22 Jan 2020

By: Aminath Ibrahim

މިއީ އޯލެވެލް ނަތީޖާގެ ދުވަސްކޮޅެވެ. މޮޅު ނަތީޖާ ހޯދައިގެން އައި ކުދިންނަށް މަރުހަބާ އެވެ. ދަށް ނަތީޖާއެއް ލިބުނު ކުދިންނަށް ހިތްވަރެކެވެ. ފުރަތަމަ ފިޔަވަޅު އެންމެ ހިތްހަމަޖެހޭ ގޮތަށް ސީދަލަށް މިފަހަރު ނޭޅުނަސް، މުސްތަގުބަލު އޮތީ ކުރިއަށެވެ. ކާމިޔާބު މީހަކަށް ވެވިދާނެ އެވެ.

ދިހަ އަހަރުގެ ކިޔެވުމަށް ފަހު ފައިނަލް ޓެސްޓުގައި ދަށް ނަތީޖާ އެއް ލިބުމަކީ ދެރަވާން ޖެހޭ ކަމެކެވެ. އެކަމަކު އެއީ، ކުރިއަށް ހުރި ދުވަސްތަކާއި މެދު މާޔޫސްވެ، އަމިއްލަ ނަފްސުގެ ގާބިލުކަމާއި މެދު ޝައްކު އުފައްދައި ސުވާލު އުފައްދަންޖެހޭ ސަބަބެއް ނޫނެވެ. އެއީ ފިލާވަޅެކެވެ.

އޯލެވެލް އިމްތިހާނުން މޮޅު ނަތީޖާއެއް ހޯދުމުގެ ވާދަވެރިކަން އޮންނަނީ ހަމައެކަނި ކުދިންނާއި ބެލެނިވެރިންގެ މެދަކު ނޫނެވެ. ސްކޫލްތަކުގެ މެދުގައި ވެސް މި ވާދަވެރިކަން އިންތިހާ އަށް އޮވެ އެވެ. ކުދިންނަށް ނުކަތާ ވަރަށް ކިޔަވަން ޕްރެޝަރު ކުރުމާއި، ދަށް ނަތީޖާ ލިބުމުން ރުޅި އާއި މަލާމާތާއި ފުރައްސާރަ އެކުދިންނަށް ރައްދުވާ އެއް ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ.

"ހަގީގަތުގައި، އޯލެވެލް އިމްތިހާނުން އެންމެ އެލީޓް ރިޒަލްޓް ނުލިބުނަސް، އެވްރެޖް ގޮތެއްގައި އެކުއްޖަކު ފާސް ވެއްޖިއްޔާ އެއީ ހަމަ އެންމެ ރަނގަޅު މިންވަރެއް. އެހެން ނޫނަސް ކުއްޖެއްގެ ދިރިއުޅުމުގެ ކާމިޔާބީ ބަރޯސާ ވަނީ މުޅިއަކުން އޭ ގްރޭޑްގެ މައްޗަކަށް ނޫން. އެހެންވީމަ އެވްރެޖްކޮށް ފާސް ވި ކުއްޖާ ދެން ބަލަންވީ ރިގްރެޓް ކުރުމުގެ ބަދަލުގައި، ދެން ކުރިއަށް އޮތީ ކޮން ގޮތެއް ތޯ ބަލައި، އޭނަގެ ހުރި މެކްސިމަމް އެފަޓް އާ އެކީ ކުރިއަށް ދިއުން،" އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒްނީން ވާފިރު ވިދާޅުވި އެވެ.

އެންމެ ބޭނުންވަނީ މޯރަލް ސަޕޯޓް!

ކުދިން ހޯދާ ނަތީޖާގެ ވާހަކަ ދައްކަންވީ، ނަތީޖާ ހިފައިގެން ގެއަށް އަންނަ ދުވަހު އެކަންޏެއް ނޫނެވެ. ހިތްހަމަ ޖެހޭ ވަރަށް ދަރިފުޅު ނުކިޔަވާނަމަ، ނުކިޔެވުމުމުގެ ސަބަބުން ގެއްލޭ ފުރުސަތުތައް ބުނެދޭންވާނެ އެވެ. ފާސްނުވާ ނަތީޖާއެއް ލިބިއްޖެ ނަމަ އޭގެ ސަބަބުން މުސްތަގުބަލުގައި ކުރިމަތިލާންޖެހޭނެ އުނދަގޫތައް ރީޒަނަބަލް ކޮށް ބުނެދޭށެވެ.

"އެއް ކުއްޖަކު އަނެއް ކުއްޖަކާ އަޅާ ކިޔުމުގެ ރޫހު ވެސް އެބަ ޖެހޭ ކަނޑުވާލަން. ޕޭރެންޓެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކުރެވުނު ތަޖުރިބާ އަކީ އެއީ. ދެން އަމިއްލަ ދަރިފުޅު ވެސް ވަރަށް ބޮޑަށް އެބަ ޖެހޭ މޯޓިވޭޓް ކުރަން. ކޮންމެ މީހަކީ ހަރަދުތައް ކޮށްގެން ކުދިން ބޭނުންވާ ހިސާބަށް ފޯރުކޮށްދެވޭނެ ފަދަ ގާބިލުކަން ހުންނާނެ މީހެއް ނޫން. އެހެންވީމަ، ހިލޭ ލިބެން ހުންނަ މޮޅު ފުރުސަތުތައް ލިބެން އޮތީ ވެސް ރަނގަޅަށް ނަތީޖާ ހޯދުމުން ކަން ވިސްނައިދޭން ވާނެ، ވިސްނުން ފުޅާކޮށް، ކުއްޖާ އަށް ވެސް އެ ވިސްނޭ މިންވަރަށް ބެލެނިވެރިންނާއި ކުދިންނާއި ދެމެދު ޑިސްކަޝަން ތައް ކުރެވެން އެބަ ޖެހޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ދަށް ނަތީޖާއެއް؛ ދެން ހަދާނީ ކިހިނެއް؟

