އެންމެންވެސް ދެކޭ ހުވަފެނެއް އޮވެއެވެ. އެއީ ހަޔާތް އުފާވެރި ކުރުމެވެ.
އެންމެންވެސް ދެކޭ ހުވަފެނެއް އޮވެއެވެ. އެއީ ހަޔާތް އުފާވެރި ކުރުމެވެ.
އެކަމަކު އެކަމަށް ބޭނުންވާ ފޯމިއުލާ އަށް އަމަލުކުރެވެނީ މަދު ބަޔަކަށެވެ. މި ބުނާ ފޯމިއުލާއެއް ގުޅި ލާމެހިފައި އޮތީ ދިރިއުޅުމުގެ ކުދިކުދި އާދަތަކާއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެކަމާ ގުޅިފައި އޮތީ ތިމާ އާއި ތިމާގެ ދިރިއުޅުމުގެ ސްޓައިލާއެވެ.
1. ކަންނެތް ފޮޑަރު ގޮތްގަނޑު ދޫކޮށްލާ!
މަޖަލަކަށް ނަމަވެސް، ތިމާ އަކީ ކަންނެތް މީހެކޭ ބުނަން ދޯ އެވެ. އުފާވެރިކަން ހިތަށް ނުލިބިގެން ތިއުޅެނީވެސް ތިޔަ ބުނި ކަންނެތް ކަމުގެ ސިފައާ ހުރެއެވެ.
ވަޒީފާއަކަށް ނުދާ ނަމަ ހަތަރުދަމު އެނދަށް ވެއްޓިފައި އޮތަކަސް ކަމަކުނުދާނެއެވެ. އަދި ވަޒީފާއަކަށް ދިޔަޔަސް ނުވަތަ ސްކޫލް ކުއްޖެއް ނަމަވެސް މީގައި އެންމެ ރަނގަޅު ގޮތަކީ ހަރަކާތްތެރިކަން އިތުރުކުރުމެވެ.
މިސާލަކަށް، ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތެއް ކަސްރަތު ކުރުމަށް ހޭދަކޮށް، ހަލަބޮލި އަޑުތަކާ ދުރުވެލާ ހިތްފަސޭހަ މާހައުލެއްގައި ވަގުތުކޮޅެއް ހޭދަ ކޮށްލެވިދާނެއެވެ. ނުވަތަ ލިބޭ އޮފް ދުވަސްތަކުގައި އާއިލާ އަދި ރައްޓެހިންނާއެކު ދަތުރެއް ދާންވީއެވެ. ބޭނުންވަނީ ހިތަށް ހަމަ ޖެހުން ލިބޭ ހަރަކާތްތެރި ކަމެއްގައި ޝާމިލު ވުމެވެ.
2. އެހެންމީހުންގެ ދިރިއުޅުމާ އަޅާނުކިޔާތި!
ފަސް އިނގިލި އެއްވަރެއް ނުވާނޭ ބުނާ އަޑު އަހަން ހެއްޔެވެ؟ އެ މިސާލު ބަހުގައި ބުނެދޭހެން ތިމާގެ ދިރިއުޅުމާއި އެހެން މީހުންގެ ދިރިއުޅުމާ އެއްގޮތް ނުވާނެކަން ގަބޫލު ކުރާށެވެ. އެހެން މީހުންނާ އަޅާ ކިއުން އާދައަކަށް ހަދައިފިނަމަ ހައްތަހާ އުފާވެރިކަމަށް ހުރަސް އެޅޭނީއެވެ. އެކަމަކު އެހެން މީހުންގެ ދިރިއުޅުމުން ހިތްވަރު ލިބިގަނެގެން ކުރިއަށް ދިއުމުގައި މައްސަލައެއް ނެތެވެ.
3. މާޒީ ހަނދާންކޮށް ރޮއެ، މުސްތަގުބަލާ މެދު މާ ބޮޑަށް ނުވިސްނާ!
މާޒީގައި ވީ ކަމެއް ހަނދާންކޮށް، ހިތާމަކުރާ ނަމަ ސިކުނޑީގެ ހުންގާނު ރަނގަޅަކަށް މަސައްކަތެއް ނުކުރާނެއެވެ. ވީ ކަމެއް ނުވާކަމަށް ނުވާނޭ ހިތަށް އަރުވާލާފައި ކުރިން ހެދުނު ގޯސް ތަކުރާރު ނުކުރަން ނިންމާށެވެ. ނުވަތަ ހިތާމަވެރި ކަމެއް ދިމާވެފައިވާނަމަ އެ ހަނދާންތަކާ ދުރުވާން މަސައްކަތް ކުރާށެވެ. މާޒީގެ ތެރެއިންވެސް ހަނދާން ކުރަންވީ ހަމައެކަނި އުފާވެރި ހަނދާންތަކެވެ.
