15 Sep 2019

ލޯތްބާއި އެންޒައިޓީ: ކުރިމަތިލާނީ ކިހިނެއް؟

By: Shamila Ibrahim

* ފެށުމުގެ ކުރިން، މި ކިޔައިދޭ ވާހަކަ ސިފަކޮށްލާށެވެ. *

------------------------------------

ރައްޓެހިވެގެން އުޅޭ ކުއްޖާއާ ދޭތެރެއަކުން މައްސަލައެއް ޖެހުނަސް ހައްލު ނުކުރެވޭ ވަރު މައްސަލައެއް ނުޖެހެއެވެ. އެކަމަކު ފަހަކަށް އައިސް އޭނާގެ އުޅުމަށް ބަދަލުތަކެއް އައިސް، އޭގެ އަސަރު ލޯބީގެ ގުޅުމަށް ކުރަން ފެށީއެވެ. އޭނާ އަބަދު މޫޑީވެފައި ހުރުމާ، ނިދި ހަމަނުވުމުގެ ސަބަބުން ކުދިކުދި ކަންކަމާ މާ އަވަހަށް ރުޅި އައުމާއި ކިތަންމެ ލޯބިން ވާހަކަ ދެއްކިޔަސް "ސައިލެންޓް މޫޑް" ގައި ހުރުން އާދައަކަށް ހެދީއެވެ. ކިހިނެއްތޯ ވަނީ އަހާލާ އިރަށް "ބޯ އަނބުރަނީއޭ" ބުނެ ޖަވާބު ކުރުކޮށްލައެވެ. އަނެއްބައިފަހަރަށް ޖަވާބުގައި ބުނަނީ "ނޭނގެ" ނުވަތަ "ކަމެއް ނުވޭ"އެވެ.

ކަމެއް ކުރަން ބުންޏަސް، ކަންކަމާ މާ ގަޔަވާކަމަށް ވެސް ނުވެއެވެ. ކުރިން ލޯބިން ޖެހިހާ ސަކަރާތް ހަނދާންވެ، ރުޅި އިސްކުރެވެނީ އެހެންވެއެވެ. ޑޭޓަކަށް ދާން ބުންޏަސް ގައިގަ ވަރު ހުންނަ ކަމަކަށް ނުވެއެވެ. ވާނުވާ ނޭނގޭ ހާލު ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނަސް، ތިމަންނަ ދެކެ ލޯތްބެއް ނުވޭދޯއޭ، ފޫހިވީދޯއޭ ކިޔައި އޭނާގެ ނަފްސަށް އޮންނަ އިތުބާރު ކުޑަކޮށްލައެވެ. މާ ބޮޑަށް ސްޓްރެސް ވަނީ ކަމަށް ބުނެފައި އެކަނިވެލަން ބޭނުންވާ ކަމަށް ބުނުންވެސް އާދައަކަށް ހެދީއެވެ.

މި ހާދިސާއާ ތިމާގެ ދިރިއުޅުމާ ގުޅުންހުރި ނަމަ، ބައިވެރިޔާ ތަހައްމަލު އެ ކުރަނީ އެންޒައިޓީއޭ މިކިޔާ މެންޓަލް އިލްނެސް އަށް ވުން ގާތެވެ. މި ބަލީގެ ޝިކާރައަކަށް ވަނީ ވަކި ޖިންސެއްގެ، ވަކި އުމުރެއްގެ ބައެއް ނޫނެވެ. އެކި އުމުރުގައި އެކި ކަހަލަ އެންޒައިޓީގެ ވައްތަރުތަކާ ކުރިމަތިލާން ޖެހެއެވެ.

ކޮންމެހެން ވިސްނަންވީ ކަންކަން؛

- އެންޒައިޓީ އަކީ ސީރިއަސް މައްސަލައެއް. ބައިވެރިޔާ އެ ހާލަތަށް ވެއްޓުނީ އޭނާގެ އަމިއްލަ އިހްތިޔާރަކު ނޫން.

- އެންޒައިޓީގެ ސަބަބުން، ކުރިން އުޅެމުން ދިޔަ އާދައިގެ ދިރިއުޅުން އުޅެން އޭނާ އަށް އުނދަގޫވާނެ. އެހެންވީމާ، ކުރިން ކޮށް އުޅުނު ކަންކަން އެ ގޮތަށް ނުކުރުމުން ނުވަތަ އެކަމަށް ގަޔާނުވުމުން ހިތްހަމަ ނުޖެހިފައި ނުހުންނާތި!

- ކިތަންމެ ލޯބިން އުޅުނަސް ފަހުން ބޭވަފާތެރިވާނެއޭ ބުނެ، ކުރިން ކުރި އިތުބާރާއި ޔަގީންކަން ކުޑަކޮށްލަފާނެ. އެއީ އޭނާގެ ހާލަތު ހުރި ގޮތުން ވިސްނާ ވިސްނުމެއްކަމުގައި ބަލާފައި، އިތުރަށް ލޯތްބާއި އަޅާލުން ދިނުން މުހިންމު!

- އެންޒައިޓީ ހުންނަ ގިނަމީހުން، އެމީހުންގެ ސަބަބުން އެހެން މީހުންނާ އުނދަގޫ ވެދާނެ ކަމަށް ވިސްނާނެ. އެ އުސޫލުން ބައެއް ފަހަރު ވީހާ ވެސް ތިމާއާ ނުޖެހި އުޅެން ގަސްދުކުރާނެ. އެއީ މާ ބޮޑު ކަމަކަށް ހެދުމުގެ ބަދަލުގައި އޭނާ އަށް ލޯބިން ވިސްނައިދީ!

- އެންޒައިޓީ ހުއްޓަސް، ނިކަން ލޯބިން އުޅޭ ބައިވަރު މީހުން އުޅޭ. މިކަމުގައި ބޭނުންވަނީ ދެމީހުންގެ ވެސް މިންނެތް ހިތްވަރު.

- އެންޒައިޓީ އަކީ ރަނގަޅު ކުރެވޭނެ ބައްޔެއް. ކައުންސެލިން ނުވަތަ އެކަމަށް ބޭނުންވާ ފަރުވާ ދިނުމަށް އަވަސްވޭ! ހާއްސަކޮށް ކުރިއަށް ވުރެ ބޮޑަށް ލޯތްބާއި، އަޅާލުމާއި، ހިތްވަރު އޭނާ އަށް ބޭނުންވާނެ.

މެންޓަލް ހެލްތް ޑިޕްރެޝަން ސިއްހަތު

Popular