10 Dec 2019

By: Aminath Ibrahim

ރާއްޖޭގެ މަޝްހޫރު ޑައިވިން އިންސްޓްރަކްޓަރު ޒޫނާ ނަސީމްގެ ދިރިއުޅުން މޫދާ ގުޅިފައިވާ މިންވަރާއި ކެރިއަރުގެ ކާމިޔާބީގެ ވާހަކަ ވަރަށް ގިނަ މީހުންނަށް މިހާރު އެނގޭނެ އެވެ. އެކަމަކު މީގެ ހަތް އަހަރު ކުރިން މަންމައަކަށް ވި، މި ޑައިވިން އިންސްޓްރަކްޓަރުގެ ދިރިއުޅުމުން ފިލާވަޅެއް ނެގެން އޮތީ، ފީނަން މޫދަށް ފައިބަން ބޭނުންވާ މީހަކަށް އެކަންޏެއް ނޫނެވެ. އޭނާގެ ތަފާތު ދިރިއުޅުމާ އެއްވަރަށް، ދަރިން ބެލުމުގައި ގެންގުޅޭ އެޕްރޯޗް ވެސް ހަމަ އެހާ ތަފާތީ އެވެ.

އާއިލާއެއް ފަށަން ޒޫނާ އަށް އުޅެވުނީ އާންމުކޮށް ދިވެހި އަންހެނުން ދަރިން ހޯދާ އުމުރަށްވުރެ މާ ފަސްވި ފަހުންނެވެ. އޭނާ ބޭނުންވީ ވެސް އެގޮތެވެ. އާއިލާއެއް ބިނާކުރުމުގެ ކުރިން، ކެރިއަރުގައި ހާސިލްކުރަން ބޭނުންވި ބައެއް ކަންކަން ހާސިލްކޮށް، ހަމަޖެހިގެން އާއިލާއެއް ފެށޭ ވަރަށް ފައިސާ އާއި ތަޖުރިބާ ހޯދައިގެން ފުރަތަމަ ދަރިފުޅު ހޯދަން ތައްޔާރުވި އިރު އުމުރުން 37 އަހަރެވެ.

"ފުރަތަމަ ދަރިފުޅު ލިބިގެން ރިސޯޓު ދޫކޮށްލާފައި މާލެ ބަދަލުވީ ވެސް ދަރިންނަށް އެ މީހުން ބޭނުންވާ ވަގުތު ދެވޭނެ ދިރިއުޅުމެއް ހޯދަން. އެހާ ދުވަސް ވަންދެން މަސަައްކަތްކުރީ ވެސް އެހެންވެ. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވި، މަސައްކަތް ކޮށްގެން،" ސާޅީސް ތިން އަހަރުގެ ޒޫނާ ބުންޏެވެ.

ޒޫނާ އާއި އާއިލާ.

ޒޫނާގެ ފުރަތަމަ ދަރިފުޅު ފާތިމާ އަށް މިހާރު 7 އަހަރެވެ. ހަގު ދަރިފުޅު އައިމިނަ އަށް ހަތަރެކެވެ.

މި ހިމަނާލަނީ ޒޫނާގެ "ލެސް ސްކްރީން ޓައިމް" ޕޭރެންޓިން އެޕްރޯޗްގެ ބައެއް ވާހަކަތަކާއި ޓީވީ އާއި ސިޓީ ލައިފްގެ ސައިޑް އިފެކްޓްތަކާ ދުރުން ދަރިން ގެންގުޅުމުގައި ފޮލޯކުރާ ބައެއް ކަންތައްތަކެވެ.