ދެން އޮތީ މުސްތަގުބަލާ މެދު ވިސްނާފައި ޕެނިކް ވާ މީހުންގެ ވާހަކައެވެ. މިވެނި އެވެނި ކަމެއް ވެއްޖެ ނަމަ ދެން ވާނީ ކިހިނެއްބާއޭ ހިތަށް އަރުވައިގެން ސުވާލު ފުނިން ސިކުނޑި ފުރާ ނުލާށެވެ. ކޮންމެ ކަމެއްވިޔަސް ވާނީ ހަމަ ރަނގަޅަކަށެވެ. ދެން އޮތީ ކަންކަމަށް ނުވަތަ ކާމިޔާބީއަށް އެދި ގަދައަޅާ މަސައްކަތް ކުރުމެވެ. މުސްތަގުބަލު އުޖާލާ ކުރަން މަސައްކަތް ކުރަންވީ މިހާރެވެ. އޭރުން ތި ބޭކާރު ވިސްނުންތައް ވިސްނާކަށް ނުޖެހޭނެއެވެ.
4. ހަޔާތުގެ މިސްރާބު ކަނޑައަޅައި، ހުންގާނު ސީދާ ކޮށްލާ!
އުފާވެރި ދިރިއުޅުމަކަށް އެންމެ ބޭނުން އެކައްޗަކީ މިއެވެ. ހާސިލުކުރަން ބޭނުން ކަންކަމުގެ ލިސްޓެއް ތައްޔާރު ކޮށްލާފައި، ވަކި ޓާގެޓަކަށް އަމާޒު ހިފާށެވެ.
މި ގޮތަކަށް ކޮންމެ ކަމެއް ކުރަން ފެށުމުގެ ކުރިން ވެސް ހާސިލްކުރަން ބޭނުން ޓާގެޓް ކަނޑައަޅަންވާނެއެވެ. އޭރުން އެ ޓާގެޓަށް މަސައްކަތް ކުރުމަށް ހިތްވަރު ލިބި، އަދި ޓާގެޓަށް ވާސިލް ވެވުމުން ހިތަށް އުފާވެރިކަން ލިބޭނެއެވެ.
އެކަމަކު ބައެއްފަހަރަށް ޓާގެޓަށް މަސައްކަތް ނުކުރެވުމުން ހިތް މާޔޫސްވެދާނެއެވެ. އެހެންވިޔަސް ހިތްވަރު އެލުވާނުލައި ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި އަމިއްލަ ނަފްސު ދެކެ ލޯބިވާން ހަނދާން ކުރާށެވެ.
5. ނަފްރަތުގެ ހުޅުކޮޅު ނިއްވާލާ!
މާ ކުރިން ވެފަ އޮތް ކަމެއްގައި ވިޔަސް ނުވަތަ އިހަކަށްދުވަހަކު ވީ ކަމެއް ނަމަވެސް މީހެއްގެ މައްޗަށް އުފެދުނު ނަފްރަތެއްގެ ހުޅު ދިއްލައިގެން އަބަދު ހުންނާކަށް ނުވާނެއެވެ. އޭރުން އެ ހުޅުކޮޅު ކަނިވުމުން ފަނޑުކަން ވެރިވާނީ ތިމާގެ ދިރިއުޅުމަށެވެ.
ނަފްރަތެއް ހިތުގައި ބާއްވައިގެން އުޅުމަކީ އެހާ ރީތި ގޮތެއްވެސް ނޫނެވެ. ތިމާގެ ކުށެއް ނެތް ކަމުގައިވިޔަސް އުފާވެރި ދިރިއުޅުމަކަށް އެދޭނަމަ ގިނަގިނައިން މީހުންނަށް މާފު ކޮށްދޭށެވެ. ގިނަ ބައެއްގެ ލޯބި ލިބި، ތިމާގެ ހިތަށްވެސް އުފާވެރިކަން ލިބޭނީ އޭރުންނެވެ.