8 Oct 2019

ކުރަފި ދެކެ ބިރުގަންނަ ފިރިހެނުން ވަރަށް ގިނަ

ކުރަފި ދެކެ ބިރުގަންނަ ފިރިހެނުން ވަރަށް ގިނަ

By: Aishath Maaha

ކުރަފި ދެކެ ބިރުގަނޭހޭ އެހީމާ އާއެކޭ ބުނި ފިރިހެނުންގެ އަދަދު އަންހެނުންނަށްވުރެ ގިނަ އެވެ. އެއްބަޔަކު ގަންނަ ލަދުން ބިރެއް ނުގަނެއޭ ކިޔައި ދޮގު ހެދިޔަސް، އަސްލު ވަރަށް ބިރު ގަނެ އެވެ. އަނެއް ބަޔަކު ބުނަނީ ބިރަށް ވުރެ ބޮޑަށް ގަންނަނީ ފަކުރު ކަމަށެވެ.

އަނެއް ބަޔަކީ ކުރައްޕެއް ފެނުނަސް ބިރުން އުޅޭ މީހުންނެއް ނޫނެވެ. އެކަމަކު އުދުހެން ފަށައިފި ނަމަ ހަޅޭއްލަވަމުން ދުވެ ފިލަ އެވެ. ގިނަ މީހުން ކުރަފި ދެކެ ބިރުގަންނަނީ ވެސް އެ އުދުހޭތީ އެވެ.

މި ސޫފި ދެކެ ބިރުގަންނަނީ މާބޮޑު ގެއްލުމެއް އެއަށް ދެވޭނެތީއެއް ނޫނެވެ. ކުރައްޕަކީ މީހުންގެ ގައިން ލޭ ބޯ ސޫއްޕެއް ނޫނެވެ. ވަރަށް ބޮޑަށް ބަނޑުގައި ވެފައި އޮތިއްޔާ ނޫނީ ދަތެއް ވެސް ނާޅާނެ އެވެ. ކުރައްޕަކީ އެއިން ސަލާމަތްވާން އުނދަގޫ އެއްޗެއް ވެސް ނޫނެވެ. އެކަމަކު ވެސް ކުރަފި ދެކެ ބިރު ގަންނަ މީހުން އެހާ ގިނައީ ކީއްވެހެއްޔެވެ؟ ކޮންމެ ކަމެއްގައި ވެސް ބިރު ކުޑަ ކަމަށް ނަންވެފައި އޮންނަ ފިރިހެނުންގެ ތެރޭގައި ވެސް މި ދެކެ ބިރު ގަންނަ މީހުން ހާދަ ގިނަ އެވެ.

"ސީދާ ބުނާކަށް ނޭނގޭ ކީއްވެކަމެއް ކުރަފި ދެކެ ބިރުގަންނަނީއެއް. އެކަމަކު ކުރައްޕެއް ގެއިން ފެނިއްޖެޔާ އަވަހަށް ނުކުމެގެން ދަން. އެ ކުރަފި މަރާލާފައި ބޭރަށް ނުނެރެނީސް ނުކެރޭނެ ގެއަށް ވަންނާކަށް. އަނދިރިކޮށް ހުންނަ ގުދަން ކަހަލަ ތަންތަނަށް ނުވަންނަނީ ވެސް އެހެންވެ،" ކުރަފި ދެކެ ބިރުގަންނަ ފިރިހެނަކު ބުންޏެވެ.

ފޯބިއާއެއް

ކުރަފި ދެކެ ބިރުގަތުމަކީ ލަދުގަންނަންވީ ކަމެއް ނޫނެވެ. އެއީ ފޯބިއާއެކެވެ. އެއަށް ކިޔަނީ ކޮކްރޯޗް ފޯބިއާ ނުވަތަ ކަޓްސަރިޑަފޯބިއާ އެވެ. މި ފޯބިއާ ހުންނަ މީހުން އަބަދުވެސް ތިބޭނީ ކުރައްޕެއް ފެނިދާނެ ކަމަށް ބިރުންނެވެ. ބައެއް މީހުން އުމުރުން ކިތަންމެ ބޮޑުވިޔަސް ކުރަފި ދެކެ ބިރުގަންނަނީ ކުރައްޕާ ގުޅުންހުރި ކޮންމެވެސް ހާދިސާއެއް އުމުރުގެ ކޮންމެވެސް ހިސާބެއްގައި ހިނގާފައި ހުރުމުން ކަމަށްވެ އެވެ.

މި ފޯބިއާ ހުންނަ މީހުންގެ ފަރާތުން ފެންނަ ބައެއް އަލާމާތްތައް.

- ކުރައްޕެއް ފެނިއްޖެ ނަމަ ބިރުން މުޅި މީހާ ހުއްޓުންއެރުން

- ކުރަފި ފެނުމުން ބިރުން ރޮއެ ހަޅޭއްލެވުން

- ބޯ އަނބުރައި، ކަކުލު ހުޅުން ބާރު ދޫވެ، އަނބުރައިގަތުން

- ހިތް ތެޅުން އެތައް ގުނައަކަށް އިތުރުވުން

- ނޭވާ ކުރުވެ ނޭވާ އަވަސްވުން

- ޕެނިކް އެޓޭކް ކުރިމަތިވުން

މި ބިރުން އަރައިގަންނާނީ ކިހިނެއް؟

ކުރަފި ދެކެ ބިރުގަންނަ އެތައް ބަޔަކަށް މިހާތަނަށް މި ބިރުން އަރައިގަނެވިއްޖެ އެވެ. މި ފޯބިއާ އިން އަރައިގަންނަން ހާއްސަ އެތައް ތެރަޕީއެއް ވެސް އެބަހުއްޓެވެ. އެންމެ ގިނަ ބަޔަކަށް ކަމުދިޔައީ އެކްސްޕޯޝާ ތެރަޕީ އެވެ.

އެކްސްޕޯޝާ ތެރަޕީ އަކީ ކުރަފީގެ ފޮޓޯއަށް ބަލައި، މަރުވެފައި ހުންނަ ކުރަފީގެ ފޮޓޯ ނަގައި، މަރުވެފައި ހުންނަ ކުރަފީގައި އަތްލައި އަދި ކުރަފި ހުންނަ ތަންތަނުގައި އުޅެން މަޑުމަޑުން އާދަކުރުމެވެ. މިއީ ވަރަށް ކާމިޔާބު ތެރަޕީއެއް ކަމަށްވެ އެވެ. ކުރަފިދެކެ ގަންނަ ބިރު ކަނޑުވަން ސައިކޯތެރަޕީ ވެސް ނެގިދާނެ އެވެ.

Popular