އެންމެ މުހިންމީ ލައިފް ސްކިލްސް

ޒޫނާގެ ނަޒަރުގައި ތުއްތު ކުދިންނަށް އެންމެ ބޭނުންވަނީ އެ ކުދިންގެ ސިކުނޑި ބޮޑުވަމުން އަންނަ އިރު ވަށައިގެންވާ މާހައުލުގައިވާ ކަންތައްތަކަށް ވިސްނައި ފިކުރުކޮށް އެ ކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތެވެ. އެންމެ ކުޑައިރު ހަމައެކަނި ފޮތާއި ޑިޖިޓަލް ޓެބްލެޓްތަކަށް ކުދިން ހޭނުވުމުން އެ ކުދިން ހަގީގީ ދިރިއުޅުމާ ބީރައްޓެހިވާ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ބައެއް ފަހަރު މަޖާ ކަމެއް އޮވެއްޖިއްޔާ ސްކޫލް ހުޅުވާފައި އޮތަސް، މާމަ އާއި ކާފަ ކައިރިއަށް ރަށަށް ވެސް ކުދިން ފޮނުވާލަން. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ އެވަރު ކުދިންނަށް އެންމެ މުހިންމީ ލައިފް ސްކިލްސް. މާމަ ނޫނީ ކާފަ ކައިރި އަށް ފޮނުވާލީމަ އެ ދަސްވާ ކަންކަން މިހާރުގެ ސްކޫލް ސިސްޓަމުން ކިޔަވައެއް ނުދެވޭ. އޭގެ މާނަ އަކީ ކުދިންނަށް ކިޔަވައި ނުދިނުމެއް ނޫން. ކުދިން ކުޑަ އިރު އެބަ ޖެހޭ އެކްސްޕްލޯ ކުރުމުގެ ފުރުސަތު ދޭން،" ޒޫނާ ބުންޏެވެ.

View this post on Instagram

A post shared by @xoonti on

އާންމުކޮށް އިންސްޓަގްރާމް ބަލާ މީހަކަށް ޒޫނާގެ ޕޭރެންޓިން ލައިފް ވަރަށް ޝައުގުވެރި ކަމަށް ފެންނާނެ އެވެ. ބައެއް ދުވަސް ދުވަހު ކެއުން ޕެކް ކޮށްގެން ގޮސް ވިލިނގިލީ ބީޗުގައި ޓެންޓު ޖަހައިގެން ތިބެ ވެސް ނިންމާލަފާނެ އެވެ. ނުވަތަ އަމިއްލަ އަށް ކޮންމެވެސް ކަހަލަ ކްރާފްޓް ޑެމޯއެއް ހަދާފައި އެ އެއްޗެއް ހެދުމުގައި ކުދިން ބިޒީކޮށްލާފައި ތިއްބާ ފެނިދާނެ އެވެ. މިއީ މުޅިން ވެސް ކުދިން ޓީވީ އާއި ސްކްރީނާ ދުރުކޮށްގެން ގެންގުޅެން އޭނާ ކުރާ ކަންކަމެވެ.

"ވަރަށް ފަހުން ދެ ކުދިން ގޮވައިގެން ދޯންޏެއްގައި ދިޔައިން ދިގު ދަތުރުވަރެއްގަ ވެސް. ފަޅު ރަށްރަށުގަ ޓެންޓު ޖަހައިގެން ވެސް އުޅުނިން އެ މީހުން ގޮވައިގެން. އެމީހުން ވަރަށް އެކްސްޕްލޯ ކުރޭ. ޝައުގުވެރިވޭ. އާ ކަންކަން ދަސްކުރޭ. އެވަރަށް ސުވާލު ވެސް ކުރާނެ،" ޒޫނާ ބުންޏެވެ.

ޒޫނާގެ ދެ ކުދިން ވެސް މޫދަށް ވަރަށް ފަރިތަ އެވެ. ކިތަންމެ ކުޑަޔަސް، އެ ދެ ކުދިން ވެސް މިހާރު މޫދު ދިރިއުޅުމަށް ހޭނިއްޖެ އެވެ.

ޒޫނާ އާއި އާއިލާ: ޒޫނާގެ ދެމަފިރިންނެކޭ އެއްގޮތަށް ކުދިން ވެސް މޫދަށް ވަރަށް ފަރިތަ.

