11 Jul 2019

ކޮން އިރަކުންހޭ އިންނަނީ: ކޮށްގެން ނުވާނެ ސުވާލު!

ކޮން އިރަކުންހޭ އިންނަނީ: ކޮށްގެން ނުވާނެ ސުވާލު!

By: Ifraz Ali

ކިހާ ބޮޑު ކަމެއް ހެއްޔެވެ؟ ހަމަ ފެންނަ އިރަށް، ކޮބާ މީހަކާ އިންނާކަށް ނުވޭހެއްޔޭ އެބަ އަހަ އެވެ. އުމުރު މައްޗަށް ދިޔަ ވަރަކަށް މި ސުވާލު ގިނަ، ބޮލުގައި ކޮށާ މީހުން ވާނީ ގިނަ އެވެ.

ކައިވެންޏަކީ މީހެއްގެ ދިރިއުޅުމުގެ އެންމެ ބޮޑު އެއް ނިންމުމެވެ. މި ނިންމުން އެއްބަޔަކު ޒުވާން އުމުރުގައި ނިންމިޔަސް އަނެއް ބަޔަކު އެކަމާ ވިސްނާނީ ވެސް މާ ފަހުންނެވެ. އެހެންނެކޭ ކިޔާފައި އެއީ އެހެން މީހުން ބޯ ގޮވައިގެން އުޅެންޖެހޭ ކަމެއް ހެއްޔެވެ؟

ބުނަން ހެއްޔެވެ. ބައެއް މީހުން ކަންކަން ފަސްކޮށްލަނީ ވަރަށް ޒާތީ ސަބަބުތަކާ ހެދި ކަމަށް ވެދާނެ އެވެ. އެހެންވެ ވަރަށް ގާތް މީހަކާ ނޫނީ ކޮށްގެން ނުވާނެ ސުވާލު ހުންނާނެ އެވެ. މީހަކާ އިނުމުގެ ސުވާލަކީ ޖަވާބު ދޭން އެންމެ ބޭނުން ނުވާ އެންމެ އާންމު ސުވާލު ކަމަށް ވެދާނެ އެވެ. އެކަމަކު މި ލިސްޓުކޮށްލަނީ މިހެން އަހައި އުޅޭ އެކަމަކު އަަހަން މާ ރީތި ނޫން ސުވާލުތަކެވެ.

ދަރިއަކު ހޯދަނީ ކޮން އިރަކުން؟

މިއީ ވެސް ވަރަށް ނާޒުކު ސުވާލެކެވެ. ސިއްހީ ސަބަބުތަކާއި އެހެން ބައެއް ކަންކަމާ ހެދި ވެސް މީހުން ދަރިން ނުހޯދިފައި ތިބެ އެވެ. މި ސުވާލު އަމާޒުވަނީ ދަރިން ކިތަންމެ ބޭނުން ވިޔަސް އެ ނަސީބު ނެތް މީހަކަށް ކަމުގައި ވެއްޖެ ނަމަ އެ މީހަކަށް ކުރެވޭނެ އިހްސާސް ވަޒަންކޮށްލާށެވެ.

މުސާރަ ކިހާ ވަރެއް؟

މިއީ ވެސް ވަރަށް ޒާތީ ސުވާލެކެވެ. ވަޒީފާ އަދާކުރަނީ ކޮން ތަނެއްގައިތޯ އަހާލިޔަސް އެންމެ ރަނގަޅެވެ. އެކަމަކު އޭގެ ފަހަތުން ވިއްދާފައި، މުސާރަ އެހީމާ ވަރަށް ހުތުރެވެ. ބައެއް މީހުންނަށް ވަރަށް ގިނައިން ލިބޭއިރު އަނެއް ބަޔަކަށް ލިބޭނީ ދެކޮޅު ނުޖެހޭ މިންވަރެކެވެ. އެހެންވެ މި މައުލޫމާތުން އުފެދޭނީ ރަނގަޅު ޝުއޫރުތަކަކަށް ނުވެދާނެ އެވެ.

ކިހާ ވަރެއްގެ ކުއްޔެއް؟

މާލޭގައި ނަމަ ގިނަވާނީ ކުއްޔަށް އުޅޭ މީހުންނެވެ. ބައެއް މީހުން އެ މީހުންނަށް ލިބޭ ކުޑަ އާމްދަނީން އުޅެވޭ ވަރުގެ ކުޑަ، އާދައިގެ ތަނެއްގައި އުޅެ އެވެ. މުސާރަ އެހުމުން ވާ ގޮތަށް، ކުލީގެ ސުވާލުން ވެސް ހާމަވާނީ އެ އާއިލާއެއްގެ އާމްދަނީ އެވެ. ކުލީގެ އަދަދު ބުނާއިރަށް އޭގެ ފަހަތުން އުފެދޭނެ ސުވާލުތައް ބައިވަރު ހުންނާނެ އެވެ. އެހެންވެ މިއީ ވެސް މީހުން ގާތު އަހާ ކަހަލަ ސުވާލެއް ނޫނެވެ.

މިހެން ގޮސް ދިގު ލިސްޓެއް ހެދިދާނެ އެވެ. އާއިލީ މައްސަލަތަކުގެ ވާހަކަ އާއި ކިޔެވުމާ ބެހޭ ގޮތުންނާއި ހަށިގަނޑުގެ ސިފަ އާއި ބައްޓަމާއި ސިއްހީ ކަންކަމާ ބެހޭ ގޮތުން ހަމަ ހުރެލާފައި ސުވާލު ނުކުރާށެވެ. މި ހުންނަނީ ހުތުރު ކަންކަމެވެ.

ކައިވެނި ހަފްލާ

Popular