3 Nov 2019

By: Aminath Ibrahim

އުފަން ރަށް ސ.މަރަދޫ ފޭދޫގައި ގްރޭޑް 10 ނިންމައި އޭލެވެލް އަށް ކިޔަވަން އާއިލާއާ އެކު މާލެ ބަދަލުވި އިރު ވެސް ހައްވާ ތައުފީގު އައީ އުދުހުމުގެ ހުވަފެން ދެކެމުންނެވެ. ސީއެޗްއެސްއީގައި ދެ އަހަރު ހޭދަކުރުމަށް ފަހު ދުނިޔޭގެ އަނެއް ބިތުން، އެމެރިކާގެ ފްލައިން ސްކޫލަކުން ޖާގަ ހޯދި އެވެ. މިހާރު އެއީ ފްލައިމީގެ ކޯޕައިލެޓެކެވެ.

އެމެރިކާގައި ދެ އަހަރު ޕައިލެޓް ޓްރެއިނިން ހެދުމަށް ފަހު 2013 ވަނަ އަހަރު ރާއްޖެ އައިސް އެންމެ ފުރަތަމަ ގުޅުނީ ޓްރާންސް މޯލްޑިވިއަންގެ ޓީމަށެވެ. ފްލައިމީއާ ގުޅުނީ ޓީއެމްއޭގައި ސީޕްލޭން ޓްރެއިނިން ހަދައިގެން ސީޕްލޭން ޕައިލެޓެއްގެ ގޮތުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު އުޅެފަ އެވެ. މި އިންޓަވިއުގައި ހައްވަ މި ކިޔައިދެނީ އޭނާގެ މަސައްކަތާއި ދިރިއުޅުމާއި އުދުހުމުގެ ހިތްގައިމު ދަތުރުގެ ވާހަކަ އެވެ.

ހައްވަގެ ދުވަސް ފެށޭ ގޮތް ކުރު ގޮތަކަށް ކިޔައިދީބަލަ

"އަބަދުވެސް ކުރީ ބައިގަ އެނގޭނެ ކޮން ފްލައިޓްތަކެއްކަން އޮތީ، ކޮން ގަޑިއަކަށް ކަން ޑިއުޓީ އަށް ރިޕޯޓްކުރަން ޖެހޭނީ. އެހެންވީމަ ވަރަށް މުހިއްމު ވާނެ ގަޑިއަށް ނިކުންނަން. އެއީ ކްރޫ އިން ނައިސްގެން ބޯޓު ފުރުން ލަސް ވެގެން ނުވާނެ. ފްލައިމީގައި އޮންނާނީ ބޯޓު ފުރުމުގެ 45 މިނިޓް ކުރިން ފަޅުވެރިން ހަމަވާންޖެހޭ ކަމަށް. އެހެންވީމަ ކްރޫއިން ހަމަވީމަ ދެން ޑިސްޕެޗުން ދޭނެ ފްލައިޓްތަކާ ބެހޭ ޑޮކިއުމަންޓެއް. އެ ރިޕޯޓުގައި ހުންނާނެ ދަތުރާއި، ބޯޓާއި ބެހޭގޮތުން ކެޕްޓަނަށް އެނގެންޖެހޭ ހުރިހާ މައުލޫމާތެއް. މިސާލަކަށް ފަސިންޖަރުންގެ އަދަދާއި މޫސުން ލަފާކުރާ ގޮތާއި ފްލައިޓްގެ ސްޓޭޓަސް އާއި މިކަހަލަ އޮޕަރޭޝަންސްއާ ބެހޭ ކަންކަން. އެއާ އެކު ބާއްވާނެ ފަނަރަ ވަރަކަށް މިނިޓްގެ ބްރީފިން އެއް."