މި ހުރިހާ ކަމެއް ޒޫނާ ކުރަނީ ހަމަ މަސައްކަތް ވެސް ކުރަމުންނެވެ. އެކަމަކު ބެނުންވާ ގޮތަށް ދަރިން ތަރުބިއްޔަތު ކުރެވެނީ އޭނާގެ ފިރިމީހާގެ އެއްބާރުލުންވެސް ހަމަ އެއްވަރަކަށް ލިބިގެންނެވެ.

ބައިވެރިއަކު ހޮވާއިރު، އެ މީހަކީ މަސައްކަތާއި ދިރިއުޅުމުގެ ކަންކަމުގައި އަތްގާތްކޮށްދޭ މީހެއްތޯ ޔަގީންކުރަން އޭނާ ނަސޭހަތްދޭން ބޭނުންވަނީ އެހެންވެގެންނެވެ.

ގޭތެރޭގެ ކަންތައްތަކުގައި ބައިވެރިކުރުން

ކިތަންމެ ކުޑަޔަސް، ގޭތެރޭގެ މަސައްކަތްތައް ޒޫނާ ދަރިންނަށް ދަސްކޮށްދެ އެވެ. މިއީ އަލަށް ދަރިން ހޯދާ މައިން ވެސް އިސްކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.

"މިސާލަކަށް ރޮށި ފިހަން އުޅޭ އިރު ވެސް އެތަނުން އެކަކު ލައްވައި ފުށް މޮޑެން ފުރުސަތު ދެން. ވަރަށް ކުޑަ ވަގުތު ކޮޅެއްގައި އަވަހަށް ކޮށް ނިންމާލަން ބޭނުންވިޔަސް، ކޮންމެވެސް ވަރެއްގެ ކެތްތެރިކަމެއް ބަހައްޓައިގެން އެމީހުން އިންވޯލް ކުރަން މަސައްކަތް ކުރަން. އޭރުން އެނގޭނެ މަންމަ ކުރާ މަސައްކަތް ވެލިއު ކުރަން،" ޒޫނާ ބުންޏެވެ.

View this post on Instagram

A post shared by @xoonti on

ގަޑިއަށް ކާން ދިނުމާއި އަވަހަށް ނިންދެވުން

ދުވަހުގެ ޝެޑިއުލް ކޮންމެ ގޮތަކަށް އޮތަސް، އަބަދުވެސް އެއް ގަޑިތަކެއްގައި ކުދިންނަށް ކާން ދިނުމަކީ މުހިއްމު ކަމެކެވެ. އެހެން ނޫނީ ކެއުމުގެ ޕެޓާން އޮޅުން ބޮޅުންވެ، ކާ ގަޑިތަކުގައި އެކުދިން ނުކާން ބޮޑާ ހޭކުން ކަހަލަ ކަންކަން ދިމާވާނެ އެވެ.

ކެއުމުގެ ވަގުތަކީ ވެސް އާއިލާ އެއްތަންވާ ވަގުތަކަށް ހަދަން ޒޫނާ އިސްކަންދެ އެވެ. ދެމީހުންގެ ޑައިވިން ވަގުތުތައް ދަރިން ބެލުމަށް ފުށުނާރާ ހެން ބަހާލައިގެން އުޅޭއިރު ވެސް، ކާ މޭޒަށް އެންމެން އެއްކޮށް އަރަން ޒޫނާގެ ދެމަފިރިން އިސްކަން ދެ އެވެ.

"ރަނގަޅު ކެއުމެއް ހުރުން ވެސް މުހިއްމު. އަޅުގަނޑުމެން ވަރަށް ނުދަން ރެސްޓޯރެންޓްތަކަށް. ކުދިން ވެސް ބޭނުމެއް ވެސް ނުވޭ. އެމީހުންނަށް ގޭތެރެ މާ މަޖާ. އަސްލު ކޮންމެހެން އަގުބޮޑެތި އެއްޗެހި ގަނެފައި ނުދިނަސް، ރަނގަޅު ތަރުކާރީ ކޮޅަކާ އެއްޗެހި ހިމަނާފައި ބެލެންސްޑް މީރު ކެއުމެއް ދެވުނީމަ އެކަން ނިމުނީ. ދެން ޖަންކް ފޫޑް ވަރަށް ނުދެން،" ޒޫނާ ބުންޏެވެ.

