5 Sep 2019

By: Aishath Maaha

ފުރާވަރަށް އަރައިގެން އައިއިރު ދުވަހުގެ މަސައްކަތެއްގެ ގޮތުގައި އޮންނަނީ ސްކޫލަށް ދިއުމާއި ކިޔެވުމެވެ. ގޭތެރޭގެ އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ. ކުރިޔަކަވެސް ނުދެ އެވެ. އެހެންވެ ބާކީ ހުރިހާ ވަގުތެއް ހޭދަކޮށްލަނީ ލޯބީގެ ކޮންމެވެސް ވާހަކަ ފޮތެއްގެ ތެރޭގަ އެވެ. ސްކޫލުން ދިން ފިލާވަޅުތަކަށް ވުރެ ބޮޑަށް ޝައުގުވެރިކަން އުފެދުނީ އެ ދުނިޔެ އަށެވެ. ގޮސް ގެއްލުނީ އެ ގަނޑުތަކުގެ ތެރެއަށެވެ.

އެއީ ލޯބިން ފުރިފައި އޮތް ތަނެކެވެ. ރީތި ކުލަތަކުގެ މާތަކުން ފުރިފައިވާ ބަގީޗާއެއް ފަދަ އެވެ. މާތަކުގެ މީރުވަހުން މުޅި ތަން އެއްވަސްކޮށްލާފައި އޮންނައިރު ލޯބި ލޯބި ދޫނިތަކާއި ކޮކާތައް އުދުހެމުން ގެންދެ އެވެ. ލޯބިވެރިންގެ އުފާކޮށް ހީ ސަމާސާކުރާ އަޑު ނޫން އަޑެއް ނީވެ އެވެ. އެ ދުނިޔެއިން ހޭލާކަށް ބޭނުމެއް ނުވެއެވެ. ލޯބިވެރިއެއް ހޯދައިގެން އެތަނުގެ އުޅުމަށްވުރެ ބޭނުން އެހެން ކަމެއް ވަކި ނެތެވެ.

ކުރީގެ ލޯބިވެރިޔާ އާ ދިމާވީ އެ ދުވަސްވަރު އެވެ. މިދުނިޔެއިން ވެސް އެންމެ ރީތިވި ފިރިހެނަކީ އެއީ އޭ ބުނަން ކެރިދާނެ އެވެ. އޭނާ ވާހަކަ ދައްކާއިރު މަޑުމަޑު މިއުޒިކެއް ކުޅޭ ކަހަލަ އެވެ. އެ ލޯބީގައި ޖައްސާ ގެންގޮސް ވެއްދީ އަމިއްލައަށް ދެކެމުން އައި ދުނިޔެއަށްވުރެ މާއުފާވެރި މާ ލޯބި ދުނިޔެއެއްގެ ތެރެއަށެވެ. ނޫނެކެވެ. އެއީ އެންމެ ފުރަތަމަ އޭނާގެ އަހަންނަށް ދެއްކި ދުނިޔެ އެކެވެ.

އެއީ ރީތި ކުލަތަކާއި މީރުވަސް ދުވާ މާތަކުގެ ބަގީޗާއެއް ނޫނެވެ. ކަށިކުނބުރު ޖަންގައްޔެއް ކަހަލަ ދުނިޔެ އެކެވެ. ބިރުވެރި އަޑުތަކާއި އިންޒާރުތައް އަބަދާއިއަބަދު އެތަނެއްގައި ގުގުމަގުގުމާ ހުންނަ ތަނެކެވެ. އަނިޔާވެރިކަމުން ފުރިގެންވާ ބަޔަކު އުޅޭ ޖަލެއް ފަދަ އެވެ. ނަރަކައަކާ އެއްވަރެވެ.

އެކަމަކު ވެސް އެ ހުރިހާ ކަމެއް ވަރިހަމަ ވީ އެވެ. އެ ޖަންގަލީގެ ކަށިކުނބުރު ގަސްތަކުން އެޅުނު ކޮންމެ ކޫރުމަކުން ފޭދުނު ލޭގެ ތިކިތައް ފޮހެލެވުނީ އެވެ. ނިކަން ލޯބިން އައިސް މާފަށް އެދި އަޅައިދިން ކޮންމެ މަލަންގަނޑަކުން ބޭރުފުށުން ފެންނަން ހުރި ޒަހަމްތަކާއި ލަކުނުތައް ފިލުވާލީ އެވެ.