ފުރުުމުގެ ކުރިން ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި ކިހާވަރެއްގެ ތައްޔާރީއެއް ވޭތޯ؟

"ބޯޓު ފުރުމުގެ ތިރީސް މިނެޓް ކުރިން ކެޕްޓަނާއި ފަޅުވެރިން ބޯޓަށް އަރާނެ. އެއަށް ފަހު ޗެކް ކުރާނެ އެއާކްރާފްޓްގެ ޑޮކިއުމަންޓްތަކާއި އޭގެ ހުރިހާ ކަމެއް ރަނގަޅުތޯ. ފަސްޓް އޮފިސަރާއި ކެޕްޓަން ވެސް ހަދާނެ ޗެކްސް ތަކެއް. ގްރައުންޑް އޮޕަރޭޝަނުން ވެސް ދޭނެ ޑޮކިއުމަންޓް ތަކެއް. އެތަކެތީގެ ހުރިހާކަމެއް ރަނގަޅިއްޔާ ބޯޑިން އޯކޭ ކޮށްފަ ނައްޓާލާނީ."

ހައްވަ ދަތުރެއްގައި

ޕައިލެޓެކޭ ބުނީމަ ހިތަށް އަރާ ވަރަށް ބުރަވާނޭ. ދުވާލެއްގެ މައްްޗަށް ކިތައް ގަޑި އިރު ދަތުރުކުރެވޭނެތަ؟

"ވަރަށް ބުރަ އެކޭ ނުބުނާނަން. ހަމަ ހުސް ވަގުތު ވެސް ލިބޭ. ޑިއުޓީ އޮންނަނީ ޝިފްޓްތަކަކަށް ބަހާފަ. ރޭގަނޑު ނިކުންނަންޏާ ގިނަ ފަހަރަށް އޮންނާނީ ދިހަ ގަޑި އިރު. އެކަމަކު ހެނދުނު ނިކުންނަ ނަމަ ތޭރަ ނޫނީ ބާރަ ގަޑިއިރު ވެސް ހެދޭނެ. އެކަމަކު ކްރޫ އިން މާބޮޑަށް ވަރުބަލި ނުވާ ގޮތަށް ދަތުރުތައް ތާވަލުކުރާނީ. އާންމުކޮށް ފްލައިމީގަ ނަމަ، ހެނދުނު ހައެއްގެ ޑިއުޓީއަށް ގޮސްފިއްޔާ މެންދުރު ފަހު ދޭއްގަ ނިމޭނެ. އެއީ އެއް ޝިފްޓް. ދެން މެންދުރު ނިކުންނަންޏާ ރޭގަނޑު އަށްގަޑި ބަޔަށް ނިމޭނެ، އަނދެއްކާ ހަފްތާއަކު އިންނާނެ ދެ ދުވަސް އޮފް ކޮށް ވެސް."

އެންމެ ގިނައިން ދަތުރު އޮންނަ ދުވަހެއްގަ ކިތައް ދަތުރު ކޮށްލެވޭނެތަ؟

"އާންމުކޮށް ހަ ދަތުރު އަޅާނެ ނޯމަލް ދުވަހެއްގައި. އެކަމަކު އެއީ ފިކްސްޑް އަދަދެއް ނޫން. ހަ ދަތުރޭ މި ބުނާ ގޮތަކީ މާލެއިން މާމިގިއްޔަށް އެއީ އެއް ދަތުރު. މާމިގިލިން މާލެ އެއީ އެއް ދަތުރު. އެއް ކޮޅަކީ ސެކްޓާ އެއް."

ޑިއުޓީއަށް ނިކުންނަ އިރު ގެންދާ ދަބަހުގައި އެންމެ މުހިންމު އެއްޗަކަށް ހިމެނޭނީ ކޯއްޗެއްތޯ؟

"އެ އެއްޗަކާ ނުލައި މަސައްކަތަށް ނުނިކުމެވޭނެ ދޭއްޗަކީ ފޯނާއި ގަޑި. ދެން ބޭގް ހުންނާނެ ލައިސެންސާއި ހުރިހާ އެއްޗެއް އަޅާފަ ރެޑީކޮށްފަ."