އޯލެވެލް ނިންމާއިރު އެއީ ކުޑަކުޑަ ކުއްޖެއް ނޫނެވެ. އަމިއްލަ އަށް ހެވާއި ނުބައި ވިސްނައިގަންނަން މި އުމުރުގެ ކުދިންނަށް އެނގޭނެ އެވެ. ބައެއް ކުދިންނަކީ އޯލެވެލް ނިމޭ އިރު އެކުދިން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް، ނޫނީ ޝައުގުވެރިކަން ހުރި ކޮންމެވެސް ކަމެއް ޔަގީނަށް ބުނަން އެނގޭ ކުދިންނެވެ. އެހެންވީމާ، ދެން އޮތް އެންމެ ރަނގަޅު ގޮތަކީ، ލިބުނު ނަތީޖާއާ މެދު އިތުރަށް ވާހަކަ ދައްކައި މާޔޫސްކަމާއި ހާސްކަން އިތުރު ކުރުމުގެ ބަދަލުގައި ވިސްނަންވީ ކުރިއަށެވެ.

"ކިތަންމެ ދެރަވިޔަސް، ވަރަށް ދަށް ނަތީޖާއެއް ޓަށް ކިޔާފަ ބަދަލެއް ނުވާނެ. އެހެންވީމަ އެހާ ހިސާބުން ދެން ކުރެވިދާނެ ކަންކަމަށް ބަލާއިރު، މިސާލަކަށް ފޮތުން ކިޔަވައިގެން އޯލެވެލް ރިޒަލްޓް ރަނގަޅު ނުކުރެވުނަސް، ހުރެދާނެ ޕްރެކްޓިކަލީ އޭނައަށް ކުރެވިދާނެ ކަހަލަ އެހެނިހެން ސްކިލްފުލް ކަންތައްތައް. ބައެއް ކުދިންނަކީ ވަރަށް ހުނަރުވެރި ކުދިން،" ނާޒް ވިދާޅުވި އެވެ.

"ނަތީޖާ ދަށްވުމުގެ މާނައަކީ ކުއްޖާގެ ދިރިއުޅުން އެހާ ހިސާބުން ބަރުބާދުވުމެއް ނޫން، އެ ކުއްޖާ ވަރަށް ކާމިޔާބު ކުއްޖަކަށް ހެދިދާނެ ވަރަށް ބައިވަރު އޮޕްޝަންތައް ހުންނާނެ،"

އެހެންވީމާ، ދަރިފުޅަށް ދަށް ނަތީޖާއެއް ލިބުމުން، އެކަމާ ރުޅި އިސްކުރުމުގެ ބަދަލުގައި ދެން އަދާކުރަންވީ ސަޕޯޓިވް ރޯލެކެވެ. ކިޔެވުމުން ފެއިލްވުމުން، އާއިލާ އާއި މުޖުތަމައު ތެރެއިން ވެސް ފެއިލްވެފައިވާ މީހެއްކަމަށް ވިސްނާނެ ޗާންސް ދަރިފުޅަށް ނުދޭށެވެ.

ކޯހަކަށް އެޕްލައި ނުކުރެވޭ ވަރަށް ފެއިލްވެފައި ހުރި ކުއްޖެއް ނަމަ، ބޭކާރު ވަގުތު ހޭދަކުރުމުގެ ފުރުސަތު ކުއްޖާ އަށް ނުދީ، އޯލެވެލްގެ ބައެއް މާއްދާތައް އަލުން ހަދަން ހިތްވަރު ދޭށެވެ.

ކެރިއާ ގައިޑެންސް ދޭންޖެހޭ

ސްކޫލްތަކުގައި ކެރިއާ ގައިޑެންސް ދޭންޖެހޭ ވަރަށް އަދިވެސް ނުދެވެ އެވެ. ގްރޭޑް 10 ނިމޭއިރު ކުރިއަށް ދާން ބޭނުން ދާއިރާއެއް، ނޫނީ ކިޔަވާ ހިތްވާ އެއްޗެއް ގިނަ ކުދިންނަށް ނޭނގެ އެވެ. އެކުދިންނަށް ހުރި ފުރުސަތުތަކަކީ ކޮބައިކަން ވެސް ބުނެދޭންޖެހެ އެވެ. މިކަން އެންމެ ރަނގަޅަށް ކުރެވޭނީ ސްކޫލްތަކުގައި ރަނގަޅު، މާނަ ހުރި، ކެރިއާ ގައިޑެންސް ތަކެއް ހިންގިގެންނެވެ. ބައެއް ކުދިންނަކީ ކުރިއަށް ދިއުމަށް، ޕާޕަސް އެއް ބޭނުންވާ ކުދިންނެވެ. މިއީ ހުސް ވިސްނާލުންމުހިއްމު ކަންކަމެވެ.

ތައުލީމް ޓީނޭޖް

Popular