އެއިން ކޮންމެ ފަހަރަކު ވެސް އެއަތުގައި ނުހިފާ ދުރަށް ދުއްވައިގަންނަން ހިތަށް އެރި އެވެ. ވީހާވެސް ދުރަށް އޭނަ ކޮއްޕައި ވައްޓާލަން ބޭނުންވި އެވެ. ނަމަވެސް ނުލިބުނީ އެ ހިތްވަރެވެ. ހަނދާނަށް ކޮންމެ ފަހަރަކު ވެސް އައީ ލޯބިން ކޮށްދިން ކަންތައްތަކެވެ. ކުލަގަދަކޮށް ފާހަގަކޮށްދިން އުފަންދުވަސްތަކާއި އެނިވާސަރީތަކެވެ. ގެނެސްދިން އަގުބޮޑެތި ހަދިޔާތަކެވެ. ލޯބިލޯބި ފިނިފެންމަލެވެ. ހަމަގައިމު ވެސް އެއީ ލޯބިވާތީ އޭނާކޮށްދިން ކަންތަކޭ ހިތަށް އަރަނީ އެވެ. ރޮއެރޮއެ ގޮސް ގިސްލެވެން ފެށުމުން ބާރަކަށް ބައްދާލައި ހުއްޓާލެވެންދެން ބޮލުގައި ފިރުމައިދޭން ވެސް އޭނާ ހުރެ އެވެ. އަނިޔާ މި ލިބެނީ އަމިއްލަ މައްސަލައަކުން ކަމަށް އޭނާ ގަސްތުގައި ގަބޫލުކޮށްދިނީ ކަމެއް ވިސްނައިދޭނެ މީހެއް އެކުގައި ނެތެވެ. ހުރިހާ ރައްޓެހިން ގެއްލުނީ ވެސް އޭނަގެ ސަބަބުންނެވެ.

އެކަމަކު މިއަދަކު ނުދާނަމެވެ. ބޯ އަޅާލާނެ ކޮނޑެއް ނެތް ނަމަވެސް ތިއަތުގެ ތެރެއަކަށް ދެނެއް ނުވަންނާނަމެވެ. މިއީ ކުރީގައި ލޯބީގެ ވާހަކަ ފޮތްތަކުގައި އުޅުނު ކުއްޖާއެއް ނޫނެވެ. ލޯބިވެޔޭ ކިޔައި ތިކުރާ މެސެޖްތަކަށް ރިޕްލައި އެއްވެސް ނުކުރާނަމެވެ. މި ހިތްވަރު ލިބުނީ ހަތަރު އަހަރު ތި އަނިޔާވެރި ވަކިތަކުގެ ދަށުގައި ހައްޔަރުވެ އަނިޔާ ލިބުނު ފަހުންނެވެ.

އަނިޔާ ލިބޭ ގުޅުމެއް ނިންމާލާނީ ކިހިނެއް؟

1. ބައެއް އެއްޗެއްސަކީ އެއާ ނުލާ ދިިރިއުޅުން މާއުފާވެރިވާނޭ އެއްޗެހި ކަން ގަބޫލުކުރާށެވެ. އަނިޔާވެރި ގުޅުމަކީ ވެސް އެފަދަ އެއްޗެކެވެ.

2. އަމިއްލަ ނަފްސުގެ އަގުވަޒަން ކުރަން ދަސްކުރާށެވެ. "ޔޫ ޑިޒާވް ބެޓާ" އެވެ. އެއީ ލޯބި ނޫންކަން އަމިއްލަ ހިތަށް ވިސްނައިދޭށެވެ.

3. އޭނާ ބަދަލުވާނެ ކަމަށް އުންމީދުކުރުން ހުއްޓާލާށެވެ. އަނިޔާކުރުމަކީ ކަށީގައި ހިފާފަ ހުރި އާދައެއް ނަމަ ބަދަލުކުރަން އުނދަގޫވާނެ އެވެ. ބަދަލުވާނެ ނަމަ މިއޮތް ހުރިހާ ދުވަހަކު ވެސް ބަދަލުވީހެވެ.

4. ފުރަތަމަ ވަރަށް ދެރަވާނެ އެވެ. އެކަމަކު ފަހުން މަޑުމަޑުން ހަމައަކަށް އެޅޭނެ އެވެ. ހިތަށް ފަހުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެ އެވެ.

5. ހިތް ފުރޭންދެން ރޯށެވެ. ތިކަރުނަތަށް ފޮރުވާނެ ކަމެއް ނެތެވެ. މިނިވަންކަމާއެކު ފައިބައިގެން ދާން ދޫކޮށްލުމުން މާލުއި ވާނެ އެވެ.

ކައިވެނި

Popular