ޕައިލެޓުންނަކީ އަބަދު ދަތުރުކުރާ ބައެއް. އަދި ބޮޑު އެއާލައިނެއްގަ އުޅެންޏާ ގިނަ ތަންތަނަށް ދެވި ދަތުރުކުރެވޭ ވަރަށް ފެންސީ ޖޮބެއް. ކޮބައިތަ ހައްވަގެ މަސައްކަތާ މެދު އެންމެ ގަޔާވާ ނުވަތަ ހިތްހަމަޖެހޭ ކަމަކީ؟

"އެންމެ ހިތްހަމަޖެހެނީ ފޫހިވާނެ ވަގުތެއް ނުލިބޭތީ. ޓީމްގެ ހުރިހާ އެންމެން ވެސް ވަރަށް ގުޅޭނެ. ބްރޭކެއް ލިބިއްޖިއްޔާ އެންމެން އެއްކޮށް އެއާޕޯޓްގެ ކޮންމެވެސް ތަނަކުން ކޮފީއެއް ބޯލާނެ، ނޫނީ ކާ ގަޑިއެއް ނަމަ ކާނީ ވެސް އެއްކޮށް. ދެން ފްލައި ކުރުން އިޓްސެލްފް އިޒް ދަ ބެސްޓް ތިންގް. އެއް ތަނެއްގަ މަޑުން ހުރުމަކީ ހައްވައަށް ނުވާނެ ކަމެއް. ޕައިލެޓަކަށް ވީ ވެސް އެހެންވެ."

ހައްވަ: އުދުހުމަކީ އަބަދުވެސް ކުރަން ބޭނުންވި ކަމެއް.

އެންމެ ފުރަތަމަ ދަތުރުކުރަން ފަށައިގަތް އިރު އެއްވެސް ވަރަކަށް ޖެހިލުންވެ ބިރު ގަތްތަ؟

"އެންމެ ފުރަތަމަ އެމެރިކާގައި ޓްރެއިނިން ހެދިއިރު، ފުރަތަމަ ޓޭކް-އޮފް އާއި ލޭންޑިިން ހެދި އިރު ކުޑަކޮށް ބިރުގަތް. އެކަމަކު އެމީހުން ވަރަށް ރަނގަޅަށް ޓްރެއިން ކުރާނެ. ވަރަށް ބައިވަރު އެއްޗެހި ކިޔައިދޭނެ. ވަރަށް ގިނަ އެއްޗެހި ކިޔަވަން ޖެހޭނެ. ދަސްކުރަން ޖެހޭނެ. ވަރަށް ބައިވަރު ޓްރެއިނިން ހަދާނެ. ދެ އަހަރު ތެރޭގައި ހަމަ ވަރަށް ބުރަކޮށް ދާނީ ކިޔެވުމުގަ. ކިޔެވުން ނިންމާފަ އައިސް، މިސާލަކަށް ފުރަތަމަ ޓީއެމްއޭ އަށް ޖޮއިން ކުރި އިރު އެމީހުންގެ އެއާކްރާފްޓްގެ ވެސް ހުންނާނެ އެކި ޓްރެއިނިންގްތައް. އެ ޓްރެއިނިންގް ތަކުން ފާސްވެގެން ފަސިންޖަރުންނާއެކު ފްލައި ކުރެވޭނީ. އެހެންވީމަ އެވަރަށް ތައްޔާރުވާތީ ނީނދޭ ބިރެއް."

ފްލައިކުރާއިރު ދިމާވާ އެންމެ މަޖާ ނުވަތަ އެންމެ ހަނދާން ހުންނަ ކަމަކީ ކޮބައިކަން ބުނެދެވިދާނެތަ؟

"ވަރަށް ހަނދާން ހުރޭ އެންމެ ފުރަތަމަ ޓީއެމްއޭގައި މަސައްކަތް ފަށައިގެން ފުރަތަމަ ސީޕްލޭން ދުއްވި ދުވަސް. ދެން ޓީއެމްއޭގަ އުޅޭއިރު ވަރަށް ގިނަ ސެލެބްރިޓީސް ފެންނާނެ، ދިމާވާނެ. އެކަމަކު ހައްވަމެންނަށް އެމީހުންނާ ވާހަކަ ދައްކައި ނުހެދޭނެ ކިތަންމެ ބޭނުން ވިޔަސް. އެހެން އަންނަ ދުވަސްތައް ވަރަށް ހަނދާން ވޭ. ވަރަށް މަޖާ ވެސްމެ. ދެން ވާރޭ ތެރޭގަ ދަތުރުކުރުމަކީ ވެސް ވަރަށް ގަޔާވާ ކަމެއް."