View this post on Instagram

A post shared by @xoonti on

ދުވާލު ގަޑީގައި ކިޔެވުމުގެ އިތުރަށް މަޖާ ވަގުތު ތަކެއް ހޭދަކުރުމަށްފަހު ކުދިން އަވަހަށް ނިންދަވޭތޯ ޒޫނާ ބަލައެވެ. ދުވާލު ހަތަރުދަމު ކުދިންނާއެކު އުޅެފައި އެ ދެމަފިރިން އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރަނީ ރޭގަނޑު އެވެ.

"ހަތްގަޑި ބައި ހާއިރު ކުދިން ނިދާނެ. ނިދާފަ ފަތިހަށް ހޭލާނެ. އެހެން އެންމެ ކުޑައިރުއްސުރެ އާދަ ކުރުވާތީ މިހާރު ވަރަށް ފަސޭހަ،" ޒޫނާ ބުންޏެވެ.

ޓީވީ، ޓެބްލެޓަށް ނޯ، ނޯ!

ދަރިން ތަރުބިއްޔަތުކުރުމުގައި ޒޫނާގެ އައިޑޮލް އަކީ އޭނާގެ މަންމަ އެވެ. ހުރިހާ ކުދިން ބަލައި ބޮޑުކޮށްފައި އެ ތިބީ ދުވަހަކު އައިޕެޑެއް ދީގެނެެއް ނޫނެވެ. އޭނާ އަށް ވެސް އެކަން ނުވާންވީ ސަބަބެއް ނެތެވެ. ކުޅިވަރާއި އަމަލީ ފަންނަށް ދަރިން ހޭނުވިޔަސް ކޮންމެވެސް ވަރަކަށް ކުދިންނަށް ޓީވީ ދައްކަ އެވެ. މެންދުރު 2:00 އިން ފެށިގެން އަސްރު ބަންގިއާ ހަމައަށް އެއީ "ކާޓޫން ޓައިމް" އެވެ. އެ ނިމުނީ އެވެ.

"ނުޖެހޭ އިލޮށިފަތި ނަގައިގެން ހުންނާކަށް. އަސުރަށް ބަންގި ދިނީމަ އެ ދެ މީހުންނަށް އެނގޭނެ، ޓީވީ ނިއްވާލާފައި ނަމާދުކުރަން ދާން. މިހާރު ބޮޑުވާ ވަރަކަށް އަމުދުން ބުނާކަށް ވެސް ނުޖެހޭ. އެއީ އެ ދެ ކުދިން ކުރަން ޖެހޭ ކަމެއް ކަން އޮންނަނީ އެނގިފަ،" ޒޫނާ ބުންޏެވެ.

View this post on Instagram

A post shared by @xoonti on

"މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ، ބެލެނިވެރިންގެ މައްޗަށް ހުކުމް ކުރަނީ ކުދިން. އަހަރެމެން ކުޑައިރު، މަންމަ ބަލާ ގޮތަކުން ވެސް އެނގޭ ކިޔަމަންތެރި ވާން. އެއީކީ އަނިޔާކުރާތީ އެއް ނޫން. އެއީ މައިންބަފައިންނަށް އިހުތިރާމްކުރަން ދަސްކޮށްދެވޭތީ. ތަރުބިއްޔަތުކުރަން ޖެހޭ ގޮތަކީ އެއީ ކަމުގަ އަޅުގަނޑު ދެކެނީ. މަންމަ އަށް، ބައްޕަ އަށް، ކުދިންގެ މައްޗަށް ބަސް ކިޔެން ވާނެ. އެގޮތަށް ތަރުބިއްޔަތު ކުރެވިއްޖެ ނަމަ ކުދިން ރަނގަޅު ވާނެ."

ދަރިން ތަރުބިއްޔަތުކުރުން

Popular