަތްތަކާއި އެހެނިހެން މަދުގެ ބާވަތްތަކާއި އަދިވެސް ކާނާގެ ގިނަ ބާވަތްތައް ހިމެނޭ ކަހަލަ ކެއުމެއް ކެއުމެވެ. މީގެ އިތުރުން ޗިއާ ސީޑް ބޭނުންކުރުމުގައި ޗިއާ ސީޑް ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ފޯކޮށްގެން ބޭނުންކުރުމާއި ދުވާލަކަށް ދެ ސަމްސަލަށްވުރެ އިތުރު ނުވާނެހެން ބޭނުން ކުރުމާއި، ޗިއާ ސީޑް ބޭނުންކުރުމުގެ މަގްސަދުގައި ހަކުރު އެކުލެވޭ ބުއިންތައް ކެއުމުގައި ނުހިމެނުން މުހިއްމެވެ.