ވާރޭތެރޭގަ ދަތުރުކުރުމަކީ އާންމުކޮށް ފަސިންޖަރުން ވަރަށް ހާސްވެ ބިރުގަންނަ ކަމެއް. ވިއްސާރައިގަ ދަތުރުކުރުމަކީ މިއީ ކިިހާވަރެއްގެ ކަމެއްތޯ؟

"މަންމަމެން ވެސް ވަރަށް ބިރުގަންނާނެ ހައްވަ ވިއްސާރަ ދުވަހެއްގަ ޖޮބަށް ދާން ނިކުތީމަ ވެސް. ބައްޕަ ވެސް ބުނާނެ މިއޮއް ވިއްސާރައިގަ ފްލައިކުރެވޭ ހެއްޔޭ. އެކަމަކު އަސްލު ބިރު ގަންނަން ޖެހޭ ވަރުގެ ކަމެއް ނޫން އެއީ. ބޯޓުގަ ހުންނާނެ ހުރިހާ އެއްޗެއް. ވެދާ ރޭޑާ ސިސްޓަމް ހުންނާނެ. އޭގެއިން ފެންނާނެ ވަރަށް ބޮޑެތި ވިލާގަނޑު ނަގާފަ ހުންނަންޏާ. އެއާ ޓްރެފިކް ކޮންޓްރޯލާސް، އެމޚީހުންވެސް އެހީ ވާނެ. އެހެން ފްލައިތްތައް ދަތުރުކުރާ ގޮތް ވެސް ފެންނާނެ. މިހާރު ވަރަށް މޮޑަން އެ ހުރިހާ ކަމެއް، އެކަމަކު ފަސިންޖަރުން ބިރުގަންނާނެތީ ހައްވަމެން ޖެހޭނެ ކެއާފުލް ވާން."

ހައްވަ މަތިންދާބޯޓަށް އަރަނީ

ސީޕްލޭން ދުއްވުމާއި ލޭންޑް އެއާކްރާފްޓު ދުއްވުމުގެ ތެރެއިން އެންމެ ޗެލެންޖިން ކަމަކީ؟

"ހައްވަ އަށް މާ ޗެލެންޖިން ސީޕްލޭން ލޭންޑިން. އެއީ މޫދަށް ޖައްސާއިރު ރާއްޖޭގަ ބައެއް ފަހަރު ރާޅުތައް ބޮޑެތިކަމުން ނުޖެއްސި އެހެން ކައިރި ރިސޯޓްތަކަށް ޖައްސަން ޖެހޭ ފަހަރު ވެސް އާދޭ. އެކަމަކު ލޭންޑް އެއާކްރާފްޓް ވެއްޖިއްޔާ ރަންވޭއަށް ޖެއްސޭނެތާ."

މިހާރު ތި ދަނީ ކޯ ޕައިލެޓަކުން ޕައިލެޓަކަށް ވުމުގެ ދަތުރު ވެސް ނިންމަމުން. ކޮބާ ކުރިއަށް ހުރި ޕްލޭންސްތަކަކީ. އަދި މި ދާއިރާއަށް ވަންނަން ބޭނުންވާ އަންހެންކުދިންނަށް ދޭން އޮތް މެސެޖަކީ؟

މިހާރު ދެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ތެރޭގައި ޓްރެއިނިން ނިމި ކެޕްޓަނަކަށް ވެވޭނެ ހެން ހީވަނީ. އޭގެ ފަހުން ކޮންމެވެސް ވަރަކަށް ފްލައި ކޮށްފަ މެނޭޖްމަންޓް ދާއިރާއަށް ހެން ހީވަނީ ވަންނާނީ. ދެން ދާއިރާއަށް ބަލާއިރު މިހާރު އަންހެން ކުދިން ހަމަ އިތުރުވޭ އެބަ. ހައްވަ ފަށައިގަތް އިރު ގާތްގަނޑަކަށް ފަސް ވަރަކަށް ކުދިން ތިބީ ފައިލެޓުންނަށް. މިހާރު ގިނަ. އައްޑޫގައި ކިޔަވާ އަންހެން ކުދިންވެސް ވެސް ގިނަ. އެހެންވީމަ ހައްވަ ބުނެލަން ބޭނުމީ، ޕެޝަން ހުރިއްޔާ ހަމަ ވާނެ އޭ."

ވައިގެ ދަތުރުފަތުރު

Popular